އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.(ފޮޓޯ/ މަޖިލިސް)

ހަމަނުޖެހުމުގެ ކުރިން ޔޯގާ މައްސަލަ އެހާ ބޮޑުވެދާނެ ކަމަށް ބެލެވިފައެއް ނެތް: މިނިސްޓަރު

ޔޯގާއާ ގުޅޭ ގޮތުން 2015 އިން ފެށިގެން ހިލާފު އުފެދިފައިވީ ނަމަވެސް، އެކަމާ ބެހޭ ގޮތުން ރައުޔެއް ހޯދަން އެއްވެސް ފަރާތަކުން ފަތުވާ ކޮމިޓީއަށް ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި
28 ސެޕްޓެމްބަރު 2022
4

މިދިޔަ ޖޫން 21ގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި އިރު، އެއީ އެ ހިސާބަށް ހިނގައިދާނެ މައްސަލައެއް ކަމަށް ދުރާލާ އަންދާޒާ ކުރެވިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގިއިރު، އެ ހާދިސާ ހިނގީ ދިވެހިންގެ މެދުގައި ޔޯގާއާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ. ޔޯގާ އަކީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ފެށުނު ކަމަކަށް ވާތީ އެއީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެ އެވެ.

ވީ ކިހިނެއް؟ - ޔޯގާ ހަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓަރު ވަނީ ހާޒިރުކޮށްފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންނަށް އަންދާޒާ ކުރެވިފައެއް ނެތޭ މި މައްސަލަ މިހެން އަންނާނެ ކަމަކަށް. އެކަން އިހުސާސް ނުވާތީ ނެތޭ އަޅުގަނޑުމެންނަށް އެ ވާހަކަ ދެކެވިފައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއިން. (ފޮޓޯ/އިންޑިއާ އެމްބަސީ)

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • ސަރުކާރުގެ ހުއްދައާ އެކު 2015ގައި ޔޯގާގެ ހަރަކާތްތައް ރާއްޖޭގައި ފެށި ހިސާބުން އެކަމާ މެދު އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވޭ 

  • އެ ވާހަކަތައް އެކި ޕްލެޓްފޯމްތަކުގައި ދައްކަމުންދޭ 

  • އެ މައްސަލައާ ގުޅޭ ގޮތުން ރައުޔެއް ހޯދަން މިހާތަނަށް އެއްވެސް ފަރާތަކުން ފަތުވާ ކޮމިޓީއަށް ހުށަހަޅާފައެއް ނުވޭ

  • އެހެންވެ، ޔޯގާ މައްސަލަ މި ވަރަށް ހޫނުވެގެން ދިޔައީ ފަތުވާ މަޖިލީހެއް ނެތިގެންނެއް ނޫން

ނަމަވެސް، މިހާރު ޔޯގާގެ މައްސަލައާ ބެހޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަން އެދިފައިވާނެ ކަމަށާއި، އެ ރައުޔު ލިބުމުން އާންމުންނާ ހިއްސާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވެ، އާ މެމްބަރުން އައްޔަނުކޮށްފައި ނުވާތީ އެ މަޖިލީހުގެ މަސައްކަތްތައް މިހާރު ކުރިއަކަށް ނުދެ އެވެ. މިހާރު ފަތުވާ މަޖިލީހުގައި ހުންނެވީ އެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެކަންޏެވެ. ފަތުވާ މަޖިލީހަށް އާ މެމްބަރުން އައްޔަނުކުރުން ލަސްވަނީ، ސަރުކާރުން ބުނާ ގޮތުގައި، ފަތުވާ މަޖިލީހުގެ މަސައްކަތްތައް ފިގުހު އެކެޑަމީގެ ދަށަށް ބަދަލުކުރުމަށެވެ.

ފަތުވާ މަޖިލީހުގައި އެންމެ ފަހުން ތިއްބެވި މެމްބަރުންނާއި އިސްލާމިކް މިނިސްޓްރީގެ ބައެއް ވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން: މިހާރު ފަތުވާ މަޖިލިސް އޮތީ ޝަރުތު ހަމަނުވާ ހާލަތުގައި.

އެކަމާ ބެހޭ ގޮތުން މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ ފިގުހު އެކެޑަމީ އުފެއްދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހާއި ރައީސް އޮފީސް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ފަތުވާ މަޖިލީހާ އަޅާބަލާއިރު ފިގުހު އެކެޑަމީގައި ގިނަ ބޭފުޅުން ތިއްބަވާނެ ކަމަށާއި، އެހެންކަމުން ރަނގަޅު ބަހުސްތަކަކަށް ފަހު ރަނގަޅު ނިންމުންތަކަށް ވާސިލްވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިގުހު އެކެޑަމީ އެކުލަވާލެވެންދެން ވެސް ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން،" ޒާހިރު ވިދާޅުވި އެވެ.

މިނިސްޓްރީން ދީނީ ލަފާ ދިނުމާ ބެހޭ އުސޫލެއް

ފާހަގަކޮށްލެވޭ ކަމެއް - ޔޯގާ ހަރަކާތް ބޭއްވުމުގެ ކުރިން، ޔޯގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް، ޖޫން 15ގައި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާ ސިޓީއެއް ވަނީ އާންމުވެފަ އެވެ.

އެ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށާއި، އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައިވަނީ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި "އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް" ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން.

މިއަދުގެ ކޮމިޓީގައި މި މައްސަލައާ ބެހޭ ގޮތުން ސުވާލުކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ މެންބަރުން ސުވާލުކުރެއްވުމުން ޒާހިރު ވިދާޅުވީ، އެކަން ހައްލު ކުރުމަށް ކަމާ ގުޅޭ އުސޫލެއް ހަދައި އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

އެ އެސްއޯޕީގައިވާ ގޮތުން:

  • އިސްލާމިކް މިނިސްޓްރީއަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ ވަގުތު ހުންނަ އިސްލާމިކް މިނިސްޓަރަކާ ހިސާބަށް އެ މައްސަލަ ގެންދަން ޖެހޭނެ

  • މައްސަލައިގެ ހައްސާސް ކަމަށް ބެލުމަށް ފަހު އެއީ ފަތުވާއެއް ހޯދަން ޖެހޭ މައްސަލައެއްތޯ ނުވަތަ މިނިސްޓްރީގައި ތިއްބެވި އިލްމީ ބޭފުޅުންނަށް ލަފާ ދެވޭ ފަދަ މައްސަލައެއްތޯ މިނިސްޓަރު ކަނޑައަޅުއްވާނެ

  • އާންމުންނާ ގުޅުން ހުރި ދީނީ މައްސަލައެއް އެކުލެވޭ ސިޓީއެއް އެއްވެސް ފަރާތަކަށް ފޮނުވާ ނަމަ، ފޮނުވަން ޖެހޭނީ މިނިސްޓަރުގެ ސޮޔާއި ހުއްދައާ އެކު

މީގެ އިތުރުން، އިޖުރާއަތްތަކާ ހިލާފަށް ސިޓީ ފޮނުވި މައްސަލައާ ގުޅިގެން އަޅާފައިވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ޒާހިރު ފާހަގަކުރެއްވީ:

  • ބައެއް ފަރާތްތަކާ ދެކޮޅަށް އިދާރީ ފިޔަވަޅު އެޅުން 

  • ކަމާ ގުޅުން ހުރި ސެކްޝަންގެ މުވައްޒަފުންގެ ބަޔާން ނެގުން 

  • ނަސޭހަތް ދޭން ޖެހޭ ފަރާތްތަކަށް ނަސޭހަތް ދިނުން 

  • ބައެއް ފަރާތްތަކުގެ ސެކްޝަން ބަދަލުކުރުން

ކޮމެންޓް (4)

ޙަސަންތަކުރުބޭ

29 ސެޕްޓެމްބަރު 2022
އަންހެންކުދީން ނޫނީ އަންހެނުން ފުޓްބޯޅަވެސް ކުޅެނީ! ޖަޔަށް ބާރު ބައްޓަން ހުންނަގޮތް ފެންނަ ސޫޓް ލައިގެން ފަތަންވެސް ދެވޭ މުބާރާތް ތަކުދެވޭ. ކޮންކަމެއް ޔޯގާ މިކުރަނީ ނުބައިވެގެން/
1 0

ޙަސަންތަކުރުބޭ

29 ސެޕްޓެމްބަރު 2022
ސަޢުދީ އަރަބިއްޔާގައި ވެސް ޔޯގާ ބާއްވަން އެކަމާބެހޭ އިންސްޓިއުޝަނަށް ޙަވާލުކޮށް ކުރިޔަށްދާއިރު މިޤައުމުގައި ކޮންކަމެއްބާ މިލައިގަނެގެން އުޅެނީ. ސަޢުދީގައި އޮތް ފަތުވާ މަޖްލީހަށްވުރެ މިޤައުމުގެ ފަތުވާ މަޖްލިހަަ ތިކަންތަކާ ބެހޭ މިނިސްޓަރީގެ ބޭކަލުން މޮޅުވެގެންބާ ތިޔަޔޯގާއެއް ކުރިޔަށް ނުދަނީ.
0 0

ޒަވިޔަނި.

28 ސެޕްޓެމްބަރު 2022
ދީނުގައި އޮތްގޮތް ބުނެދޭނީ ބޮޑު މައްސަލައަކަށް ވީމާތޯ؟
0 0

ރައްޔިތު

28 ސެޕްޓެމްބަރު 2022
ބޭކާރު ވާހަކަ ނުދައްކާ އެންމެ އެއްޗެއް ބުނެލީމަ ނިމުނީއޭ. ޔޯގާ ހުއްދަ ހޭ ހަރާމް ހޭ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް