ޖައުފަރު ރަޝީދު: އޭނާ ވަނީ ޒަމާނުއްސުރެ ލަންދޫގައި ގިރަމުން އަންނަ ކުއްޅަވައް ފަނި ޒަމާނީކޮށްލައިފައި.

ލަންދޫގެ މަޝްހޫރު ކުއްޅަވައް ބުއިންތަކުގެ މޭސްތިރިއަކީ ޖައުފަރު

ހެލްތު ސެންޓަރުގެ މެނޭޖަރުކަން ކުރަމުން އަމިއްލަ ކެފޭއެއް ހިންގާ ޖައުފަރު ތައްޔާރު ކުރާ ކުއްޅަވައް މިލްކްޝޭކް އަށާއި މޮހީޓޯއަށް ބޮޑު ޑިމާންޑެއް ވަނީ އުފެދިފައި
17 ފެބްރުއަރީ 2022

ރާއްޖޭގެ ކޮންމެ ރަށެއްްގައި ވެސް އެ ރަށަކަށް ހާއްސަ އާދަޔާހިލާފް ކަންކަން ހުރެ އެވެ. އެ ކަންކަން ނަގައިގެން ރަށުގެ ފަހުރަކަށް ހަދަން ތިބީ އެ ރަށެއްގެ މީހުންނެވެ. ނ. އަތޮޅު ލަންދުއަކީ އޭގެ އެއް މިސާލެވެ. މިހާރު އެ ރަށަށް އަރާއިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނާނީ ރަށުގެ ނަމުގެ އަކުރުތައް މަތީ ބާއްވާލާފައި އޮންނަ ބޮޑު ކުއްޅަވަކުގަ އެވެ. ލަންދޫގެ ފަހުރަށްވާ ކުއްޅަވަކުން ތަފާތު މީރު ބުއިންތައް ތައްޔާރުކޮށް މެހުމާނުންނަށް ރަހަ ދައްކަމުން އަންނަނީ ޖައުފަރު ރަޝީދެވެ.

ރިސޯޓްތަކުގައި ބުއިންތައް ތައްޔާރު ކުރުމުގެ 14 އަހަރުގެ ތަޖުރިބާގެ އަލީގައި ޖައުފަރު ވަނީ ޒަމާނުއްސުރެ ލަންދޫގައި ގިރަމުން އަންނަ ކުއްޅަވައް ފަނި ޒަމާނީކޮށްލައިފަ އެވެ. ޖައުފަރުގެ ބަހުން ނަމަ އޭނާއަށް، "ކުލަ ހަދާ މީހަކު ކުލަ ބަދަލުކޮށްލާ ގޮތަށް މޭވާ އިން އެކި ރަހަ ލައްވައިގެން ބެވްރޭޖް ތައްޔާރު ކޮށްލެވިދާނެ" އެވެ.

ލަންދުއަށް އަރާއިރު އެންމެ ފުރަތަމަ ފެންނަން ހުންނަ، ފައިބަރުން ހަދާފައިވާ ބޮޑު ކުއްޅަވައް ކައިރީ ޖައުފަރު ހުއްޓިލައިގެން

ސޮނެވާ އާއި ބަރޮސް އައިލެންޑް ރިސޯޓުގެ ފުޑް އެންޑް ބެވަރޭޖުގައި މަސައްކަތްކުރުމަށް ފަހު ރިސޯޓް ވަޒީފާ ދޫކޮށްލައި އެނބުރި ރަށަށް ބަދަލުވެ ހުރި ތިން ކުދިންގެ ބައްޕަގެ ރަސްމީ ވަޒީފާއަކީ ހެލްތު ސެންޓަރުގެ މެނޭޖަރުކަމެވެ. ޖައުފަރު ދެން ކުރާ މަސައްކަތަކީ އަމިއްލަ ގޭގައި ކެފޭއެއް ހިންގުމެވެ. މަރާމާތަށް ކެފޭ މި ވަގުތު ބަންދުކޮށްފައި ހުއްޓަސް ލަންދޫގެ ހާއްސަ ރަހައެއްގެ ގޮތުން ޖައުފަރު ވަނީ ކުއްޅަވަކުން މިލްކްޝޭކާއި މޮހީޓޯ ހަދައި ތައާރަފުކޮށްފަ އެވެ.

'ސަވާދީއްތަ ދަތުރު'ގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާ އެކު، ލަންދޫގައި މި ދުވަސްވަރު މޮހީޓޯ އާއި މިލްކްޝޭކް ވަކިން ބޮޑަށް ހިނގަ އެވެ. ރަށަށް އަރާ ތަނުގައި ކުއްޅަވަކެއްގެ ނަމޫނާއެއް ފެންނަން ހުންނާތީ މި ބުއިން ކޮންމެހެން ތަޖުރިބާކޮށްލަން ބޭނުންވެ އެވެ.

ޖައުފަރުގެ ރެސިޕީއަކަށް ތައްޔާރު ކުރާ ކުއްޅަވައް މިލްކްޝޭކަށް ބޮޑު ޑިމާންޑެއް އޮވޭ

ޖައުފަރު ކުއްޅަވަކުން ތަފާތު ބުއިންތައް ހަދަން ފެށީ މާލެ އިން ލަންދުއަށް ދިޔަ ބަޔަކަށް އޭނާ ދިން ކެއުމެއް މުޅިން ވެސް ކުއްޅަވަކުން ތައްޔާރުކުރި ތަޖުރިބާއަކަށް ފަހު އެވެ. އެ ދަތުރުގައި އޭނާގެ މެހުމާނުންނަށް ކުއްޅަވައް ސޫޕް، ބަތް، އަދި ޑިޒާޓް ވެސް ތައްޔާރުކޮށްފައި ދިން ކަމަށް ޖައުފަަރު ބުންޏެވެ.

ލަންދޫގައި ތައްޔާރުކޮށްފައިވާ ކުއްޅަވައް މޮހީޓޯތަކެެއް: މިއީ އެ ރަށަށް ޒިޔާރަތްކުރާ ރަސްމީ ފަރާތްތަކަށް އަރުވާ ހާއްސަ ވެލްކަމް ޑްރިންކް.
ކުއްޅަވަކުން ހަތަރު ވައްތަރެއްގެ ބުއިން: މިއީ ލަންދޫގެ ރަހަ

ކުއްޅަވައް ފަންޏަކީ ހޯމްސްޓަައިލް އެވެ. ލަންދޫގެ ގޭގޭގައި އާންމުކޮށް ކުއްޅަވައް ގިރާ ގޮތެވެ. މި ފަނި ތައްޔާރު ކުރަނީ ކުއްޅަވަައް ކޮށާފައި ފެނަށް ލާފައި ބަހައްޓައިފަ އެވެ. ދެ ގަޑިއެއްހާ އިރު ކޮށްފައި ބަލާއިރު ހުންނާނީ ފެނަށް މޭވާގެ ރަހަ ފޭދިފަ އެވެ. ދެން އެ ފުރާނާލައިގެން ފަނި ތައްޓެއް ނަގަނީ އެވެ. ކަރު ތެރެ ތެންމާލާން މީރު ބުއިމެކެވެ. ކުއްޅަވައް ރަހަ ހެޔޮވަރު ވަރަކަށް ލަ އެވެ. ކުރުނބާ ފަނި ތައްޓެއްހާ ތާޒާ އެވެ. ކަރުހިކުން ފިލުވާލަ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު ކުއްޅަވައް ފާ އޮންނަނީ ލަންދޫގައި

ދެވަނަ ވައްތަރަކީ ރެސްޓޯރަންޓް ސްޓައިލެވެ. ކުއްޅަވައް ގިރަނީ މިކްސަރުންނެވެ. ހޯމްސްޓައިލާ ތަފާތަކީ މި ގޮތަށް ގިރުމުން ހުންނަނީ އޮލަކޮށެވެ. މިގޮތަށް ތައްޔާރު ކުރުމަށް، ކުއްޅަވައް މަޑުކުރަން ފެނަށް އަޅާފަައި ބެހެއްޓުމަށް ފަހު މިކްސަރުން ގިރަން ޖައްސާލާނީ އެވެ. އޮށްތައް ނުގިރޭ ވަރަށް، ހަމައެކަނި މޭވާގެ ބައި ނުވަތަ "ފުށްގަނޑު" އެކީ ގިރާލާނީ އެވެ. ދެން ފުރާނާލީމާ ނިމުނީ އެވެ.

ކުއްޅަވައް މިލްކްޝޭކަކީ ރެސްޓޯރަންޓް ސްޓައިލަށް ގިރާ ޖޫހަށް މޭވާ ގިނައިން އަޅައި މިލްކްޝޭކް ޕައުޑަރު އަޅައިގެން ރަހަ ހެޔޮވަރުކޮށްލައިގެން ހަދާ މީރު ބުއިމެކެވެ. 

"ކުއްޅަވައް މިލްކްޝޭކް ރަހަ ބަލާލައިފިއްޔާ ހައިރާންވާނެ،" ޖައުފަރު ބުންޏެވެ.

ކުއްޅަވައް މިލްކްޝޭކް ޖައުފަރުގެ އުފެއްދުމެއް
ލަންދޫގައި ތައްޔާރުކޮށްފައިވާ ކުއްޅަވައް މޮހީޓޯތަކެެއް ކައިރީގައި ދެ ކުއްޖަކު މަޑުކޮށްލައިގެން

ލަންދުއަށް ޒިޔާރަތް ކުރާ ރަސްމީ ހުރިހާ މެހުމާނުންނަށް ދޭ ވެލްކަމް ޑްރިންކަކީ ވެސް ކުއްޅަވައް މޮހީޓޯ އެވެ.

"މި ރަށަށް ރައީސް ވަޑައިގެންނެވި އިރު ވެސް އެރުވީ ކުއްޅަވައް މޮހީޓޯ. ދެ ފަހަރަކު ވަޑައިގަތުމުން ވެސް މި އެރުވީ. ވަރަށް ރަނގަޅު ކޮމެންޓް ދެއްވީ،" ފަހުރުވެރިކަމާ އެކު ޖައުފަރު ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) ލަންދުއަށް ކުރެއްވި ޒިޔަރާތެެއްގައި ކުއްޅަވައް މޮހީޓޯއެއް ހިއްޕަވަނީ

ޖައުފަރު ބުނިގޮތުގައި އެ އަތޮޅު މާފަރު އެއާޕޯޓުން ފުރަން މަނަދޫން ދާ މަގުމަތީގައި ވެސް މީހުން ކުއްޅަވައް މޮހީޓޯއެއް ބޯލަން ލަންދުއަށް ދެ އެވެ.

ޒަމާނުއްސުރެ ލަންދޫގައި ގަބުޅި އާއި ދިޔާހަކުރު ލައިގެން މޮޑެގެންނާއި ރިހާކުރާ ޖައްސައިގެން ކުއްޅަވައް ކައި އުޅެ އެވެ. އެ މޭވާގައި ރޯދައަށް ފަނި ގިރަ އެވެ. ކުއްޅަވައް ބަތް ހަދަ އެވެ. ކުއްޅަވައް ގަސްތައް ހުނަންނަނީ ބިން ބޮޑު ލަންދޫގެ ވަލުތެރޭގަ އެވެ. ރައްޔިތުންގެ އެއްޗެއްގެ ގޮތުގަ އެވެ.

"ބީރައްޓެހިން އައިސް ބިނަސް، ހޮވިޔަސް މައްސަލައެއް ނުޖެހޭ. އެ ވަރަށް ކުއްޅަވައް އޮވޭ. ގޯތި ދޭން ބައެއް ގަސް ކެނޑިއިރު، ޒުވާން ކުދިން ނުކުމެ އޭގެ ބަދަލުގައި ވަރަށް ގިނަ ގަސް އިންދައިފި،" ޖައުފަރު ބުންޏެވެ.

މި ބުއިން ތައްޔާރު ކުރަނީ ކުއްޅަވައް ތެރެއަށް މިންޓް ލީފް ނުވަތަ ކުދީނާ ފަތް އަދި ލުނބޯ އަޅައި ސްޕްރައިޓް އަޅައިގެންނެވެ. ސްޕްރައިޓްގެ ބަދަލުގައި ސޮޑާ އަދި ރެޑްބުލް ބޭނުންކޮށްގެން  ވެސް މޮހީޓޯ ތައްޔާރުކޮށްލެވިދާނެ ކަމަށް ޖައުފަރު ބުންޏެވެ. ކުއްޅަވަކަކީ ހުތްފޮނި މޭވާއެއް ކަމުން މާ ގިނައިން ލުނބޯ އަޅާކަށް ނުޖެހެ އެވެ.

"ހިޔާލު އައި ގޮތަކީ މެހުމާނުންނަށް ފިޒީ ޑްރިންކެއް ދިނުމުގެ ބަދަލުގައި ކުއްޅަވަކުން އެއްޗެއް ތައްޔާރުކޮށްފައި ދިނުމަށް ވިސްނި ވިސްނުން. މޮހީޓޯ ފުރިހަމައަށް ތައްޔާރުވީ ވަރަށް ގިނަ ފަހަރު ހަދައިގެން. މިހާރު މި ރެސިޕީ މިހިރީ ފައްކާ ކުރެވިފައި،" ޖައުފަރު ބުންޏެވެ. 

ފަށައިގަތް އިރު ޖައުފަރު މި ބުއިންތައް ވިއްކީ 20 ރުފިޔާ އަށެވެ. ނަމަވެސް މިހާރު އޮތް ޑިމާންޑާ އެކު އަގު ވަނީ 30 ރުފިޔާ އަށް އުފުލިފަ އެވެ.

ކުއްޅަވައް މޮހީޓޯއެއް މިހާރު ވިއްކަނީ 30 ރުފިޔާއަށް

ޖައުފަރު ބުނިގޮތުގައި ރަސްމީ ވަޒީފާ ނިންމާލާފައި ވެސް އޭނާގެ ދުވަސް އޮންނަނީ ފުލްކޮށެވެ. ކެފޭ ބަންދަސް އޮފީސް ނިންމާލާފައި ވަރަށް ގިނަ އޯޑަރުތަކެއް އޮތިއްޔާ ބުއިންތައް ތައްޔާރުކޮށް އެ މަސައްކަތުގައި އޭނާ ގިނަ ވަގުތުތަކެއް ހޭދަ ކުރެ އެވެ. ކެފޭ ހިންގުމުގައި އޭނާގެ އަންހެނުން ވެސް އޭނާއާ އެކު ބައިވެރިވެ އެވެ.

ޖައުފަރު ފޯނުން މި އިންޓަވިއު ދެމުން ދިޔަ އިރު ވެސް އުޅުނީ ރަށަށް ގޮސް އުޅޭ ފުލުހުންގެ ޓީމަކަށް މެހްމާންދާރީ އަދާކުރުމުގަ އެވެ. އެމީހުންގެ ކޮމެންޓަކަށް ފޯނު ދިއްކޮށްލި އެވެ. ފުލުހުންގެ އަތޮޅު އިންޗާޖް މުހައްމަދު އަބްދުﷲ ކުއްޅަވައް މިލްކްޝޭކެއް ބޮނީ އެވެ. އޭނާ ބުނިގޮތުގައި ލަންދުއަށް ދާ ކޮންމެ ފަހަރަކު ވެސް މިލްކްޝޭކް އޭނާ އޯޑަރުކުރަނީ އެއީ އެ ރަށަށް ގޮސްފިއްޔާ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

"ވަރަށް ފުރިހަމަ. މިހާ މީރު މިލްކްޝޭކެއް އަދި ނުބޮން،" މުހައްމަދު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް