ޒަހިއްޔާ: ބުޅި ހެދުމުގެ މަސައްކަތުގައި އޭނާ ވަނީ އެތައް އަހަރެއް ވޭތުކޮށްފައި (ދައުރު ފޮޓޯ)
ބުޅި ހެދުމުގައި ޒަހިއްޔާ އެކަކަށް ވެސް ދޫނުކުރި
އއ. އުކުޅަސް - ގެއަށް ވަނުމަށް ދައުވަތު ދިނުމަށް ފަހު އޭނާ މޭޒު ދޮށުގައި އިށީނީ އަތަށް ނަރުކެނޑިއެއް ލައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ހިމަ ދަގަނޑުކޮޅެއް ކިއްސަރަށް ލަންބައި ބުޅިއެއްގެ ބައްޓަމަށް ތެދުކޮށް އޭގައި ފިޔައެއް ހަރުކޮށްލި އެވެ. އަނެއްކާވެސް އެހެން ދަގަނޑުކޮޅެއް ނަގައި އިތުރު ގޮތަކަށް ލަންބާލި އެވެ. މޭޒުމަތި ފުރެންދެން އޮތީ، އޭގެ ކުރީ ދުވަހު އޭނާ ތައްޔާރުކުރި، އެކި ވަރުގެ، އެކި ފެންވަރާއި އެކި ޒާތްޒާތުގެ ބުޅި އެވެ.
"މިހެން އިނދެ ހެދިދާނެ ކިތަންމެ ބުޅިއެއް ވެސް. އެކަމަކު ވަރަށް ކަވި މަސައްކަތެއް މިއީ،" ޒަހިއްޔާ މުހައްމަދު ބުނެލި އެވެ.
އޭރު އަހަރުމެން ތިބީ ހައިރާންވެފަ އެވެ. އޭނާގެ ހަލުއިކަމާއި ފަރިތަކަމާއި އެއަށް ވުރެ ބޮޑަށް، އުކުޅަހުގައި ބުޅި ހެދުމުގެ މި ވިޔަފާރީގެ ފަހަތުގައި އަންހެނަކު އިނީތީ އެވެ. އެކަމަކު މިއީ މީގެ 31 އަހަރު ކުރިން ފެށިގެން ޒަހިއްޔާ ކުރަމުން އައި މަސައްކަތެވެ. މަސައްކަތުގެ މައިދާނުގައި ފިރިހެނަކަށް އޭނާ ދޫނުކޮށް، ދަރިން ބަލަމުން، ގޭގެ ހުރިހާ ޒިންމާތަކެއް އަދާކުރަމުން، ހުއްޓުމެއް ނެތި އެ މަސައްކަތް އޭނާ ކުރަމުން އަންނަތާ އެތައް އަހަރެއްވީ އެވެ. މިއަދު ގޭގެ ސިޓިންރޫމުގައި، މޭޒުދޮށުގައި އިނދެގެން އެ މަސައްކަތް ކުރި ނަމަވެސް، އަހަރުތަކެއް ކުރިއަށް ޖެހިލައިފި ނަމަ އޭނާ ފެންނާނީ، އެ ދަގަނޑުކޮޅު ގިރުނބާއަށް ލައި ދޮންކޮށް، ހަތަރު އަރިއަށް ތަޅައިގެން ބުޅިއެއްގެ ސިފަ ޖައްސާތަނެވެ.
"މިއީ އަޅުގަނޑުގެ އުމުރުން 13 އަހަރުގައި ދަސްކުރި މަސައްކަތެއް. މިހާރު މާމަ ވެސް ކިޔައިފި. އެކަމަކު ހަމަ މިކަމުގައި ދެމި މި ހުރީ،" ހަތަރު ކުދިންގެ މަންމަ، ޒަހިއްޔާ ބުންޏެވެ.
"ދިރިއުޅުން ބިނާކޮށް، މި މަސައްކަތުން ލިބުނު އާމްދަނީއިން ކިތަންމެ ކަމެއް ކޮށްފިން."
ޒަހިއްޔާގެ ބުޅި އުކުޅަހާއި އަރިއަތޮޅުގައި މަޝްހޫރެވެ. ކޮންމެ މަހަކުހެން އެތައް ހާސް ބުޅިއެއް އޭނާ ވިއްކަން މާލެ ފޮނުވަ އެވެ. ފިރިމީހާ ކަނޑަށް ނުކުމެ، މަސްވެރިކަން ކުރާއިރު ޒަހިއްޔާ އިންނަނީ މޭޒު ދޮށުގައި ބުޅި ހަދާށެވެ. އެކަނިމާއެކަނި، މުޅި ދުވަސް އޭނާ އެ މަސައްކަތުގައި ހޭދަކުރެ އެވެ.
ސްކޫލުގައި ހިންގި ކޯހަކުން މޮޅު 'ބުޅިވެރިއަކަށް'
އެއީ މީގެ 31 އަހަރު ކުރި އެވެ. އޭރު އުކުޅަހުގެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް ފަހަކާ ހަމައަށެވެ. ފިޝަރީޒް މިނިސްޓްރީން، މަސްވެރި މި ރަށުގައި ބުޅި ހަދާ ކޯހެއް ހިންގަން އައުމުން، އޭރު އުމުރުން 13 އަހަރުގެ ޒަހިއްޔާ އާއި އޭނާގެ ކްލާހުގައި ކިޔަވާ ހުރިހާ ކުދިން ވެސް ބައިވެރިވި އެވެ. ރަށުތެރެއިން ފިރިހެނުން ވެސް ބައިވެރިވި އެވެ.
އެ ކޯހުގައި އެ މީހުން ދަސްކުރީ ގިރުނބާއަށް ލައި ހޫނުކޮށްގެން، ވަރުގަދައަށް ތަޅައިގެން 'އަނގަމަތި ބުޅި' ހަދާށެވެ. ދެން ދަސްކުރީ 'ހަވާއީ ބުޅި' އެވެ. ކުޑަކުޑަ ދެ އަތުން، ނަރުކެނޑީގައި ހިފަހައްޓައި، ދަގަނޑުކޮޅު ބުޅިއެއްގެ ބައްޓަމަށް ލަންބަން އުނދަގޫވި ނަމަވެސް، އެ މަސައްކަތް ޒަހިއްޔާ ދުލެއް ނުކުރި އެވެ. އޭނާއަކީ އެ ކޯހުން ކިޔަވައިގެން، މަސައްކަތުގައި މިހާތަނަށް ދެމިހުރި ހަމައެކަނި މީހާ އެވެ.
ސްކޫލު ނިމުމާއެކު ދެން އޭނާ ދާން ފެށީ ދޮންބައްޕައަށް ބުޅި ހެދުމުގައި އެހީތެރިވެދޭށެވެ. ދޮންބައްޕަ މަރުވުމާ އެކު މަސައްކަތް ކުޑަ ދުވަސްކޮޅަކަށް މެދުކެނޑުނު ނަމަވެސް، އުމުރުން 16 އަހަރުގައި މީހަކާ އިނދެ އަނެއްކާވެސް މަސައްކަތުގައި ހަމަޖެހިލި އެވެ.
"އަޅުގަނޑު އިނީ މަސްވެރިއަކާ. އެހެންވެ، މިކަން ކުރަން އިތުރަށް ފަސޭހަވެއްޖެ. ދެން ބެލީ އޭނާ ގާތު އަހައިގެން މަސްވެރިކަން ކުރާ ގޮތާއި ބަދަލުތަކަށް ވިސްނައިގެން ބުޅި ހެދޭތޯ،" ޒަހިއްޔާ ބުންޏެވެ.
އެއީ ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ފަށައިގަތް އިރެވެ. މަސް ބޭނުމަށް އެމުގެ ގޮތުގައި ރިތްމަހާއި މުށިމަހުގެ ބޭނުން އޭރު ޖެހެ އެވެ. އެކަމަކު ދަލުން ހިފާ އެފަދަ މަސް މާ އަވަހަށް ކުނިވުމުގެ މައްސަލަ ދިމާވާތީ، ބޭނުމަށް ކުދި ބުޅީގެ ބޭނުން ހިފަން ފިރިމީހާ ލަފާދިނެވެ.
ޒަހިއްޔާގެ މަސައްކަތް ދެން ބައްޓަން ކުރީ އެ ޑިމާންޑާ އެއްގޮތަށެވެ. މުށިމަހާއި ރިތްމަހާއި ފަޅުތެރޭގައި އުޅޭ އެފަދަ އެހެން މަސް ބޭނޭ ފަދަ ގޮތަކަށް އޭނާ ބުޅި ފައްކާކުރި އެވެ. ފަޅުތެރޭގެ ފުން ހިސާބުތަކުގައި، ފަސޭހައިން އަޑިއަށް ދާގޮތަށް ތިމަރަ އަޅައިގެންނެވެ. ފަހުން ބުޅީގައި ފިޔަލައި އަނެއްކާވެސް އާ ޑިޒައިނެއް ތައާރަފް ކުރި އެވެ.
އޭނާ އެކަން ކުރަނީ ފިރިމީހާގެ އިރުޝާދާ އެކު އަމިއްލަ ހިޔާލަށެވެ. ބުޅީގައި މަސް ގަންނަ ގޮތާއި މަސްވެރިކަން ހުރިނެތް ގޮތް ކިޔައިދެނީ ފިރިމީހާ އެވެ. އެ ވާހަކަތަކަށް ބިނާކޮށް، ބުޅި ހަދަނީ އަމިއްލަ ވިސްނުމަށެވެ. މުޅިން އާ ގޮތަކަށް، ބާޒާރުން ބުޅި ގަނެ، ބަދަލުތައް ގެނަ އެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ޒަހިއްޔާގެ ބުޅީގެ ވިޔަފާރި އެތައް ގޮތަކުން ކުރިއަރައި ދިޔަ އެވެ.
ބާޒާރުން ގަންނަ ބުޅި އާއި ޒަހިއްޔާގެ ބުޅި ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، އޭނާ ބުނިގޮތުގައި، މަސްވެރިކަން ކުރާ މީހާގެ ހުނަރާއި ފެންވަރަށް ބަލައިގެން އެ ހަދާތީ އެވެ. އޭނާ ބުޅި ހަދައިދެނީ، އެ ގަންނަން ދާ މީހާއަށް މަސްވެރިކަން ކުރަން އެނގޭ މިންވަރަށް ބަލައިގެންނެވެ.
"އަޅުގަނޑު ގާތަށް އަންނަ ކޮންމެ މީހެއްގެ ގާތުގައި ވެސް އަހަން މަސްވެރިކަމަށް ކިހާ ފަރިތަތޯ. މިސާލަކަށް އޭނާއަކީ ކުޅަދާނަ މަސްވެރިއެއް ވިއްޔާ އޭނާގެ ބުޅި ހުންނާނީ ވަކި ގޮތަކަށް. އާއްމުކޮށް އެކަން ނުކުރާ، ނުވަތަ އަތްމަތި އެހާ ފަރިތަ ނޫން މީހެއް ވިއްޔާ އޭނާއަށް ވިއްކަނީ ވަކި ވައްތަރެއްގެ ބުޅިއެއް. އަލަށް ބާނާ މީހަކަށް ދެނީ ވަކި ބުޅިއެއް،" ޒަހިއްޔާ ބުންޏެވެ.
ބުޅި ޑިޒައިން ކުރުމުގައި އޭނާ ދެން ބަލަނީ މޫސުމާއި ކަނޑުފަޅުގެ އޮޔާއި ވަޔަށެވެ. މަސް ދަހި އިރެއްގައި ވަކި ގޮތަކަށް ބުޅި ހަދާއިރު، ފަޅުތެރެ ގަދަކޮށް އޮންނަ އިރެއްގައި ނޫނީ އޮއި މަޑު ދުވަސްވަރެއްގައި ބުޅީގެ ބައްޓަމާއި ކިއްސަރު ތަފާތެވެ. ބާޒާރުން ގަންނަ ބުޅިއަށް ބައެއް ބަދަލުތައް ގެނެސް، ނަރު ވިރުވައިގެން، ތެދުކޮށް ބުޅި އަލުން އޭނާ މޮޑިފައި ކުރެ އެވެ. އެކަމަކު އެއީ، ޒަހިއްޔާގެ ބަހުން ނަމަ، ކަވި އަދި ލައްކަ މަސައްކަތެވެ.
އޭނާގެ އަތުން ބުޅި ގަންނަ އުކުޅަހު މީހުން ބަނދަރުމަތީގައި މަސް ބާނާތަން ބަލަން އޭނާ ދެ އެވެ. މަސް ބާނާ ގޮތާއި އޭނާގެ ބުޅިން އެކަން ކުރެވޭތޯ ބަލައި ދެން ގެންނަން ޖެހޭ އާޖުފާޖުތައް ދެނެގަތުމަށްޓަކަ އެވެ. އެ ތަޖުރިބާއަށް ބަލައި އަނެއްކާވެސް އާ ގޮތަކަށް އޭނާ ބުޅި ތައްޔާރު ކުރެ އެވެ.
އޭނާ ބުނިގޮތުގައި ބުޅީގެ ވިޔަފާރި މައިގަނޑު ގޮތެއްގައި އޭނާ ކުރަނީ މާލޭގަ އެވެ. އޯޑަރަށް ވިއްކަން ބުޅި މާލެ ފޮނުވިޔަސް، ދެން އެހެން އެއްޗެހި އޭނާ ބަހައްޓަނީ ގޭގެ ފެންޑާގައި ހުންނަ މޭޒެއްގެ މަތީ އަތުރާލާފަ އެވެ. ވިއްކާކަށް ފިހާރައަކަށް ނުލަ އެވެ. ސިޓިންރޫމުގައި، މީހުންނަށް ފެންނަ ފަށުގައި ފާރުގައި، ޒަހިއްޔާގެ އެކައުންޓު ނަމްބަރު ލިޔެ ތަތްކޮށްފައި ހުރި ނަމަވެސް އެއަށް ފައިސާ ދެއްކުން އޭނާ އޮންނަނީ މީހުންގެ އަތްމައްޗަށް ދޫކޮށްލާފަ އެވެ. ފައިސާ ދިނަސް ނުދިޔަސް އޭނާއަށް ވަރިހަމަ އެވެ.
"މިގޭ ދޮރެއް ތަޅެއް ނުލާނެ. ފަތިހު އަޅުގަނޑަށް ހޭނުލެވުނަސް، ގޭގައި ނޫޅުނަސް، މަހަށް ދާ މީހުން ވަދެފައި މޭޒުމަތިން ބުޅި ހިފައިގެންދާނީ. ގެންދާ މީހެއް، ގެންދާ ވަރެއް އަޅުގަނޑު ނުބަލަން،" ޒަހިއްޔާ ބުންޏެވެ.
"މާލެއިން އަގުބޮޑުވީމައި، ނުދަންނަ ބައެއް މީހުން ބުޅި ހޯދަން ގުޅާނެ އަޅުގަނޑު ފޯނަށް ވެސް. ކައިރި ރަށްރަށުންނާއި ދުރު ހިސާބުތަކުން ވެސް ގުޅާނެ. އެގޮތަށް ގުޅައިފިއްޔާ އެ މީހަކަށް އަޅުގަނޑު ހިލޭ ބުޅި ދެނީ. ވިޔަފާރި އަޅުގަނޑު ކުރާނީ މާލޭގައި."
ޒަހިއްޔާ ބުނިގޮތުގައި މަސްވެރިކަން ހުންނަ ގޮތުން ބުޅީގެ އޯޑަރެއް ނުލިބި ވެސް ދެ އެވެ. ބައެއް މަސްމަހު، މަސް ދަހި އިރެއްގައި ހަފްތާއަކު 3،000 ބުޅި ވެސް ހަދަން ޖެހިދާނެ އެވެ. އެގޮތަށް ބައެއް މަސްމަހު، ތިން ހަތަރު އޯޑަރު ލިބެ އެވެ. އެފަދަ ދުވަސްތަކުގައި ފަތިހު ބުޅި ހަދަން އިށީންނަ މީހާ މޭޒު ދޮށުން ތެދުވަނީ ނަމާދުކުރާށާއި ކާން އެކަންޏެވެ. އެގޮތަށް ރޭގަނޑު ވަންދެން ވެސް އޭނާ މަސައްކަތް ކުރަން ޖެހޭ ދުވަސްތައް އާދެ އެވެ.
އޭނާގެ ވިޔަފާރި އިޝްތިހާރުކުރުމަށް ދުވަހަކު މަސައްކަތްނުކުރި ނަމަވެސް، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މެދުނުކެނޑި އޭނާއަށް އެކަމުން އާމްދަނީ ލިބެ އެވެ. ދިރިއުޅުމުގެ ވަރަށް ބޮޑެތި ހަަރަދުތައް ވެސް، ހަމައެކަނި ބުޅި ހަދައި ވިއްކައިގެން ވެސް އޭނާ ކޮށްފި އެވެ. ޒަހިއްޔާ ގަބޫލުކުރާ ގޮތުގައި މިއީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އޭނާ ކުރާ އެ މަސައްކަތުގެ ފައިދާ އެވެ.
ޒަހިއްޔާއަކީ އުކުޅަހު އަންހެނުން ކޮމެޓީގެ ރައީސާ އެވެ. ނުދަންނަ ބައެއް މީހުން ގާތު، އޭނާގެ އަސްލު މަސައްކަތަކީ ބުޅި ހެދުން ކަމަށް ބުނުމުން ބައެއް މީހުން އެކަމާ ހައިރާންވެ އެވެ. އަންހެނަކު އެފަދަ މަސައްކަތެއް ކޮށްފާނެ ކަމަށް އެ މީހުންނަށް ގަބޫލު ނުކުރެވެނީ އެވެ.
އެކަމަކު ޒަހިއްޔާ ގަބޫލުކުރާ ގޮތުގައި މިއީ އަންހެނަކަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ގޭގައި އިނދެ، ދަރިން ބަލަމުން، ގޭގެ އެހެން މަސައްކަތް ކުރަމުން ވެސް އާމްދަނީ ހޯދަން މިކަން ކުރެވިދާނެ އެވެ. ބޭނުންވަނީ ހިތްވަރެކެވެ. ޒަހިއްޔާއަކީ އޭގެ ނަމޫނާއެކެވެ.
ކޮމެންޓް (5)
ފިސާރި
ބުނެލީ
ރޯނޭ
ޑިސަޕޮއިންޓަޑް
އުކުޅަސް މީހާ