ހަގު ދަރިފުޅު އުރާލައިގެން އަދި ދެން ހުރި ދަރިފުޅު ކައިރީގައި ބަހައްޓައިގެން ހަނޫން ފިލާވަޅު ނަގައިދެނީ. ދަރިން ގޮވައިގެން ބައެއް ދުވަސް ދުވަހު އޭނާ ސްކޫލަށް ދޭ
ދަރިން ގޮވައިގެން ސްކޫލަށް؛ ބުނެދިނީ ބަފައިންގެ ޒިންމާ ވެސް ބޮޑުކަން
އާއްމު ދުވަހެއްގައި ވެސް އަލީ ހަނޫން ހުސައިން ދެ ޑިއުޓީއެއް ނަގަ އެވެ؛ ސްކޫލު ޓީޗަރެއްގެ ޒިންމާ އާއި ގެއަށް އައިސް ކުދިވެރިން މަތަކޮށް، އަނބިމީހާއަށް އަތްގާތްކޮށްލަ ދިނުމެވެ. އެކަމަކު ހަނޫންގެ މި 'ޒިންމާދާރުކަން' އާއްމުންނަށް ފެނުނީ މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުންނެވެ.
އެ ވީޑިއޯއިން ފެންނަނީ ސްކޫލުގައި އޭނާ ދަރިވަރުންތަކަކަށް ކިޔަވައިދޭ ތަނެވެ. އޭރު އެއް ދަރި އުރުގައި އިން އިރު، ދޮށީ ދަރި ހުރީ، ބައްޕަގެ ފައިގައި އޮޅުލައިގަނެގެންނެވެ. މިއީ ރާއްޖޭގައި އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ހާއްސަކޮށް، ފިރިހެން ޓީޗަރަކު ސްކޫލުގައި ކިޔަވައިދެމުން ދާއިރު ދަރިން ކައިރީގައި ތިބުމަކީ ފެނުން ނާދިރު މަންޒަރެކެވެ. އެކަމަކު ހަނޫންގެ ދިރިއުޅުގައި އެ ވަގުތު އެ ނޫން ގޮތެއް ނެތީ އެވެ.
"އަޅުގަނޑުގެ އުމުރުން 32 އަހަރު. ހަ ކުދިން އެބަތިބި. އެކަމަކު އެ ހުރިހާ ކުދިން ބެލުމަކީ އެ ކުދިންގެ މަންމަގެ އެކަނި ޒިންމާއެއް ކަމަކަށް ނުދެކެން،" ޅ. ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގެ ލީޑިން ޓީޗަރު ހަނޫން ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެ ވީޑިއޯ ނަގާފައިވަނީ އަންހެނުން އެންމެ ހަގު ދަރިފުޅު ވިހައިގެން އުޅުނު އިރެވެ. ސްކޫލުގެ ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ތަނުން، ހަގަށް ތިބި ދެ ދަރިން ބޭރަށް ނުކުންނަން ރޯން ފަށައިފި އެވެ. އޭރު އަނބިމީހާ ހަގު ދަރިފުޅުގެ ކަންކަމާ މަސްއޫލުވެ އުޅެން ޖެހުމުން، އޭނާ ނިންމީ ކުދިން މަސަލަސް ކުރުމަށް، ޕިކަޕެއްގައި އެ ކުދިން ގޮވައިގެން ބުރެއް ޖަހާލަން ދާށެވެ. އެކަމަކު ބޭރަށް ނުކުތްތަނުން ރިލީފް ގަޑިއެއް ނަގަން ޖެހި ކުއްލިއަކަށް ފޯނަށް މެސެޖް އަ އެވެ. ދެ ކުދިން އަނެއްކާ ގެއަށް ލައި އަނބިމީހާއާ ހަވާލުކުރުމަށް ވުރެ އެ ވަގުތު އެންމެ ރަނގަޅު ގޮތަކީ ކުދިން ގޮވައިގެން ސްކޫލަށް ދިޔުން ކަމަށް އޭނާ ގަބޫލު ކުރި އެވެ.
އެ ދުވަހު، މަތީ ގްރޭޑްތަަކުގެ ކުދިން ތަކަކަށް އޭނާ ޖޯޝުގައި ފިލާވަޅު ނަގައިދެމުން ދިޔަ އިރު، ދެ ކުދިން ވެސް ތިބީ، ބައްޕަގެ ހިމާޔަތުގަ އެވެ.
މިއީ ހަނޫން މިގޮތަށް ދަރިން ގޮވައިގެން ސްކޫލަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. އަނބިމީހާއަށް މާ ބުރަ ވާނެތީ، ބައެއް ކުދިން ގޮވައިގެން އޭނާ ސްކޫލަށް އައިސް ކްލާހުގެ އެއް ކައިރީގައި ބައިންދާލައިގެން ފިލާވަޅު ނަގައިދެ އެވެ. އަނެއް ބައި ދުވަސް ދުވަހު ދަރިން އުރައިގެން ހުރެ ވެސް ކިޔަވައިދެ އެވެ. ސްކޫލުން އެއީ މައްސަލައެއް ކަމަކަށް ނުދެކޭތީ، އޭނާއަށް އެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ދޭން ބޭނުންވާ މެސެޖަކީ ވެސް މިއީ ނޯމްއަކަށް ވާން ޖެހެއޭ،" ހަނޫން ބުންޏެވެ.
" އެންމެންގެ ދިރިއުޅުމުގެ ހާލަތު ތަފާތު ވާނެ. ވަޒީފާ އަދާ ކުރާ މައިން އުޅޭއިރު ގޭގައި ތިބޭ މައިންގެ ޒިންމާ ވެސް ބޮޑު. އެ މީހުން ބަލި ވެސް ވާނެ. ބިޒީ ވެސް ވާނެ. އެހެންވެ، މި ކަހަލަ ހާލަތެއްގައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު، ވަޒީފާގެ މާހައުލުގައި ވެސް ފަހިވެފައި އޮންނަން ޖެހޭނެ."
ގިނަ ދަރިންތަކަކާ އެކު ބޮޑެތި ޒިންމާތަކެއް
ކައިވެންޏަށް 13 އަހަރު ވީއިރު، ހަނޫންގެ ދެމަފިރިންނަށް ހަ ކުދިން ވަނީ ލިބިފަ އެވެ. ބައެއް ކުދިން ވަރަށް ގާތްގާތުގަ އެވެ. އޭނާ ދެކޭ ގޮތުގައި ދަރިންނަކީ ﷲ ދެއްވާ ނިއުމަތެކެވެ. އެކަމަކު ދަރިން ހޯދަން މަސައްކަތެއް ނުކުރަނީސް ލިބޭ އެ ދަރިންނާއި އޭނާގެ ހާލަތާ މެދު ބައެއް މީހުން މަލާމާތް ކުރާކަން އޭނާއަށް އެނގެ އެވެ. އެއީ، އެ ދެމަފިރިންނަށް ކުރިމަތިވާ އެންމެ ބޮޑު ހިތާމަ އެވެ.
ހަނޫން ބުނި ގޮތުގައި، އެންމެ ހަގު ދަރިފުޅަށް އަހަރު ނުވަނީސް، އެހެން ކުއްޖަކަށް ބަނޑުބޮޑުވުމުން، މީހުން ކިޔާނެ އެއްޗެއްސާ މެދު އަނބިމީހާ ވަރަށް ކަންބޮޑުވެ އުޅުނެވެ. ރަށު ހޮސްޕިޓަލަށް ދައްކަން ދާން ވެސް ދެކޮޅު ހެދި އެވެ. ކައިރިކައިރީގައި ދަރިން ލިބުމަކީ، މީހުންގެ މަލާމާތް ކިހާ ވަރަކަށް ލިބޭ ކަމެއްކަން، އެ ދުވަސްވަރު އެ މީހުން ތަޖުރިބާކުރި އެވެ. އެހީތެރިކަމާއި ހިތްވަރަށް އެންމެ ބޭނުންވި ވަގުތު، އުއްމީދު ވެސް ނުކުރާ މީހުންގެ ފަރާތުން ހިތި ބަސްތައް އަހަން އެ މީހުންނަށް ޖެހުނެވެ. އޭގެ ތެރޭގައި ގާތް މީހުންނާއި ދުރު މީހުންނާއި ރަހްމަތްތެރިން ވެސް ހިމެނޭކަން އޭނާ ފާހަގަ ކުރި އެވެ.
އެހެންވެ، ހަގު ދަރިފުޅު އުފަންވުމާ އެކު، އެ ކުއްޖާ އަތުގެ ތެރެއަށް ލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއަކާ އެކު، ހަނޫން އޭނާގެ ޝުއޫރުތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި އެވެ.
"ގިނަ ދަރިން ތިބީތީވެ، ރިޒުގު ދަތިވެދާނެތީ، ލިބޭ މުސާރައިން ދެކޮޅު ނުޖެހިދާނެތީ، ބައްޕަ ނުވިސްނަމެވެ. ބައްޕައަށް ރިޒުގު ދެއްވާ ފަރާތުން ދަރިންނަށް ވެސް ރިޒުގު ދެއްވާނެ އެވެ. އެ ރިޒްގު ވަނީ ކަނޑައެޅި ނިމިފަ އެވެ. އަދި އެއީ، ބައްޕަގެ ރިޒުގުގެ ތެރެއިން ކަނޑައެޅިފައިވާ އެއްޗެއް ވެސް ނޫނެވެ." ހަގު ދަރިފުޅާ މުހާތަބުކޮށް، ހަނޫން ލިޔުނެވެ.
ހަނޫން ބުނި ގޮތުގައި ގިނަ ދަރިން ލިބޭ ވަރަަކަށް، އެ ކުދިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންގެ ޒިންމާ ވެސް ބޮޑުވެ އެވެ. އެ ހުރިހާ ކަމެއް ޖެހެނީ، ދެމަފިރިން ބަހާލައިގެން ކުރާށެވެ. ހަ ދަރިންނާ އެކު، އޭނާގެ ދިރިއުޅުމުގެ ޒިންމާތައް ވެސް އިންތިހާއަށް ބޮޑުވި ކަމަށް ބުންޏެވެ.
ލީޑިން ޓީޗަރެއްގެ އިތުރުން ހަނޫނަކީ ސްކޫލުގެ އިސްލާމް ޑިޕާޓްމެންޓުގެ ހެޑެވެ. އެސްއެސްއީއަށް ކުދިން ތަމްރީނުކޮށްދިނުމަށް، ރަށްރަށުގައި އޭނާ ސްޓަޑީ ކޭމްޕުތައް ހިންގަ އެވެ. ކިޔަވައިދޭން ޓިއުޝަން ނަގައި ދެ އެވެ. އެކަމަކު ހަ ވަނަ ދަރިއަށް އަނބިމީހާ ބަލިވެ އިނުމާ އެކު، އާމްދަނީ ހޯދަން ކުރި ބައެއް ކަންކަން މަޑުކޮށްލަން ޖެހުނެވެ. އޭގެ ބަދަލުގައި އޭނާ ހުސްވީ، ދަރިންނާއި އަނބިމީހާގެ ހިދުމަތުގަ އެވެ.
"ސްކޫލަށް ދާ ތިން ކުދިން ތިބޭއިރު، އެ ހުރިހާ ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ޓިއުޝަނާއި ކުޅިވަރުތަކަށް ގެންގޮސް ހަދަން ދުވާލަކު ސައިކަލުގައި 20 ބުރު ޖަހަން ޖެހޭ. އެންމެ ހަގު ކުއްޖާ އޮޕަރޭޝަނަށް ފަހު ނެގުމުން، އަނބިމީހާއަށް ފަސޭހަކޮށްދޭން އިތުރު ވަރަށް ގިނަ ޒިންމާތަކެއް ވެސް ނަގަން ޖެހުނު،" ހަނޫން ބުންޏެވެ.
"އެކަމަކު އެ ހުރިހާ ކަމެއް އަޅުގަނޑު ކުރަނީ އެއީ އަޅުގަނޑުގެ ޒިންމާއަކަށް ވާތީ."
ގިނަ ދަރިން ލިބުމަކީ އޭނާ ދެކޭ ގޮތުގައި ފަހުރެއް ނޫނެވެ. އެކަމަކު އެއީ ﷲ ދެއްވި އަމާނާތެއް ކަމުގައި ދެކިގެން އެކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގެ ހިތްވަރު ހުންނަން ޖެހެ އެވެ. އާމްދަނީ ހޯދުމުގެ އިތުރުން، ދަރިންގެ ކަންކަމުގައި ވެސް ބައްޕަ އެހީތެރިވާން ޖެހެ އެވެ. އެއަށް ވުރެ ބޮޑަށް، ވަޒީފާގެ މާހައުލުގައި ވެސް ކުދިން ގޮވައިގެން އުޅެވޭނެ ފަދަ ގޮތަކަކަށް ކަންކަން ބައްޓަން ވެފައި ހުންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ކޮމެންޓް (27)
ރޮވިއްޖެ
އަލިބެ…….
ސަނައްޓޭ
ސުތުރާ
ނަން
ޢެކްސް ޓިޗަރ
ހަސަނު
އުސައިދު
ނަން
ގަމީހެއް
ބާބޫ
މާމަ
ހާރިޖީ
ރައްދު
ނަން
ބސނއ
ޑޮކްޓަރު
އަނގަ
ޢަލީ
މުނީރާ
ބުރޯ
ހުސައިން
ޏނޯޓް
ޢަޙްމަދު
އާމިނާ
ޓީޗަރ
ސަނައްޓޭ