ވެއިޓް ޓްރެއިނިން ހަދަނީ: ބަރުދަން ލުއިކުރަން ވެއިޓް ޓްރެއިނިން މުހިންމު ރޯލެއް އަދާކުރޭ

ވެއިޓް ޓްރެއިނިންގެ ފައިދާ ބޮޑު، ފަލަވުމުން ދުރުކޮށްދޭ

ހަފުތާއަކު ދެތިން ދުވަހު ވެއިޓް ޓްރެއިން ހެދިޔަސް އެއިން ލިބޭ ފައިދާ ވަރަށް ބޮޑު ކަމަށް، އާ ދިރާސައިން ދައްކާ
18 ސެޕްޓެމްބަރު 2021

ބަރުދަން ލުއިކުރަން ނުވަތަ ތިމާއަށް އެކަށީގެންވާ ބަރުދަނުގައި ހަށިގަނޑު ބަހައްޓަން އެކި މީހުން އެކި ކަންކަންކުރެ އެވެ. އެއް ބަޔަކު ދުވަނީ އެވެ. އަނެއް ބަޔަކު ޖިމްއަށް ގޮސް، ތަފާތު އެކި ވައްތަރުތަކުގެ ކަސްރަތުތަކުގައި އުޅެ އެވެ. ކެއުމަށް ވަރަށް ބަލައިގެން ސިއްހަތަށް ސަމާލުވާ މީހުން ވެސް މަދެއް ނޫނެވެ.

ތަޖުރިބާކާރުން ގެންދަނީ، މި ދާއިރާއިން، ތަފާތު ދިރާސާތައް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ޝާއިއުކުރި ދިރާސާއަކުން ފެނުނީ، ކޮންމެ ދުވަހަކު ނޫނަސް، ހަފުތާގެ ދެ ތިން ދުވަހު ވެއިޓް ޓްރައިނިން ނުވަތަ ބަރު އުފުލައިގެން ކަސްރަތުކުރުމުގެ އާދަ ގެންގުޅޭ މީހުން ފަލަވުމުގެ ފުރުސަތު، ވެއިޓް ޓްރެއިނިން ނުހަދާ މީހުންނަށް ވުރެ 20 ނުވަތަ 30 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށެވެ.

އިންސާނާގެ ހަށިގަނޑު މަސައްކަތްކުރާ ގޮތް ވަރަށް ތަފާތެވެ. ތިމާ ހުންނަން ޖެހޭ މިންވަރަށް ވުރެ ފަލަވެއްޖެ ނަމަ، އެ ފަލަކަމުން ގިނަ މީހުންނަށް ސަލާމަތެއް ނުވެވެ އެވެ. އަދި ބަރުދަނުގެ ފަސް ޕަސެންޓް ލުއިކޮށްލެވުނަސް، ގިނަ މީހުން ފަސް އަހަރުގެ ތެރޭގައި އަނެއްކާވެސް ފަލަވާ ކަމަށް، ދިރާސާތަކުން ދައްކަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މީގައި އެންމެ މުހިންމީ ފަލަނުވާނެ ގޮތަކަށް އުޅުމެވެ. އެގޮތުން ހިނގުން، ބައިސްކަލް ދުއްވުން، ދުވުން އަދި ފެތުން ފަދަ އެއިރޮބިކް ކަންކަމަށް އާދަވެފައި ތިބޭ މީހުން، އެއިން އެއްވެސް ކަމެއް ނުކޮށް، ހަށިގަނޑަށް ފަރުވާކުޑަކުރާ މީހުންނަށް ވުރެ، ފަލަވުން ދުރެވެ.

ވެއިޓް ޓްރެއިން އާއި ފަލަވުމުން ދުރުވުމާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން މިހާތަނަށް މާ ގިނަ މައުލޫމާތެއް ނޭނގެ އެވެ. އެކަމަކު މިދިއަ ޖޫން މަހު ޕްލޮސް މެޑިސިންގައި ޖެހި ދިރާސާގައި ބަލާފައި ވަނީ ވެއިޓް ޓްރެއިން އާއި ފަލަވުމުން ދުރުކޮށްދޭ މިންވަރާ ހުރި ގުޅުމެވެ. އެމެރިކާގެ އައޮވާ ސްޓޭޓް ޔުނިވަސިޓީގެ ތަޖުރިބާރުންގެ ދިރާސާ ބިނާކުރީ ކޫޕާ ކްލިނިކަށް 1987 އާއި 2005އާ ދެމެދު ޒިޔާރަތްކުރި މީހުންގެ ތެރެއިން 12،000 މީހުންގެ ކަސްރަތުކުރުމުގެ އާދަކާދައަށެވެ. އެ އެންމެންނަކީ ވެސް މެދު އުމުރުގެ މީހުންނެވެ.

މި ކްލިނަކަށް ޒިޔާރަތްކުރާ މީހުންގެ ވަރަށް ގިނަ މައުލޫމާތު ރައްކާކުރެ އެވެ. އެގޮތުން ވެއިޓް ޓްރެއިން ހަދާތޯ ނުވަތަ ނޫންތޯ ކުރާ ސުވާލާއި، އޭގެ ޖަވާބު ވެސް ހިމެނެ އެވެ. އެހެންކަމުން ދިރާސާގައި އެ މީހުންގެ ކަސްރަތުކުރުމުގެ އާދަ ވަރަށް ރަނގަޅަށް އެނގުނެވެ.

ދިރާސާއިން ދެއްކީ ހަފުތާއަކު އެއް ގަޑިިއިރު ނުވަތަ ދެ ގަޑިއިރު ވެއިޓް ޓްރެއިން ހެދި މީހުން ފަލަވުމުގެ ފުރުސަތު، ވެއިޓް ޓްރެއިނިން ނުހަދާ މީހުންނަށް ވުރެ، 20 އާއި 30 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށެވެ. ހިނގުން، ދުވުން، ފެތުން އަދި ބައިސްކަލް ދުއްވުން ފަދަ ކަސްރަތުތަކާ އަޅާބެލުމުން ވެސް، އެ ނަތީޖާއަށް ބަދަލެއް ނާދެ އެވެ.

މި އިން އެނގެނީ، ދިރާސާގައި އިސްކޮށް ހުންނެވި އެންޖެލެކިއު ބްރެލެންތިން ވިދާޅުވި ގޮތުގައި، "ކުޑަކޮށް ވެއިޓް ޓްރެއިން ހެދިޔަސް އޭގެ އެތައް ފައިދާއެއް ލިބޭކަމެ"ވެ.

މި ދިރާސާގައި ބައިވެރިންގެ ކެއުމާއި ސިއްހިތަށް ބަލައިގެން އުޅުމުގެ އާދަތަކާއި ޖެނެޓިކްގެ ބައިތަކަށް ބަލާފައެއް ނުވެ އެވެ. ހަމައެކަނި ދިރާސާއިން އެނގެނީ ވެއިޓް ޓްރެއިނިން އާއި ފަލަވުމުން ދުރުކޮށްދިނުމާ ގުޅުން ހުރި ކަމެވެ. ނަމަވެސް މިއީ އޭގެ ޒާތުގައި ރަނގަޅު މެސެޖްތަކެއް އާންމުންނަށް ލިބިދޭ ދިރާސާއެކެވެ.

"އަހަރެންގެ ނަސޭހަތަކީ ދުވާލުގެ އާންމު މަސައްކަތުގެ ކުރިން ނުވަތަ ފަހުން ނަމަވެސް ކޮންމެވެސް ވަރަކަށް ބޮޑީ ވެއިޓް ކަސްރަތެއް ކޮށްލާށޭ،" ބްރެލެންތިން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް