ހައުސިން މިނިސްޓްރީގެ އިމާރާތުގެ ތެރެއިން ދުންގަނޑު ފެތުރެނީ (ދައުރު ފޮޓޯ/އައިޝާ އީމާން)
ހައުސިން މިނިސްޓްރީގެ އަލިފާންގަނޑު އަހަރެންގެ ލޯމަތީގައި
މުހިންމު ނުކުތާތައް
ދަރިން ސްކޫލަށް ލާފައި މައްޗަށް އަރާ ބަލައިލިއިރު ބޭރު ދޮރުން ފެނުނީ ދުންގަނޑު ބޯވެ، ފެތުރޭތަން
އަލިފާނުގެ ހޫނުގައި ގޭގެ ބިއްލޫރި ހުރިހާ ދޮރެއް ތެޅި ބިއްލޫރިތައް ވަނީ ބިންމައްޗަށް ފައިބައިފައި
ގެސްޓްހައުސްއެއްގައި ނިދޭނެ ގޮތް ގޭ އެންމެންނަށް އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައި
އަހަރެން ދިރިއުޅޭ ގެ ހުންނަނީ ހަައުސިން މިނިސްޓްރީއާ ދިމާލުން އަމީނީ މަގުގަ އެވެ. އާދައިގެ ދުވަހެކޭ އެއްގޮތަށް، އިއްޔެ ވެސް، ހެނދުނު ދަރިން ސްކޫލަށް ގެންދަން ތައްޔާރުކުރަމުން ދިޔައިމެވެ. ދިރިއުޅޭ އެޕާޓްމަންޓްގެ ޓެރަހަށް ނުކުތީ ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭ ކްރިއޭޓިވް އާޓްސްއަށް ބޭނުންވާ ފަތްކޮޅެއް ބިނުމަށެވެ. އޭރު ގަޑިން 7:20 އެވެ.
އޭގެ 10 ވަރަކަށް މިނިޓް ފަހުން، 7:30 ހާއިރު، ފިރިމީހާ ނުކުމެ ބުނީ ދުން އަރާ ވާހަކަ އެވެ. އޭރު ދުންގަނޑު މާ އޮލައެއް ނޫނެވެ. ބޭރު ބަލައިލި އިރު ދިވެހި ރާއްޖޭގެ އަޑުގެ މައިދޮރާ ދިމާލުގައި ފަޔާ ލޮރީ އޮތެވެ. ހައުސިން މިނިސްޓްރީގެ މައި ދޮރު ހުންނަ ދިމާލުން ދުން އަރާއިރު ފަޔާ ލޮރީ އޮތުމުން މިއީ އާދައިގެ ކުޑަކުޑަ އަލިފާންގަނޑެއްކަމާއި ފަސޭހައިން ނިންވާލެވޭނެ ކަމަށް ވިސްނުނެވެ.
ދަރިން ސްކޫލަށް ފޮނުވަން ތައްޔާރުކުރީ މާސްކް އަޅުވައިފަ އެވެ. އެކަމަކު ދުންގަނޑު ތެރެއިން ކުދިން ގެންދަން ޖެހޭތީ އަހަރެން ބިރުގަތްފައި ހުރި ވަރުން ތިރިއަށް ފޭބީ ފިރިމީހާ އެކު އެވެ. އޭނާ ބުނީ ރައްކާތެރިކަމާ އެކު ސްކޫލަށް ދެވޭނެ ކަމަށެވެ. އޭނާ ބުނި ގޮތުން ދުންގަނޑު އެދަނީ މައްޗަށެވެ. އެހެންކަމުން މަގުމަތި ރައްކާތެރިވާނެ އެވެ. ސްކޫލަށް ވެސް ދެވޭނެ އެވެ.
ދަރިން ސްކޫލަށް ލާފައި އަނެއްކާ މައްޗަށް އެރީ އޮފީހަށް ދާން ތައްޔާރުވާށެވެ. ގޭގެ ހަ ވަނަ ބުރީގެ ކުޑަ ދޮރުތަކުން ބޯ ދުންގަނޑު ފެންނަން ފަށައިފި އެވެ. ހުއްޓުން އަރާފައި ސޯފާގައި އިނދެވުނީ ބޭރަށް ބަލާށެވެ. ދުންގަނޑު ބޯވަމުން، އަލިފާނުގެ ނުރައްކާ ވެސް ބޮޑުވަމުން ދާތަން ފެންނާތީ ޝޮކެއް ޖެހިފަ އެވެ.
ފަޔާ ލޮރީން ފެން ނުވަތަ ފޯމް ޖަހައިގެން އަލިފާން ނިންވަން އުޅޭތަނެއް ނުފެނެ އެވެ. ހައިރާންކަމުގައި އަހަންނަށް ހުރެވުނީ އޮފީހަށް ދާން ތައްޔާރުވާން ވެސް ނޭނގިފަ އެވެ.
ދޮރުގައި މީހަކު ވަރަށް ބާރަށް ޓަކި ޖެހިމުން ދޮރު ހުޅުވި އިރު އެމްއެންޑީއެފްގެ އޮފިސަރެކެވެ. އޭނާ ބުނީ ވަގުތުން ގެ ހުސްކޮށް ފުޑް ކޯޓާ ދިމާލަށް ދިއުމަށެވެ.
ގޭގެ ދެވަނަ ބުރީގައި އުޅޭ އާއިލާގެ އެހެން މީހުން ކައިރިއަށް ތިރިއަށް ފޭބީމެވެ. އެންމެން ވެސް ތިބީ ހާސްކަމުގެ ތެރޭގަ އެވެ. ގެއިން ނުކުންނަން ތައްޔާރުވަނީ އެވެ. އެ ފްލޯގައި އުޅޭ އާއިލާގެ ފިރިހެން ކުއްޖަކު ތިރިއަށް ފޭބި އެވެ. އެކަމަކު އެވަގުތު ދުންގަނޑު ބޯކަމުން އަލުން މައްޗަށް އަރަން ތިރީގައި ހުރި އެމްއެންޑީއެފް މީހަކު ބުނުމާ އެކު އަލުން މައްޗަށް އެރީ އެވެ.
ކުޑަ ދޮރުން ބޭރު ބަލައިލި އިރު ހައުސިން މިނިސްޓްރީގެ ހުޅަނގު ފަރާތުން ފެނުނު ދުންގަނޑު ފެތުރި އިމާރާތުގެ އިރުމަތީ ބަޔަށް ވެސް ފޯރައިފި އެވެ. އަލިފާން ފެތުރެނީ އެވެ. ކޮންމެ ސިކުންތަކާ އެކު ހާދިސާ ބޮޑުވަނީ އެވެ.
މިނިސްޓްރީގެ ސީލިން ފަޅައިގެން ދިޔައީ ބަލަން ހުއްޓަ އެވެ. ގޭގެ ދެވަނަ ބުރިން ބެލްކަންޏަށް ނުކުންނަން ހުރި ބިއްލޫރި ދޮރު ހޫނުވާން ފަށައިފި އެވެ. އެމްއެންޑީއެފްގެ ދެ އޮފިސަރުން އަލުން މައްޗަށް އަރާ މުޅި އިމާރާތް ހުސްކުރަން އެންގީ އެވަގުތު އެވެ.
އެންމެން އެއްކޮށް ނުކުމެ ހިނގައިގަތީ ފުޑް ކޯޓާ ދިމާލަށެވެ. އޭރުވެސް އަމީނީ މަގުގައި މުނިހޯމް ކެއާ ކުރިމަތީގައި އޮތް ފަޔާ ލޮރީން ފެން ނޫނީ ފޯމް ޖަހަން އުޅޭ ތަނެއް ނުފެނެ އެވެ. އެކަމާ އަހަރެން ހައިރާންވި އެވެ.
އަހަރެން ދެން ގޮސް މަޑުކޮށްލީ ވިޔަފާރިވެރިންގެ މިސްކިތް ކައިރީ އެއްވެފައި ތިބި މީހުންގެ ކައިރިއަށެވެ. އޭރު އެމީހުން ދައްކަނީ ފްލެޓް ލިސްޓް އަނދައިގެން ދިޔަ ވާހަކަ އެވެ. ފެން ނުޖަހަނީ ކީއްވެތޯ އެކަކު ސުވާލުކުރި އެވެ. އެތަނުން ވާހަކަ ދެއްކި އަންހެނަކު ބުނި ގޮތުގައި އޭނާގެ ދަރިން ސްކޫލަށް ލާން 7:20 ހާއިރު ދިޔައިރު ވެސް ދިވެހި ރާއްޖޭގެ އަޑު ކައިރީގައި ފަޔާ ލޮރީ އޮތެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެމްއެންޑީއެފުން އޭރު މަސައްކަތް ކުރަނީ އެވެ. އޭރު ހުޅުގަނޑު އޮތީ އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލިޑިންގާ ހިސާބަށް ފޯރައިފަ އެވެ.
ދެން އެތަނުގައި ނުހުންނަންވެގެން ދިޔައީ ހެންވޭރުގައި ހުރި އާއިލާގެ ގެއަކަށެވެ. އެނބުރި ގެއަށް ދިޔައީ ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ. ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނަށް ގޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ހިއްސާކުރީމެވެ. ބޭނުންވާ އަސާސީ އެއްޗެހި ބަލައި ގޭތެރެއަށް ވަނުމުގެ ހުއްދައަށް ވެސް އެދުނީމެވެ.
ގޭގައި އަލިފާން ރޯ ނުވިޔަސް ގޭތެރޭގެ ހާލަތު ގޯހެވެ. ހުރިހާ ބުރިއެއްގެ ހުރިހާ ކުޑަދޮރުތަކާއި ބިއްލޫރިތައް ތެޅި ހުރީ ބިންމައްޗަށް ފައިބައިފަ އެވެ. މުޅި ގޭގައި ދުމެވެ.
އަވަސް އަވަހަށް އެއްޗެހި ނަގައިގެން ނުކުތް އިރު، މާސްކް އަޅައިގެން ހުރި ނަމަވެސް، ދެ ލޮލާއި ކަރުތެރެ ހިރުވަން ފަށައިފި އެވެ.
އަހަރެން އުޅެމުން އަންނަ ގެއާ ޖެހިގެން ހުންނަ 'މަހުމާ ވިލާ' ފުރާޅުގައި އޮތް ގޯންޏެއްގައި ރޯވި އެވެ. ޓީވީ ކަވަރޭޖެއްގައި ބުނީ އެގޭ ފުރާޅުގައި ރޯވެގެން އުޅޭ ވާހަކަ އެވެ. އެކަމާ ކަންބޮޑުވެގެން އަހަރެންގެ މަންމަ ގުޅި އެވެ. ނަމަވެސް ގޯނީގައި ރޯވި އަލިފާން އަވަށްޓެރިންގެ ބަޔަކު ފެން ޖަހައި ނިއްވާލި އެވެ. އެހެންކަމުން އެ ބިރު އެހާ ހިސާބުން ފިލީ އެވެ.
ޖެހިގެން ހަދަމުން އަންނަ 'ގައްދަޑު'ގޭ މަތީގައި ހުރި ލަކުޑިތަކެއްގައި ވެސް ރޯވި އެވެ. އެ އަލިފާންގަނޑު ބޮޑުވުމުގެ ކުރިން އެހެން ގެއެއްގެ ޓެރަސް މަތިން ފެން ޖަހައި ނިއްވާލީ ވެސް އަވަށްޓެރިއެކެވެ.
ހައުސިން މިނިސްޓްރީއަކީ، ފެންނަ ފެނުމުގައި، ސެކިއުރިޓީ ވެސް ވަރުގަދަ ތަނެކެވެ. އަބަދު ސެކިއުރިޓީ ގާޑުން ވެސް ތިބެ އެވެ. އެކަމަކު އަލިފާން ރޯވީ ކީއްވެގެންކަން އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ.
ބޮޑު ދެ މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ލިއުންތައް ވެސް ހުރި އިމާރާތްތަކެއް މިގޮތަށް އަނދައިގެން ދިއުމުން ދެރަވެ އެވެ.
ދެން އޮތީ އަމިއްލަ ދިރިއުޅުމެވެ. ގޭތެރެއިން ދުމުގެ އަސަރު އަދިވެސް ނުކެނޑޭތީ އާއި ބިއްލޫރި ދޮރުތައް ފުނޑުފުނޑުވުމުން ހާލަތު ހަމަޔަކަށް އެޅެން ދުވަސްތަކެއް ނަގާނެ އެވެ.
ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ރެނދުލާފައި ހުރި ބިއްލޫރިތައް ވެސް ތަޅައި، ގެއަށް ވާރޭ ނުވަންނާނެހެން ފިލާ ޖަހަމުންނެވެ.
ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ގޭ އެންމެންނަށް ނިދޭނެ ގޮތް، ގެސްޓްހައުސްއެއްގައި ހަމަޖައްސައިދީފަ އެވެ.
ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރަން ޖެހެ އެވެ. ދަންނަ މީހުން ހާލުބަލައި ހެދި އެވެ. އަވަށްޓެރިކަމުގެ ގުޅުން ވެސް ދެމެހެއްޓި އެވެ.
ދުއާއަކީ މިފަދަ ނުރައްކާތެރި އަދި ގެއްލުން ބޮޑު ހާދިސާތަކުން ރައްކާތެރިކޮށްދިނުމެވެ. މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ކަންކަން އިންތިޒާމްވުމެވެ. އަދި އަލިފާން ނިއްވުމުގެ ގާބިލްކަން މިހާރަށް ވުރެ ބޮޑަށް، ކަމާ ބެހޭ އިދާރާތަކަށް ލިބުމެވެ.
ކޮމެންޓް (3)
ދުމަށި
ހަމްކޮ
ހަމްދޫން