ވިލިމާލެ ހޮސްޕިޓަލް
މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހުމުގެ ދެވަނަ މައްސަލައެއް ނެތް: އައިޖީއެމްއެޗް
މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިން ގަޔަށް ޖަހާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ވާހަކަ ފަތުރާފައިވަނީ މާ ކުރިން ހިނގި ކަމަކާ ބެހޭގޮތުން ކަމަށާއި އޭގެ ފަހުން އެކަހަލަ ކަމެއް އެ ހޮސްޕިޓަލުގައި ނުހިނގާ ކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފި އެވެ.
އެނގުން މުހިއްމު - ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައެއް މިދިޔަ މެއި މަހު ފެންމަތިވި އެވެ. އަދި އެކަން ބަލައި، އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗް އިން އޭރު ބުނެފައިވެ އެވެ.
ވީ ކިހިނެއް؟ - މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ދައުރުކުރި ޕޯސްޓާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.
ތަފްސީލު - ވިލިމާލެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗް އިން ބުނީ މިއަދު ވާހަކަ ފަތުރާފައިވަނީ މޭ މަހުގެ މައްސަލައާ ބެހޭގޮތުން ކަމަށެވެ. އަދި އޭރު ފެންމަތިވި މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ފަސްމަންޒަރު - އެފަހަރު ކުޑަކުދިންތަކެއްގެ ގަޔަށް ޖެހި، މުއްދަތު ހަމަވެފައިވާ ވެކްސިންތަކުގެ ފޮޓޯ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވަނީ އާންމުކުރައްވާފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ފެބުރުއަރީ 2020ގައި އުފައްދާފައިވާ އެ ވެކްސިންގެ މުއްދަތު މި އަހަރުގެ ޖެނުއަރީ މަހަށް ވަނީ ހަމަވެފަ އެވެ.
އެ މައްސަލައިގައި އޭރު ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވެ އެވެ.
އައިޖީއެމްއެޗް އިން މިރޭ ނެރުނު ބަޔާނުގައި ބުނި ގޮތުގައި:
-
އޭރު އެ މައްސަލަ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާ އެކު އެއީ ހިނގާފައިވާ ކަމެއްކަން ބަޔާންކޮށް އައިޖީއެމްއެޗް އިން ނޫސް ބަޔާނެއް ނެރުނު
-
އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި އެޗުޕީއޭއިން ތަހުގީގުކުރި
-
އެ މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރި
-
އެ މައްސަލައާ ގުޅުންހުރި ކުޑަކުދިންގެ ބެލެނިވެރިންނަށް އެކަމާ ގުޅޭ މައުލޫމާތު ދިނުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން
"ވީމާ ވިލިމާލެ ހޮސްޕިޓަލުން ދެވަނަ ފަހަރަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ތުއްތުކުދިން ގަޔަށް ޖެހިކަމަށް ދޭހަވާ މޭރުމަކުން ދައުރުވަމުންދާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.