ދ. ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި އިއްޔެ މުޒާހަރާ ކުރަނީ. (ފޮޓޯ/ޔުނައިޓެޑް ކުޑަހުވަދޫ)
މަންޓާ އާއި ފްލައިމީގެ ބޯޓުތަކުގައި ބަލިމީހުން އުފުލޭ ގޮތް ހަދަން 3 މަސް ދެނީ
ރާއްޖޭގައި ހިންގާ އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އާއި ވިލާ އެއާގެ ފްލައިމީގެ ބޯޓުތަކުގައި ބަލިމީހުން އުފުލޭ ގޮތް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އަންގައިފި އެވެ.
މައްސަލައިގެ ފެށުން - ޓްރާންސްޕޯޓް މިނިސްޓްރީން އެ ގޮތަށް އެންގީ މިދިޔަ ހޯމަ ދުވަހު ދ. ކުޑަހުވަދޫން ބަލިމީހަކު މަންޓާ އެއާގެ ބޯޓަކުން އިމަޖެންސީކޮށް މާލެ ނުފޮނުވިގެން، އެ ރަށު އެއާޕޯޓުގައި މުޒާހަރާކުރަމުން ދަނިކޮށެވެ. އެގޮތުން:
-
ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު އެންމެ ފުރަތަމަ މުޒާހަރާ ކުރަން ފެށީ ބަލިމީހަކު މަންޓާގެ ބޯޓުގައި މާލެ ނުފޮނުވިގެން ކަމަށް ބުނެ
-
އެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައި އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނައި
-
އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ފަހު، އަލުން ފްލައިޓުތައް ބާއްވަން ފެށީ އަންގާރަ ދުވަހުގެ ހަވީރު
-
ކުޑަހުވަދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އިއްޔެ ވެސް މުޒާހަރާކޮށްފައި
-
ކުޑަހުވަދޫ އެއާޕޯޓު ހިންގާ ދާލު ހޯލްޑިންސް ކުންފުނިން ބުނެފައިވަނީ މަންޓާ އެއާގެ ބޯޓުތަކަކީ ސްޓްރެޗަރުގައި ބަލިމީހުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކަކަށް ނުވާތީ، އެފަދަ ބަލިމީހުން ނުއުފުލޭ ކަމަށް
-
މި ހާދިސާއިން ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް ތާނގައި ސްޓްރެޗަރު ޖެހޭ ބޯޓުތައް ގެންނަން ނިންމާފައިވާ ކަމަށް މަންޓާ އިން ބުނޭ
ބުނީ ކީކޭ؟ - ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝިމާޒް މިއަދު 'ދައުރު'އަށް ވިދާޅުވީ މަންޓާ އާއި ފްލައިމީގެ ބޯޓުތަކުގައި ބަލިމީހުން އުފުލޭ ގޮތަށް، އެ ބޯޓުތައް ބަދަލުކުރަން އަންގަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ.
"ބޯޓުތައް ބަދަލުކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ވާނީ ދީފައި،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - މީގެ ކުރިން އެފަދަ ބަލިމީހުން އުފުލަމުން އައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކުގަ އާއި ސީއެމްބިއުލާންސް ނުވަތަ ސީޕްލޭންތަކުގަ އެވެ. ނަމަވެސް ހޯމަ ދުވަހު ބަލިމީހާ ގެންދިއުން ލަސްވުމުގެ ސަބަބުން އާންމުން ހިތަހަމަނުޖެހި، މުޒާހަރާ ކުރަން ފެށީ އެވެ.
މުޒާހަރާ ކުރާ މީހުން ބުނާ ގޮތުގައި، އެއާޕޯޓް ހުޅުވިތާ ފަސް އަހަރު ވީއިރު، ބަލި މީހުން މަންޓާގެ ބޯޓުތަކުގައި އުފުލޭ ގޮތް ނުހެދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
އެނގުން މުހިންމު - ބަލިމީހުން އުފުލަން ސަރުކާރުން މޯލްޑިވިއަންއާ އެކު އެއްބަސްވުމެއް ހަދާފައިވާތީވެ، އެކަން މީގެ ކުރިން ވެސް ކުރަމުން އައީ މޯލްޑިވިއަން އިންނެވެ. ނަމަވެސް މޯލްޑިވިއަންއިން ކުޑަހުވަދޫ އެއާޕޯޓަށް އާންމު ދަތުރުތަކެއް ނުކުރެ އެވެ.
ހޯމަ ދުވަހުގެ ރޭ ގެންދަން އުޅުނު ބަލިމީހާ އެންމެ ފަހުން ގެންދިޔައީ އަންގާރަ ދުވަހުގެ ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.