ނ. އަތޮޅަށް ނިސްބަތްވާ ބައެއް ފަންނާނުންގެ އަޑު މުޅި ރާއްޖެއަށް މަޝްހޫރެވެ. ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ އާއި އެ ރަށު މޭނާ ހައްސާނަކީ ދިވެހިންގެ ލޯބި ލިބިފައި ހުރި އަޑުތަކުގެ ވެރިންނެވެ.
މިހާރު މި ފެންނަނީ ޒުވާނެކެވެ. އުމުރުން 21 އަހަރުގެ މުހައްމަދު ސާއީ މުބާރިކް އެވެ. ހޮޅުދުއަށް އުފަން މުޅިން ތަފާތު އަޑެއްގެ ވެރިއެކެވެ. އަނެއް ދެ ބޭފުޅުންނަށް ވުރެ ބޮޑަށް އަޑު ގެންގުޅުމުގައި އެތައް ހުނަރެއް ލިބި، އެ ހުނަރު ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ޒުވާނެކެވެ.
ސާއީ ގްރޭޑް 5އާ ހިސާބަށް އަމިއްލަ ރަށުގައި ކިޔުވުމަށް ފަހު މާލެ ބަދަލުވެ އުޅުނީ އިމާދުއްދީން އާއި އަހުމަދިއްޔާ ސްކޫލްގަ އެވެ. މިހާރު ސާއީއަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފައިނޭންސް ޑިޕާޓްމަންޓްގެ މުވައްޒަފެކެވެ.
ސޯޝަލް މީޑިއާގައި އޭނާގެ އަޑުން އެތައް ހާސް ބަޔަކު ހައިރާންކޮށްލައިފި އެވެ. ވޮއިސް އާޓިސްޓެއްގެ ގޮތުން އިޝްތިހާރުތަކަށް އަޑު އަޅައިދެ އެވެ. ދުނިޔެއަށް މަޝްހޫރު އެތައް ބައެއްގެ އަޑުން ވާހަކަ ދައްކަ އެވެ. މަޝްހޫރު ގާރީންގެ ރީތި ކިޔެވުން ހަމަ އެގޮތަށް އެހަރަ ކިޔަވާލަނީ އެވެ.
ތަފާތު ހުނަރުތަކުން ބޮޑު ސަމާލުކަމެއް
ޓިކްޓޮކްގައި އެކި މީހުންގެ އަޑުން އޭނާގެ ހުނަރު ދައްކަން ފެށުމުގެ ކުރިން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނީ ގުރުއާން ކިޔެވުމުގެ ރޮނގުންނެވެ. އެކަމުގައި އޭނާއަކީ އާދައިގެ ޒުވާނެއް ނޫނެވެ. އެއީ އާދައިގެ ކިޔެވުމެއް ވެސް ނޫނެވެ.
ރާއްޖޭގައި މިފަހުން ބޭއްވި ބޮޑެތި ބައެއް ގުރުއާން މުބާރާތްތަކުން އޭނާ ވަނީ އެއްވަނަ ހޯދައިފަ އެވެ. އޭގެ ތެރޭގައި ގައުމީ މުބާރާތާއި ރާއްޖެޓީވީގެ 'ރަން ތާޖު' ގުރުއާން މުބާރާތް ހިމެނެ އެވެ. އޭނާގެ ހަނދާނުން ފިލައިގެން ނުދާނީ 2019ގައި ގުރުއާން ކިޔެވުމުން ލިބުނު ކާމިޔާބީތަކެވެ. ރާއްޖޭގެ ބޮޑު ހަތަރު މުބާރާތުން ވެސް އެއްވަނަ ހޯދި އެވެ.
ސާއީ އަޑުއަޅާފައިވާ އިޝްތިހާރުތަކުގެ ތެރެއިން މޯލްޑިވިއަންގެ އިޝްތިހާރެއް އާއްމުންގެ މެދުގައި ވަކިން ބޮޑަށް މަގުބޫލެވެ.
މީހުން ހެއްވާލާ ފަދަ ކްލިޕްތައް ވެސް ސާއީ ސޯޝަލް މީޑިއާގައި އޭނާގެ އަޑުގެ ހުނަރު ބޭނުންކޮށްގެން ޝާއިއުކުރެ އެވެ. ހޮޅުދޫ އަބްދުﷲ ކިޔާފައިވާ މަދަހަ 'ނަފްސު ހޭލައްވާލާދޭށޭ އަންނަނީ ރަމަޟާން ކަރީމް' އަށް އޭނާގެ އެކުވެރިޔަކާ ގުޅިގެން ޅެން ހަދާފައި ޓިކްޓޮކްގައި އާއްމުކުރުމުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. އެ ވީޑިއޯގައި އޭނާ އަލިއަޅުވާލީ ވާރޭވެހޭ އިރު މާލެ ފެންބޮޑުވާ މައްސަލައަށެވެ.
"ފުރަތަމަ ތަންކޮޅު އެއީ އެކުވެރިޔާ ކިޔާލި ތަންކޮޅެއް. ދެން ސާއީ އެއަށް އިތުރުކޮށް، އެ ގަޑީގައި ދެ މީހުން ހެމުން މަޖަަލަކަށް އޭތި ކިޔާލީ. ފަހުން އޭތި އަލުން ރިކޯޑްކޮށް ވީޑިއޯ ހަދާފައި ޓިކްޓޮކްއަށް ލީ،" ސާއީ ކިޔައިދިނެވެ.
ބައެއް މީހުންނަށް މިއީ ޒުވާނެއްގެ އަޑު ކަމަށް ގަބޫލުކުރަން ދަތިވެ މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ކްލިޕެއް ކަމުގައި ނިންމި އެވެ.
ވޮއިސް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވީ ގޮތް ކިޔައިދެމުން ސާއީ ބުނީ ވޯކަލް ކޯޑުތަކަށް އެކި ގޮތްގޮތަށް ބާރު ލައިގެން އަމިއްލަ އަޑު އަސްލު ހުންނަ ގޮތް ނޫން އެހެން ގޮތްގޮތަށް ބަދަލު ކުރުމަކީ ކުޑައިރުއްސުރެ ވެސް އޭނާ ކުރަމުން އައި ކަމެއް ކަމަށެވެ.
"ފިލްމު ބަލައިގެން އެގޮތަށް ވާހަކަ ދެއްކޭތޯ ބަލާ، އެ އިމިޓޭޓްކޮށް، އަޑު ބަދަލުކުރަން އެކްސްޕެރިމަންޓް ކުރަނީ،" ސާއީ ބުންޏެވެ.
@mohamed_saii 🎶 🎵 Nafsu Heylavvaala dheyshey Male fen bodu vejjeyey 🎶 🎵 AGAIN #fyp #fypシ #fypシ゚viral #foryou #foryoupage #viraltiktok #maldivestiktok #dhivehitiktok ♬ original sound - Mohamed_Sai
ޓިކްޓޮކް ކަހަލަ ޕްލެޓްފޯމްތައް އާއްމުވުމުގެ ކުރިން ވެސް އޭނާ މި ގޮތަށް އަމިއްލައަށް ގޭގައި އަޑު ބަދަލުކޮށްގެން އުޅެމުން ގޮސް، ޓިކްޓޮކްގައި މިގޮތަށް ވޮއިސް އާޓިސްޓުން އުޅޭތަން ފެނުމުން މިގޮތަށް ވީޑިއޯ ހެދުމަށް ޝައުގުވެރިވީ އެވެ.
ފިލްމުތައް ބަލައިގެން އަޑު ބަދަލު ކުރުމުގެ އިތުރުން އެހެން ކަމެއް ވެސް ސާއީ ކުރަން ފެށި އެވެ. ފިލްމްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު ބޭނުންކުރާ ރާގާއި ވައްޓަފާޅި އޭނާ ފަސޭހައިން ދަސްކުރި އެވެ. އެމެެރިކާ މީހުން ވާހަކަ ދައްކާ ރާގާއި އިނގިރޭސީން ވާހަަކަ ދައްކާ ގޮޮތުގެ ތަފާތު ފަސޭހައިން ދެނެގަނެ އެ ރާގުތަކަށް އޭނާ ވާހަކަ ދައްކަ އެވެ.
ރާއްޖެއިން ބޭރުގައި ވޮއިސް އެކްޓަރުންނާއި އާޓިސްޓުންނަކީ މުހިއްމު ބައެކެވެ. އެއީ ވާދަވެރިކަން ބޮޑު، ގިނައިން އާމްދަނީ ވެސް ހޯދޭ ދާއިރާއެކެވެ. ރާއްޖޭގައި މިފަންނު އަދި އެވަރަށް ކުރިއަރައިގެން ނުދިޔަޔަސް މި ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުން އުޅޭނެކަން ޔަގީނެވެ.
އެފަދަ އެންމެންނަށް ސާއީ ކިޔައިދޭން އޮތީ އޭނާ މިކަން ދަސްކުރި ގޮތެވެ. އޭނާ އަޑު ބަދަލުކުރުމަށް ޝައުގުވެރިވާތީ އެކްސެންޓުތައް ދަސްކުރީ ހޮލީވުޑްގެ ފިލްމްތައް ބަލައިގެންނެވެ.
"ވަރަށް މުހިއްމު، އެއް ކްލިޕެއް ތަކުރާރުކޮށް ބަލައިގެން ހަމަ އޭގައި އެ ބުނާ ގޮތަށް ބަސްތައް އަޑާއި ރާގުން ބުނަން ދަސްކުރުން. އެކްސެންޓްތައް ދަސްކުރާއިރު، ޕްރޮނައުންސް ކުރާ ގޮތާއި އަޑު ގެންގުޅޭ ގޮތް ކަނުލާ އަޑުއެހުން ވަރަށް މުހިއްމު. ދެން ހަމަ ރަނގަޅަށް ބުނާ ގޮތަށް ބުނެވެންދެން ރިޕީޓް ކުރަންވީ،" ސާއީ އޭނާ ގެންގުޅޭ ބައެއް އުކުޅުތައް ކިޔައިދިނެވެ.
އަދި މިއަށް ވުރެ މުހިއްމު ވާހަކައެއް އެބައޮތެވެ. އޭނާއަކީ އަޑަށާއި ސިއްހަތަށް ގެއްލުންހުރި ސިނގިރޭޓާއި ވޭޕާއި ސުޕާރީ އާއި ފިޒީ ބުއިންތަކާ މުޅިން ދުރު ޒުވާނެކެވެ. ފިނި ބުއިންތަކާއި ޝޭކްތަކާ ވެސް އާއްމު ގޮތެއްގައި އޭނާ ދުރެވެ. އެކަމަަކު އޭނާ ބުނީ ގުރުއާން މުބާރާތެއް ނިންމާލާފައި އެކަން ފާހަގަ ކުރުމުގެ ގޮތުން މިލްކްޝޭކެއް ބޮއެފައި ހުރެދާނެ ކަމަށެވެ.
ސާއީ ބުނާ ގޮތުން އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ވެނޯމް ވޮއިސް އޯވާ އެވެ. އެއީ އޭނާގެ އަޑާ ގުޅޭ ވަރަށް ފުން އަޑެއް ބޭނުން ކުރަން ޖެހުމުންނެވެ.
ގުރުއާން ކިޔެވުމުގައި ވިދުންގަދަ
ސާއީ މިހާރު ވޮއިސް އާޓިސްޓެއްގެ ގޮތުން މަގުބޫލުކަން ހޯދަމުންދިޔަޔަސް އޭނާ އަސްލު މަޝްހޫރުވީ ތަފާތު އެކި މުބާރާތްތަކުން ރީތިކޮށް ގުރުއާން ކިޔަވައިގެން ސްކޫލާއި އަތޮޅާއި ރަށް އަދި އޭނާ އަމިއްލަ ނަފްސު ފަހުރުވެރިވާނެ ފަދަ ވަނަތަކެއް ހޯދި ޒުވާނެއްގެ ގޮތުގަ އެވެ.
ސާއީ މިދިޔަ އަހަރުގެ 'ރަން ތާޖު' މުބާރާތް ކާމިޔާބު ކުރުން
މިދިޔަ އަހަރުގެ 'ރަން ތާޖު' ގުރުއާން މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން، ފަލާހު ގުރުއާން މުބާރާތް، އަލްކައުނު އަދި ގައުމީ މުބާރާތާއި އިއުފައި މުބާރާތުގައި އެކި އަހަރުތަކުގައި ބައިވެރިވެ އެކި ވަނަތައް ސާއީ ހޯދި އެވެ.
އޭލެވެލް ނިންމާލުމަށް ފަހު މާ ގިނަ މުބާރާތްތަކެއްގައި މިހާރު ބައިވެރިނުވެވޭތީ ސާއީ ދަރިވަރުން ގުރުއާން މުބާރާތްތަކަށް ތަމްރީންކޮށްދެ އެވެ. އެއީ އޭނާ ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރި އެވެ.
ގޮންޖެހުން ގިނަ އެކަމަކު އަދިވެސް ދަސްކުރުމުގައި
ސާއީ ބުނިގޮތުގައި ވޮއިސް އާޓިސްޓެއްގެ ގޮތުގައި އުފައްދާ ކޮންޓެންޓް ޓިކްޓޮކަށް ލުމުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. ތަފާތު އަޑަކުން ވާހަކަ ދައްކަން ދަސްކުރުމަކީ ގިނަ ވަގުތުތަކެއް ހޭދަވާ ކަމެކެވެ. އަދި މިގޮތަށް އާއްމުކުރާ ކޮންޓެންޓް އެންމެ ފުރިހަމައެއް ވެސް ނުވެދާނެ އެވެ.
"މީސްމީހުންގެ ފާޑުކިޔުމާއި މަލާމާތް ރައްދުވޭ. އެކަމުން އަސަރު ކުރޭ. ދެރަ ވެސް ވޭ. އެކަމަކު އަނެއްކާވެސް އާ ހިތްވަރެއް ލާފައި ކުރިއަށް ދަނީ،" ސާއީ ބުންޏެވެ.
ސާއީ ބުނިގޮތުގައި ރާއްޖޭގައި އޭނާއެކޭ އެއްގޮތަށް ތަފާތު އެކްސެންޓްތަކުންނާއި އަޑު ބަދަލުކޮށްގެން ވާހަކަ ދައްކާ ގިނަ ބަޔަކު އުޅެ އެވެ.
"މި އެންމެން ގުޅިގެން މަސައްކަތްކޮށް، ކޮމިއުނިޓީއެއްގެ ގޮތުގައި ނިކުމެއްޖެ ނަމަ، މި ދާއިރާ އިން ވަރަށް ގިނަ ކުރިއެރުންތަކެއް މުސްތަގުބަލުގައި ލިބިދާނެ ކަމަށް ގަބޫލުކުރަން،" ސާއީ ބުންޏެވެ.
ސާއީގެ އަމާޒަކީ އަމިއްލަ ސްޓޫޑިއޯއެއް ހަދައިގެން ވޮއިސް އާޓިސްޓެއްގެ ގޮތުން ކުރިއަށް ދިއުމެވެ.
"އަހަރެއް ތެރޭ މި މަސައްކަތް ކުރާނަން އިންޝާ ﷲ".
ކޮމެންޓް (3)
ޒަވިޔަނި
ހޫން
ހަމްދޫން