ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ2) އާއެކު ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފްދު (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ޖަޕާން

ޝިންޒޯ އަބޭގެ ޖަނާޒާގައި ޝާހިދު ބައިވެރިވެވަޑައިގެންފި

27 ސެޕްޓެމްބަރު 2022

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

އެނގުން މުހިއްމު - ކެމްޕެއިން ހަރަކާތެއްގައި އުޅުއްވަނިކޮށް އާއްމުންގެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން މިދިޔަ ޖުލައި މަހު އަވަހާރަވި އަބޭއަކީ ޖަޕާނުގައި އެންމެ ދިގު މުއްދަތަކަށް މަގާމު ފުރުއްވި ބޮޑުވަޒީރެވެ. އަބޭގެ ޖަނާޒާ މިއަދު މި ބޭއްވީ ޖަޕާނުގައި އާއްމުކޮށް ހަމައެކަނި ޝާހީ އާއިލާގެ ބޭފުޅުންނަށް އަރުވާ އިއްޒަތުގަ އެވެ. އަދި މިއީ 1967 އަށް ފަހު އެ ގައުމުގައި ސިޔާސީ ބޭފުޅަކު މިފަދަ އިއްޒަތެއްގައި ފަސްދާނުލި ފުރަތަމަ ފަހަރެވެ.

ތަފްސީލް - ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު ހެނދުނު ބޭއްވި އަބޭގެ ޖަނާޒާގައި ޝާހިދު ބައިވެރިވެވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. ޝާހިދާ އެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސާބިރު އެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެވެ. 

އެނގުން މުހިއްމު - ގައުމުތަކުގެ ލީޑަރުންނާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އަބޭގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ޝާހިދު ބައިވެރިވެވަޑައިގެންނެވިއިރު، ރައީސް ސޯލިހު މިހާރު ހުންނެވީ ގައުމީ ދުވަސް ފާހަގަކުރެއްވުމަށް ބޮޑު ތިލަދުންމަތީގަ އެވެ. ރައީސް ވަނީ މިދިޔަ ހަފްތާގައި ބޭއްވި އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފަ އެވެ.

އަބޭއަކީ ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި ބައިނަލްއަގްވާމީ މަސްރަހުގައި ޖަޕާނުގެ މުހިއްމުކަން ހާމަކޮށްދެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާގެ އެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކު ވެސް ޖަޕާނުގައި އުޅެ އެވެ. އެ މީހުން ވަނީ އަބޭގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް