ދެމަފިރިންގެ ގުޅުމަށް މައިދައިތަ ނުފޫޒު ފޯރުވާ ނަމަ ގުޅުން ހީނަރުވޭ

ކައިވެނި

މައިދައިތަގެ ނުފޫޒާ ހެދި ބައިވެރިޔާއާ އެކު އުޅެން އުނދަގޫތަ؟

މައިދައިތަގެ ނުފޫޒުން ދުރުވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ވަކި ހައްދުތަކެއް ކަނޑައެޅުން
13 އޯގަސްޓު 2024
1

ހިންދީ ޑްރާމާތަކުގައި އެންމެ ގިނައިން ފެންނަ އެއް ކަމަކީ ނުފޫޒުގަދަ މައިދައިތައިން އެ މީހުންގެ ޅީދަރިންގެ ދިރިއުޅުމަށް ބާރު ފޯރުވަން މަސައްކަތް ކުރާ ތަނެެވެ. ހަގީގަތުގައި ވެސް މިގޮތަށް ކަން ހިނގަ އެވެ.

ދެމަފިރިންގެ ދޭތެރޭ މައްސަލަ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މައިދައިތަގެ ނުފޫޒު ހިމެނެ އެވެ. ހާއްސަކޮށް މައިދައިތައަކީ އެހެން މީހުންގެ އިހްސާސްތައް ނުދަންނަ އަދި އަމިއްލަ އެދުން ބޮޑު މީހެއް ކަމުގައިވާ ނަމަ އެވެ. އަދި އޭނާގެ ކިބައިގައި ނާސިސިސްޓިކް ޕާސަނަލިޓީ ހުންނަ ނަމަ މިކަން ބޮޑެވެ.

ނާސިސިސްޓިކް މައިދައިތައެއް ހުންނަ ނަމަ ދެމަފިރިން ދޭތެރޭ މައްސަލަ ޖެހެން މެދުވެރިވޭ

އާއްމުގޮތެއްގައި ނާސިސިސްޓިކް މީހެއް ނަމަ އުޅޭނީ އަމިއްލަ ކުށް ގަބޫލުނުކޮށް، އަމިއްލައަށް ނަގަންވާ ޒިންމާތައް ނުނަގާ، އަމިއްލަ އެދުންތައް އިސްކޮށް އަދި އަމިއްލައަށް ބޭނުން ގޮތެެއް ހަދައި އެހެން މީހުންނަށް ނުފޫޒު ފޯރުވައިގެންނެވެ.

މީގެ އިތުރުން އެހެން މީހުން ވިސްނާނެ ގޮތާއި އެހެން މީހުންގެ ނަޒަރިއްޔާތަށް ސަމާލުކަމެއް ނުދޭނެ އެވެ.

މައިދައިތައަށް ނޫނެކޭ ބުނަން ދަސްކުރަންޖެހޭ

މައިދައިތައަކީ މިފަދަ ނާސިސިސްޓިކް މީހެއް ނަމަ އޭނާގެ ކިބައިން ފެނިދާނެ ބައެއް ކަންކަން ތިރީގައި މިވަނީ އެވެ.

  • 1-

    ފުރަތަމަކޮޅު އުޅޭނީ ރުހުން ހޯދުމަށް ވަރަށް ގުޅިގެން

  • 2-

    ހަސަދަވެރި ގޮތެއް އޭނާގެ ދަރިފުޅުގެ ހަޔާތުގެ ބައިވެރިޔާއާ މެދު އޮވޭ

  • 3-

    އޭނާގެ ފުށުން މިފަހުން ނުވަތަ ކުރިން ވީ ކަމަކަށް ޒިންމާ ނެގުމެއް ނޯވޭ

  • 4-

    އޭނާ ބޭނުން ގޮތެއް ނުވެއްޖެ ނަމަަ ރުޅިއައިސް ނުވަތަ އެކަން މެދުވެރިވީ އެހެން މީހުންގެ ކުށަކުންކަން ދައްކަން އުޅޭ

  • 5-

     ޒާތީ ކަންކަމުގައި ބަސް ބުނާނެ

  • 6-

    އޭނާގެ ދަރިންގެ އާއިލާގައި ހިނގާ ކަންކަމުގައި ގޮތްކިޔައި އޭނާއަކީ ގުޅުމުގެ މުހިއްމު ބައެއް ނުވަތަ މީހެއްގެ ގޮތުގައި ދެކޭނެ

  • 7-

    މައްސަލަޖެހި ނުވަތަ ވާދަވެރިކަން އުފެދޭ ހާލަތެއްގައި އަބަދުވެސް ވަކި ކޮޅަކަށް އަރަން މަޖުބޫރު ކުރޭ

  • 8-

    ދަރިފުޅުގެ އިހްސާސްތަކާ މެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާ. އެ އިހްސާސްތައް ދެނެއެއްނުގަނޭ

  • 9-

    ކަންކަމުގައި ބައިވެރިނުވުމާއި ބޮޑެތި ކަންކަން ކޮންޓްރޯލް ކުރަން އުޅުން

  • 10-

    ބަދަލުހިފުމާއި ހިތްބަރުކަން ގެންގުޅުން

  • 11-

    އަބަދު، ކޮށްދޭ ކަންކަން ފާހަގަކުރުމާއި ތައުރީފާއި ސަމާލުކަން ހޯދަން އުޅުން

މައިދައިތަ އަކީ ނުފޫޒުގަދަ މީހެއް ނަމަ އެކަމުގެ އަސަރު އާއިލާއަށް ކުރޭ

މައިދައިތަ ނުފޫޒު ފޯރުވާ ނަމަ މީހާ ނަފްސާނީ ގޮތުން ވަރުބަލިކޮށްލާ

ނުފޫޒުގަދަ މައިދައިތައެއް ހުންނަ ނަމަ، އޭގެ ސަބަބުން މީހާ އަށް ބޮޑެތި ސްޓްރެސް ކުރިމަތިވެ އެވެ. ބައިވެރިޔާއާ މައްސަލަޖެހެން މެދުވެރިވެ އެވެ. 

ނުފޫޒުގަދަ މައިދައިތައިން ތިމާއާ މެދު އާއްމުކޮށް ހަސަދަވެރިވެ އެވެ. މީގެ ސަބަބުން ބައިވެރިޔާ އާއި ތިމާއާ މެދު ދެބަސްވުންތައް އުފެދެ އެވެ.

ފާޑުކިޔުންތަކާއި ހަގީގަތެއް ނެތް ވާހަކަތައް އަދި ގުޅުމަށް ބުރޫއަރާ ފަދަ ވާހަކަތަކެއް މައިދައިތަގެ ފަރާތުން އަޑުއިވިދާނެ އެވެ.

 ނާސިސިސްޓިކް މައިދައިތައެއް ހުންނަ ނަމަ ބައުންޑަރީސް ނުވަތަ ހައްދުތައް އޭނާއަކަށް ނުވިސްނެ އެވެ. ކޮންމެ ކަމަކަށް ގޮތް ކިޔަ އެވެ.

ކަންކަމުގައި އަމިއްލައަށް ވިސްނުމުގެ ޖާގައަށް ހުރަސްއެޅުމާއި ކަންކަމުގައި ގޮތް ނިންމާނެ ގޮތާއި ދަރިން ބަލާނެ ގޮތް، މިހެން ގޮސް ހުރިހާ ކަމަކާ ބެހެ އެވެ.

ބާރުފޯރުވުމަށް ބިރުދެއްކުމާއި ކުށްހޯދުމާއި އިމޯޝަނަލް ބްލެކްމެއިލް ކުރުން ފަދަ ކަންކަން ކުރެ އެވެ. މިއީ ކަންކަން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ.

މިއީ މީހާ ޖަޒުބާތީ އަދި ނަފްސާނީ ގޮތުން ވަރުބަލިކޮށްލާނެ ކަމެކެވެ. ހާއްސަކޮށް ތިމާގެ ބައިވެރިޔާ މައިދައިތަގެ ވިހަކަން ގަބޫލުނުކުރާ ނަމަ އެވެ.

މީގެ އިތުރުން، އަބަދު ތިމާ އަމިއްލަ ނަފްސު ދިފާއު ކުރުމަށް މަސައްކަތް ކުރަންޖެހޭ ނަމަ މީހާގެ އެންޒައިޓީ މަތިވެ އެވެ. އަދި މައިދައިތަގެ ކިބައިން ކުރިމަތިވާނީ ކޮން ކަމެއްކަން ނޭގޭ ނަމަ، ނަފްސާނީ ގޮތުން އަސަރުކޮށް މީހާގެ ހާލަތު ގޯސްވެ އެވެ.

 މައިދައިތަ އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަސްލު މިޒާޖާއި ސިފަތައް ފޮރުވާ ނަމަ މިކަމުގެ ސަބަބުން އަދި ތިމާއަށް ކުރިމަތިވާ އުނދަގޫތައް އިތުރުވެ އެވެ. 

ހައްދުތަކެއް ކަނޑައަޅައި ގުޅުން މެނޭޖްކުރުން

މައިދައިތަ ތިމާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވާ ނަމަ ހައްދުތަކެއް ކަނޑައެޅުން މުހިއްމު

ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން މައިދައިތަގެ ނުފޫޒުން އެއްކިބާ ކުރުން މުހިއްމެވެ. މިކަން ކުރަން އެންމެ ފަސޭހަވާނީ ދެ މީހުން އެއްގަލަކަށް އަރަންޏާމުންނެވެ. މިއީ ދެމަފިރިންގެ ގުޅުން ބަދަހިވުމަށް މެދުވެރިވާ ކަމެއް ވެސް މެ އެވެ. 

މިކަން ކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. މިސާލަކަށް ކަންކަމަށް "ނޫނެކޭ" ބުނަން ދަސްކުރަންޖެހެ އެވެ. އަބަދު މައިދައިތަގެ ރިކުއެސްޓްތަކާއި ޑިމާންޑްތަކަށް ބަލައިގެން އުޅުމުގެ ބަދަލުގައި އަމިއްލަ ގޮތް އިހްތިޔާރު ކުރަން ކެރެންވެ އެވެ.

ބޭނުންނުވާ ގޮތް ހާމަ ކުރުމަށް ރަނގަޅަށް މުއާމަލާތް ކުރަންވެ އެވެ. ހަމަޖެހިލައިގެން ސީދާ ސާފުކޮށް ބޭނުންވާ ގޮތް ބުނާށެވެ. އެގޮތުން:

  • ވާހަކަ ދައްކާ އިރު ބައެއް ކަހަލަ ބަސްތައް ބޭނުން ކުރުން އެއީ ރުހޭ ގޮތް ނޫން ކަން ބުނެދޭށެވެ. މިސާލަކަށް އަނބިމިހާ ނުވަތަ ފިރިމީހާ ދަށްކޮށްލާފައި ވާހަކަ ދައްކާ ނަމަ އެކަން ނުކުރާން ބުނާށެވެ.

  • ޒުވާބުކޮށް އަޑުލާ ވާހަކަ ދެއްކުމުން ދުރުވާށެވެ.

  • ރުޅިއިސްކޮށް ބާރަށް ދޮރު ޖެހުމާއި އެއްޗެހި އުކުން ފަދަ ކަންކަން ބަލައިނުގަނެވޭނެ ކަމުގައި ބުނާށެވެ.

  • އަބަދު ކުށްވެރިކޮށް އަނެކާގެ ގޯސް ހޯދުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

  • މައިދައިތައާ ވަކިން ދިރިއުޅޭ ނަމަ ބައްދަލުކުރަންވީ އާއްމު ތަންތަނުގަ އެވެ. އޭރުން ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އެތަނުން ދުރަށް ދިއުމުގެ ބާރު އޮވެ އެވެ.

  • މައިދައިތައާ އެކު ވަގުތު ހޭދަ ކުރާ އިރު ހޭދަ ކުރާނީ ކިހާ ވަގުތެއްތޯ، މިފަދަ ކަންކަން ދުރާލާ ނިންމައިގެން ހުންނާށެވެ.

  • ދިމާވާ ދުވަހާއި ހާލަތްތައް (މިސާލަކަށް ޕާޓީއަކުން ނުވަތަ ގޭގައި އޮންނަ ސަޔަކުން) ދުރާލާ ކަނޑައަޅާފައި އެކަމަށް ތައްޔާރުވެގެން ހުންނާށެވެ. 

މިއީ މައިދައިތައާ އެކު ވަގުތު ހޭދަކުރުމުގައި ބައުންޑަރީސް ނުވަތަ ހަައްދުތައް ކަނޑައެޅުމަށް ކުރެވިދާނެ ކަންކަމެވެ. ނަމަވެސް މިކަމުގެ ނަތީޖާތައް އެހާ ފަސޭހައިން އަދި ކުއްލިއަކަށް ނުފެނިދާނެ އެވެ. ނަތީޖާ ފެނުމަށް ވަގުތު ނަގާނެ އެވެ.

ނުކުރަންވީ ކަންކަން

އުފާވެރި ހަޔާތެެެއް ބޭނުން ނަމަ ތިމާ ނުކުރާންވީ ބައެއް ކަންކަން އެބަހުރި

ބައެއް ފަހަރަށް ނާސިސިސްޓިކް މީހަކަށް އެމީހާ އުޅޭ ގޮތުން އަނެކާއަށް އުނދަގޫވަކަން ދެނެގަންނާކަށް ނޭނގެ އެވެ. ސަބަބަކީ އެ މީހުން އެ މީހުންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައި، އަމިއްލަ ކުށް ފަސޭހައިން ގަބޫލުނުކުރާތީ އެވެ.

އެހެންކަމުން މިފަދަ މީހުންނާ ކުރިމަތިލާ އިރު ތިމާގެ އުޅުން ވަކި ގޮތަކަށް ބައްޓަން ކުރާށެވެ. މައިދައިތައަކީ ނާސިސިސްޓިކް މީހެއްކަން ދަނެގަން އެކަމަަށް ސަމާލުވާށެވެ.

ރިއެކްޓް ކުރުން

މައިދައިތައަކީ ނާސިސިސްޓިކް މީހެއް ނަމަ، ތިމާގެ ފަރާތުން ރިއެކްޝަނެއް ހޯދަންވެގެން ގަސްދުގައި ރުޅިއަރުވާލުމުގެ ނިޔަތުގައި، ކުރިން ވެފައި ހުންނަ ކަންކަން ނަގައިގެން އަލުންބަލުން އެއްޗެހި ކިޔައި ސަމާލުކަން ހޯދަން މަސައްކަތްކޮށްފާނެ އެވެ.

ކުޑަ ކަމެއް ހިނގިޔަސް އިތުރަށް ހުޅުފަޅާ ގޮތަށް "ޕެޓްރޯލް އަޅަން" މަސައްކަތް ކޮށްފާނެ އެވެ. އެހެން މީހުންގެ ކުރިމަތީގައި އޭނާ އަކީ ރަނގަޅުމީހާކަން ދައްކަން މި ގޮތަށް މަސައްކަތް ކޮށްފާނެ އެވެ. މިފަދަ ހާލަތެއްގައި ޖަޒުބާތުގައި ޖެހި ރިއެކްޓް ނުކުރުން މުހިއްމެވެ.

ޑިފެންސަށް ކުޅުން ދޫކޮށްލާ

މައިދައިތަ އަކީ ނާސިސިސްޓިކް މީހެއް ނަމަ އަމިއްލަ ނަފްސު ދިފާއު ކުރަން މަސައްކަތް ކުރުން ނުވަތަ ޑިފެންސަށް ކުޅުމަކީ ކުރެވޭނެ އެންމެ މޮޔަކަމެވެ. 

މިކަން ބޭނުންކޮށްގެން ތިމާއަށް ގޯސްތަކެއް ހެދިފައިވާކަން، އަދި ތިމާއަކީ ކުށްވެރިއެއްގެ ގޮތުގައި ބައިވެރިޔާ ކުރިމަތީ ދެއްކުމަށް މަސައްކަތްކޮށްފާނެ އެވެ. ބަދަލުގައި ކަންހިނގި ގޮތް އޮޅުން ފިލުވައިދޭން މަސައްކަތް ކުރަންވީ މައިދައިތަ ނެތް ތަނެއްގަ އެވެ.

މޮޅުވުން ދޫކޮށްލާ

ޒުވާބެއް ހިނގިޔަސް ކަމެއް ދިމާވިޔަސް ތިމާގެ ކޮޅު މޮޅުވާން، އަދި ތިމާގެ ބާރު ދެއްކުމަށް މަސައްކަތް ކުރުމަކީ ބައިވެރިޔާ އަދި އާއިލާގެ އެހެން މީހުންނާއި ތިމާއާ އޮންނަ ގުޅުން ހީނަރުވާން މެދުވެރިވާ ކަމެކެެވެ.

އަބަދު އެޓޭކްކޮށް ގޯސް ހޯދަން މަސައްކަތް ނުކުރޭ

މައިދައިތަގެ އަމަލުތަކުގެ ސަބަބުން ވަރަށް ގިނަ ޝަކުވާތައް ހުންނާނެކަން ޔަގީނެވެ. ނަމަވެސް، އޭނާގެ ސަބަބުން ލިބުނު ހިތްހަމަނުޖެހުމާއި ހިތްނުތަނަވަސްކަމުގައި ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި އެކަންކަން ހައްލު ކުރެވޭނެ އެހެން ގޮތްތައް ހޯދާށެވެ.

މައިދައިތައަކީ ނާސިސިސްޓިކް މީހެއް ނަމަ ގަބޫލުކުރަންވީ މިއީ އާދައިގެ ކަމެއް ނޫން ކަމުގަ އެވެ. ތިމާއާ މެދު އޭނާ ބަހައްޓާ ބީރައްޓެހިކަމާ މެދު ސަމާލުވާށެވެ. އަބަދުވެސް އެންމެ އިސްކަމެއް ދޭންވީ ވަކި ހައްދުތަކެއް ގެންގުޅެ، ތިމާއަށް ނުވަތަ އާއިލާއަށް ނަފްސާނީ ބުރައެއް ކުރިމަތިވާ ގޮތަށް ކަންކަން ކުރުމަށް މައިދައިތައަށް އެ ޖާގަ ނުދޭށެވެ. ހަމަ މިއާ އެކު އެއީ ތިމާގެ މައިދައިތައަށް ވީތީ އިހްތިރާމް ކުރާށެވެ. އުފާވެރި އާއިލާއެއް ބިނާ ކުރެވޭނީ އެންމެން ގުޅިގެންކަން އޭނާއަށް ވެސް ވިސްނައިދޭށެވެ.

ކޮމެންޓް (1)

ހަމްކޮ

14 އޯގަސްޓު 2024
މިލިޔުން ވަރަށް ކަމުދޭ. މުހިއްމު މައުލޫމާތު ތަކެއް. ޝުކުރިއްޔާ އީމާން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް