ހަފުތާއަކު 300 މިނިޓް ވަންދެން ކަސްރަތުކުރާ ނަމަ ސިއްހަތަށް ބޮޑު ފައިދާތަކެއް ކުރޭ

ކަސްރަތުކުރުން

ހިކެން ބޭނުންތަ؟ ހަފުތާއަކު 300 މިނިޓް ކަސްރަތުކުރަމާ

ދެ ގްރޫޕަކަށް މީހުން ބަހާލައިގެން ހެދި ދިރާސާއިން ދައްކަނީ ހަފުތާއަކު 3،000 ކެލޮރީސް އަންދާ ކަމަށްވަންޏާ އެމީހަކު ފަލަވުމުގެ ފުރުސަތު ކުޑަކަން
19 ސެޕްޓެމްބަރު 2021

ޖިމްއަށް ދަމެވެ. ނުހިކެ އެވެ. ހިނގަން ވެސް ދަމެވެ. ނުހިކެ އެވެ. ދުވަމެވެ. ނުހިކެ އެވެ.

މިވާ ގޮތަކާ މެދު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވިސްނަފާނެ އެވެ. އެކަމަކު ޖިމްއަށް ދިޔަސް، ހިނގިޔަސް އަދި ދުވިޔަސް، ތިމާގެ ބަރުދަނަށް އެނގުން ނުވެދާނެ ސަބަބުތައް ހުރެދާނެ އެވެ.

ކަސްރަތާ ގުޅޭ ތަފާތު ދިރާސާކުރާ ސައިންސްވެރިން ގެންދަނީ، ބަރުދަން ލުއިކުރުމުގެ ދާއިރާ އިން ގިނަ ދިރާސާތަކެއް ހަދަމުންނެވެ. އެގޮތުން މި ފަހުން ފެނުނު އެއް ދިރާސާއަކުން ބުނެދެނީ، ބަރުދަން ލުއިކުރަން ބޭނުން ނަމަ، ހަފުތާއަކު 300 މިނިޓް ވަންދެން ކަސްރަތުކުރުމުގެ އަމާޒެއް ގެންގުޅެން ޖެހޭ ކަމެވެ.

އާ ދިރާސާއިން ފެނުނު ގޮތުގައި ބަރުދަން މަތީ، ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ހަފުތާއަކު 300 މިނިޓް ވަންދެން ކަސްރަތުކުރާ މީހުން ހިކެ އެވެ. ނަމަވެސް ހަފުތާއަކު އެންމެ ދެ ދުވަހު ކަސްރަތުކުރާ މީހުންނަށް އެ ބަދަލެއް ނާދެ އެވެ.

އިތުރު ތަފުސީލަށް ދަންޏާ، ދިރާސާއިން އެނގެނީ، ހިކެއް ބޭނުންވާ މީހާ ދުވާލަކު އަންދަން ޖެހޭ ކެލޮރީސްގެ މިންވަރު ވެސް މަތިވާނެ ކަމެވެ. އެގޮތުން ހަފުތާއަކު ހަ ދުވަހު، ގާތްގަނޑަކަށް 300 މިނިޓް ކަސްރަތުގައި ހޭދަކޮށް، ހަފުތާއަކު މަދުވެގެން 3،000 ކެލޮރީސް އަންދަން ޖެހެ އެވެ.

އަމާޒުކުރަންވީ

  • ހަފުތާއަކު ހަ ދުވަހު ކަސްރަތުކުރަން

  • ކޮންމެ ދުވަހަކު ވެސް 40-60 މިނިޓަށް ކަސްރަތު ދަންމާލަން

  • އެއިން ކޮންމެ ފަހަރަކު 500 ކެލޮރީސް އަންދަން

  • ހަ ދުވަހުން 3،000 ކެލޮރީސް ހަށިގަނޑުން ދުއްވާލެވޭނެ

ހަށިގަނޑު މަސައްކަތްކުރަނީ މި ގޮތަށެވެ: އަހަރެމެން ކާ އެއްޗެހި ހަކަތައަށް ބަދަލުކޮށްދިނުން ގުޅިފައި އޮންނަނީ މެޓަބޮލިކް ރޭޓަށެވެ. މެޓެބޮލިޒަމް މައްޗަށް ދާ ވަރަކަށް މީހާގެ ހަށިގަނޑު ތެރޭގައި ކާ އެއްޗެހި ހަކަތައަށް ބަދަލުވާ މިންވަރު ވެސް މަތިވެ އެވެ. ދެ މީހަކު މިސާލަކަށް ނަގަމާ ހެއްޔެވެ؟ ދެ މީހުން ވެސް ކަނީ އެއްވަރަކަށެވެ. ނަމަވެސް އެކަކު ހިކިވެފައި އަނެކަކު ވަނީ ފަލަ އެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، ހިކިކޮށް ހުންނަ މީހާގެ މެޓަބޮލިޒަމް ރޭޓް މަތިވެފައި، އަނެކަކުގެ އެ ބައި ދަށްވުމެވެ: ނުވަތަ މިއީ ކަމާ ބެހޭ ދާއިރާތަކުގެ ތަޖުރިބާކާރުންނަށް މި ވަގުތު ވިސްނޭ ގޮތެވެ. އާންމު ހާލަތެއްގައި ހަށިގަނޑު މަސައްކަތްކުރަނީ އެ ގޮތަށް ކަމަށް ވިޔަސް، ހިކި މީހެއްގެ މެޓެބޮލިޒަމް ރޭޓް ދަށްވާން ދިމާވާ ސަބަބުތައް ވެސް ހުންނާނެ އެވެ. އެއީ ހަށިގަނޑުގައި ހިމެނޭ އަޖައިބެއް ފަދަ ގުދުރަތީ އާދަތަކެވެ.

އެކަމަކު ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން މަތި މީހުން ހިކެން ބޭނުން ނަމަ، ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދުވާލަކު ކާ ވަރު މަދުކޮށްފައި، އަންދާ ކެލޮރީޒްގެ މިންވަރު މަތިކުރުމެވެ. މިސާލަކަށް އާންމުކޮށް ދުވާލަކު ކަނީ 2،000 ކެލޮރީ ކަމަށް ވަންޏާ، ހިކެން ބޭނުންވާ މީހާއަށް އެންމެ ފަސޭހަ ގޮތަކީ އެ ބައި، މިސާލަކަށް، 1،500 ކެލޮރީޒްއަށް ދަށްކުރުމެވެ. ދެން ހަށިގަނޑުގައި ގިނަވެފައި ހުރި ފެޓް އެންދުމުގެ ގޮތުން ކަސްރަތުގެ ތެރެއިން އަނެއްކާވެސް ކެލޮރީސް އެންދުމެވެ. އޭރުން ހަށިގަނޑަށް ވަންނަ ކެރޮލީސްއަށް ވުރެ އަންދާ ކެލޮރީސް ގިނަވެ، މީހާއަށް އެކަށީގެންވާ ބަރުދަނުގައި ހުންނަން ބާރަކަށް ވެ އެވެ.

ހަފުތާއަކު 3،000 ކެލޮރީޒް އަންދަންޏާ އެ ހުރީ ރަނގަޅަށް

އާ ދިރާސާއިން އެނގެނީ ހަފުތާއަކު މަދުވެގެން 3،000 ކެލޮރީސް އަންދާ ވަރަށް ކަސްރަތުކުރާ ނަމަ، ބަރުދަން ލުއިވާ ކަމެވެ. އެއީ ހަފުތާއަކު ގާތްގަނޑަކަށް 300 މިނިޓްގެ ކަސްރަތެވެ.

އާ ދިރާސާގައި ބޭނުންކުރި މީހުން ދެ ގްރޫޕަކަށް ބަހާލައިގެން ކަސްރަތުކުރުން ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން އެއް ގްރޫޕަކުން ކަސްރަތުކުރީ ހަފުތާއަކު ދެ ދުވަހު، މަދުވެގެން 90 މިނިޓް ވަންދެންނެވެ. އެ މީހުންނަށް ދީފައި އޮތް ލަނޑުދަނޑިއަކީ ކޮންމެ ސެޝަނެއްގައި ގާތްގަނޑަކަށް 750 ކެލޮރީސް އަންދައިގެން ހަފުތާއެއްގެ ޖުމްލަ 1،500 ކެލޮރީސްއަށް އެރުވުމެވެ.

ކަސްރަތުކުރުމަކީ ދުވަހުގެ އާދައަކަށް ހަދަން ޖެހޭ

އަނެއް ގްރޫޕް ކަސްރަތުކުރީ ހަފުތާއަކު ހަ ދުވަހު، ކޮންމެ ދުވަހަކު 40 މިނިޓާއި 60 މިނިޓަށެވެ. ދުވާލަކު އަންދަން އަމާޒުކުރީ 500 ކެލޮރީސް އެވެ. ހަފުތާއަކަށް އެއީ 3،000 ކެލޮރީސް އެވެ.

ދެ ގްރޫޕްގެ ބައިވެރިންގެ ނަތީޖާއަށް ބަލާފައި ސައިންސްވެރިންނަށް އެނގުނީ ހަފުތާއަކު 1،500 ކެލޮރީސް އަންދާ މީހުންނަށް ވުރެ ހަފުތާއަކު 3،000 ކެލޮރީސް އަންދާ މީހުންގެ ބަރުދަނުން މާ ބޮޑަށް ލުއިވިކަމެވެ. ދިރާސާއިން ދެއްކީ ހަށިގަނޑުން ހަފުތާއަކު އިތުރަށް އަންދާ ކެލޮރީސްގެ ތެރެއިން ގާތްގަނޑަކަށް 1،000 ކެލޮރީސް، ކެއުމުގެ ތެރެއިން ހަށިގަނޑަށް ވަންނަ ކަމެވެ. އެ ހިސާބުން ބަލަންޏާ 1،500 ކެލޮރީސް އެންދި މީހުންގެ ހަށިގަނޑަށް ހަމަ އެ މިންވަރަށް ކެލޮރީސް ވަނެވެ. އެކަމަކު 3،000 ކެލޮރީސް އެންދި މީހުންނަށް، ކެއުމުގެ ތެރެއިން ހަށިގަނޑަށް 1،000 ކެލޮރީސް ވަން އިރު، އެއީ 2،000 ކެލޮރީސްގެ ޑެފިސިޓެކެވެ. އެހެންކަމުން އެ ގްރޫޕްގެ މީހުންގެ ހަށިގަނޑުން ތިން މަސް ތެރޭގައި 1.8 ކިލޯ ލުއިވި އެވެ.

މިހާ ވަރަށް ކެލޮރީސް އަނދާ ވަރަށް ކަސްރަތުކުރުމަކީ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު މި ދިރާސާއިން އެނގެނީ، ހިކެން ބޭނުން ނަމަ ކަސްރަތުކުރުމުގެ ފައިދާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް