ހުޅުމާލެ ފޭސް ދޭއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑަނާޅާ ނަމަ ދިވެހިންނަށް ވަޒީފާ ނުލިބޭނެ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނޭ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑަނާޅާ ނަމަ ވަޒީފާ ނެތް ދިވެހިން އިތުރުވާނެ: ޓްރާންސްޕޭރަންސީ

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި
11 ސެޕްޓެމްބަރު 2022

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ހޯދަން ދަތިވެ، ވަޒީފާއަށް ނުދާ މީހުންގެ ނިސްބަތް އިތުރުގެންދާނެ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން އިއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ބިލުގައި ބުނެފައިވަނީ:

  • ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުން ދާއިރު، މިއީ އެންމެ ކުޑަ އުޖޫރަ ދިނުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް

  • އެހެންވެ، މިނިމަމް ވޭޖު ދިނުމަށް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ލަފާ ދިނުމުން މިނިސްޓަރަށް ތާރީހު ކަނޑައެޅޭ ގޮތަށް ހެދުމަށް ވަނީ ހުށަހަޅާފައި

ވިޔަފާރިތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބި، އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ބުރަވެ، ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާނެކަން ޔަގީންކުރެވޭ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް

ވީ ކިހިނެއް؟ - އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، އެ އިސްލާހަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން، ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ހޯދަން ދަތިވުމުގެ ކަންބޮޑުވުން ވެސް ޓްރާންސްޕޭރަންސީން ފާޅުކުރި އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި ޓްރާންސްޕޭރަންސީން ބުނީ:

  • ރާއްޖޭން ސޮއިކޮށްފައިވާ ،އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަންގެ އީކުއަލް ރެނިއުމަރޭޝަން ކޮންވެންޝަންއާ ހިލާފުވާނެ؛ އެ މުއާހަދާގައި އެއްބަސްވެފައި ވަނީ އެއް މަސައްކަތެއް ކުރާ މީހުންނަށް ހަމަހަމަކޮށް އުޖޫރަ ދޭން

  • މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކުރަން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް އޮންނަ އިރު އެ ގާނޫނާ ވެސް ތައާރަޒުވާނެ

  • ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރިން ލައްވައި މަސައްްކަތްކުރުވައި ނާޖާއިޒު ފައިދާ ނަގަން، އެ އިސްލާހުން އިތުރަށް މަގުފަހިވެގެންދާނެ

  • ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ދިނުމަށް ތަކުލީފަކަށްވެ، ހަރަދު ބޮޑުވާ ގޮތަށް ގާނޫނަށް ގެނެވޭ އިސްލާހަކީ ދިވެހި މަސައްކަތްތެރިންގެ އަގުވަޒަން ނުކުރާ ކަމުގެ ދަލީލެއް

ބިދޭސީންތަކެއް މާލޭގައި. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޓްރާންސްޕޭރަންސީން އިތުރަށް ފާހަގަކުރީ، 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތް ކުރެވޭ އުމުރުގެ 317،482 މީހުން ތިބި އިރު، އޭގެ ތެރެއިން އޭރު މަސައްކަތް ކުރަމުން ދިޔައީ %60 ނުވަތަ 191،270 މީހުން ކަމެވެ.

"ވިޔަފާރިތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބި، އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ބުރަވެ، ވަޒީފާ ނުލިބޭ ޒުވާނުން އިންތިހާއަށް ގިނަވާނެކަން ޔަގީންކުރެވޭ،" ބަޔާނުގައިވެ އެވެ.

ޓްރާންޕޭރަންސީން ގޮވާލީ:

  • ބިދޭސީ އަދި ދިވެހި މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގު ނައްތާލަން

  • ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކާއި ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަން

  • ހަމަހަމަކަމަށް މަސައްކަތް ކުރާ، އިންސާފުގެ މަގުން ހިނގާ ދައުލަތެއް ބިނާ ކުރުމަށް

  • ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް

"މި އިސްލާހުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު އިތުރަށް ދަށްވެ، ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓު އިތުރަށް މަތިވެގެން ދާނެ،" ޓްރާންސްޕޭރަންސީން ބުންޏެވެ.

ގުޅުން ހުރި ކަމެއް - މިނިމަމް ވޭޖު ކަނޑައެޅުމަށް ފަހު މިދިޔަ ނޮވެމްބަރު މަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ، ބިދޭސީންނަށް މިނިމަމް ވޭޖު ދޭ ނަމަ، އިގްތިސާދު ފުނޑޭނެ ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، މިހާރު ކަނޑައަޅާފައިވާ އަދަދަށް ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫނެވެ.

މިނިމަމް ވޭޖުގެ އަދަދުތައް:

  • އަމިއްލަ ކުދި ވިޔަފާރިތައް: ގަޑިއިރަކަށް 21.63ރ.؛ މަހަކަށް 4،500ރ.

  • މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް ގަޑިއިރަކަށް 33.65ރ.؛ މަހަކަށް 7،000ރ.

  • ބޮޑެތި އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 38.46ރ.؛ މަހަކަށް 8،000ރ.

  • ސިވިލް ސާވެންޓުންނާއި ސަރުކާރުގެ ކުންފުނިތައް: ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000ރ.؛ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ މީހުންނަށް ގަޑިއިރަކަށް 33.65ރ.ގެ ރޭޓުން





އިތުރު އާޓިކަލް

އިތުރު އާޓިކަލް