ރައްޓެހިން ހޯދުމާއި ގުޅުން ދެމެހެއްޓުން މުހިއްމު

ބައެއް ފަހަރު ހަޔާތުގައި ދިމާވާ ކަންކަމުގެ ސަބަބުން ރައްޓެހިން ގެއްލޭތަން އާދޭ
29 އޭޕްރީލު 2022

ރަނގަޅު ރައްޓެހިންނަކީ ހަޔާތުގައި މުހިއްމު ބަޔެކެވެ. އުމުރުގެ ވަކި ހިސާބަކުން އަލަށް ރައްޓެހިން ހޯދުމަކީ އުނދަގޫ ވެސް ކަމެކެވެ. އެންމެ ފުރަތަމަ ސްކޫލަށް ދާ ދުވަހު ދިމާވާ ރައްޓެހިން، އުމުރުން 20-30 އަހަރު ވާއިރު ވެސް ކައިރީގައި ތިބުމަކީ އުފަލެކެވެ. ނިއުމަތެކޭ ވެސް ބުނެވިދާނެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށާއި އިޖުތިމާއީ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް ވެސް ރަނގަޅު ރައްޓެހިން މުހިއްމެވެ. ބައެއް ފަހަރު ހަޔާތުގައި ދިމާވާ ކަންކަމުގެ ސަބަބުން އެކި ހިސާބުން ރައްޓެހިން ގެއްލޭތަން އާދެ އެވެ. ކޮންމެހެން ދެމެދުގައި ރުޅިވެރިކަމެއް އުފެދިގެން ގުޅުން ނިމެނީއެއް ނޫނެވެ. ކޮންމެވެސް ސަބަބަކާ ހުރެ ގުޅުން ހީނަރުވަނީ އެވެ. ފަހުންފަހުން ގޮސް ހަބަރެއް ވެސް ނުވަނީ އެވެ.

ފަހަރުގައި އިންޓަނެޓާއި ސޯޝަލް މީޑިއާގެ މި ޒަމާނުގައި ރައްޓެހިން ހޯދުމާއި ގެންގުޅުމާއި އެ ގުޅުންތައް ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލު ނުކުރާ ބަޔަކުވެސް ތިބެދާނެ އެވެ. އެކަމަކު ހަގީގަތަކީ، ހަޔާތުގައި ދިމާވާ ރަނގަޅު ރައްޓެހިން ވެސް ކޮންމެވެސް ސަބަބަކާ ހުރެ ވަކި ހިސާބަކުން ގެއްލޭ ކަމެވެ.

ފަހަރުގައި އެ ގުޅުމަކީ "ވަން ސައިޑެޑް" ނޫނީ ހަމައެކަނި އެންމެ ފަރާތަކުން މަސައްކަތްކޮށްގެން ކުރިއަށް ދިޔަ ގުޅުމަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ މަސައްކަތް ހުއްޓާލުމާ އެކު ގުޅުން މެދުކެނޑެނީ އެވެ. މެސެޖު ކުރުން ހުއްޓާލުމުން އަނެއް ކޮޅުން ވެސް ހާލު ބެލުމެއް ނޯންނަނީ އެވެ. އެހެން ގޮސް އެ ގުޅުން ކެނޑެނީ އެވެ. ދެން ވާގޮތަކީ މަގުމަތިން ދަނިކޮށް ފެނުމުން ވައްކަޅިން ބަލާލުމެވެ. ނޫނީ ނިތް އަރުވާލުމެވެ.

އުމުރުން 20ގެ އަހަރުތަކަށް އެޅުމުން އަލުން ރައްޓެހިން ހޯދުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެކަމަކު، ސޯޝަލް ލައިފްއެއް ނެތި ހުރުމުގެ ބަދަލުގައި، މީހާގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ވިސްނާ، އާ ރައްޓެހިން ހޯދާ އެމީހުންނާ އެކު ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެކެވެ. ރައްޓެހިން ހިޔާރު ކުރާއިރު ވެސް ތިމާގެ އިހުސާސްތަކަށް އިހުތިރާމު ކުރާ، ގުޅޭ ބަޔަކު ހޯދުން މުހިއްމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް