ޕޭރެންޓިން

ދަރިންނަށްޓަކައި ޗުއްޓީގައި ކުރެވިދާނެ ބައެއް ކަންކަން

އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ޗުއްޓީ ތެރޭގައި ދަރިންނާ އެކު ރަނގަޅު ވަގުތުތަކެއް ހޭދަކުރުމަށާއި ދަރިންނަށް އާ ކަންކަން ދަސްކޮށްދިނުމުގެ މުހިންމުކަން
23 ސެޕްޓެމްބަރު 2024
6

ފުރަތަމަ ޓާމް ޗުއްޓީ މިއޮތީ ބޯމަތިވެފަ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލްތައް ބަންދު ވާނެ އެވެ. އެހެންކަމުން މި ޗުއްޓީ ހޭދަކުރާނެ ގޮތް މިހާރު ގިނަ މީހުން އޮންނާނީ ޕްލޭން ވެސް ކޮށްފަ އެވެ. ޗުއްޓީގައި ރާއްޖެއިން ބޭރަށާއި ރަށްރަށަށް ދިޔުމެވެ. ރަށްރަށުގައި އުޅޭ މީހުން ވެސް ޗުއްޓީގައި ދަރިން ގޮވައިގެން މާލެއަށާއި އެހެން ގައުމުތަކަށް ދިއުމެވެ.

އަނެއް ބަޔަކު މި ޗުއްޓީ ވެސް ހޭދަކުރާނީ އެ އުޅޭ ތަނެއްގަ އެވެ. އެކަމަކު އެމީހުން ވެސް އޮންނާނީ ޗުއްޓީގެ ދުވަސްތައް ހޭދަކުރާނެ ގޮތުގެ ކޮންމެވެސް ރޭވުމެއް ރާވައިފަ އެވެ. 

ޗުއްޓީއެއްގައި ބަޔަކު މާލެއިން ފުރަން ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޗުއްޓީގައި ރަށުން ބޭރަށް ނުދިޔައަސް ދަރިންނާ އެކު ކޮލިޓީ ވަގުތު ހޭދަކުރެވިދާނެ އެވެ. ދަރިން އެންމެ ބޮޑަށް ބޭނުންވަނީ ތިމާގެ ވަގުތެވެ. ތިމާގެ ސަމާލުކަމެވެ. އެކުދިންގެ ވާހަކަތައް ފޫހިކަމެއް ނެތި އަޑުއެހުމަށެވެ. އެކުދިންގެ ކަންބޮޑުވާ ކަންކަން ތިމާއާ ހިއްސާކުރުމުން އެކަންކަން ހަމަޖައްސާލަދޭނެ ކަމެވެ. ހުރިހާ ކަމެއް ވެސް އޯކޭވާނެއޭ ބުނެ ތިމާ ދޭ ޔަގީންކަމެވެ. އެކުދިންގެ ކުޅުމުގައި ބައިވެރިވާށެވެ. އެކުދިންނަށް އާ ކަންކަން ދަސްކޮށްދޭށެވެ. އާ ތަޖުރިބާތަކަށް ދޮރު ހުޅުވާލަ ދޭށެވެ.

ތަޖުރިބާކާރު މުދައްރިސް އަދި މިހާރު މުދައްރިސުން ބިނާކުރުމުގައި މަސައްކަތް ކުރައްވާ ނިއުމާ މުހައްމަދުގެ މެސެޖަކީ ވެސް މިއީ އެވެ.

ނިއުމާ މުހައްމަދު: ބެލެނިވެރިންނަށް ގިނަ ނަސޭހަތްތަކެއް ދެއްވި

"މި ލިބޭ ކުޑަ ޗުއްޓީގައި އަޅުގަނޑު ބޮޑަށް ބާރުއަޅަނީ ދަރިފުޅާ އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް،" ނިއުމާ ވިދާޅުވި އެވެ.

ދަރިފުޅަށް ފައިދާ ހުރި ގޮތެއްގައި ޗުއްޓީ ހޭދަކުރާނެ ގޮތުގެ ޕްލޭނެއް ނިއުމާ އޭނާގެ ފޭސްބުކްގައި ވަނީ ހިއްސާކުރައްވައިފަ އެވެ. ކުދިކުދި ކަންތައްތަކެއް ވިޔަސް ދަރިންނަށް މީގެ ސަބަބުން ފައިދާ ވާނެކަން ޔަގީނެވެ.

ނަމާދާއި ގުރުއާނާ ގާތްވުން

ނިއުމާ ވިދާޅުވާ ގޮތުގައި އެންމެ ހާއްސަކަމެއް ދީގެން މި ޗުއްޓީގައި ދަރިން ލައްވާ ކުރުވަންވީ ދީނުގެ ކަންކަމެވެ. ދަރިން ލައްވާ ގުރުއާން ފިލާވަޅުތައް ކިޔުއްވާ، ދަރިފުޅުގެ ނަމާދުގެ ހަރަކާތްތައް ފަރިތަކޮށް، ނަމާދުގައި ކިޔާ ސޫރަތްތަކާއި ދުއާތަކާއި ޒިކުރުތައް ދަސްވިތޯ ބެލުން މުހިންމެވެ. ސަބަބަކީ މިއީ ދިރިއުޅުމުގައި އާދަކުރުވަން ޖެހޭ ކަމަކަށް ވެފައި ދީނުގެ މުހިންމު އެއް ތަނބަށް ވެސް ވާތީ އެވެ. މިއީ މައިންބަފައިންގެ ބޮލުގައި  އެޅިފައިވާ އެންމެ ބޮޑު ޒިންމާ ވެސް މެ އެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ މިކަންކަން ފުރިހަމަކޮށްގެންނެވެ.

ޗުއްޓީގައި ދަރިން ގޮވައިގެން ނަމާދަށް ގޮސް ނަމާދަށް ހިތްޖެއްސުން ރަނގަޅު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަރިފުޅު ނަމާދާ ދުރު ނަމަ ދެން އެެހެން އެއްވެސް ކަމަކުން ކާމިޔާބު ނުވާނެކަން ބުނެދޭށެވެ. ދަރިފުޅާ އެކު ނަމާދުކުރަން ވަގުތު ހުސްކުރާށެވެ. އަދި ނަމާދުގައި ދެމިހުރުމަށް ހިތްވަރު ދޭށެވެ.

އުނގެނުމާ ދުރުނުވުން

މުޅި ޗުއްޓީ އަބަދު މަޖާކުރުމުގައި ދުއްވާ ނުލައި، ޗުއްޓީގައި ވެސް ކުދިންގެ އުނގެނުން މެދުނުކެނޑޭ ފަދަ ގޮތަކަށް ބައެއް ވަގުތުގައި ދަރިފުޅާ އެކު ފޮތެއް ކިޔާލަން ނިއުމާ ނަސޭހަތްތެރިވެ އެވެ. 

މިގޮތުން ކުރެވިދާނެ މުހިއްމު ކަންކަމުގެ ތެރޭގައި ފާހަގަކުރެއްވީ ޑައިރީގައި ނުވަތަ ނޯޓް ފޮތުގައި ދަރިފުޅު ލައްވާ ކޮންމެވެސް ލިޔުންކޮޅެއް ލިޔުއްވަން ހަނދާނުގައި ބެހެއްޓުމެވެ. 

މުޅި ޗުއްޓީ ކުޅުމުގައި ހޭދަނުކޮށް ކޮންމެވެސް ވަރަކަށް ކިޔެވުމުގެ ބައިތައް ވެސް ހިމަނަން ވާނެ

އަތުލިޔުން ފަރިތަކުރުމާއި ފޮތް ކިޔުމަށް ބާރު އަޅާށެވެ. ހުރިހާ ވަގުތެއް ޓީވީ ދޮށުގައި ނުވަތަ ސްކްރީނެއް ބަލަން ދޫނުކޮށްލުން މުހިއްމެވެ. ކޮންމެވެސް އާ އެއްޗެއް ދަސްކުރަން، މިސާލަކަށް ރެސިޕީއެއް ބަލައިގެން އެއްޗެއް ތައްޔާރުކުރަން ރެސިޕީއެއް ލިޔުއްވި ދާނެ އެވެ. އަންނަ ޓާމްގައި ހާސިލްކުރަން ބޭނުންވާ ގޯލްތައް ލިޔެވިދާނެ އެވެ. ކުރު ވާހަކައެއް ނުވަތަ ދުވަސް ހޭދަކުރި ގޮތް ޑައިރީގައި ލިޔުމަށް ބާރުއަޅާށެވެ. މިގޮތަށް ލިޔުމުން ދަރިފުޅަށް އޭނާގެ އިހްސާސްތައް ލިޔަން ދަސްވެ އެ އިހްސާސްތައް މެނޭޖްކުރަން ފަސޭހަވާނެ އެވެ.

ބަގީޗާތަކާއި ބީޗްތަކަށް ދިއުން

މި ޗުއްޓީގައި ރާއްޖެއިން ބޭރަށް ނުދެވުނަސް ދަރިންނަށް ގެއިން ބޭރުގައި ވަގުތު ހޭދަކުރަން ފުރުސަތު ހޯދައިދޭށެވެ. ބަގީޗާތަކަށާއި ގޮނޑުދޮށްތަކަށް ޒިޔާރަތްކޮށް އާއިލާއާ އެކީ ވަގުތު ހޭދަކޮށް، މަޖާ ހަރަކާތްތަކުގެ ފޮޓޯތަކުން އަލްބަމްތައް ފުރާލަންވާނެ އެވެ.

ގޭގައި އަބަދު ބަންދުވެގެން ތިބުމުގެ ބަދަލުގައި ބޭރުގައި ކުޅުމުގެ ސަބަބުން ދަރިފުޅުގެ ހަށިގަނޑުގެ ބޮޑެތި މަސްތަކުގައި ބާރުޖެހި ތަރައްގީވެ އެވެ. ބާރަށް ދުވެ، ފަތާ ފުންމާ ހެދޭ ނަމަ މިއީ ދަރިފުޅުގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވުމެ އެވެ.

ޗުއްޓީ ތެރޭގައި ކުރިން އޮތް ފެސްޓިވަލެއްގައި ކުޑަކުދިންތަކެއް (ފޮޓޯ/އެޗުޑީސީ)

މިކަހަލަ ކަންކަން ކުރާ ނަމަ އެކަން ވާނީ ކުދިންގެ ދިރިއުޅުމަށް ވަރަށް ބޭނުންތެރި ހަނދާންތަކަކަށެވެ. މިފަދަ އުފާވެރި އިޖުތިމާއީ ހަރަކާތްތަކުން ވެސް އުނގެނުން ވަރަށް ބޮޑަށް ކުރިއަރަ އެވެ. ދަރިފުޅަށް ލިބޭ މިފަދަ މަޖާ ފުރުސަތުތަކުގެ ސަބަބުން އޭނާގެ ސިކުނޑި އިތުރަަށް ތާޒާވެ، ކިޔަވަން ހުންނަ ފޯރި ސުކޫލު ހުޅުވެން ވާއިރަށް ބޮޑުވެގެން ދާނެ ކަމަށް ނިއުމާ ވިދާޅުވި އެވެ.

ޓީޗަރުންނަށް ކުޑައިމީސް ނުކުރުން

މީގެ އިތުރުން ބެލެނިވެރިންގެ ފަރާތުން ނިއުމާ އެދެނީ ވަރަށް މުހިންމު ކަމަކަށެވެ. ދަރިފުޅު ކުރިމަތީގައި ސްކޫލާއި ޓީޗަރުންނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ ހެޔޮ ބަސްތަކަކަށް ވާން ޖެހެ އެވެ.

މިސާލަކަށް މުދައްރިސުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަސްތަކެވެ. ނުވަތަ ސުކޫލާއި އުނގެނުމުގެ މާހައުލަށް އެކުދިން އިހުތިރާމްކުރާނޭ ފަދަ ބަސްތައް އެކުދިން ކުރިމަތީގައި ބޭނުންކުރުމެވެ. ނަފުރަތު އުފެދޭ ފަދަ ބަސްތައް އެކުދިންނާ ހިއްސާ ނުކުރުމެވެ.

ދަރިވަރުން ކުރިމަތީގައި ސްކޫލާއި ޓީޗަރުން ގޯސްކޮށް ވާހަކަ ދެއްކުން ރަނގަޅެއް ނޫން (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

"ސަބަބަކީ އުނގެނުމުގެ މި ދަތުރަކީ ވަރަށް ދިގު ދަތުރެއް. ކުރިމަގުގައި، ޓީޗަރުންނާ އެކުގައި ސުކޫލުގައި ވަރަށް ގިނަ އަހަރުތަކެއް ދަރިފުޅު ހޭދަކުރާނެ،" ނިއުމާ ވިދާޅުވި އެވެ.

ދަރިފުޅު ކައިރީ ޓީޗަރުންނާއި ސްކޫލަށް އިހްތިރާމް ކުޑަކޮށް ކުޑައިމީސްކުރާ ނަމަ، އެކަން އެކުދިން ދަސްކުރެ އެވެ. މިކަމުގެ ސަބަބުން އެެހެން މީހުންގެ އިހްސާސްތައް ދެނެގަތުމަށް ހުރަސް އެޅެ އެވެ. ކުދިންގެ ކިބައިގައި އަހްލާގީ ރީތި ސިފަތަކަށް ވުރެ އެހެން މީހުންނަށް ކަމޭނުހިތުން ފަދަ ކަންކަން އަށަގަނެ އެވެ. ކުދިންނަށް ކުރެވޭ މިފަދަ ކަންކަމުގައި ބެލެނިވެރިންގެ ހިއްސާ ބޮޑެވެ. މިއީ ހަނދާނުގައި ކޮންމެހެން ބަހައްޓަން ޖެހޭ ކަމެކެވެ.

ތިމާގެ ދަރިފުޅު ދެކެ ޓީޗަރުން ވެސް ލޯބިވާނެ އެވެ. އެ ދަރިންނަށް ޓީޗަރުން އަބަދުވެސް އެދެނީ ބާއްޖަވެރި އަދި އުފާވެރި ހަޔާތަކަށެވެ. އޭނާއަކީ ހެޔޮލަފާ، އިހުސާންތެރި، އޯގާތެރި، ޒިންމާދާރު އަދި ގާބިލް މީހަކަށް ވުމަށެވެ.

ކޮމެންޓް (6)

profile-image-placeholder

މަބުނީ

24 ސެޕްޓެމްބަރު 2024
ޖުލާސްރޫމުތަކުގެ ކުޑަދޮރުތަކުގައާއި ބޮޑުދޮރުތަކުގައި ދަގަނޑު ތޭރިޖަހައި ބަންދުކޮށްފައިއެހުރީ ވަގުންގެކިބައިން ސަލާމަތްކުރުމަށް ކަމަށްވެދާނެ. މިއިން ދޭހަވާ ސުވާލަކީ ކުދިންހެޔޮގޮތުގައި ތަރުބިއްޔަތުކުރެވޭބާއޭ؟

މީމަ

23 ސެޕްޓެމްބަރު 2024
ދަރިންނާ އެކު ރަނގަޅު ވަގުތުތަކެއް ހޭދަކުރުމަށާއި ދަރިންނަށް އާ ކަންކަން ދަސްކޮށްދިނުމަކީ ހަމައެކަނި ޗުއްޓީ ތެރޭގައި ކުރަންޖެހޭ ނުވަތަ ކުރަންއޮންނަ ކަމެއްނޫނެވެ.

ހަމްދޫން

23 ސެޕްޓެމްބަރު 2024
މިދުވަސްވަރާއި ގުޅޭ، އަދި ބެލެނިވެރިން ކިޔާލަން ވަރަށް މުހިއްމު ލިޔުމެއް. އައިޝާ އީމާންއަކީ ވަގުތާއި ހާލަތާގުޅޭ ގޮތުން ހަބަރާއި ލިޔުންތައް ގެނެސްދޭ ފަރާތެއް. ޝުކުރިއްޔާ.

ބެލެނިވެރިއެއް

23 ސެޕްޓެމްބަރު 2024
މަތީގައިވާ ތަސްވީރުން ފެންނަނީ ދަނގަޑު ތޭރި ޖަހާ ބަންދުކޮށްފަ ހުރި ކިލާސްރޫމް ތަކެއް. ތިރީގަ ތިބީ ތަރުތީބުކޮށް ސަފުސަފަށް އެތުރިގެން ތިބި މައުސޫމު ކުޑަ ކުދިންތަކެއް. މިތަނުން އެއްވެސް ކުއްޖެއްގެ މޫނު މަތިން އުފާވެރި ކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތަތީ ހިތާމަކުރަން. ކުދިން ސްކޫލު 4 ފާރު ތެރޭ ދުވާލުގެ ގިނަ ވަގުތު އާއިލާއާއި ދުރުގަ ބަންދުކޮށްފައި ބައިތިއްބައިގެން މިދެވެނީ އެންމެ ރަގަޅު ތައުލީމާއި ތަރުބިއްޔަތު ބާ؟ ޓީޗަރުންނަކީ ކިތަންމެ ރަގަޅު ބަޔަކަށް ވީނަމަވެސް އެއް ކިލާސް ތެރޭ 30/34 ކުދިން ބަލަހައްޓާނީ ކިހިނެއް؟ ކިޔަވައިދިނުގެ ޕްރެޝާރ އާއި އެކީ ކުދިންނާއެކު ދެމެހެއްޓެނިވި ގާތް ގުޅުމެއް އުފައްދާނީ ކިހިނެތް؟ ދައުރު އިން ހޯމްސްކޫލިންގައި ހުރި ރަގަޅު ކަންތައް ހިމަނާ އާރޓިކަލް އެއް ގެނެސްދިނުން އެދެން. މިއީ ކުދިންނަށް އިހުމާލުވުމެއް ނޫން، އަދި ދީނީ ހައްދުފަހަނައެޅުމެއްވެސް ނޫން. ކުދިން ބުލީންއާއި ދުރުކޮށް، ރަގަޅު އެކުވެރިން ޚިޔާރުކޮށް، އަމިއްލަ ނަފުސު ތަރުބިއްޔަތުކޮށް، ކުރިމަގުގައި ކުދިން އުފައްދާ ގުޅުންތަކަކީ ރަގަޅު ގުޅުންތައް ކަމުގައި ހެދުމަށް ސްކޫލު މާހައުލުން ހިތްވަރެއްނުލިބޭ.

ދެރަވޭ

24 ސެޕްޓެމްބަރު 2024
@ބެލެނިވެރިއެއް އެހެން ބެލެނިވެރިއެއްގެ ހައިސިއްޔަތުން މި ކޮމެންޓުގަ ހުރި ވާހަކަތަކާ އެއްބަސް. ގުރޭޑް 2 ގައި އުޅޭ އަޅުގަނޑުގެ ދަރިފުޅު ސްކޫލަށް ނުދާން ރޮއި ހަދާ ދުވަސްތައް އާދޭ. މިފަދަ ދުވަސްދުވަހު ދަރިފުޅު ސްކޫލަށް ފޮނުވަނީ ހިތާ ދެކޮޅަށް.

aNށà

25 ސެޕްޓެމްބަރު 2024
@ބެލެނިވެރިއެއް ސާބަސް އެއީ އެސެމްބްލީގަޑި. އެގަޑީގަވެސް ތިބެންޖެހެނީ ދަތްޕިލަ އަތައްލައިގެންތަ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް