ވަޒީފާގެ އިންޓަވިއުއަށް ދުރާލާ ތައްޔާރުވުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުރި
ވަޒީފާއެއް ހޯދަނީތަ؟ އިންޓަވިއުއަށް ތައްޔާރުވާނީ މިހެން
ސިޓީ ލައި ފޯމް ފުރައި ސީވީ ހަދައި ތަފާތު އެކި ލިޔުންތައް ހަމަަކޮށްގެން ވަޒީފާއަށް އެދި ހުށަހެޅި ނަމަވެސް އިންޓަވިއުއާ ހިސާބުން ފެއިލްވެ ވަޒީފާ ނުލިބޭ ގޮތް ވޭ ހެއްޔެވެ؟
ވަޒީފާގެ އިންޓަވިއުއަށް ކިހާ މިންވަރަކަށް ތައްޔާރުވަން ހެއްޔެވެ؟ އިންޓަވިއުގައި ގޯސްތަކެއް ހެދޭ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟
ވަޒީފާދޭ ފަރާތްތަކުން އެ ވަޒީފާއަކަށް އެންމެ ގާބިލް މީހާ ހޮވުމަށް ކުރާ އިންޓަވިއުއަށް ފުރިހަމައަށް ތައްޔާރުވުން މުހިއްމެވެ.
ވަޒީފާއަކަށް ކުރިމަތިލާ އިރު އެންމެ ފުރަތަމަ ކަމަކަށް ރަނގަޅު ސީވީއެއް އޮތުން މުހިއްމެވެ. ސީވީގައި ތިމާއާ ބެހޭ މުހިއްމު މައުލޫމާތާއި ތައުލީމީ އަދި މަސައްކަތުގެ ތަޖުރިބާތައް، ހެދި ތަމްރީންތައް އަދި ވޮލަންޓިއާކޮށްފައިވާ ނަމަ އެކަން ބަޔާން ކުރާށެވެ. ލިބިފައިވާ ކާމިޔާބީތަކާއި ހުނަރުތައް ހިމަނާށެވެ.
ވަޒީފާގެ އިންޓަވިއުއާ ހިސާބަށް ދެވިއްޖެ ނަމަ އެއީ ވެސް ބޮޑުވަރުކަމުގައި ދެކޭށެވެ. އިންޓަވިއުއަށް ދާ އިރު އެންމެ މުހިއްމީ ރަނގަޅަށް ތައްޔާރުވުމެވެ. އެގޮތުން، ދުރާލާ ލާނެ ހެދުމެއް ކަނޑައަޅާށެވެ. މީހާ ހުންނަންވާނީ ރަސްމީ މިންގަނޑަށް ފެތޭ ޕްރޮފެޝަނަލް ހެދުމެއްގަ އެވެ. އަޅައިގެން ހުންނަ ހެދުމުގެ ސަބަބުން، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވާން ޖެހެ އެވެ.
އިންޓަވިއުއަށް ދިއުމުގެ ކުރިން، އިންޓަވިއުގައި ގިނައިން ވާހަކަ ދައްކަންޖެހޭތީ، ރަނގަޅަށް ފެން ބޯށެވެ. އަދި ފެން ފުޅިއެއް ހިފައިގެން ދާށެވެ. ބައެއް ފަހަރަށް މީހާ ހާސްވުމުގެ ސަބަބުން އަރުތެރެ ހިކި ކެއްސުން ފަދަ ކަންކަން ދިމާވެ އެވެ.
މީގެ އިތުރުން އިންޓަވިއުއަށް ދާންވާނީ ރަނގަޅަށް ކައިގެނެވެ. ސަބަބަކީ ބަނޑުހައިވާ ނަމަ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތް ނުކޮށްފާނެ އެވެ. ކުއްލިއަކަށް ދޭންވާ ޖަވާބެއް ވިސްނުމަށް މަޑުޖެހި ނުވަތަ އެންމެ ރަނގަޅު ޖަވާބު އެ ގަޑީގައި ބަނޑުހައިވެފައި ހުރުމުން ނުވިސްނިދާނެ އެވެ.
އިންޓަވިއު ކުރާ މީހާ ނުވަތަ މީހުން ތައާރަފު ވުމުން ކޮންމެ މީހަކާ ވަކިވަކިން ހަތަރު ކަޅި ހަމަކޮށް ހިނިތުންވެލާށެވެ. މިއީ ތިމާގެ މުސްތަގުބަލް ކަނޑައަޅާނެ މީހުންނެވެ. ވަޒީފާ ދޭނީތޯ ނުދޭނީތޯ ނިންމާ މީހުންނެވެ.
އިންޓަވިއުތަކުގައި އެންމެ ފުރަތަމަ ކުރާ އެއް ސުވާލަކީ ތައާރަފެއް ދިނުމެވެ. މިއީ ދުރާލާ ތައްޔާރުވެވޭނެ ސުވާލެކެވެ. މި ސުވާލަށް ޖަވާބު ދިނުމުގައި ޒާތީ މައުލޫމާތު، މިސާލަކަށް ކައިވެނިކޮށްގެން، ނުވަތަ އާއިލާ ރޫޅިފައި ނުވަތަ ކުދިންގެ އަދަދު ނުވަތަ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ފަދަ، މައުލޫމާތު ދިނުން މުހިއްމެއް ނޫނެވެ.
ޕްރޮފެޝެނަލް ޖަވާބެއް ދޭށެވެ. އެންމެ މައްޗަށް ހާސިލްކޮށްފައިވާ ސެޓްފިކެޓް، އެންމެ ފަހުން އަދާކުރި ވަޒީފާ، ވަޒީފާގައި ވީ މުއްދަތު އަދި މި ދާއިރާ އިހްތިޔާރު ކުރާ ސަބަބާއި މީހާގެ ހުނަރުތަކުގެ މައްޗަށް އަލިއަޅުވާށެވެ. އާއްމުކޮށް އިނގިރޭސި ބަހުން މި ސުވާލު އައިސްދާނެ ކަމަށް ވިސްނައިގެން ހުންނާށެވެ. އާއްމުކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ނޫޅޭ ނަމަ އަދި ކޮށިވެފައިވާ ނަމަ މިއީ ގޭގައި ލޯގަނޑު ކުރިމަތީ މިއަށް ފަރިތަ ކުރަންވީ ވަގުތެވެ.
ބުނެ އުޅޭ ނޫން ހެއްޔެވެ؟ "ފަސްޓް އިމްޕްރެޝަން ކައުންޓްސް" އެވެ. އިންޓަވިއުގައި އާގަތުމެއް، އަޅައިގަތުމެއް ނެތި އޮމާންކޮށް ފެށުމަށް މި ބަޔަށް ކުޑަކޮށް ގޭގައި ތައްޔާރުވެލާށެވެ.
އިންޓަވިއު ޕެނެލުން ތިމާއަށް އަމާޒު ކުރާނީ ވަކި ޖަވާބެއް ހޯދަން ބޭނުންވާ ސުވާލުތަކެވެ. އެކަމަށް ތައްޔާރުވެގެން ހުންނާށެވެ. އާއްމުކޮށް "މި ވަޒީފާ އަށް ކުރިމަތިލީ ކީއްވެ؟" މިފަދަ ސުވާލުތައް އަމާޒުވާނެ އެވެ.
އިންޓަވިއުއަށް ދިޔުމުގެ ކުރިން، ވަޒީފާއަށް އެދުނު ކުންފުނީގެ ވެބްސައިޓް ބަލައި ރަނގަޅަށް ކަންކަން ދެނެގަންނާށެވެ. ވަޒީފާގެ މަސްއޫލިއްޔަތުތަކަކީ ކޮބާތޯ ވެސް ބަލާށެވެ. އަދި ކުންފުނިން ހާސިލް ކުރަން ބޭނުންވާ މަގުސަދުތަކަކީ ކޮބާތޯ ބަލާށެވެ. ޖަވާބު ދިނުމުގައި މަސްއޫލިއްޔަތުތަކާއި މިކަމާ ގުޅުވާށެވެ.
އިންޓަވިއުއަށް ދިއުމުގެ ކުރިން، ކުންފުނީގެ ބޯޑް މެންބަރުން ނުވަތަ ސީނިއާ ލެވެލްގައި މަސައްކަތް ކުރަނީ ކޮން ބައެއްތޯ ވެބްސައިޓް މެދުވެރިކޮށް ބަލާށެވެ. ސަބަަބަކީ ދަންނަ މޫނެއް ހުރެއްޖެ ނަމަ ހަމަޖެހިލަން ފަސޭހަވެ އެވެ.
މީގެ އިތުރުން ކުންފުންޏާ ގުޅޭ ގޮތުން ނޫސްތަކުގައި ހަބަރު ހުރި ނަމަ އެ ހަބަރުތައް ބަލާށެވެ. އާއްމުކޮށް ކުރިއަށް ރާވާފައި ހުންނަ މަޝްރޫއުތައް ނޫހަށް އަރާނެ އެވެ. ކުންފުނީގައި ބޮޑު މައްސަލައެއް އުޅޭ ނަމަ އެކަން ވެސް އާއްމުކޮށް ނޫހުގައި އޮންނާނެ އެވެ.
ތިމާ ގަބޫލުކުރާ ކަންކަމާ ދެކޮޅު ކަންކަން ކުރާ ނަމަ، މިސާލަކަށް އެތަނުގެ ބިދޭސީ މުވައްޒަފުންނަށް ހަމައަށް މުސާރަ ނުދިނުން، ޓެކްސް ނުދެއްކުން، އިހުމާލުން އާއްމުންނަށް ގެއްލުންތަކެއް ލިބިފައިވުން ފަދަ ކަންކަން ހުރެއްޖެ ނަމަ ކުންފުނީގެ ސަގާފަތްތައް ދެނެގަނެވުނީ އެވެ. އަދި މިފަދަ ކުންފުންޏެއްގައި މަސައްކަތް ކުރުމަކީ ބަލައިގަންނަން އުނދަގޫ ކަންކަން ނަމަ އިންޓަވިއުއަށް ނުދިއުމުގެ އިހްތިޔާރު އޮންނާނެ އެވެ. އެހެންވެ މި ހޯމްވޯކް ހެދުން ވަރަށް މުހިއްމެވެ.
ވަޒީފާއަކީ މީހެއްގެ ހަޔާތުގައި ބޮޑު ބައެކެވެ. އެކަމަކު ހުނަރު ހުއްޓަސް އަދި ވަޒީފާއަކަށް މީހާ ފިޓެއް ނުވެ އެވެ. މި ޒަމާނުގައި ވަޒީފާ އަދާ ކުރުމުގައި މީހާގެ ހުނަރާ އެއްވަރަށް އޭނާގެ 'ސޮފްޓް ސްކިލްސް' އަށް ބަލަ އެވެ.
އެހެން މީހުންނާ ގުޅިގެން އުޅެން އެނގުމާއި ރަނގަޅު އަހުލާގު ފަދަ ސިފަތައް ހުންނަން ޖެހެ އެވެ. ޓީމެއްގައި އިސްކޮށް އުޅެވޭ މީހަކަށް ވުމާއި މައްސަލަތަކަށް އަވަސް ހައްލު ހޯދުމަށް ތަނަވަސް ހިޔާލުތައް ހުރުން މުހިއްމެވެ.
ވަޒީފާއަކަށް ނުގޮސް ހުސްކޮށް ހުރި ދުވަސްތަކެއް ހޭދަވެފައިވާ ކަމަށްވާ ނަމަ އެ މުއްދަތުގައި ކުރީ ކޮން ކަމެއްތޯ އަހާފާނެ އެވެ. އެ ދުވަސްވަރު އަމިއްލަ ކުޑަ ވިޔަފާރިއެއް ހިންގާފައިވާ ނަމަ ނުވަތަ އިންޓާންޝިޕެއް ނުވަތަ މުޖުތަމައުއަށް ކިތަންމެ ކުޑަ ހިދުމަތެއް ކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ ނަމަ އެއީ ލިބޭ ޕްލަސް ޕޮއިންޓެކެވެ. ސަބަބަކީ މިފަދަ ކަންކަމަކީ ތަޖުރިބާ އެވެ. މަސައްކަތުގެ ހަލުވިމިނާއި މަސައްކަތުގައި އިސްކަންދޭންވީ ތަރުތީބު ދެނެގަތުމާއި ރޭވުންތެރިކަމާއި ވަގުތު މެނޭޖް ކުރުން ދަސްވާ ކަންކަމެވެ.
އިންޓަވިއު ޕެނަލުން އަހާފާނެ އަނެއް ސުވާލަކީ ކެރިއަރު ބިނާކުރުމަށް ދާއިރާއިން އިތުރަށް ކުރިއަށް ދާން، ކިޔަވަން ބޭނުންތޯ އެވެ. ކުރިމަތިލާ ދާއިރާ އަކީ ތިމާގެ ޕެޝަންކަން ބުނެދޭށެވެ. މިއީ ވަގުތީ ގޮތުން ހޯދާ ވަޒީފާއެއް ނޫންކަން ސާބިތުކޮށްދިނުން މުހިއްމެވެ. އެގޮތުން މިފަދަ ވަޒީފާއަކަށް ތިމާ ފިޓުވާ ސަބަބުތައް ބުނެދޭށެވެ. މީގެ ތެރޭގައި އެ ދާއިރާއިން ކިޔަވާފައިވުން ނުވަތަ މަސައްކަތުގެ ތަޖުރިބާ މުހިއްމެވެ.
މީގެ އިތުރުން އަންނަނިވި ސުވާލުތަކަށް ތައްޔާރުވާށެވެ.
-
1-
ގިނަ ޕްރޮޖެކްޓްތަކުގައި އެއްފަހަރާ މަސައްކަތް ކުރާ އިރު މަސައްކަތް ރާވާނީ ކިހިނެއް؟
-
2-
ޓީމަކާ އެކު މަސައްކަތް ކުރުމުގެ ގާބިލިއްޔަތު އެބަހުރިތޯ؟
-
3-
މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި ސްޓްރެސް މެނޭޖް ކުރަނީ ކިހިނެއް؟
އިންޓަވިއު ނިންމާލާ އިރު އެންމެ އާއްމުކޮށް އަހާ އެއް ސުވާލަކީ ވަޒީފާއަށް އެދޭ ފަރާތުން ކުރަން ބޭނުންވާ އެއްވެސް ސުވާލެއް އެބައޮތްތޯ އެވެ.
މި ސުވާލަށް ގިނަ މީހުން ޖަވާބު ދެނީ "ކޮން އިރަކުންތޯ ހޮވުނުކަން ނުވަތަ ނޫންކަން އަންގަނީ؟" އެހުމަށެވެ. މިއީ އަދި އެންމެ ރަނގަޅު ޖަވާބު ކަމުގައި ނުވެދާނެ އެވެ.
މި ސުވާލަށް ޖަވާބު ދިނުމަށް ޖެހިލުންނުވާށެވެ. މިއީ މީހާގެ ކެރުންތެރިކަން ހުރި މިންވަރު ބެލުމަށް އާއްމުކޮށް ކުރާ ސުވާލެކެވެ. އެހެންކަމުން ކުންފުންޏާއި ތިމާ އެދޭ ވަޒީފާއާ ގުޅޭ ސުވާލު ކުރާށެވެ. މިސާލަކަށް މާކެޓިން ވަޒީފާއެއް ނަމަ މިހާރު ކުންފުނިން މާކެޓިންއަށް ހޭދަ ކުރާ ވަރާއި ކުރިއަށް ހުރި ޕްރޮޖެކްޓްތަކަކީ ކޮބާތޯ އަހާށެވެ. ޓީމުގައި ކިތައް މީހުން ހިމެނޭނެތޯ އަހާށެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ކޮބާ ހެއްޔޭ އެއީ އެހިދާނެ ސުވާލެކެވެ.
އިންޓަވިއު ނިންމާލުމުން ޕެނަލްއަށް ތިމާއަށް ދިން ފުރުސަތަށް އަދި ވަގުތަށް ޝުކުރު އަދާކުރާށެވެ. މިކަމުން ދޭހަވަނީ އެެހެން މީހުންގެ ވަގުތަށް ތިމާ ކުރާ އިހްތިރާމް އެވެ.
ކޮމެންޓް (5)
މީމަ
ހަމްކޮ
ހަމްކޮ
ހަމްކޮ
ހަމްކޮ