ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެއަށް މުވައްޒަފުންތަކެއް ވަންނަނީ: މިއަދަކީ ބޮޑު ޗުއްޓީއަކަށް ފަހު މަސައްކަތް ފެށުނު ފުރަތަމަ ދުވަސް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރު މުވައްޒަފުން ބޮޑު ޗުއްޓީއަކަށް ފަހު މަސައްކަތަށް

މަހުގެ ބޮޑު ބައެއް ޗުއްޓީގެ ގޮތުގައި އޮޮތުމުން، ހިދުމަތްތައް ނުލިބޭތީ އެކަމުގެ ޝަކުވާ ބައެއް މީހުން ކުރި

މި ޖުލައި މަހަކީ ސަރުކާރުގެ ގިނަ މުވައްޒަފުންނަށް ޗުއްޓީގެ މަހެކެވެ. ބޮޑު އީދާއި މިނިވަން ދުވަހުގެ ބަންދާ ގުޅިގެން، ސަރުކާރު މުވައްޒަފުންނަށް މި މަހު 16 ދުވަސް ޗުއްޓީގެ ގޮތުގައި ވަނީ ލިބިފަ އެވެ. މިއީ، މި ފަހުން ސަރުކާރުގެ މުވައްޒަފުންނަށް ލިބުނު މި ފަދަ އެންމެ ބޮޑު ޗުއްޓީ އެވެ.

މި ބޮޑު ޗުއްޓީއަށް ފަހު މިއަދު ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވުމާ އެކު، މުވައްޒަފުން ވަނީ މަސައްކަތަށް ނުކުމެފަ އެވެ.

މި އަހަރު ސަރުކާރުން ދިން މި ޗުއްޓީ އެހާ ދިގުވީ، ރަސްމީ ބަންދު ދުވަސްތަކުގެ އިތުރުން، އާއްމުންގެ ފަސޭހައަށް ބައެއް ދުވަސްތައް ބަންދުކޮށްލުމުންނެވެ.

އީދު ބަންދާއި ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މިދިޔަ މަހުގެ 30ގައި މާލޭން ރަށްރަށަށް މީހުން ފުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެގޮތުން:

  •  އަލްހާ އީދުގެ ފުރަތަމަ ދުވަހަކީ ޖުލައި 9، ހޮނިހިރު ދުވަސް؛ އީދުގެ ބަންދުގެ ގޮތުގައި ރަސްމީކޮށް އޮތީ ފަސް ދުވަސް ނަމަވެސް، އަންގާރަ ދުވަހަށް އެ ފަސް ދުވަސް ހަމަވުމާ އެކު، ޖެހިގެން އައި ބުދަ އަދި ބުރާސްފަތި ދުވަސް ސަރުކާރުން ވަނީ ބަންދުކޮށްފައި

  • އެއާ އެކު، ޖެހިގެން އައި ހަފުތާގެ ބަންދުގެ ދުވަސްތަ ކާއެކު، އީދު ޗުއްޓީ ނުވަ ދުވަހަށް ދިގުވި

  • އެއަށް ފަހު، ޖުލައި 26 އަދި 27ގެ އިތުރުން 28ވީ ބުރާސްފަތި ދުވަސް ވެސް ސަރުކާރުން ބަންދު ކުރި؛ އެއާ އެކު މިނިވަން ދުވަހުގެ ބަންދުގެ ގޮތުގައި ހަތް ދުވަސް ލިބުނު

ބޮޑު އީދުގެ ޗުއްޓީ ފެށުމާ އެކު، ރެކޯޑް އަދަދަކަށް މީހުން ވަނީ ރަށްރަށަށް ދަތުރުކޮށްފަ އެވެ. އެގޮތުން، ޗުއްޓީ ފެށުނު ދުވަހު އެކަނި ވެސް ވައިގެ މަގުން 3،300 މީހުން ރަށްރަށަށް ދަތުރު ކުރި ކަމަށް، ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ބުނެފަ އެވެ.

  • ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ބޮޑު އީދުގެ ކުޅިވަރުތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ބޮޑު އީދުގެ ކުޅިވަރުތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ބޮޑު އީދުގެ ކުޅިވަރުތަކުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެހެންވެ، މި އަހަރުގެ ބޮޑު އީދު، ގިނަ ރަށްރަށުގައި ފާހަގަ ކުރީ، މިއިން ދުވަހަކު ފާހަގަ ނުކުރާހާ ކުލަ ގަދަކޮށެވެ. އަދި މިނިވަން ދުވަހުގެ ޗުއްޓީއަށް ވެސް ގިނަ އަދަދެއްގެ ބައެއް ރަށްރަށަށް ދަތުރުކުރުމާ އެކު، އެ ރަށްތަކަށް ވެސް ވަނީ އީދެއް އައިސްފަ އެވެ.

ބޮޑު ޗުއްޓީއާ އެކު ހިދުމަތް ނުލިބުމުގެ ޝަކުވާ

މަހުގެ ބޮޑު ބައެއް ސަރުކާރުން ބަންދުކުރުމާ ގުޅިގެން އާއްމުން އުފުލަން ޖެހުނު ތަކުލީފުތައް ވެސް ބޮޑެވެ. އެގޮތުން، ބޭންކުގެ ހިދުމަތާއި ވިޔަފާރި އަދި ޒަރޫރީ އެހެން ބޭނުންތަކާ ގުޅޭ ހިދުމަތްތައް، މަހުގެ ގިނަ ދުވަސްތަކެއްގައި މެދުކެނޑިފައި ހުރުމުން އެ ޝަކުވާ ބައެއް މީހުން ކުރި އެވެ.

"މި ގައުމުގައި ހާ ޗުއްޓީ ގިނަ ގައުމެއް ހިޔެއް ނުވޭ އޮންނާނެހެން. ޖުލައި މަސް އެއްކޮށް ޗުއްޓީ،" ފިޓްނެސް ނިއުޓްރިޝަން ކޯޗު އައިޝަތު ޝިފާނާ ވަޖީހު ޓްވިޓާގައި ޝަކުވާ ކުރި އެވެ.

ރަސްމީ ބަންދު ދުވަސްތަކުގެ އިތުރުން މުސާރަ ލިބޭ ގޮތަށް ދޭ 30 ދުވަހުގެ އަހަރީ ޗުއްޓީ އާއި އިމަޖެންސީ 10 ދުވަސް، ސަރުކާރު މުވައްޒަފުންނަށް ދޭ ޗުއްޓީގެ ތެރެއަށް އޭނާ އިތުރު ކުރި އެވެ. އަދި ރަސްމީ ބަންދުތަކާއި އަމިއްލަ ޗުއްޓީތަކަކާ އެކު، އާއްމު މުވައްޒަފުންނަށް ލިބޭ ބަންދު ދުވަސްތައް ހަތަރު މަހަށް އަރާއިރު، މުއައްސަސާތަކުގެ އުފެއްދުންތެރިކަމާ މެދު ވެސް ޝިފާނާ ސުވާލު އުފެއްދި އެވެ.

އެކަމަކު ޝިފާނާގެ މި ޝަކުވާތަކަށް ޓްވިޓާގައި ގިނަ ބަޔަކު ފާޑުކިޔެވެ. އެ މީހުން ދެކޭ ގޮތުގައި، ބުރަ މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ވަރުގެ ޗުއްޓީއެއް ހައްގެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް