ފަންނުވެރި އެކުވެރިން: ފެޝަން ޑިޒައިނަރު ސުމާ މުނީރު

ފަންނުވެރި އެކުވެރިން: ފެޝަން ޑިޒައިނަރު ސުމާ މުނީރު

ފެޝަންއަށް ލޯބިކުރާ ސުމާ އަމިއްލަ ބްރޭންޑެއް އުފައްދަން ކުރި ތަޖުރިބާ މި އެޕިސޯޑުގައި ކިޔައިދިން
24 ސެޕްޓެމްބަރު 2024

ފަންނުވެރި އެކުވެރިންގެ މިފަހަރުގެ އެޕިސޯޑުގައި ބައިވެރިވީ ވަރަށް ހުނަރުވެރި އަދި ހީވާގި ޒުވާނެއް ކަމަށްވާ ސުމާ މުނީރު އެވެ. ފެޝަންއަށާއި ފަންނުވެރި އެކި ކަންކަމަށް ލޯބި ކުރާ ސުމާގެ އަމިއްލަ ބްރޭންޑު 'ސުމާ ޑިޒައިންސް' ފެށުނު ގޮތް އޭނާ މި އެޕިސޯޑުގައި ކިޔައިދިނެވެ.

ފެޝަންގެ ދާއިރާއަށް އަބަދުވެސް ހާއްސަ ޝައުގުވެރިކަމެއް އޮންނަ ކަމަށް ސުމާ ބުންޏެވެ. ދާއިރާގެ ތެރެއަށް ކުޑައިރު ވަދެވުނީ އޭނާގެ ދައްތަގެ ފަރާތުން ހިޔާލު ލިބިގެނެވެ. އަދި ވަކިން ހާއްސަކޮށް ދައްތަގެ ކައިވެނި ހެދުމުގައި ހުރި މަސައްކަތްތެރިކަން ފެނި ހެދުން ފަރުމާކުރުމަށް އިތުރު ޝައުގުވެރިކަމެއް އުފެދުނެވެ.

ފެޝަން އަކީ ސުމާ އެންމެ ގަޔާވާ ދާއިރާ ކަމުގައިވިއަސް، އޭނާ ފުރަތަމަ ކިޔެވީ ވިޔަފާރި ދާއިރާއިންނެވެ. އަދި ކޯޕަރޭޓު ވަޒީފާއެއްގައި މާކެޓިން ޓީމްއެއް ހިންގަމުން އޭނާގެ އަމިއްލަ މަސައްކަތެއް ފަށަން ވިސްނަން ފެށި އެވެ. އެއަށް ފަހު ލައިފްސްޓައިލްއާ ގުޅޭ ކުދި ވިޔަފާރިތަކެއް ހިންގައި އަޖުމަ ބަލަން ފެށި އެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ ސުމާ އެންމެ ގަޔާވި މަސައްކަތަކަށް ނުވި އެވެ. އެންމެފަހުން ސުމާގެ ފުރަތަމަ ލޯތްބަށް އަނެއްކާވެސް ރުޖޫއަވެ، ފެޝަން ކޯހެއް މާލޭގެ ޕޮލިޓެކްނިކްގައި ކިޔަވަން ފަށަން ގަސްދު ކުރި އެވެ. 

ސުމާގެ އަމިއްލަ ބްރޭންޑު 'ސުމާ ޑިޒައިންސް' އިން އެކި ވައްތަރުގެ ހެދުން ޑިޒައިން ކޮށްދީ ފަހާދޭ (ފޮޓޯ/ސުމާ މުނީރު)

ޕޮލިޓެކްނިކްގެ އިތުރުން އަމިއްލައަށް އެކި ވެބްސައިޓްތަކުން ދާއިރާގެ މައުލޫމާތު ހޯދައި އިތުރަށް ދަސްކުރި އެވެ. ދުވާލު ކޯޕަރޭޓް ވަޒީފާ އަދާ ކުރުމަށް ފަހު ދެން ލިބޭ ހުސް ވަގުތުގައި އަމިއްލައަށް ފަހާ، ޑިޒައިން ކުރުމުގެ މަސައްކަތުގައި އުޅެން ފެށި އެވެ.

'ސުމާ ޑިޒައިންސް'ގެ މަސައްކަތް ރަސްމީކޮށް ފެށިތާ އަދި ވީ އެއް އަހަރެވެ. އެކަމަކު މިހާރު ސޯޝަލް މީޑިއާގައި އުޅޭ ގިނަ ބަޔަކަށް އެ ބްރޭންޑު އެނގެ އެވެ. ބްރޭންޑުގެ އިދާރީ އަދި މާކެޓިން މަސައްކަތުގެ އިތުރުން ފަރުމާކުރުމާއި ފެހުމުގެ މަސައްކަތް ވެސް އަމިއްލައަށް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.

އަމިއްލަ ބްރޭންޑެއް ހިންގުމުގެ ގޮންޖެހުންތަކާއި އެކަމަށް ބޭނުންވާ ކައްޓި ހިތްވަރަކީ ހަމައެކަނި އެކަމަށް އޮންނަ ބޮޑު ލޯތްބެއްގެ ސަބަބުން މީހަކަށް ކާމިޔާބުކަމާ އެކު ކުރެވޭނެ ކަމެއްކަން ސުމާ ދައްކައިދެ އެވެ.

"އަމިއްލަ ކަމެއް ކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް،" ސުމާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ބަންދު ދުވަހެއް ނުވަތަ ހަފްތާބަންދެއް މިހާރު ނުލިބެ އެވެ.

ސުމާ ކްލަޔަންޓުން ބޭނުންވާ ޒާތުގެ ހެދުން ފަހައިދިނުމުގެ އިތުރުން އެ މީހުންނަށް ތަފާތު ހެދުންތައް ފަރުމާ ކޮށްދޭ ހިތްވެ އެވެ. އަދި ކޮންމެ މުނާސަބަތަކާ ވެސް ގުޅޭ ހެދުން ޑިޒައިން ކުރުމާއި ބްރައިޑަލް ހެދުން ފެހުމަކީ އޭނަ ވަރަށް ކުރާ ހިތްވާ ކަމެކެވެ. 

ސުމާގެ އުއްމީދަކީ ހަމައެކަނި ރާއްޖޭގައި 'ފެޝަން ސީން'އެއް އުފެއްދުން އެކަންޏެއް ނޫނެވެ. ރާއްޖޭން ބޭރުގެ ފެޝަން ވީކްތަކުގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ވެސް އޭނާގެ މަސައްކަތް ދައްކާލުމެވެ. މި އުއްމީދުގެ ފެށުން ހަގީގަތަކަށް ހަދަން އޭނާ މިހާރު ވެސް މަސައްކަތް ފަށައިފި އެވެ. ސުމާ ޑިޒައިންސްއިން ރާވައިގެން ފަންނުވެރިންނަށް ބާއްވާ ހާއްސަ ހަފްލާއެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމަށް ސުމާ ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް