ހއ އުތީމުގެ އެކި ހިތްގައުމު މަންޒަރުތައް ފެން ކުލައިން ޝިމްހާ ވަނީ ދައްކާލައިފަ (ފޮޓޯ: ޝިމްހާ ޝަކީބް)
އުތީމުގެ ހިތްގައިމު މަންޒަރުތަކާ އެކު ޝިމްހާގެ އެންމެ ފަހުގެ މައުރަޒު ބޮޑުތަކުރުފާނު މަރުކަޒުގައި
ކުރެހުންތެރިޔާ ޝިމްހާ ޝަކީބް 'އުތީމު އެކޯސް'ގެ ނަމުގައި ހއ. އުތީމުގެ ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރުގައި މައުރަޒެއް ބާއްވައިފި އެވެ.
ޝިމްހާ ފެން ކުލައިން ތައްޔާރުކޮށްފައިވާ 21 ކުރެހުމެއް ދައްކާލި މި މައުރަޒުގައި އުތީމުގެ ހިތްގައިމު މަންޒަރުތައް ފެނިގެންދިޔަ އެވެ.
ގައުމީ ދުވަހަށް ހާއްސަކޮށްގެން އިއްޔެ އާއި މިއަދު ބޭއްވި މައުރަޒު ބަލަން ގިނަ އަދަދެއްގެ މީހުން ދިޔަ އެވެ. އެ މުނާސަބަތާ ގުޅުވައިގެން ބައެއް މީހުން މައުރަޒަށް ދިޔައީ ލިބާހާއި ދިގުހެދުން ލައިގެންނެވެ.
'އުތީމު އެކޯސް' ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުންގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.
ޝިމްހާ ބުނިގޮތުގައި އޭނާ ވަނީ މީގެ ކުރީން އުތީމަށް ހަތަރު ފަހަރަކު ޒިޔާރަތް ކޮށްފަ އެވެ. އެއީ ތާރީހީ ރަށަކަށް ވެފައި ގުދުރަތީ ގޮތުން ވެސް އެހާމެ ރީތި ރަށެއްކަން އޭނާ ފާހަގަކުރި އެވެ. މައުރަޒުގައި ދައްކާލި ކުރެހުންތަކަކީ ޝިމްހާއަށް ރަށުތެރެއިން ފާހަގަވި ބައެއް މަންޒަރުތަކެވެ.
ޝިމްހާ 'އުތީމު އެކޯސް' އަށް ތައްޔާރުވާން ފެށީ މި އަހަރުގެ ޖެނުއަރީގަ އެވެ. އެކަމަކު އެންމެ ފަހު ތިން މަސް ދުވަހަކީ މަސައްކަތް އެންމެ ބުރަ ދުވަސްތައް ކަމަށް އޭނާ ބުންޏެވެ.
ޝިމްހާ ބުނިގޮތުގައި 'އުތީމު އެކޯސް' އަންނަ އޮކްޓޯބަރު މަހު 18އިން 28ގެ ނިޔަލަށް މާލޭގެ ގައުމީ އާޓްް ގެލެރީގައި ބާއްވާނެ އެވެ. އަދި އުތީމަށް ކުރި މި ޒިޔާރަތުން އަނެއްކާވެސް ހިޔާލު ލިބިގެން އިތުރު ކުރެހުންތަކެއް ދައްކާލަން އޭނާ އުއްމީދު ކުރެ އެވެ.
ކުރެހުމުގެ މައުރަޒުތައް މާލެ އިން ބޭރުވެ އެހެން އަތޮޅުތަކުގައި ބޭއްވުމަކީ މުހިއްމު ކަމެއްކަން ޝިމްހާ ފާހަގަ ކުރި އެވެ.
ކޮމެންޓް (1)
ކޮސް