'ބްލޫސްޓޮކިން'ގެ ދަތުރުގައި އަންހެނުންތަކެއް ބައިވެރިވަނީ

އަންހެނުން

'އޮޓޯޕައިލެޓަށް' ލެވިފައިވާ ދިރިއުޅުމުން ނުކުންނަން މި ދަނީ ދަތުރަކަށް

ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރެވިފައިވާ ގޮތުން، އަބަދުވެސް ހީވަނީ ވަށާ ޖެހޭ ބުރެއްގެ ތެރޭގައި އުޅެވޭހެން. އެކަމަކު މި ބުރު ފަޅާލައި ނުކުންނާނެ ގޮތް އަދި އުފެއްދުންތެރި ދިރިއުޅުމެއް ބައްޓަން ކުރާނެ ގޮތް މި ދަތުރުން ކިޔައިދޭ
22 އޮކްޓޯބަރު 2024
1

އަބަދުވެސް ހީވަނީ މިހެންނެވެ؛ މުޅި ދިރިއުޅުން ބައްޓަންވެފައި އޮތީ އެއް ކަންތައްތަކެއްގެ މައްޗަށެވެ. އާ ދުވަހަކަށް އިރު އެރި ނަމަވެސް، ދުވަހުގެ ތާވަލުގައި މުޅިން ވެސް އޮތީ، އިއްޔެ ނޫނީ އޭގެ ކުރީ ދުވަހު ކުރި ކަންތައްތަކެވެ. ދިރިއުޅުން ބައްޓަންވެފައި އޮތީ ވަށާޖެހޭ ބުރެއްގެ ތެރެއިންނެވެ.

ފަތިހު ހޭލައިގެން ބަދިގެއަށް ވަނުމާއި ދަރިންނާއި ގޭތެރޭގެ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. ނުވަތަ ވަޒީފާއަށް ދިޔުމެވެ. އެނބުރި އައިސް ވެސް ވަންނަން މި ޖެހެނީ އެ ބުރުގެ ތެރެއަށެވެ. އަމިއްލަ މީހާ އާއި ނަފްސު ބޭނުންވާ ކަންކަން އަދި އަޅުކަން މި އަންނަނީ، އެ ހުރިހާ ކަމެއް ނިމުމުން، އެންމެ ފަހުންނެވެ.

އެކަމަކު އެ ބުރު ފަޅާލައި ނުކުމެވިދާނެކަމާއި ވަޒީފާ އަދާކުރިޔަސް، ދަރިން ބަލަން ގޭގައި އިނަސް، އަމިއްލަ ނަފްސު ދެކެ ލޯބިވެ، އަޅާލެވިދާނެކަން ކިޔައިދިނުމަކީ 'ފެއިތު ބޭސްޑް ޕްރޮޑަކްޓިވިޓީ ޓްރެއިނާ' ނާޝިދާ މުހައްމަދުގެ މިހާރުގެ މަސައްކަތެވެ. އޭނާގެ އަމިއްލަ ކުންފުނި، ބްލޫސްޓޮކިންގެ މަގްސަދަކީ، މާބޮޑު އިހްތިޔާރެއް ނެތި، އޭގެ ޒާތުގައި ނުވަތަ 'އޮޓޯޕައިލެޓުގައި' ހިނގަމުން އަންނަ ދިރިއުޅުން، ވަކި މަގްސަދަކާ ދިމާއަށް ގެންދާނެ ގޮތް ކިޔައިދިނުމެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ތިމާ އާއި ﷲއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ފުރިހަމަ މުސްލިމް އަންހެނެއްގެ ގޮތުގައި ހަޔާތް ބައްޓަން ކުރެވިދާނެކަން އަންގައިދިނުމެވެ.

ބްލޫސްޓޮކިންގެ ދަތުރުގައި އަންހެނުންތަކެއް ބައިވެރިވަނީ: މި ދަތުރުގައި ކިޔައިދެނީ އުފެއްދުންތެރި ދިރިއުޅުމެއް ބިނާކުރެވިދާނެ ގޮތްތައް

"އަޅުގަނޑުމެން މި ކިޔައިދެނީ، އިސްލާމިކް ސެލްފް ހެލްޕްއަކީ ކިހާ މުހިއްމު އެއްޗެއްކަން. މީހާ މޯޓިވޭޓްވުމަށް ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަށް ގިނައިން މި ކިޔެނީ ހުޅަނގުގެ ވިސްނުމާއި ގޮތްގަނޑު ހުންނަ ފޮތްތައް. އެކަމަކު ގިނަ ފަހަރު އެފަދަ ފޮތްތަކުގައި ބާރުއަޅާފައި ހުންނަނީ އަމިއްލަ ނަފްސަށް ބަރޯސާވުމަށް،" ކުރިން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ނާޝިދާ ބުންޏެވެ.

"ބައެއް ފަހަރު ޝިރުކަށް މަގުފަހިވާ ކަންކަން ވެސް އެބަ ކުރިއަރުވާ. މިސާލަކަށް މެނިފެސްޓޭޝަން އާއި ޔުނިވާސް އިން މިވެނި ކަމެއް ކޮށްދޭނެ ކަމަށް ބުނުން ފަދަ ކަންކަން."

މާބޮޑު އިހްތިޔާރެއް ނެތި، އަމިއްލަ ކޮންޓްރޯލް ކުޑަވެފައިވާ ދިރިއުޅުމާ ގުޅޭގޮތުން ވާހަކަ ދައްކައި، އުފެއްދުންތެރި ދިރިއުޅުމެއް ބިނާކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، ކުޑަ ބްރޭކެއް ނަގަން ޖެހެ އެވެ. އެހެންވެ، ބްލޫސްޓޮކިން އަހަރުމެން ގޮވައިގެން ދަނީ ދަތުރަކަށެވެ. ރީތި ރަށެއްގެ ގޮނޑުދޮށަށް ނުވަތަ ހިތްގައިމު މާހައުލަކަށެވެ. ވީހާވެސް، ގުދުރަތުގެ ފުރިހަމަކަމާ ކައިރި އަށެވެ. 

އެއީ ނާޝިދާގެ ބަހުން ނަމަ، "ހުރިހާ އަންހެނުން އެއް ތަނަކަށް އެއްވެލާ، މައިންޑް ފްރެޝްކޮށްލާ، އަމިއްލަ ނަފްސާ މެދު ވިސްނާލަން" ނަގާ ބްރޭކެކެވެ. 

ބްލޫސްޓޮކިން އިން މިފަދަ ތިން ދަތުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ދަތުރުތަކުގައި އެކި ދާއިރާތަކުގެ މީހުން ބައިވެރިވެ އެވެ. ސިއްހީ ހިދުމަތްތެރިންނާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ޓީޗަރުންނާއި ދަރިން ބަލަން ގޭގައި ތިބޭ މައިންނާއި ލިޔުންތެރިން ފަދަ މީހުންނެވެ. އެކަމަކު މި އެންމެންގެ ވެސް މަގްސަދަކީ އެކައްޗެކެވެ؛ ދުނިޔެވީ ކަންކަމަށް ހުސްވެފައިވާ 'ހަސަލް ކަލްޗާ' އިން، ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި އީމާންކަން އެއް ހަމައެއްގައި ހިފަހައްޓާނެ ގޮތް ކިޔައިދޭ، 'ބަރަކާ ކަލްޗާ'އަށް ބަދަލުވާނެ ގޮތް ހޯދުމެވެ.

ބްލޫސްޓޮކިންގެ ދަތުރެއްގައި ނާޝިދާ ސެޝަންއެއް ނަގައިދެނީ
ބްލޫސްޓޮކިންގެ ދަތުރެއްގައި ނާޝިދާ ސެޝަންއެއް ނަގައިދެނީ

ބްލޫސްޓޮކިންގެ މުޅި ރީޓްރީޓް ބިނާވެފައި ވަނީ، 'ބަރަކާ ލައިފްސްޓައިލް' ނުވަތަ ބަރަކާތްތެރި ދިރިއުޅުމެއް ބިނާކުރާނެ ގޮތުގެ މައްޗަށެވެ. އެއާއެކު އުފެއްދުންތެރި މީހަކަށް ވެވޭނެ ގޮތާ މެދު އެވެ. އާއްމު ދިރިއުޅުމާއި އަޅުކަމުގައި އެންމެ އުފެއްދުންތެރި ވެވޭނީ ކިހިނެއްތޯ އެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް، ﷲގެ ރުއްސެވުން ހޯދުމަށް ބައްޓަން ކުރާނެ ގޮތާއި އަމިއްލަ ދިރިއުޅުމުން ބަރަކާތް ކެނޑޭނެ ފަދަ ކަންކަމާ ދުރުހެލިވާނެ ގޮތެވެ.

މިއީ އެމެރިކާގައި ރަޖިސްޓްރީކޮށްގެން ހިންގާ، 'ޕްރޮޑަކްޓިވް މުސްލިމް ކޮމްޕެނީ'ގެ ބާނީ މުހައްމަދު ފާރިސްގެ ވިސްނުމެވެ. ނާޝިދާއަކީ އެ ކުންފުނީގެ ޕްރޮޑަކްޓިވިޓީ ޕާޓްނަރެއްގެ އިތުރުން އެތަނުގެ ޓްރެއިނާއެކެވެ.

ނާޝިދާ ދެކޭގޮތުގައި އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައިފި ނަމަ، އުފެއްދުންތެރިކަން އިތުރުވެ، ދުނިޔޭގެ މި ދިރިއުޅުމުން ވެސް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ އެވެ. އިސްލާމީ އުފެއްދުންތެރިކަމަކީ، ދުނިޔެ އާއި އާހިރަތަށްޓަކައި އެންމެ ރަނގަޅު ގޮތުގައި ދިރިއުޅުމެވެ. ކާމިޔާބު މުސްލިމެއްގެ ހަޔާތުގެ ސިއްރަކީ އެ ދިރިއުޅުމުގައި ލައްވާފައިވާ ބަރަކާތްކަމުން، ބްލޫސްޓޮކިން އިން ކިޔައިދެނީ އެ ބަރަކާތް ހޯދިދާނެ ގޮތްތަކެވެ.

ބްލޫސްޓޮކިންގެ ދަތުރެއްގެ ތެރެއިން. މިއީ އުފެއްދުންތެރި ދިރިއުޅުމެއް ބިނާކުރެވިދާނެ ގޮތާ ގުޅޭގޮތުން އުނގެނުމަށް، ހަމައެކަނި އަންހެނުން ކުރާ ހާއްސަ ދަތުރެއް

ދަތުރުގައި ބައިވެރިވާ ކޮންމެ މީހަކު ވެސް ބޭނުންވަނީ އެ މީހެއްގެ އަމިއްލަ ނަފްސު ދެނެގަންނާށެވެ. ޒިންމާތައް ބޮޑު، ދުވަހީ ދިރިއުޅުމުގައި ކޮންމެވެސް ހިސާބަކުން އޮންނަނީ އަމިއްލަ މީހާގެ ބޭނުންތައް ގެއްލިފަ އެވެ. އެހެންވެ، އެއް މަގްސަދެއްގައި، އެއް ހިޔާލެއްގެ އަންހެނުންތަކެއް އެއްވެ، އެކަކު އަނެކަކު ކައިރިން ހިތްވަރު ހޯދުމަކީ މި ރީޓްރީޓްތަކުގެ އެންމެ ބޮޑު އެއް ބޭނުމެވެ.

"މި ދަތުރުތަކުން އާ ހިތްވަރެއް އެބަ ލިބިދޭ. އެކުގައި ދަސްކޮށް، ކުރިއަރައި އަދި ތަރައްގީވުމަށް ޝައުގުވެރިވާ އަންހެނުންތަކަކާ އެބަ ބައްދަލުވޭ. ހެޔޮލަފާ، އީމާންތެރިކަން ވަރުގަދަކުރަން ބޭނުންވާ މީހުންނާ ދިމާވެ، އެކަމަށް އަޒުމު އާވޭ،" ނާޝިދާ ބުންޏެވެ.

"ތިމާ ނޫނަސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ މީހުން ވެސް އުޅޭ ކަމާއި އެ ފަދަ މީހުންނާ މި ދަތުރުގައި ދިމާވެ، އެ ހާލަތުން އަރައިގަންނާނެ ގޮތް އެނގުންވީ ވަރަށް ބޮޑު ބާރަކަށް."

ބްލޫސްޓޮކިން އިން މިހާތަނަށް ތިން ރީޓްރީޓް ބާއްވާފައިވަނީ ކ. ދިއްފުށީގެ ހިތްގައިމު މާހައުލުގައި އަދި އެ ރަށުގައި ހުންނަ ރަށުހިޔާ ހޮޓެލްގެ ހިދުމަތުގަ  އެވެ.

ދަތުރެއްގެ ބައިވެރިން އިރުއަރާ މަންޒަރު ބަލަން މަޑުކޮށްލައިގެން

މި ރީޓްރީޓްތަކުގައި 'ބަރަކާ ލައިފް ސްޓައިލް'އާ ގުޅޭ ވޯކްޝޮޕްތައް ކުރިއަށް ގެންދެ އެވެ. އެންމެން، އެކުވެ މަޝްވަރާކޮށް ހައްލުތައް ހޯދަ އެވެ. ފަތިހު ބަނދަރުމަތީގައި މަޑުކޮށްލާ، ދިރިއުޅުމާއި އަމިއްލަ ނަފްސާ މެދު ވިސްނާލަން ވަގުތު ހުސްކޮށްލަ އެވެ. އަމިއްލަ ނަފްސާ ކެނޑިފައި އޮތް ގުޅުން ގާއިމުކޮށްދެ އެވެ.

މާލޭގައި މިފަދަ ޕްރޮގްރާމެއް ނުބާއްވަނީ، ނާޝިދާ ބުނިގޮތުގައި، އެ ޕްރޮގްރާމް ނިންމާފައި ވަގުތުން ގެއަށް ގޮސް، އަނެއްކާވެސް އެއްކަލަ ބުރުގެ ތެރެއަށް ވަންނަން ޖެހޭތީ އެވެ. އޭގެ ބަދަލުގައި އެ ޒިންމާތަކާ އެކަހެރިވެ، އެއް ވިސްނުމެއްގެ ބަޔަކާ އެކު ދެ ދުވަހެއްވަރު ހޭދަކުރުމުން، އެއިން ނުކުންނަ ނަތީޖާ މާ ރަނގަޅު ކަމަށް ފެންނާތީ އެވެ.

އެ ދަތުރުތަކުގައި ބައިވެރިވި އަންހެނުން ބުނާގޮތުގައި އެ މީހުން އެނބުރި އައީ އާ އަދި ކުރިއަށްވުރެ ރަނގަޅު މީހެއްގެ ގޮތުގަ އެވެ. ބައެއް މީހުން ބުނިގޮތުގައި އެ ދަތުރު ދިޔުމަކީ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުމެވެ. ބޮޑެތި ކުންފުނިތަކުގެ އިސް ލެވެލްގެ މީހުން ވެސް ބައިވެރިވެ، މިއީ މަސައްކަތުގެ މާހައުލަށް ވެސް އެންމެ އެކަށޭނަ ލައިފްސްޓައިލްކަން އެނގުނު ކަމަށް އެ މީހުން ބުނެ އެވެ.

'ޕްރޮޑަކްޓިވް މުސްލިމް'ގެ ފޮތެއް. ނާޝިދާގެ ކޯސްތައް އަމާޒުކޮށްފައިވަނީ މި ފޮތްތަކުގެ މައްޗަށް

މި ރީޓްރީޓްތަކުގެ އިތުރުން ބްލޫސްޓޮކިން އިން، ރޯދަ މަހަށް މީހާގެ ނަފްސު ތައްޔާރުކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދެ އެވެ. މިއީ ދަތުރު ނުދެވޭ މީހުންނަށް، ހަމަ އެފަދަ މާހައުލަކާއި މައުލޫމާތު ލިއްބައިދޭ ސެޝަންތަކެކެވެ. 'ޕްރޮޑަކްޓިވިޓީ މާސްޓާ ކްލާސް'ގެ ނަމުގައި އަށް ހަފުތާއަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބޮޑަށް ކިޔަވައިދެނީ ބަރަކާ ކަލްޗާގެ އިތުރުން ވަގުތާއި ފޯކަސް، ހަކަތަ އާއި ސިއްހީ ދުޅަހެޔޮކަން ދަމަހައްޓާނެ ގޮތް ފަދަ އުފެއްދުންތެރިކަމާ ގުޅޭ ކަންކަމެވެ. 

މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައި އޮތްއިރު، މިއީ ވެސް ނާޝިދާ ގަބޫލުކުރާ ގޮތުގައި، އަމިއްލަ ނަފްސު ކުރިއަރުވަން ބޭނުންވާ ކޮންމެ އަންހެނަކަށް ވެސް އާ ތަޖުރިބާއަކަށް ވާނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ނާނި

22 އޮކްޓޯބަރު 2024
ތިފަދަ މާތް މަގްސަދެއްގައި ކުރާ ކަމެއްގެ އަގުވެސް އަތް ފޯރާ ފަށަށް ތިރިކޮށްލަދެއްވުން އެދެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް