އިޝްތިހާރު

'ނެކްޓަން މޯލްޑިވްސް މިޝަން'ގައި ބޭނުންކުރާނެ ބައެއް އާލާތްތައް. (ފޮޓޯ/ނެކްޓަން)

ތިމާވެށި

ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ދެނެގަތުމުގެ ފުރަތަމަ ދިރާސާ ފަށަން ތައްޔާރުވެއްޖެ

މިއީ އިންޑިއާ ކަނޑުގައި މިހާތަނަށް ހިންގާ ފަންނީ ގޮތުން އެންމެ ތަފާތު އަދި ކުރިއަރާފައިވާ ކަނޑުގެ ދިރާސާ
25 އޯގަސްޓު 2022

ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ދެނެގަތުމަށް ނިޒާމީ ގޮތެއްގައި ހަދާ ފުރަތަމަ ދިރާސާ ފަަށަން، ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަނެއް ކަމަށްވާ ނެކްޓަން އިން ތައްޔާރުވެއްޖެ އެވެ. މިއީ އިންޑިއާ ކަނޑުގައި މިހާތަނަށް ހިންގާ ފަންނީ ގޮތުން އެންމެ ތަފާތު އަދި ކުރިއަރާފައިވާ ކަނޑުގެ ދިރާސާ އެވެ.

ތަފްސީލް - ނެކްޓަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ދިރާސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖޭން އެކުލަވާލާފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމައަށް ސާވޭކުރާނެ ކަމަށެވެ. މިއީ މިހާ ފުނަށް ރާއްޖޭގައި ހިންގާ ފުރަތަމަ ސާވޭ އެވެ.

އަންނަ މަހުގެ 4 އިން އޮކްޓޯބަރު 7އަށް ކުރިއަށް ގެންދާ 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި:

  • އިންސާނުން ގޮވައިގެން ފުން ކަނޑަށް ދާ އެންމެ ފަހުގެ ސަބްމާސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރާނެ

  • ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ސިއްހަތު ދެނެގަތުން

  • މި 'ހެލްތު ޗެކާ' އެކު، ރާއްޖޭގެ ކަނޑުގެ %20 ހިމާޔާތްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބިގެންދާނެ؛ މިއީ ގާތްގަނޑަކަށް ޖަރުމަނުގެ ދެބައިކުޅަ އެއް ބައި ވަރުގެ ސަރަހައްދެއް

  • މި މިޝަންގައި ޖުމްލަ 40 މީހުން ބައިވެރިވޭ؛ އެއީ 16 ދިވެހިންނާއި 24 ބައިނަލްއަގްވާމީ ބައިވެރިން

ބުނީ ކީކޭ؟ - މި ދިރާސާއާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ގުޅިފައިވަނީ ކަނޑުތަކާ ކަމަށް ވާއިރު، ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

"މިއަދު މި ފެށޭ މިޝަންގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެންގެ އިގްތިސާދާއި​​ އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް ގާއިމްކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ،" ރައީސް ވިދާޅުވި ކަމަށް ނެކްޓަންގެ ބަޔާނުގައިވެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ގައުމަކީ ރާއްޖެ ކަމަށް ވާއިރު، ކަނޑުގެ ދިރުންތައް ހިމާޔާތްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަން ރަނގަޅަށް ކުރެވޭނީ ދިރާސާއެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މިޝަންއާ އެކު ފެށިގެން މި ދަނީ ކަނޑުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް. މި ފެށޭ މިޝަންގެ ސަބަބުން ހިތްވަރު ލިބި، ދިވެހިރާއްޖެއާ އެއް ފަދައިން ކަނޑުފަޅުތައް ހިމާޔާތްކުރަން އެހެން ގައުމުތަކުން މަސައްކަތް ކުރާނެ ކަމުގައި އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވި ކަމަށް ނެކްޓަންގެ ބަޔާނުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް