މާލޭ މާރުކޭޓް ސަރަހައްދުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި

ބިދޭސީންގެ މިނިމަމް ވޭޖު ދޭން ފަށާނީ ބޯޑުގެ ލަފާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ތާރީހެއްގައި
21 ސެޕްޓެމްބަރު 2022

ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތާ ގުޅިގެން އެ ކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެނގުން މުހިންމު - މި އަހަރުން ފެށިގެން، ހަމައެކަނި ދިވެހި މުވައްޒަފުންނަށް މިނިމަމް ވޭޖު ދޭން ވަނީ ފަށާފަ އެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ދެ އަހަރަށް ފަސް ކުުރުމަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ.

ވީ ކިހިނެއް؟ - އެކަމަކު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށް ވިސްނައި ސަރުކާރުން ހުށަހެޅީ ވަކި މުއްދަތެއް ނެތް ގޮތަށް ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފާސްކުރުމަށެވެ. އެ ބިލު ދިރާސާކޮށް އިޖްތިމާއީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު ނެގި ވޯޓުގައި:

  • ފާސްކުރީ 49 މެމްބަރުންގެ ވޯޓުން

  • އެއް މެމްބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވި

ތަފްސީލް - ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވަނީ:

  • ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުން ދާއިރު، މިއީ އެންމެ ކުޑަ އުޖޫރަ ދިނުމަށް އެކަށީގެންވާ ވަގުތެއް ނޫން 

  • މިނިމަމް ވޭޖު ދިނުމަށް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ ލަފާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ތާރީހެއްގައި ބިދޭސީންނަށް މިނިމަމް ވޭޖު ދޭން ފެށުމަށް

އެނގުން މުހިއްމު - ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ފަސްކުރަން މަޖިލީހުން މިއަދު ފާސްކުރިއިރު، އެ ބިލާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ދެކޭ ގޮތުގައި، އެ އިސްލާހުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ހޯދަން ދަތިވެ، ވަޒީފާއަށް ނުދާ މީހުންގެ ނިސްބަތް އިތުރުގެންދާނެ އެވެ.

ޓްރާސްޕޭރެންސީން އެގޮތަށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ގަބޫލުކުރައްވާ ގޮތުގައި ބިދޭސީންނަށް މިނިމަމް ވޭޖު ދޭ ނަމަ، އިގްތިސާދު ފުނޑޭނެ އެވެ. 

މިނިމަމް ވޭޖުގެ އަދަދުތައް:

  • އަމިއްލަ ކުދި ވިޔަފާރިތައް: ގަޑިއިރަކަށް 21.63ރ.؛ މަހަކަށް 4،500ރ.

  • މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް ގަޑިއިރަކަށް 33.65ރ.؛ މަހަކަށް 7،000ރ.

  • ބޮޑެތި އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 38.46ރ.؛ މަހަކަށް 8،000ރ.

  • ސިވިލް ސާވެންޓުންނާއި ސަރުކާރުގެ ކުންފުނިތައް: ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000ރ.؛ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ މީހުންނަށް ގަޑިއިރަކަށް 33.65ރ.ގެ ރޭޓުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް