އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ އޮކްޓޯބަރުގައި ރާއްޖެ ވަޑައިގެންނެވުމުން ރައީސް ސޯލިހް އޭނާއަށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އދ

ޝާހިދު އދ.ގައި ހޯއްދެވި ކާމިޔާބީއަށް ގައުމު ޝުކުރުވެރިވޭ: ރައީސް

ޝާހިދު ގެންގުޅުއްވި 'އުންމީދުގެ ރިޔާސަތު'ގެ ސިޔާސަތާ އެކު، ބައިނަލްއަގުވާމީ ދުނިޔެ ގުޅިގެން ކުރާ މަސައްކަތަށް އާރޯކަމެއް ލިބިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި
13 ސެޕްޓެމްބަރު 2022

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވީ ކާމިޔާބު މަސައްކަތްތަކެއް ކަމަށާއި އޭނާއަށް މުޅި ގައުމު ޝުކުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް 7 ޖޫން 2021ގައި ޝާހިދު އިންތިހާބުވެވަޑައިގަތީ 143 ގައުމުގެ ތާއީދާ އެކު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15ގައި އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތް އިރު، އިއްޔެ ވަނީ އޭނާގެ ދައުރު ހަމަވެފަ އެވެ.

ތަފްސީލް - އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރު ނިންމައި 77 ވަަނަ ދައުރު ފެށުމަށް އެމެރިކާގެ ނިއުޔޯގައި ހުންނަ އދ.ގެ މައި އިދާރާގައި ރޭ ބޭއްވި ޖަލްސާގެ ވީޑިއޯއެއް ހިއްސާ ކުރެއްވުމަށް ފަހު ޝާހިދު ކުރެއްވި ޓުވީޓަކާ ހަވާލާދެއްވައި ރަައީސް ސޯލިހް ޓުވިޓާގައި ވަނީ ޝާހިދަށް މަރުހަބާ ވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ:

  • 1-

    ޝާހިދުގެ ރިޔާސަތުގައި އދ. އިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވޭ

  • 2-

    އޭނާ ގެންގުޅުއްވި 'އުންމީދުގެ ރިޔާސަތު'ގެ ސިޔާސަތާ އެކު، ބައިނަލްއަގުވާމީ ދުނިޔެ ގުޅިގެން ކުރާ މަސައްކަތަށް އާރޯކަމެއް ލިބިގެން ގޮސް، އދ. އިން ހިދުމަތް ކުރާ މުޖުތަމައުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ

"ޝުކުރުވެރި ގައުމެއްގެ ފަރާތުން، ޝުކުރިއްޔާ،" ރައީސްގެ ޓުވީޓުގަައިވެ އެވެ.

ގުޅުން ހުރި ކަމެއް - ޝާހިދު ރޭ ދެއްވި ވަދާއީ ތަގުރީރުގައި އޭނާ ވިދާޅުވި ގޮތުގައި، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުކަން ރާއްޖެއަށް ލިބުމަކީ ރާއްޖެއަށާއި ރާއްޖޭގެ ފޮރިން ސާވިސްއަށް އެ ވަރުގެ ދެވަނައެއް ނެތް ކާމިޔާބީ އެކެވެ.

އެ މަގާމު ދިވެއްސަކަށް ލިބުމަކީ، ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ނަތީޖާ އެވެ.

"ދުނިޔޭގެ ގައުމުތަކުގެ އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެކި،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް