އަމީނީ މަގުގައި ފުލުހުން ފޯރިމަރަނީ: ކޮންމެ 5 މިނެޓަކުން އާންމުންނަށް ފުލުުހަކާ ދިމާވާ ހޮތަށް ފުލުހުންގެ ފޯރިމެރުން ވަނީ ބަދަލުކޮށްފައި (ދައުރު ފޮޓޯ)

ފުލުހުން

ފުލުހުންނާއި އާންމުންގެ ގުޅުމުގެ ރީތި މަންޒަރެއް

ކޮންމެ ފަސް މިނެޓަކުން އާންމުންނަށް ފުލުހެއް މަގުމަތިން ފެންނަ ގޮތަށް މާލޭ ތެރެ ބަލަހައްޓަން ގެނައި ބަދަލާ އެކު އާންމުންނާއި ފުލުހުންގެ ގުޅުން ބަދަހިވުމުގެ އުފާވެރި މަންޒަރުތައް ފެނޭ
15 އޮކްޓޯބަރު 2024

ކޮންމެ ދުވަހަކު ހެނދުނު މާލެ ވަށައި ދެ ބުރު ނުވަތަ 10 ކިލޯމީޓަރަށް ހުއްޓާނުލާ އަހަރެން ދުވަން ފެށިތާ މިއަދަށް 30 ދުވަސް ވީއިރު، އެވަގުތު މާލެއަށް ވެރިވެފައި އޮންނަ ހިމޭންކަމުގެ ތެރެއިން ތަފާތު އެތައް މަންޒަރެއް ފެނި، އަޑު އިވެ އެވެ. އެ ހުރިހާ  މަންޒަރަކާއި އަޑެއްގެ ތެރެއިން އެންމެ ތަފާތު ހިތްގައިމު މަންޒަރަކަށް ވީ ފުލުހުންނާއި އާންމުންގެ މެދުގައި ބަދަހިވަމުން އަންނަ ގުޅުމެވެ. 

ކޮންމެ ފަސް މިނެޓަކުން އާންމުންނަށް މަގުމަތިން ފުލުހަކު ފެންނަ ގޮތަށް މާލޭ ތެރޭގައި ފުލުހުން ފޯރި މަރަން، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ގެންނެވި ބަދަލުުގެ ފަހުން ބޭރު މަގުގެ އެކި ހިސާބުތަކުގައި ފުލުހުންގެ ދެ މީހަކު އަބަދުހެންމެ ތިބެ އެވެ. ހާއްސަކޮށް ރަސްފަންނު ކައިރި އާއި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

އެ ބަދަލާ އެކު ދެން ފެންނަން ފެށީ ފަތިހުގެ ހިމޭންކަމުގައި ކަސްރަތުކޮށްލައި، ސައިކަލް ބުރު ޖަހާ ހިތްހަމަޖައްސާލަން ނުކުމެ އުޅޭ އާންމުން ފުލުހުންނާ ވާހަކަ ދައްކާލަން ތިބޭ ތަނެވެ. ފުލުހުން ވެސް އާންމުކޮށް އެ ސަރަހައްދުތަކަށް ނުކުމެ އުޅޭ ދުވަސްވީ މީހުންނާއި ޒުވާނުންނާ ވެސް ވާހަކަ ދައްކާ، ކަންކަމާ ހިޔާލު ބަދަލުކޮށްލަ އެވެ. ބައެއް ފަހަރު ފުލުހުންނާ އެ މީހުން ދައްކަނީ ގައުމުގެ އެކި މައްސަލަތަކުގެ ވާހަކަ އެވެ. އަނެއް ބަޔަކު ދައްކަނީ ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ވާހަކަ އެވެ.

ބައެއް މީހުންނާ ފުލުހުން ހީ ސަމާސާކޮށްލާ ތަން ވެސް ފެނެ އެވެ. 

ޓްރެފިކް ފުލުހުން ބްރިޖް ކައިރީ ބޭރު މަގުގައި ފޯރިމަރަނީ: ކުޑަ ބަދަލަކުން އާންމުންނާއި ފުލުހުންގެ ގުޅުން ބަދަހިވުމުގެ ރީތި މަންޒަރެއް އެބަފެނޭ (ދައުރު ފޮޓޯ/ހުަސައިން ސުނޭން)

ފުލުހުންނާއި އާންމުންގެ ގުޅުމުގެ މި މަންޒަރުތައް އިތުރަށް ހިތްގައިމު ވަނީ ރަސްފަންނަށް މޫދަށް އެރިލަން ގޮސް އުޅޭ ދުވަސްވީ މީހުންނަށް އެ ސަރަހައްދުގައި ތިބޭ ފުލުހުން ބައެއް ފަހަރު އެހީވާ ތަން ފެނުމުންނެވެ. މަގު ހުރަސްކުރުމުގައި ފުލުހުން އެ މީހުންގެ އަތުގައި ހިފައިގެން އަނެއް ފަޅިއަށް ގެންގޮސްދެ އެވެ. ފުރޮޅުލީ ގޮނޑިއަށް އަރުވަން ވެސް އެހީތެރިވެދޭތަން ދެތިން ފަހަރަކު ދުށީމެވެ. 

ކޮންމެ ފަސް މިނެޓަކުން ފުލުހެއް ފެންނަ ގޮތަށް ފުލުުހުންގެ ފޯރިމެރުން ބަދަލުކުރުމުން ފަންނީ ގޮތެއްގައި ޕޮލީސިންއަށް އައީ ކުރިއެރުންތޯ ނުވަތަ ނޫންތޯ އެއީ އަދި އެހެން މައުލޫއެކެވެ. އެއީ ޕޮލީސިންގެ ފަންނުގެ ބޭފުޅުން ދިރާސާކޮށް ގޮތް ނިންމަން ޖެހޭ ކަމެކެވެ. 

ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެންނަ ބަދަލުން އާންމުންނާއި ފުލުހުންނާ ދެމެދު ގުޅުން ބަދަހިވުމުގެ ރީތި މަންޒަރެއް، ޔަގީނުން ވެސް އަޅުގަނޑަށް އެބަ ފެނެ އެވެ. ފުލުހުންގެ ޔުނީފޯމް ދެކެ އާންމުން ބިރުގަންނަވަންވީއެއް ނޫނެވެ. ފުލުހުންނަކީ ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ ބައެއްގެ އިހުސާސް އާންމުންނަށް ކުރެވެންވީ އެވެ. އެވަރަށް ފުލުހުންގެ މަސައްކަތް ގެންދަންވީ އެވެ.

ފުލުހުންގެ އޮޕަރޭޝަނަށް ގެނައި ކުޑަ ބަދަލަކުން އެ އިހުސާސް އަހަންނަށް ކުރެވިއްޖެ އެވެ. އެކަމަކު އޭގެ މާނައަކީ ފުލުހުންގެ ހުރިހާ ކަމެއް އަދި ރަނގަޅުވީއެއް ނޫނެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް