އިޓަލީގެ ޓެނިސް ކުޅުންތެރިޔާ ލޮރެންޒޯ މުސެއްޓީ އޮލިމްޕިކްސްގައި ބްރޮންޒް މެޑަލް ހޯދި އިރު އޮއެވާލިގެ 'މަންޓާ ރޭ' ފަށުފޫ އަޅައިގެން
އިޓަލީގެ ޓެނިސް ކުޅުންތެރިޔާ މުސެއްޓީ ބްރޮންޒް މެޑަލް ހޯދިއިރު އޮއެވާލިގެ މަޑި ފަށުފޫ އަޅައިގެން
ދިވެހި ބްރޭންޑު އޮއެވާލި އަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. އެ ބްރޭންޑުން ވަނީ ތަފާތު ގަހަނާ އާއި އެކި އުފެއްދުންތައް ނެރެފަ އެވެ. އޭގެ ތެރެއިން 'މަންޓާ ޕެންޑަންޓް' ފަށަކީ ވަކިން ހާއްސަކޮށް އޮއެވާލިއިން ވިއްކަމުން އަންނަ އަދި ދިވެހިންނަށް ކަމުދާ ގަހަނާ އެކެވެ.
މިދިޔަ ހަފުތާގައި އެ ބްރޭންޑަށް ވަރަށް ފަހުރުވެރި ކަމެއްގެ ހަބަރު ލިބިގެންދިޔަ އެވެ. އިޓަލީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ލޮރެންޒޯ މުސެއްޓީ، 22، އޮލިމްޕިކްސްގައި ފިރިހެނުންގެ ސިންގަލްސް މެޗުން ބްރޮންޒް މެޑަލް ކާމިޔާބު ކުރި އިރު ހުރީ އޮއެވާލިން ވިއްކާ 'މަންޓާ' ފަށުފޫ އަޅައިގެންނެވެ. ލޮރެންޒޯ މުސެއްޓީގެ މި ކާމިޔާބީގައި އޮއެވާލިގެ އުފެއްދުމެއް ވެސް ހިމެނިގެންދިޔައީ އެވެ.
އޮއެވާލިއިން ފަހުރުވެރިކަމާ އެކު އެމީހުންގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި އޭނާ އެ ފަށުފޫ އަޅައިގެން ހުރި ފޮޓޯތައް ޝާއިއުކޮށްފައި ހުއްޓެވެ. ދިވެހި އަމިއްލަ ބްރޭންޑެއް ދުނިޔޭގެ ސްޓޭޖަކުން ފެނިގެންދިޔުމަކީ ހާއްސަ ޝަރަފެކެވެ.
އޮއެވާލިގެ އިންސްޓަގްރާމް ޕޭޖުން ބުނިގޮތުގައި އޭނާ އަޅައިގެން ހުރީ އެ މީހުންގެ 'ގޯލްޑް އެންޑް އާތު މަންޓާ' ފަށުފުލެވެ.
ލޮރެންޒޯގެ މި ކާމިޔާބީގެ ސަބަބުންނާއި އޮއެވާލިގެ ފަށުފޫ ފެނުމުގެ މުނާސަބަތުގައި، މަޝްހޫރު ފެޝަން މެގަޒިން ވޯގްގެ އިނގިރޭސިވިލާތު މަޖައްލާގައި އެ ގަހަނާގެ ވާހަކަ މި މަހު ވަނީ ގެނެސްދީފަ އެވެ. އޭގެ ކުރިން މިދިޔަ މަހު އޮއެވާލިގެ އެހެން ފަށެއް ވެސް ބްރިޓިޝް ވޯގްގައި ހިމަނާފައިވެ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އާއްމުކޮށް ފެންނަ މަޑިއަކީ ގަހަނާގެ އިތުރުން އަންނައުނާއި ދަބަސް ފަދަ އެކި އުފެއްދުންތަކުން އާއްމުކޮށް ފެންނަ ބާވަތެކެވެ. އޮއެވާލިއިން ވެސް ވަނީ މަޑިއަކީ ދިވެހިންނަށް ވެސް ފަހުރުވެރިކަމާ އެކު އަޅާލެވޭނެ 'ސްޓައިލިޝް' ގަހަނާއަކަށް ހަދާފަ އެވެ.
ލޮރެންޒޯ މަޑި ގަހަނާއެއް އަޅައިގެން ހުރުމުން އެންމެ ފުރަތަމައިނުން ވެސް ކުރެވުނު ސުވާލަކީ އޭނަ ރާއްޖެ ޒިޔާރަތް ކުރިތޯ އެވެ. ޓޫރިޒަމް ރާއްޖޭގައި ފެށުނީއްސުރެން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ގައުމަކީ އިޓަލީ އެވެ.
މިދިޔަ އަހަރު ލޮރެންޒޯ ވަނީ ޓެނިސް ޓުއާ އޭޖެންސީ އާއި ބަގްލިއޯނީ މޯލްޑިވްސް ރިޒޯޓާ ގުޅިގެން އެ ރިޒޯޓުގެ ގެސްޓުންނަށް ޓެނިސް ކުޅެން ދަސްކޮށްދޭ ގެސްޓް ކޯޗެއްގެ ގޮތުގައި ރާއްޖެ އައިސްފަ އެވެ.