އިބްރާހިމް ނާއިފް މި އަހަރުގެ ގައުމީ މުބާރާތުގައި ދުވަނީ (ފޮޓޯ/ނާއިފް)

ލިވިން

ނާއިފްގެ ދުވުމުގެ ކާމިޔާބީގައި ބައްޕައަށް އޮތް ގަދަރާއި ލޯބި

ބެންގަލޫރު މެރަތަންގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހޯދި އިރު ނާއިފްގެ ހިތުގައި އޮތީ އެ މަންޒަރު ނުފެނި އޭގެ ދެ ދުވަސް ކުރިން ބައްޕަ މަރުވުމުގެ ހިތާމަ އާއި ބައްޕައާ އެކު ހޭދަކުރި މާޒީގެ އުފާވެރި ހަނދާންތައް

އިބްރާހިމް ނާއިފްގެ ހިތުގައި ދުވުމަށް އޮތް ޝައުގުވެރިކަން ބޮޑުވެ، ރަސްމީކޮށް މެރަތަންތަކުގައި ދުވާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. އޭނާގެ އެންމެ ކުޑައިރުގެ ހަނދާންތައް އާވާއިރު ވެސް ޅަ އުމުރުގެ ލާނެތްކަމުގައި ބައްޕައަށް ފިލަން ރަށް ވަށައި ދުވެ ހަދާ ހަނދާންވެ އެވެ.

މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި އޮތް 'ބެންގަލޫރު މެރަތަން'ގެ ހާފް މެރަތަންގައި ނާއިފް ދުވި އިރު އޭނާގެ ހަނދާންތައް ގޮސް ހުއްޓިފައި ހުރީ މީގެ އެތައް އަހަރެއް ކުރިއަށެވެ. އެ އިވެންޓުގައި އޭނާ ބައިވެރިވި 40-45 އުމުރުފުރާގެ ގަދަ 10ގައި ނާއިފްގެ ނަން އޮތް އިރު އޭނާގެ ހިތުގައި އޮތް ހުސްކަމަކީ އެ އުފާވެރި ކާމިޔާބީ ހިއްސާކުރަން ބައްޕަ އެ ދުވަހު އޭނާގެ ގާތުގައި ނެތުމެވެ. މެރަތަންގެ ދެ ދުވަސް ކުރިން ބައްޕަ މަރުވީ އެވެ. އޭރު ނާއިފް ހުރީ މެރަތަންގައި ދުވަން ބެންގަލޫރުގަ އެވެ.

ބައްޕައާ އެކު ހޭދަކުރި ޅަ އުމުރުގެ ދުވަސްތައް ބެންގަލޫރު މެރަތަންގައި ދުވަމުންދިޔަ އިރު ނާއިފްގެ ސިކުނޑީގައިވި އެވެ. އޭނާ ބުރާސްފަތި ދުވަހު ވަނީ ފޭސްބުކް ޕޯސްޓެއްގައި އެ ވާހަކަ ކިޔައިދީފަ އެވެ. 

މެރަތަންގައި ނާއިފް ދުވަމުން ދިޔައިރު އޭނާގެ ހަނދާންތައް އޭނާ ގޮސް ބެހެއްޓީ ބައްޕައާ އެކު ހޭދަކުރި އުފާވެރި ދުވަސްތަކުގެ ތެރޭގަ އެވެ. އުފަން ލ. އަތޮޅުގައި އޮންނަ ކައްދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ޖައްސާތަން ބަލަން ބައްޕައާ އެކު ގޮސް ހުރި ދުވަހާއި ބައްޕަގެ އެކުވެރި އިދުރީސް އޭނާއަށް އިނގިރޭސި ބަހުގެ ލަފްޒުތައް ދަސްކޮށްދިން ގޮތެވެ.

"ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން ތަންތަނަށް ދާ އުފާވެރި އެތައް ހަނދާންތަކެއް ސިކުނޑީގައި އެނބުރެމުން ދެއެވެ. އޭގެ އަސަރުން ދޭ ހިތްދަތިކަން ކިޔައިދެނީ ލޮލުން ފައިބާ އިހުތިޔާރެއް ނެތް ކަރުނަތަކެވެ. އަޑިގުޑަން މި މަގުތަކުގައި އަހަރެންނާ އެކީ ވަނީ ހަމައެކަނި ބައްޕާގެ ހަނދާންތަކެވެ. ބައްޕާއެވެ. ހާދަ ވަރުބައްޔެއް ވެއްޖެއެވެ. އެހެނަސް ގޮތް ދޫކުރުމެއް ނެތެވެ. ނިންމާނަމެވެ،" އެ ދުވުމުގައި ކުރެވުނު އިހުސާސްތައް ފޭސްބުކްގައި ބަންޑުންކޮށްލަމުން ނާއިފް ލިޔެފައިވެ އެވެ.

އޭގެ ފަހުން އުމުރުން 10-12 އަހަރުގައި ގެއަށް ދިޔުން ލަސްވެގެން ބައްޕަ ހިތްހަމަނުޖެހުނު ދުވަހެއްގެ ވާހަކަ ވެސް ނާއިފް ވަނީ ކިޔައިދީފަ އެވެ. ލަހުން ގެޔަށް ދިޔުމުން ބައްޕަ އެއްޗެކޭ ބުނުމުން ނުކުމެގެންދިޔަ ވާހަކަ އާއި ދޮންތަ އޭނާ ގެއަށް ވައްދަން އުޅުމުން ރަށް ވަށައިގެން ދުވި ގޮތުގެ ހަނދާނެވެ.

"އެއަަށް ވުރެ މާކުރީން އަހަރެން މިހާރު ރޭސް ނިންމަން ބެންގަލޯރު ދަނޑަަށް އެނބުރި މި ވަންނަނީއެވެ. ބައްޕާ ހީކުރަނީ އަހަރެން މިހެން ދިގުރާސްތާއަށް ދުވެ، ބޭރު ގައުމުތަކުގެ ރޭސްތަކަށް އައިސް މި ދުވަނީ އަހަރެން ވަރަށް މޮޅުވެގެން ކަމަށެވެ. އެކަމާ ވަރަށް ފޮނިވެ، ރަށުގައި އުޅޭއިރު ދުވެ ނިންމައި ގެއަށް ވަންނަ ތަނާ އަހައިލާނެއެވެ. ތިޔަ އައީ ކިހައި ހިސާބަކަށް ގޮސްފައި ހެއްޔެވެ؟" ނާއިފް ލިޔެފައިވެ އެވެ.

އޭނާގެ އުފަން ރަށަށްވުރެ 3،000 ފޫޓް އުހުގައި އޮތް ބެންގަލޫރުގެ އުހާއި ތިރި އަދި އެނބުރުން ގިނަ މަގުތަކުގައި 1 ގަޑިއިރާއި 33 މިނެޓުން 21.09 ކިލޯ މީޓަރު ދުވެ، 5،000 އަށް ވުރެ ގިނަ މީހުންނާ ވާދަކޮށް އުމުރުފުރައިގެ ގަދަ 10ގައި ހިމެނުނު ކާމިޔާބީގެ އަޑު އަހަން ބައްޕަ ދުނިޔޭގައި ނެތުމުގެ ހުސްކަން ނާއިފްގެ ހިތުގައިވި އެވެ.

"ބައްޕަ ނިޔާވި އިރު، އަހަރެންގެ މި މޫނުގެ އަސްލު، ބައްޕާގެ މޫނު ދެކިލުމުގެ ފުރުސަތެއް ވެސް އަހަންނަކަށް ނުލިބުނެވެ. ބައްޕާގެ ކަންފަތްބުޑުގައި އެއް ފަހަރު ބުނެލެވޭނެ ނަމައޭ ހިތަށް އަރައެވެ. ތިޔައީ ކޮންފަދަ ބޮޑު ގުރުބާނީއެއްގެ ވެރިއެއް ހެއްޔެވެ. ބައްޕަ އަބަދުގެ އަބަދަށް ވަކިވެ ތި ދިޔައީ ސަލާމް ވެސް ކޮށް ނުލެވިއެވެ. ބައްޕާއެވެ. ބައްޕާއަށް ހެޔޮ އެދުމުގައި އަހަރެންގެ އުމުރު ހުސްކުރާ ހުށީމެވެ. އިންޝާ الله،" ނާއިފް ލިޔެފައިވެ އެވެ.

ބައްޕަ އާއެކު ހޭދަކުރި އުފާވެރި ދުވަސްތަކުގެ ތެރެއިން، ބައްޕަ ދަރިންގެ ކިޔެވުމަށް ދިން އަހަންމިއްޔަތުކަން ވެސް ޝުކުރުވެރިކަމާ އެކު ނާއިފް ފާހަގަކުރި އެވެ.

"...ގަލަމެއް، ފޮތެއް އެއްޗެއް އިސްކޫލަށް ގެންދަން ބޭނުންވެފައި އޮތް ނަމަ ވަޑިންވަލުގޭ ފިހާރައިގައި ލޭޭންދޭނުގައި ޖަހައިފައި ނަމަވެސް ގެންނާނެއެވެ. ހެނދުނު ހޭލާއިރު ބޭރުގޭ މޭޒުމަތީގައި އެ އެއްޗެއް އޮންނާނެއެވެ. ނިކަން އުފާވެއެވެ،" އޭނާ ލިޔެފައިވެ އެވެ.

ބައްޕަގެ ހައްޖު ދަތުރުގެ ވާހަކަތައް އަޑުއަހާހިތުން ތަކުރާރުކޮށް ސުވާލުކޮށްގެން އެ ވާހަކަތައް ބައްޕަ ލައްވައި ކިޔުއްވީ އެ ތަޖުރިބާ ހިއްސާކުރަން ބައްޕަގެ ޝައުގު ހުރުމުންކަން ވެސް ނާއިފް ފާހަގަކުރި އެވެ.

"އުމުރުން 80 ވީ ނަމަވެސް ބައްޕާ ތިޔަ ވަކިވީ މާ އަވަހަަށެވެ. ބައްޕާ އަހަރެންގެ ގާތުގައި ބަހައްޓައި ބައްޕާ ބަލަން އަހަރެން ބޭނުމެވެ. ރީތި ގަޑި އެޅުމަކީ ބައްޕާގެ ޝައުގަކަށް ވީ ހިނދު، އަހަރެން ގަނެފައި މި އޮތް ގަޑި ބައްޕާގެ އަތުގައި އަޅައިލަ ދޭ ހިތްވެއެވެ،" ނާއިފް އޭނާގެ ހިތުގައި ބައްޕައަށް އޮތް ލޯތްބާއި އިހުތިރާމު ބަންޑުންކޮށްލަމުން ލިޔެފައިވެ އެވެ.

ކައިރީގައި ނެތީސް ބައްޕަ މި ދުނިޔެ ދޫކުރި އިރު އެންމެ ފަހު ފަހަރަށް ބައްޕަ ދެކިލުމުގެ ފުރުސަތު ނުލިބުނުކަމުގެ ހިތްދަތިކަން ނާއިފް އިހުސާސްކުރެ އެވެ. ނާއިފްގެ ބައްޕަ މަރުވީ ބައްޕަގެ އެންމެ ހަގު ދަރިފުޅު ނަވީންގެ ކައިވެންޏަށް ރަށަށް ގޮސް އުޅެނިކޮށް އަދި އެ ކައިވެންޏަށް ހަފްތާއެއް ވީތަނާ އެވެ. ބައްޕަގެ ހަޔާތުގެ ރޭސް ނިންމި އިރު ބައްޕަ ދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްޔަތުން ނާއިފްގެ ދުއާއަކީ ބައްޕައަށް މަތިވެރި ފުއްސެވުމާއި ދިންނެވުމުގައި "ރަން މެޑަލް" ލިބުމެވެ.

"އަހަރެންގެ އަބަދުގެ ދުއާއަކީ ބައްޕާއަށް ރަން މެޑަލް ލިބި، ބައްޕާ އަރާމްކުރާން އޮތް ތަނަކީ ޖަންނަތުކަމުގައި މިންވަރުކޮށްދެއްވުމެވެ. އަދި އަހަރެން ކުޑައިރު ބައްޕައާ އެކީގައި ހޭދަކުރި ފަދަ އުފާވެރި ދުވަސްތަކެއް އެ ތަނުގައި ބައްޕައާ އެކީގައި ހޭދަކުރުމުގެ ނިއުމަތް މިންވަރުކޮށްދެއްވުމެވެ،" ނާއިފްގެ ޕޯސްޓު ނިންމާލަމުން ލިޔެފައިވެ އެވެ.

ކޮމެންޓް (1)

أم فاطمة

12 އޮކްޓޯބަރު 2024
ހިތްވަރުގަދަ ބައްޕައެއްގެ ޤުރުބާނީ♥️😭💔 ޞާލިޙް ދަރިއެއްގެ ހިތުގެ ޝުއޫރު♥️😭💔 އަސަރުން ފުރިގެންވާ، ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވި، ލޮލުން އެއްވެސް ހިފެއްހެއްޓުމެއް ނެތި ކަރުނަ އޮހޮރުނު ލިޔުމުއް😭💔 ތިބާއަށްޓަކައި އަބަދުވެސް ފަޚްރުވެރިވަމެވެ.♥️ ބައްޕަގެ ފާފަ ފުއްސަވައި، ކައްވަޅުގެ ޢަޛާބު ލުއިކޮށް ދެއްވައި، ޖަންނަތުގައި ތިބާއާއެކު ލައްވާށި! آمين يارب العالمين 🤲
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް