'މިސް ޔުނިވާސް' މުބާރާތުގެ ސަގާފީ ހެދުންތައް ދައްކާލާ ސެގްމެންޓުގަ ޝައިނާ ހުރީ ރަތް ކުލައިގެ ދިވެހި ލިބާހެއް ލައިގެން
މިސް ޔުނިވާސްގައި ޝައިނާ ދިވެހި ލިބާހާ އެކު ރާއްޖެ ތަމްސީލްކޮށް ތާރީހުގެ ތެރެއަށް
މަރިޔަމް ޝައިނާ، 21 ވަނީ ފުރަތަމަ 'މިސް ޔުނިވާސް މޯލްޑިވްސް'ގެ ގޮތުގައި ތާރީހު ހަދައިފަ އެވެ. މިމަހު މެކްސިކޯގައި ހިނގަމުންދާ 73 ވަނަ މިސް ޔުނިވާސް ޕެޖެންޓުގައި 130 ގައުމެއް ބައިވެރިވި އިރު، ރާއްޖޭގެ އިތުރުން އިރާން، މޮލްޑޯވާ، ސޮމާލިއާ، ބެލަރުސް އަދި ޔޫއޭއީ އަކީ ފުރަތަމަ ފަހަރަށް މިޕެޖެންޓުގަ ބައިވެރިވާ ބައެއް ގައުމުތަކެވެ.
މިދިޔަ މަހު 'މިސް ޔުނިވާސް'ގައި ޝައިނާ ބައިވެރިވާ ކަމަށް އިއުލާން ކުރުމުން މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމަންޓު އެންޑް އާޓްސްއިން މި މުބާރާތުގަ ރާއްޖެ ތަމްސީލުކުރާއިރު އެއްވެސް ތާއީދެއް ނުދޭނެކަމަށް ރަސްމީކޮށް އިއުލާން ކޮށްފާ ވެ އެވެ. މީގެ އިތުރުން ބައެއް ދީނީ އިލްމުވެރިންނައި މަދު އާއްމުންތަކެއް ނުރުހުން ފާޅު ކޮށްފާ ވެ އެވެ. މިހުރިހާ ގޮންޖެހުންތަކާއެކު ވެސް، ޝައިނާ އަދި އިވެންޓު މެނޭޖްމެންޓު އޭޖެންސީ 'ހީ އެންޑް ޝީ'ގެ ހީވާގި ޓީމް ވަނީ އެމީހުން ފަށާފައިވާ ދަތުރު ނިންމަން ގަސްދުކޮށްފަ އެވެ. މަދު ބަޔަކު މިކަމަށް ފާޑު ކިޔާފަ ވާ އިރު، ގިނަ އަދަދެއްގެ ދިވެހިން ހާއްސަކޮށް ސޯޝަލް މީޑިއާގަ ގިނަ ބައެއްގެ ސަޕޯޓު އަންނަނީ ޝައިނާއަށް ލިބެމުންނެވެ.
މިދިޔަ ހަފުތާގަ އޭނަގެ ރަސްމީ ޕޭޖުގަ 'މިސް ޔުނިވާސް' ހަފްލާ ބަލާލަން ފުރުސަތު ހުޅުވާލި އެވެ. އެއީ ކޮމެންޓު ކޮށް، ޓެގްކޮށް، ފޮލޯ ކުރުން ފަދަ 'ގިވްއަވޭ'އެއްގަ ހިމެނޭ ދެތިން ފިޔަވަޅެއް ފުރިހަމަ ކޮށްލުމުން ޕެޖެންޓު ހަފްލާ ބަލާލަން ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބިގެންދާނެ އެވެ.
ޝައިނާ އަކީ ޕެޖެންޓުތަކަށް އާ މޫނެއް ނޫނެވެ. ޒުވާން އުމުރެއްގަ އޭނަ ވަނީ 2023ގަ އިޖިޕްޓުގަ ބޭއްވުނު 'ވޯލްޑް ޓޮޕް މޮޑެލް' ޕެޖެންޓުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އަދި އެ މުބާރާތުން އޭނަ 'ނިއު ފޭސް' އެވޯޑް ކާމިއާބު ކޮށްފަ އެވެ.
ޝައިނާގެ ދިވެހި ވަންތަ ލަތީފީ ސިފަ އަކައި، ބައިނަލްއަގްވާމީ ސްޓޭންޑާޑްތަކަށް ފެތޭ އިސްކޮޅަކައި ރޫފައެއް ވެސް ހުރެ އެވެ. އޭނަ ގެންގުޅޭ ލަތީފީ ހަރަކާތްތަކައި އަހްލާގީ ފެންވަރަކީ ހަމައެކަނި ޕެޖެންޓުތަކަށް އެކަށީގެންވާ ފެންވަރެއް އެކަންޏެއް ނޫނެވެ. އޭނަ އަކީ ކޮންމެ ފެޝަން ޑިޒައިނަރަކަށް ވެސް ބޭނުންތެރި އަދި އެބައެއްގެ އުފެއްދުންތެރި ޑިޒައިންތައް ދައްކާލަން އެންމެ އެކަޝީގެންވާ 'މިއުޒް' އަދި މޮޑެލްއެއް ވެސް މެ އެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް 'މިސް ޔުނިވާސް' މުބާރާތެއްގަ ތަމްސީލު ކުރާއިރު ހަމައެކަނި ފެނިގެންދަނީ ރީތި ދިވެހި ކުއްޖެއް އެކަންޏެއް ނޫނެވެ. އެކަމަކު ދިވެހި ފަންނުވެރިންގެ މަސައްކަތެއް ވެސް ފެނިގެންދެ އެވެ. އެގޮތުން ދިވެހި ފެޝަން ބްރޭންޑު 'ރޯގް ބައި ނަޖޫ' ގެ ހިތްގައިމު ހެދުންތަކެއް ޝައިނާ ލައިގެން ދައްކާލި އެވެ.
އެކި ވައްތަރުގެ ހަފްލާތަކަށް ހެދުން ފަރުމާކޮށްދޭ ބްރޭންޑު 'ރޯގް ބައި ނަޖޫ'ގެ ކުޅަދާނަ ޓީމްއިން ފަރުމާކޮށްފައިވާ 4 ވަރަކަށް ހެދުމެއް މިހާތަނަށް ޝައިނާގެ ރަސްމީ އިންސްޓަގްރަމް ޕޭޖުން ފެނިއްޖެ އެވެ. ޕެޖެންޓަކަށް އެކަށީގެންވާ ނަލަ އަދި 'މޮޑެސްޓު' ސްޓައިލުގެ ދިގު ހެދުންތަކެއް ހިމެނެ އެވެ. އޭގެ ތެރެއިން މަޑު ފިޔާތޮށި ކުލައިގެ މާ ޖެހި ހެދުމަކައި، ހުދު ކުލައިގެ ވިދާ، 'އޮފް ޝޯލްޑާ' ހެދުމެއް ވެސް ހިމެނެ އެވެ.
'މިސް ޔުނިވާސް' މުބާރާތުގަ ބައިވެރިންގެ ސަގާފީ ހެދުންތައް ދައްކާލާ ސެގްމެންޓުގަ ޝައިނާ ވަނީ ރަތް ކުލައިގެ ދިވެހި ލިބާހެއް ލައިގެން ވަރަށް ނަލަކޮށް ހުށަހަޅާފަ އެވެ. ވަގުތުން މުބާރާތް ބަލަމުން ދިޔަ އެތައް ދިވެހިންނެއް ވަނީ މިކަމަށް ވަރަށް ތާއީދުކޮށް ފަހުރުވެރިވާކަން ހިއްސާކޮށްފަ އެވެ.
ދިވެހި ލިބާހުގެ އިތުރުން ޝައިނާ ވަނީ ދިގު ކަޅު ހެދުމެއް 'އީވްނިން ވެއާ' ސެގްމެންޓުގަ ދައްކާލާފަ އެވެ. އަދި އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާން އޮތް ސެގްމެންޓު 'ސްވިމްވެއާ' ގައި ޝައިނާ ލައިގެން ހުރީ ނިވާކަން ބޮޑު 'މޮޑެސްތް' ސްޓައިލްއެއްގެ ދަނބު ބޮޑީ ސޫޓެކެވެ. ރާއްޖޭގެ މިންގަނޑުތަކަށް ފެތޭ ސްޓައިލްއެއްގެ 'ސްވިމްވެއާ'އެއް ލައިގެން އޭނާ ބައިނަލްއަގްވާމީ ސްޓޭޖްއެއްގަ ދައްކާލުމަކީ ކޮންމެ ދިވެއްސެއް ވެސް ފަހުރުވެރިވާންޖެހޭ ކަމެކެވެ.
'މިސް ޔުނިވާސް' ފަދަ ޕެޖެންޓު ތަކަކީ ހަމައެކަނި ގައުމުތަކުގެ އެންމެ ރީތި އަންހެން ކުދިން ދައްކާލާ ސްޓޭޖެއް ނޫނެވެ. އެކަމަކު އެ ގައުމެއްގެ އުފެއްދުންތެރި ޑިޒައިނަރުންގެ ފުރިހަމަ ހުނަރު ބައިނަލްއަގްވާމީ ޕްލެޓްފޯމްއެއްގަ ދައްކާލަން ލިބޭ ބޮޑު ފުރުސަތެއް ވެސް މެ އެވެ. މިފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ފަންނުވެރިންނަށް ހުޅުވިގެންދާ ފުރުސަތުތަކަށް ދިވެހިން އިތުރަށް ހޭލުންތެރިވާންޖެހެ އެވެ. އަންނަ އަހަރުތަކުގަ ވެސް ރާއްޖެއިން 'މިސް ޔުނިވާސް' ޕެޖެންޓުގަ ތަމްސީލު ކުރުމަކީ އިތުރު ދިވެހި ފަންނުވެރިންގެ މަސައްކަތް ވެސް ދައްކާލަން ލިބޭނެ ރަނުގެ ފުރުސަތަކެވެ.
ކޮމެންޓް (2)
ކޮސް
ހިމާރުލްގައުމު