ވާހަކަ ދެއްކުން ތަރައްގީ ކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި

ޕޭރެންޓިން

ދަރިފުޅު ވާހަކަ ދެއްކުން ލަސްވާ ނަމަ ކުރެވިދާނެ ބައެއް ކަންކަން

ކުޑަކުދިން ވާހަކަ ދެއްކުން ލަސްވުމާ ގުޅޭ ބައެއް ކުށްހީތަށް ހުރޭ
6 އޮކްޓޯބަރު 2024

ދަރިފުޅު ވާހަކަ ދެއްކުން ލަސްވުމަކީ ބެލެނިވެރިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ކަންބޮޑުވުމުގެ ބަދަލުގައި އެކަމުން އަރައިގަތުމަށް ވިސްނާށެވެ. ސްޕީޗް ތެރަޕިސްޓް ދޭ ފަރިތަކުރުންތަކުގެ އިތުރުން، ވާހަކަދެއްކުން ރަނގަޅުކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ސްޕީޗް ތެރަޕިސްޓް ދޭ މަސައްކަތްތަކަކީ ބައެއް ފަހަރު ކުދިން އެންމެ ގަޔަވާ ކަމަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެއީ އިތުރު މަސައްކަތެއްގެ ގޮތުގައި ކުދިންގެ ބޮލުތެރޭ އެކަން އޮތުމެވެ. އެއީ ބޮޑު ބުރައެއްގެ ގޮތުގައި ދެކޭ ފަހަރު ވެސް އާދެ އެވެ. ކުޑަކުދިންނަށް އެއް ކަމަކަށް ގިނަ ވަގުތު ސަމާލުކަން ދޭން އުނދަގުލެވެ.

ދަރިފުޅު ވާހަކަ ދެއްކުން ލަސް ނަމަ ބެލެނިވެރިން ނުހަނު ކަންބޮޑުވޭ

އެހެންކަމުން ހަމައެކަނި ސްޕީޗް ތެރަޕިސްޓް ދޭ މަސައްކަތް ދަރިފުޅު ލައްވާ ކުރުމުގައި ކުދިންނަށް މަޖާވާނެ ގޮތަށް ހަރަކާތްތައް ރޭވިދާނެ އެވެ. މިފަދަ ހަރަކާތްތައް ހޯދުމަކީ ހީކުރާހާ އުނދަގޫ ކަމެއް ވެސް ނޫނެވެ. މި ހަރަކާތްތަކަށް ދިޔުމުގެ ކުރިން، ކުދިން ވާހަކަ ދެއްކުން ލަސްވާ ބައެއް ސަބަބުތަކާއި ބެލެނިވެރިން މިކަމާ މެދު ގަބޫލު ކުރާ ކުށްހީތަކަށް ބަލާލަން ހިނގާށެވެ.

1. ވާހަކަ ދެއްކުން ލަސްވާ ކޮންމެ ކުއްޖަކީ އަޑުނީވޭ ކުއްޖެއް ނޫން

ވާހަކަ ދެއްކުން ލަސްވަނީ އަޑުނީވޭ ކުދިންގެ އެކަންޏެއް ނޫން

އަޑުނީވުމަކީ ވާހަކަ ދެއްކުން ލަސްވާން މެދުވެރިވާ ކަމެކެވެ. އެކަމަކު ވާހަކަ ދެއްކުން ލަސްވާ ކޮންމެ ކުއްޖަކީ އަޑުނީވޭ ކުއްޖެއް ނޫނެވެ. ކުއްޖާގެ ޑޮކްޓަރަށް މިކަން ޔަގީންކޮށް ބުނަން އެނގޭނެ އެވެ. އަޑުއިވުމުގެ ނުކުޅެދުންތެރިކަމެއް ހުންނަ ނަމަ، އުމުރާ ގުޅޭ ބައެއް ޓެސްޓްތަކުން އެކަން ދެނެގަނެވޭނެ އެވެ.

ބައެއް ކުދިންނަކީ ގަދަ އަޑުތަކަށް ހޭނިފައިވާ ކުދިންނެވެ. ބާރު އަޑުތަކަށް އެފަދަ ކުދިން އިޖާބަނުދިނުމަކީ ކޮންމެހެން އަޑުނީވޭތީ ކުރާ ކަމެއް ނޫނެވެ.

2. ލަހުން ވާހަކަ ދައްކަނީ އޯޓިސްޓިކް ކުދިން އެކަންޏެއް ނޫން

އޯޓިޒަމް ސްޕެކްޓްރަމްގައި ދަރިފުޅު އުޅޭ ނަމަ ވާހަކަ ދެއްކުން ލަސްވުމަކީ ވަރަށް އާއްމުކޮށް މެދުވެރިވާ ކަމެކެވެ. ނަމަވެސް ހަމައެކަނި ވާހަކަ ދެއްކުން ލަސްވުމަކީ އަމިއްލައަށް އޯޓިޒަމްއަށް ޑައެގްނޯސްކުރަންވީ ކަމެއް ވެސް ނޫނެވެ. އޯޓިޒަމް އަކީ ހަމައެކަނި ސްޕީޗް ޑިލޭއަކަށް ވުރެ ގިނަ ކަންކަން އޭގައި ހިމެނޭ ކަމެކެވެ.

ލަހުން ވާހަކަ ދައްކާ ކޮންމެ ކުއްޖަކީ އޯޓިސްޓިކް ކުއްޖެއް ނޫން

3. ވާހަކަ ދެއްކުން ލަސްވާ ނަމަ ތޫނުފިލި ނުވެދާނެ ކަމަށް ދުށުން 

މިއީ ހަނދާނުގައި ބަހައްޓަން ޖެހޭ ވަރަށް ވަރަށް މުހިއްމު ކަމެކެވެ. ދަރިފުޅަށް އޭނާގެ އުމުރާ އެއްވަރަށް ތިމާއާ މުއާމަލާތްނުކުރެވުމުގެ މާނައަކީ އޭނާ ތޫނުފިލި ކުއްޖަކަށް ނުވުމެއް ނޫނެވެ.

ބައެއް ކުދިންނަކީ އުމުރާ އެއްވަރު އެހެން ކުދިން ވާހަކަ ދައްކާ ވަރަށް ވާހަކަ ނުދެއްކި ކަމުގައިވިޔަސް އުމުރަށް ވުރެ ދޮށީ ކުދިންނަށް ވުރެ ދައްކާ ވާހަކަ ސާފުވެ ދޭހަވާ ކުދިންނެވެ.

4. ސްޕީޗް ޑިލޭ އަދި ލޭންގުއޭޖް ޑިލޭ އަކީ ދެ ކަމެއް

ސްޕީޗް ޑިލޭ އާއި ލޭންގުއޭޖް ޑިލޭއަކީ އެކައްޗެއް ނޫނެވެ. އެކަމަކު ވަރަށް ގިނަ ފަހަރަށް މި ދެ ކަންތައް އެކައްޗެއްގެ ގޮތުގައި ނެގެ އެވެ. ސްޕީޗް ޑިލޭއެއް ހުރި ކަމުގައިވިޔަސް ލޭންގުއޭޖް ޑިލޭއެއް އަދި ނުހުރެދާނެ އެވެ. އަދި ލޭންގުއޭޖް ޑީލޭ ހުރެފައި ސްޕީޗް ޑިލޭ ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ސްޕީޗްއަކީ އަނގައިން ލައްވާ އަޑުތަކެވެ. ސިލްސިލާއެއްގެ ގޮތުގައި ކުއްޖާ ލައްވާ އަޑުތަކުން އެހެން މީހުންނަށް އެއްޗެއް ސާފުވުމެވެ. ލޭންގުއޭޖް އަކީ ދައްކާ ވާހަކައެއްގައި ބޭނުން ކުރާ ބަސްތަކުން މާނަ އެނގުމެވެ.

ސްޕީޗް ޑިލޭ އާއި ލޭންގުއޭޖް ޑިލޭއަކީ ތަފާތު ދެ ކަމެއް

5. މިއީ އާއްމު ނޫން ކަމެއްގެ ގޮތުގައި ދުށުން

ސްޕީޗް އަދި ލޭންގުއޭޖް ޑިސްއޯޑާއަކީ ޕްރީސްކޫލް އުމުރުފުރައިގެ ގިނަ ކުދިންނަށް މެދުވެރިވާ ކަމެކެވެ. ދަރިފުޅަކީ މިކަން މެދުވެރިވާ ހަމައެކަނި ކުއްޖާ ކަމަށް ހީނުކުރާށެވެ. އަދި ތިމާއަކީ މިކަން މެދުވެރިވާ ހަމައެކަނި ބެލެނިވެރިޔާ ކަމަށް ވެސް ނުދެކޭށެވެ.

ސްޕީޗް ޑިލޭއަކީ ކޮބައިކަން ދެނެގަތުމަށް ލިބުނު މި ކުޑަ މައުލޫމާތުކޮޅާ އެކު ދެން ބަލަންވީ ސްޕީޗް ޑިލޭއިން އަރައިގަތުމަށް ޕްރީސްކޫލް އަދި އެއަށް ވުރެ ވެސް ހަގު ދަރިފުޅާ އެކު ފަސޭހައިން ތިމާއަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ވާހަކަ ދެއްކުން ލަސްވާ ނަމަ ކުރެވިދާނެ ބައެއް ކަންކަން

1. ފޮތް ކިޔުން

ތުއްތު ދަރިފުޅު ގާތުގައި ބައިންދައިގެން ފޮތް ކިޔައިދިނުމަކީ ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެއް

އެންމެ ތުއްތު އިރުން ފެށިގެން ފޮތް ކިޔައިދިނުމަކީ ހީވެސް ނުކުރާހާ ގިނަ ފައިދާ ކުއްޖާއަށް ކުރާ ކަމެކެވެ. މަންމަ އާއި ބައްޕަ ވެސް މިކަން ކުރަންވީ އެވެ. މިކަމުން ދަރިފުޅާ ގުޅުން ބަދަހިކޮށްދެ އެވެ.

ކުއްޖާ ހުންނަނީ ކިޔައިދޭ ފޮތް ކަނުލާ އަޑުއަހާށެވެ. ބަސްތައް ކިޔާ ގޮތާއި އަނގައިގެ ހަރަކާތްތަކަށް ބަލާށެވެ. އަދި މިކަން ކުރާ އިރު ކަމެއް ދަސްކުރަނީ ހެން އެ ކުދިންނަށް ހީވެސް ނުވެ އެވެ. ކުދިންނަކީ ފަސޭހައިން ކަންކަން ދަސްކުރާ ބައެކެވެ. ފޮތް ކިޔައިދޭ އިރު އާ ލަފްޒުތައް ފަސޭހައިން ދަސްކުރެ އެވެ. އުމުރާ އެކަށީގެންވާ ފޮތް ކިޔައިދިނުމުން ކުދިންނަށް ކަންކަން ދޭހަވެ އާ މައުލޫމާތު ލިބެ އެވެ.

2. ނާސަރީ ރައިމްސް ކިޔުން

ނާސަރީ ރައިމްސް އަކީ ކުދިންނަށް ވާހަކަ ދައްކަން ފަސޭހަކޮށްދޭ ކަމެއް

ނާސަރީ ރައިމްސްއަކީ ބަސް ދަސްކުރުމަށް ބާރުއަޅާ ކަމެކެވެ. ސްޕީޗް އަދި ލޭންގުއޭޖް ޑިވެލޮޕްމަންޓަށް މިކަމުން އެހީވެދެ އެވެ. ވާހަކަ ދެއްކުމާއި ލަވަކިޔުން އެއީ މުޅިން ދެ ކަމެކެވެ. މިކަން ކުރާ އިރު ސިކުނޑީގެ ދެ ތަނެއް މަސައްކަތް ކުރެ އެވެ.

ސްޓްރޯކް ޖެހިގެން ވާހަކަ ނުދެއްކޭ ބައެއް މީހުންނަށް ލަވަކިޔައިގެން މީހުންނާ މުއާމަލާތްކުރެވެ އެވެ. ކުޑަކުދިންނަށް ވެސް ފަސޭހައިން ނާސަރީ ރައިމްތައް ނަގައިގަނެވެ އެވެ. މިއަދު މެންދުރު ކާނީ ކޯއްޗެއްކަން ބުނަން ކުއްޖަކަށް ދަތިވެދާނެ އެވެ. އެކަމަކު 'ޔޫ އާ މައި ސަންޝައިން' ފަދަ ނާސަރީ ރައިމެއް ފަސޭހައިން ކިޔާލެވެ އެވެ.

3. ބަސްކޮށާރު މުއްސަނދި ކުރަން މަސައްކަތް ކުރުން

ދަރިފުޅު އެންމެ ތުއްތު އިރުން ފެށިގެން އެއްޗެެއް ދައްކާފައި އެއީ ކޮން އެއްޗެއްކަން ބުނަން އެނގޭއިރަށް ސިފަކުރާ ލަފްޒުތައް ބޭނުންކޮށްގެން އިތުރަށް އެ އެއްޗަކާ ގުޅޭ ބަސްތައް ކިޔައިދޭށެވެ. މިސާލަކަށް އާފަލެއް ދައްކާފައި އެއީ އާފަލުކަން އެކަނި ބުނެދިނުމުގެ ބަދަލުގައި ރަތް އާފަލެއް ނަމަ އެހެން ބުނާށެވެ. ވަރަށް ކުދިކުދި ކަންކަން ކޮށްގެން ބަސްކޮށާރު މުއްސަނދި ކުރެވިދާނެ އެވެ.

4. ކުޅުން

ވާހަކަ ދެއްކުން ތަރައްގީ ކުރުމަށް ކުޅުމުގެ ފުރުސަތު ހޯދައިދޭންވޭ

ދަރިފުޅަށް ކުޅުމަށް ފުރުސަތު ހޯދައިދޭށެވެ. ވަކި ހާއްސަ ކުޅޭ ސާމާނު ހޯދަންވީއެއް ނޫނެވެ. ކުޅުމަކީ ކުއްޖާގެ ހަށިގަނޑުގެ ބޮޑެތި މަސްތަކާއި ކުދި މަސްތައް އަދި ސިކުނޑި ތަރައްގީ ކުރުމަށާއި ވާހަކަ ދެއްކުމަށް ވަރަށް ބޮޑަށް އެހީވާ ކަމެކެވެ.

ދަރިފުޅާ އެކު ކުޅޭ އިރު، ކުއްޖާއަށް އިސްނަގަން ފުރުސަތު ދޭށެވެ. ކުޅުމަކީ ދަރިފުޅާ އޮންނަ ގުޅުން ބަދަހިވާ ކަަމެކެވެ. ކުޅޭ ވަގުތު ވާހަކަ ދައްކަނީ އަބަދު ބޮޑެތި މީހުންނެއް ވެސް ނޫނެވެ. އެހެންކަމުން މިއީ ކުއްޖާއަށް މުއާމަލާތް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އެ ކުއްޖާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ވެސް ކޮށްދޭ ކަމެކެވެ.

5. ބެޓެރީ އެޅި ކުޅޭ ސާމާނު ނުހޯދުން

ދިއްލޭ އަދި އަޑުގަދަ ބެޓެރީ ލެއްވި ކުޅޭ ސާމާނަކީ ކުދިންނަށް މާ ފައިދާ ބޮޑު އެއްޗެއްސެއް ނޫން

ބެޓެރީ އެޅި ކުޅޭ ސާމާނަކީ އަޑުގަދަވުމުގެ ސަބަބުން އެކަމުގެ އުނދަގޫ ބޮޑެތި މީހުންނަށް ކުރާ ކަމެކެވެ. މިފަދަ ކުޅޭ ސާމާނު އެންމެ އަޑުގަދަކޮށްގެން ބޭނުން ކުރިޔަސް ކުއްޖާއަށް މިކަމުގެ ސަބަބުން ލިބޭ ފައިދާއެއް ނެތެވެ. ސަބަބަކީ ބެޓެރީ ލެއްވި ކުޅޭ ސާމާނާ ކުޅޭ ނަމަ އޭނާ ލައްވާ އަޑުތައް މަދުވެ އެވެ. ބަދަލުގައި އިވޭނީ އެ އެއްޗެއްގެ އަޑެވެ. ކުޅުމުގެ ތެރެއިން މުއާމަލާތް ކުރުމަށް ކުއްޖާއަށް ލިބޭ ފުރުސަތު ދާނީ ގެެއްލިގެންނެވެ. 

އެހެންކަމުން ދަރިފުޅަށް ކުޅޭ ސާމާނު ހޯދައިދޭ އިރު ވެސް އަގުބޮޑުކޮށް ބެޓެރީ ލެއްވި ކުޅޭ އެއްޗެހި ހޯދައިދިނުމުގެ ބަދަލުގައި އެންމެ އިހުގައި ގެންގުޅުނު ކުޅޭ ސާމާނު ހޯދައިދޭށެވެ. ލެގޯ، ބްލޮކްސް، ރޭލު ސެޓު، ކައްކާ ކުޅޭ ސާމާނު އަދި ކްލޭ ފަދަ ތަކެތި ހޯދައިދޭށެވެ.

6. ބޭރުގައި ކުޅުމުގެ ފުރުސަތު

ބޭރުގައި ވަގުތު ހޭދަކުރުމަކީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް ގިނަގުނަ ފައިދާވާ ކަމެއް

ކުޑަކުދިންގެ ސިކުނޑި ތަރައްގީ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ބޭރުގައި ކުޅުމަށް ފުރުސަތު ހޯދައިދިނުމެވެ. ކުއްޖާގެ ހިޔާލު ތަނަވަސްވެ އެވެ. ބޭރުތެރޭ ދަރިފުޅާ އެކު އުޅޭ ވަގުތު ފެންނަ އެއްޗެހި ވަސް ދުވާ ނަމަ އަދި އިހްސާސް ކުރެވޭ ނަމަ އެކަންކަން ބުނެދޭށެވެ. މިގޮތަށް ވާހަކަ ދައްކާ އިރު ފުރިހަމަ ޖުމްލަ ބޭނުން ކުރަން ހަނދާން ކުރާށެވެ.

މިސާލަކަށް އުޑުމަތި ސާފު ދުވަހެއް ނަމަ އެކަން ފާހަގަކޮށް ބުނެވިދާނެ އެވެ. ދޫންޏެއް އުދުހިފައިދާ ތަން ފެންނަ ނަމަ އެ ދޫނި ދަރިފުޅަށް ސިފަކޮށްދެވިދާނެ އެެވެ. ދަރިފުޅަށް ފެންނަ އެއްޗެހި ބުނެދިނުމަށް ސުވާލު ކުރާށެވެ. ފެންނަ އެއްޗެހީގެ ނަންތައް އަހާށެވެ. ބޭރުތެރޭ މިގޮތަށް އުޅޭއިރު ދަރިފުޅަށް މި ހޯދައިދެވެނީ ކުއްޖާގެ ވާހަކަ ދެއްކުން ތަރައްގީ ކުރުމަށް މުހިއްމު ވަގުތުކޮޅެކެވެ.

7. އެޑިއުކޭޝަނަލް ޓޯއީސް ފަހަށް ބަހައްޓާ

ކުދިންނަށް ހޯދައިދޭންވީ އަމިއްލަ ހިޔާލު ފުޅާކޮށް ބޭނުންކޮށްގެން ކުޅެވޭ ކަހަލަ ކުޅޭ އެއްޗެހި

އެޑިއުކޭޝަނަލް ޓޯއީސްގެ ގޮތުގައި ފިހާރަތަކުގައި ހުުންނަ ސާމާނު ކުއްޖާއަށް ބޭނުންތެރިވާ ހަލާތްތަކެއް ހުރެ އެވެ. ނަމަވެސް 'އެޑިއުކޭޝަނަލް ޓޯއީސް'ގެ ގޮތުގައި ލޭބަލްކޮށްފައި ހުންނަ ކޮންމެ އެއްޗަކީ ތިމާގެ ދަރިފުޅަށް އެންމެ ފައިދާ ބޮޑު އެއްޗަށް ނުވެދާނެ އެވެ. އަދި އެއިން ލިބޭ ފައިދާ އަގާ ނުބައްދަލުވެގެން ހިނގައިދާނެ އެވެ.

ހުރިހާ 'ވާހަކައެއް ދައްކާ' ހުރިހާ އެެއްޗެއް ކިޔައިދޭ އެއްޗެހީގެ ބަދަލުގައި މުހިއްމީ ދަރިފުޅު އިސްނަގައިގެން އަމިއްލަ ހިޔާލު ބޭނުންކޮށްގެން ބޭނުން ކުރާ ކަހަލަ ކުޅޭ ސާމާނު ހޯދައިދިނުމެވެ.

ދިރާސާތަކުން ބުނާ ގޮތުގައި ދިއްލޭ އަލިގަދަ އަދި އަޑުގަދަ ކުޅޭ ސާމާނަކީ ވާހަކަ ދެއްކުމުގެ ލަސްތައް ހުންނަ ކުދިންނަށް ފައިދާ ކުޑަ އެއްޗެއްސެވެ. އިހުގައި ކުޑަކުދިން ކުޅެ އުޅޭ އިރު މިފަދަ ކުޅޭ ސާމާނެއް ނުހުރެ އެވެ. ހުރިހާ އެއްޗެއް ވެސް ބިނާވަނީ ކުދިންގެ ހިޔާލަށެވެ.

ދަރިފުޅުގެ ވާހަކަ ދެއްކުން ތަރައްގީ ކުރުމަށް ކުރާ ކަންކަމަކީ ބޮޑު މަސައްކަތެއްހެން ތިމާއަށް އަދި ދަރިފުޅަށް ވެސް ހީވާކަށް ނުޖެހެ އެވެ. މިއީ ކަމާކަންފަށާފައި ކުރަން ޖެހޭ މަސައްކަތެއް ނޫނެވެ. ދަރިފުޅަށް ބޭނުންވާ އަޅާލުމާއި ލޯބި ދިނުމަށް އެކީގައި ހޭދަކުރާ ވަގުތުގައި މިއީ ކުރަން ފަސޭހަ ވެސް ކަމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް