ފްރީޑައިވިން ރެކޯޑު ހަދަން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގްރޭންޑް އިވެންޓުގައި ރެކޯޑު ހެދި ބައިވެރިން (ފޮޓޯ/ރައީސް އޮފީސް)

އެއްފަހަރާ 455 މީހުން މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ރާއްޖެ ރެކޯޑު ފޮތަށް

މިއީ ފްރީ ޑައިވިންގެ ސްޓެޓިކް އެޕްނިއާ ބައިން މުޅިން އަލަށް ހެދި ރެކޯޑެއް
1 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ރައީސްގެ ދެކަނބަލުން ވެސް ވަނީ މި އިވެންޓްގައި ނޭވާ ހިފަހައްޓާލައްވާފައި

ފްރީޑައިވް މޯލްޑިވްސް އިން އިންތިޒާމުކުރި ހަރަކާތް 12 ރިސޯޓެއްގައި އެއްފަހަރާ ކުރިޔަށް ދިޔަ

ގިނަ ބައިވެރިން ވަނީ މޫދު އަޑީގައި ދެ މިނިޓު ނޭވާ ހިފަހައްޓާލި

އެއްފަހަރާ އެންމެ ގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ރާއްޖެއިން ފްރީ ޑައިވިންގެ މުޅިން އާ ރެކޯޑެއް މިއަދު ގާއިމްކޮށްފި އެވެ.

ވީކިހިނެއް - ޓޫރިޒަމް ސިނާއަތުގެ ރަން ޔޫބިލް ފާހަގަކުރަން ފްރީ ޑައިވް މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތުގައި 455 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ހިމެނެ އެވެ.

ތަފްސީލު - 'ނޭވާ 2' ގެ ނަމުގައި ކުރިޔަށް ގެންދިޔަ ރެކޯޑު ހެދުމުގެ މި އިވެންޓް 12 ރިސޯޓެއްގައި އެއްފަހަރާ އޮތެވެ. އޭގެ ގްރޭންޑް އިވެންޓް އޮތް ކްރޮސްރޯޑްސް މޯލްޑިވްސްގައި އެކަނި ވެސް 140 މީހުން ބައިވެރިވި އެވެ. ރައީސްގެ ދެކަނބަލުން ވަޑައިގަތީ ކްރޮސްރޯޑްސް އަށެެވ.

ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނިސް ބުކް އޮފް ވާލްޑް ރެކޯޑުގެ ފަނޑިޔާރުން، މި ހަރަކާތް ބަލާފައިވެ އެވެ.

އިވެންޓްގެ ބައިވެރިން ވަނީ މޫދު އަޑީގައި ދެ މިނިޓު ވަންދެން ނޭވާ ހިފަހައްޓާލައިފަ އެވެ. މިއީ ފްރީ ޑައިވިންގެ ވައްތަރެއް ކަމުގައިވާ ސްޓެޓިކް އެޕްނިއާ ނުވަތަ ފެންމަތީގައި އޮވެ މޫދު އަޑީގައި މިހާ ގިނަ ބަޔަކު އެއްފަހަރާ ނޭވާ ހިފަހައްޓާލައިގެން އޮތުމުގެ ރެކޯޑެވެ.

'ނޭވާ 2'ގައި ޖުމްލަ 459 މީހުން ބައިވެރިވި އެވެ. އެކަމަކު އޭގެ ތެރެއިްނ ހަތަރު މީހަކު 1:30 މިނިޓަށް ވުރެ ގިނައިރު ނޭވާ ހިފަހައްޓާނުލެވުމުން ރެކޯޑްގައި ހިމަނާފައެއް ނުވެ އެވެ. ރެކޯޑަށް ނަގަނީ 1:30 މިނިޓަށް ވުރެ ގިނައިރު ނޭވާ ނުލާ އޮންނަ ބައިވެރިންނެވެ.

އެނގުން މުހިންމު - މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ފްރީ ޑައިވިން ރެކޯޑެއް ހަދައިފަ އެވެ. 'ނޭވާ'ގެ ނަމުގައި 2019 ގައި ކުރިޔަށް ދިޔަ އެ އިވެންޓުގައި 521 މީހަކު ފީނާ ފްރީ ޑައިވިން ވާލްޑް ރެކޯޑު މުގުރާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް