ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެމަނިކުފާނު ވަނީ މިއަދު ތަސްދީގުކުރައްވާފައި

ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އަލަށް ގެނައި އިސްލާހާ އެކު ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ފަށާނެ ތާރީހެއް ކަނޑައަޅުއްވާނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ ލަފާގެ ދަށުން އިކޮނޮމިކް މިނިސްޓަރު
21 ސެޕްޓެމްބަރު 2022

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިއަދު ފާސްކުރިތާ މަދު ގަޑި އިރުކޮޅެއްގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގުކުރައްވައިފި އެވެ.

އެނގުން މުހިންމު - މި އަހަރުން ފެށިގެން، ހަމައެކަނި ދިވެހި މުވައްޒަފުންނަށް މިނިމަމް ވޭޖު ދޭން ވަނީ ފަށައިފަ އެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ދެ އަހަރަށް ފަސް ކުުރުމަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ.  

އެކަމަކު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށް ވިސްނައި ސަރުކާރުން ހުށަހެޅީ ވަކި މުއްދަތެއް ނެތް ގޮތަށް ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރުމަށެވެ. އެ ބިލު ދިރާސާކޮށް އިޖްތިމާއީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު ނެގި ވޯޓުގައި:

  • ފާސްކުރީ 49 މެމްބަރުންގެ ވޯޓުން

  • އެއް މެމްބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވި

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ، މިއަދު މަޖިލީހުން ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް ސޯލިހް ތަސްދީގު ކުރައްވާފައިވާ ކަމަށެވެ. އެ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.

ބިދޭސީ މަސައްކަތްތެރިން. (ދައުރު ފޮޓޯ)

ތަފުސީލު - ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށްދޭ ލަފާގެ މަތިން، މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅުއްވައި އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ގާނޫނުގައި ކަނޑައެޅުމެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުން ދާއިރު، މިއީ އެންމެ ކުޑަ އުޖޫރަ ދިނުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް މި އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ހުށަހެޅުމުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

ގުޅުންހުރި ކަމެއް - އެ ބިލާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ދެކޭ ގޮތުގައި، އެ އިސްލާހުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ހޯދަން ދަތިވެ، ވަޒީފާއަށް ނުދާ މީހުންގެ ނިސްބަތް އިތުރުގެންދާނެ އެވެ.

ޓްރާސްޕޭރެންސީން އެގޮތަށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ގަބޫލުކުރައްވާ ގޮތުގައި ބިދޭސީންނަށް މިނިމަމް ވޭޖު ދޭ ނަމަ، އިގްތިސާދު ފުނޑޭނެ އެވެ.

މިނިމަމް ވޭޖުގެ އަދަދުތައް:

  • އަމިއްލަ ކުދި ވިޔަފާރިތައް: ގަޑިއިރަކަށް 21.63ރ.؛ މަހަކަށް 4،500ރ.

  • މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް ގަޑިއިރަކަށް 33.65ރ.؛ މަހަކަށް 7،000ރ.

  • ބޮޑެތި އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 38.46ރ.؛ މަހަކަށް 8،000ރ.

  • ސިވިލް ސާވެންޓުންނާއި ސަރުކާރުގެ ކުންފުނިތައް: ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000ރ.؛ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ މީހުންނަށް ގަޑިއިރަކަށް 33.65ރ.ގެ ރޭޓުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް