ރައީސް ސޯލިހް ދިއްގަރު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަނީ(ފޮޓޯ/ ރައީސް އޮފީސް)
ވޯޓު ދޭންވީ ވައުދު ފުއްދާ ބަޔަކަށް: ރައީސް
މުހިންމު ނުކުތާތައް
މި ސަރުކާރުން ވައުދުތައް ފުއްދަނީ ދުރާލައި ރާވައިގެން ކުރާ މަސައްކަތްތަކުން
މަޝްރޫއުތައް ކުރިއަށް ގެންދަން ފަސޭހަވާނީ ސަރުކާރާ އެއް ހިޔާލުގެ ބަޔަކު އިންތިހާބުކޮށްގެން
މި ސަރުކާރުން ފުރިހަމަކޮށްދެނީ ކުރީގެ އެތައް ސަރުކާރަކަށް ވެސް ނުވި ކަންކަން
އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ސިޔާސީ ވެރިން ވައުދުތަކައިގެން ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ރައްޔިތުން ފުންކޮށް ވިސްނައި، ވޯޓު ދޭންވީ ވައުދު ފުއްދާ ބަޔަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ މ. ދިއްގަރުގައި ވިދާޅުވެއްޖެ އެވެ.
އެގޮތަށް ވިދާޅުވީ މި ސަރުކާރުން ވައުދުތައް ފުއްދައިދީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އަމަލީ ސިފަ ގެންނަމުން އަންނަކަން ފާހަގަކުރައްވަމުންނެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހް މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގަތީ އިއްޔެ ހަވީރެވެ. އަދި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫއުގެ ނިންމުން ރޭ ފާހަގަކުރެއްވި އެވެ.
ތަފްސީލު - އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އުދައިގެ ސަބަބުން އެ ލިބޭ ގެއްލުންތަކަކީ، ރަށުގެ ރައްޔިތުން ކޮންމެ އަހަރަކު އުފަލަމުން އައި ތަކްލީފެއް ކަމަށެވެ. މި ޝަކުވާ އާއި ކަންބޮޑުވުން ކުރީގެ ސަރުކާރުތަކުގައި ވެސް ރަށުގެ ރައްޔިތުން ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ފަހަރަކުއެއް ނޫން، ކިތަންމެ ފަހަރަކު މި ވާހަކަތައް ތަކުރާރުކޮށް، ސަރުކާރާ ހިއްސާކޮށްފައިވާނެ. އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުން އެ ހުށަހަޅާ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެނެސްދޭނެކަމުގެ ވައުދު ވެސް [ކުރީ ސަރުކާރުތަކުން] ވާނެ ކިތަންމެ ފަހަރަކު. ބަޖެޓް ވެސް ކޮށްފައި ވާނެ،" ރައްޔިތުންގެ އެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދިނީ މި ސަރުކާރުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
އެކަމަކު އެމަނިކުފާނު ވިދާޅުވީ އިންތިހާބާ އެކު ސިޔާސީ ވެރިން އެއަށް ވުރެ ވެސް ބޮޑު ޕްލޭންތަކެއް، އެއަށް އަމަލީ ސިފަ ނަޔަސް، ރައްޔިތުންނަށް ދައްކާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިއްގަރުގައި ނިންމި މަޝްރޫއުގެ ސަބަބުން އުދައިގެ ތަކްލީފުން ރައްޔިތުންނަށް ވަނީ ހައްލެއް ލިބިފަ އެވެ. މިކަން އެ ގޮތަށް ކާމިޔާބުކަމާ އެކު ނިންމާލެވުމުގެ "ބޮޑު ކްރެޑިޓެއް" އެމަނިކުފާނު ދެއްވީ ދިއްގަރު ރައްޔިތުންނަށެވެ. އެއީ ސަރުކާރާ އެކު މަސައްކަތްކުރަން އެމްޑީޕީގެ ބަޔަކު އިންތިހާބުކުރިކަން ފާހަގަކުރައްވަމުންނެވެ.
"މި ކަމެއް ބޭނުންވެފައި ތިބި މިންވަރު ސަރުކާރުގައި ހިއްސާކޮށް އަދި [އެމްޑީޕީއަށް ނިސްބަތްވާ] ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އިންތިހާބުކޮށް، ކައުންސިލެއް އިންތިހާބުކޮށް، ސަރުކާރާ އެކު މިކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނީ، ތިޔަ ބޭފުޅުން،" ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ބައެއް ކަންކަން:
-
ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަސޭހަވާނީ ސަރުކާރާ އެއް ވިސްނުމެއްގެ ބަޔަކު އިންތިހާބުވެގެން
-
މި މަޝްރޫއު ފަސޭހަކަމާ އެކު ކުރިއަށް ދިޔައީ އެފަދަ ބަޔަކު ތިބުުމުން
-
ކުރިއަށް އޮތް އިރުވައި މޫސުމުގައި މަޝްރޫއުގެ ހަގީގީ ފޮނި މީރުކަން ލިބިގެންދާނެ
-
އޭގެ ފަހުން، ވަކި ކަމެއް ރަނގަޅު ކުރަން ޖެހޭ ނަމަ އެކަމެއް ރަނގަޅުކޮށްދިނުން
"އަޅުގަނޑު މި ދަންނަވަނީ، ހިޔާލު ތަފާތުވުން ނުހުންނާއެކޭ ނޫން. އެހެން ނަމަވެސް، އުނދަގޫކޮށް، ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ ހިޔާލު ތަފާތުވުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"މިއަދު ވެސް އެކަން އެބަހުރި. އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް، އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް، ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން."
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިއްގަރުގެ ރަށްޔިތުންނަށް ދެން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ބިން ފުރިފައި އޮތުމުން ބޯހިޔާވަހިކަމެވެ. އެކަން ހައްލުކުރަން މި ސަރުކާރުން ވީ ވައުދު ފުއްދަން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުވާލެއްވި އެވެ. އެގޮތުން 121 މިލިއަން ރުފިޔާގެ ބިން ހިއްކުމުގެ މަޝްރޫއަށް ނިސްބަތްކުރައްވާ ރައީސް ވިދާޅުވީ:
-
މި ރަށުގެ 25 ހެކްޓަރު ބިން ހިއްކާނެ؛ އޭގެ ތެރެއިން 17 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފައި.
-
އެމްޓީސީސީން އެ ތައްޔާރުވަނީ، މި ރަށުގެ ނުނިމި އޮތް ބިން ހިއްކުމުގެ މަޝްރޫއު ނިންމަން
-
25 ހެކްޓަރުގެ ބިން އިތުރުވެގެން ދާއިރު، ޖުމްލަ ބޮޑުވެގެން އެދަނީ 39 ހެކްޓަރު
-
އެއީ ރަށުގެ ދެ ގުނައަށް ވުރެ ވެސް ބޮޑު ބިމެއް
"އަޅުގަނޑަށް ހަމަ ޔަގީން މި ވާހަކަ ވެސް ކުރީގެ އެތައް ސަރުކާރެއްގައި ތިބޭފުޅުން ދައްކަވާފައި އޮންނާނީ. އަދި ހަމަ އެ ސަރުކާރުތަކުން މިއަށް ހައްލު ގެނެސްދޭނެ، ޕްލޭންތަކާއި ކުރެހުންތަކާއި ބަޖެޓާ އެއްޗެއްހި ދައްކާފައި އޮންނާނީ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވޯޓު ދޭންވީ އެމަނިކުފާނަށް ކަން ނުސީދާކޮށް ވިދާޅުވަމުން ސިޔާސީ އެހެން ބޭފުޅުން އުޅުއްވާނެ ގޮތުގެ މިސާލެއް ދައްކަވައި، ވިދާޅުވި އެވެ.
"އޭގެ އިތުރުން، މޫދަށް އެރި ކަތީބުން ރޯނު ދަމާ، ގޯތި ވެސް ދީފައި ހުންނާނީ."
ރައީސް ވިދާޅުވީ މި ސަރުކާރުން އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ. ސަރުކާރުން ވައުދުތައް ފުއްދަމުން އަންނަނީ ކުރިއާލައި، ރާވައި ބަޖެޓްކޮށް އަދި ތައްޔާރު ވެސް ވެގެން ކަމަށް ވިދާޅުވި އެވެ.
"ހަމަ އައިސް މިތަނަށް ފައިބާ ކަމެއް ކޮށްދޭނަމޭ ބުނީއެއް ނޫން. އެހެންވެގެން އެކަންތައް އެ ކުރެވެނީ،" ރައީސް ވިދާޅުވި އެވެ.
އެދިވަޑައިގެންނެވީ ރަށު ރައްޔިތުންގެ ތާއީދަށް
ރައީސްގެ ވާހަކަފުޅުގައި ނުސީދާކޮށް ވިދާޅުވަމުން ގެންދެވީ އަންނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށެވެ. އޭގެ ސަބަބަކަށް ދެއްކެވީ ކުރިންސުރެ ރަށްރަށުގައި ނުވެފައި ހުރި ކަންކަން ފުރިހަމަކޮށްދެމުން އައުމެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ސަރުކާރު އޮވެގެންކަން ދޭހަވާ ގޮތަށް ވާހަކަފުޅު ކުރިއަށް ގެންދެވި އެވެ.
"ކުރިއަށް މި އޮތް ތަނުގައި ތިބޭފުޅުން ކަންތައްތައް ނިންމަވާއިރު، ވަރަށް ފުންކޮށް ވިސްނަވަން ވާނެ. ޖެހިގެން އޮންނަ އަހަރަކީ ހަލަބޮލި، ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް،" އަންނަ އަހަރު ރިޔާސީ އިންތިހާބަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވި އެވެ.
"[އެ ސިޔާސީ ވެރިންގެ] ޕްލޭންތައް ހުންނާނެ. ކުރެހުންތައް ގެންނަވާނެ. އެހެން ނަމަވެސް ވިސްނަވަންވީ އެއާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ކަންތައް ކުރަނީ ކޮން ބައެއްތޯ."
އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެން މި ތިބީ އަނެއްކާވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމައިގެން ކުރިއަށްދާން" ކަމަށެވެ.
ދިއްގަރަށް ވައުދުވެވަޑައިގެންނެވި ބައެއް ކަންކަން:
-
37 މެޓްރިކް ޓަނުގެ ފެން އުފައްދާ ޕްލާންޓް 50 މެޓްރިކް ޓަނުގެ ފެން އުފެއްދޭ ވަރަށް ތަރައްގީކުރުން
-
ސްކޫލް އިތުރަށް ބޮޑުކޮށް، މަލްޓިޕާޕަސް ހޯލެއް ހެދުން
-
މި އަހަރުގެ ފަހު ކުއާޓާގައި ނުވަތަ އަންނަ އަހަރު ކުރީކޮޅު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުން