އާޓިސްޓު އަދި އާކިޓެކްޓް ޒުހާ ބާރީގެ ފުރަތަމަ އަމިއްލަ މައުރަޒު 'އޮކިއުޕައިޑް ވޭކަންސީ' (ފޮޓޯ/އަހުމަދު ލައުހު މުހައްމަދު)
އޮކިއުޕައިޑް ވޭކަންސީ: ޒުހާ ބާރީގެ ފުރަތަމަ ސޯލޯ މައުރަޒު
ޒުހާ ބާރީގެ ފުރަތަމަ ސޯލޯ މައުރަޒު 'އޮކިއުޕައިޑް ވޭކަންސީ'ގެ ޒަރިއްޔާއިން އޭނާ ކުރީ ވަރަށް ފުން ސުވާލެކެވެ. އޭނާ ބުނިގޮތުގައި އަމިއްލަ ނަފްސަށް 'ވަޓް އިފް؟' ނުވަތަ 'އެހެން ވި ނަމަ؟' މި ސުވާލު ކުރުމަކީ ހަގީގަތުގެ ހުރަސްތައް ކަޑައްތުކޮށް ފުޅާ ގޮތަކަށް ކަންކަމާ މެދު ވިސްނާ ފިކުރު ކުރަން ފުރުސަތު ހުޅުވާލާ ކަމެކެވެ.
މި ސުވާލަކީ ދެނެގަތުމަށާއި ވިސްނުން ބަދަލު ކުރަން ދޭ ދައުވަތެއް ވެސް މެ އެވެ. ކަންކަމުގެ ސަބަބުން އުފެދޭ އެކި ސުވާލުތަކަށް ޖަވާބެއް ހޯދަން އަޅުގަނޑުމެން ވަރަށް ގިނަ ފަހަރާ އަވަސްވެގަނެ އެވެ. އާކިޓެކްޓެއް އަދި އާޓިސްޓެއްގެ ހައިސިއްޔަތުން ޒުހާ ބޭނުންވަނީ މި ދެ ދާއިރާގެ ގުޅުމާ މެދު ފިކުރުކޮށް އޭގެ ރިވެތި ހަމަހަމަކަން ދެނެގަންނާށެވެ.
އާކިޓެކްޗާ އަކީ ގަވައިދާއި 'ފަންކްޝަން' އާއި 'ފޯމް'ގެ މައްޗަށް ބިނާވެފައިވާ ދާއިރާ އެކެވެ. އެއާހިލާފަށް އާޓް އަކީ ހިޔާލީ އަދި މިންގަނޑުތަކުން ބޭރުވާން އެދޭ ދާއިރާ އެކެވެ. މި ދެ ދުނިޔޭގެ ގުޅުން އޭނާގެ ކުރެހުންތަކުން ތަރުޖަމާ ކުރަން ޒުހާ މަސައްކަތް ކުރެ އެވެ.
ހަލަބޮލި މާލޭގެ ބޮޑުފުންގަނޑުމަގުގައި ހުންނަ އިމާރާތެއްގައި މި މަހުގެ 15 އިން އިއްޔެގެ ނިޔަލަށް ޒުހާ ބޭއްވި 'އޮކިއުޕައިޑް ވޭކަންސީ' މައުރަޒުގައި 11 ވަރަކަށް އުފެއްދުން ދައްކާލި އެވެ.
ގަލަމާއި ފަންސޫރު ކުލަ، ގުއާޝް އަދި ފެން ކުލަ ފަދަ އެކި މީޑިއަމްތައް ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ކަވި ކުރެހުންތަކަކުން އޭނަ ދައްކައިދިނީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ އެކަމަކު ޒުހާގެ ސްޓައިލުގައިވާ އަމިއްލަ ހިޔާލީ ދުނިޔެއެކެވެ. އޭނާގެ ކުދި އަދި ތަފްސީލް ކުރެހުންތަކުން ދައްކައިދޭ މި ދުނިޔެއާ މެދު ވިސްނާ، އޭގެ ތެރެއަށް މުޅިން ވަދެވިގެން ގެއްލޭ ކަހަލަ މަސައްކަތްތަކެއް ފެނިގެންދިޔަ އެވެ.
އެންމެ ފުރަތަމަ ޒުހާގެ ހުނަރު ފެނިގެންދިޔައީ ޒުވާނުންގެ ފަންނުވެރިކަން ފުޅާކޮށް ދައްކާލަން ބޭއްވި 'ކައްޓި ހިތްވަރު' މައުރަޒުގަ އެވެ. ޒުހާ ބުނިގޮތުގައި 2015 އަދި 2016ގައި އޭނާގެ ކުރެހުންތަކެއް އެ އިވެންޓުގައި ދައްކާލުމަށް ފަހު ދެން އޭނާ ވަނީ އާކިޓެކްޗާ ކިޔަވަން ފެށި ފަހުން އާކިޓެކްޗާއިން ހިޔާލު ލިބިގެން ކުރެހުންތަކެއް ތައްޔާރުކުރަން ފަށައިފަ އެވެ.
ކިޔަވަން ފެށި ފަހުން ޒުހާގެ އެކި މަސައްކަތްތައް ގޭތެރޭގެ އެކި ތަންތާނގައި ގިނަވެ، ފާރުތަކުގަ އާއި ބޯޑުތަކުގައި ކުރެހުންތައް ބަހައްޓަން ފެށި އެވެ. އަދި ހަތަރު ވަރަކަށް އަހަރު ވީ އިރު، މައުރަޒެއްގައި ދައްކާލެވޭ ވަރަށް ކުރެހުންތައް އެއްވެފައި ހުއްޓެވެ. އެހިސާބުން އަމިއްލަ ގޭގެ ހަތަރު ފާރުން ބޭރުވެ އެހެން ތަނެއްގައި ބަޔަކަށް އެ ކުރެހުންތައް ދައްކާލަން ޖެހިއްޖެކަން ޒުހާއަށް ވިސްނުނެވެ.
"ފެންނަ ހުރިހާ މަސައްކަތަކުން ވެސް ދައްކައިދެނީ ތަފާތުތަކެއް. ކުރެހުންތަކުން ފެންނަނީ އެއްޗެއް ކޮންސްޓްރަކްޓްވާތަންތޯ ނުވަތަ ޑީކޮންސްޓްރަކްޓްވާތަންތޯ ސުވާލު ކުރެވޭ. ހުސް ތަނެއްތޯ ނުވަތަ މީހުން އުޅޭ ތަނެއްތޯ،" ޒުހާ އޭނާގެ މަސައްކަތާ ބެހޭ ގޮތުން ވާހަކަދައްކަމުން ކިޔައިދިނެވެ.
"ކުރެހުމުކަށް ދިރުން އަންނަނީ އާއްމުކޮށް ފެންނަ ސަބްޖެކްޓްތައް، އެއީ މީހުން ނުވަތަ އެއްޗެހި، އެތަނުން ދިޔައިމަ. އެއީ ފިލްމް 'ޓޯއި ސްޓޯރީ' ގޮތަށް، އޭންޑީ ކޮޓަރިން ނުކުތީމަ ހުރިހާ ކުޅޭތަކެތި 'ލައިފް' އަށް އަންނަ ފަދައިން. އެހެންވެ 'އޮކިއުޕައިޑް ވޭކަންސީ'އޭ ބުނަނީ. ހުސް ތަނެއްހެން ހީވިކަމުގައިވިއަސް، އެއީ އަބަދުވެސް 'އޮކިއުޕައިޑް' ތަނެއް. މުޅި ތަން އަބަދުވެސް އަންނަނީ ހަލަބޮލިކޮށް މަސައްކަތް ކުރަމުން މެޝިންއެއް ފަދައިން،" ޒުހާ ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ވަރަށް ތަފާތު އަދި ފުން މައުލޫއުތަކެއް ފަންނުވެރި ހުނަރުތަކަކުން ދައްކާލަން ޒުހާ އުއްމީދު ކުރެ އެވެ.
ކޮމެންޓް