އާޓް

މާހީގެ 'ވެލާ' އިން ހިތާމަވެރި އެހެނަސް މުހިއްމު މެސެޖެއް

މާހީގެ ކުރެހުމަށް ހިޔާލު ލިބުނީ އޭނާ ކުރި ތަޖުރިބާއަކުން. ވެއްޓާއި އޭގައި އެކުލެވޭ ޖަނަވާރުތައް ހިމާޔަތްކުރަން ނުކުޅެދުމުގެ ސަބަބުން އަންނަން އޮތް ޖީލަށް މި ޖީލު ދަރަނިވެރިވެއްޖެކަން އެ ކުރެހުމުން ރަމްޒުކޮށްދޭ
28 ޖުލައި 2024
1

މި މަހު ގައުމީ އާޓް ގެލެރީގައި ބޭއްވި 'އަންވެއިލިން ވިޝަންސް' މައުރަޒުގައި އާޓިސްޓް މާހީ އަބްދުލްމުހުސިންގެ ހިތްގައިމު ކުރެހުމެއް ކަމަށްވާ 'ވެލާ' ދައްކާލި އެވެ.

މާހީ އާއްމުކޮށް ބޭނުންކުރާ 'ޒެންޓޭންގްލްސް' ސްޓައިލްއަށް ކުރަހާފައިވާ ބޮޑު ކުރެހުމުން ފެންނަނީ ކުޑަކުއްޖެއް ވެލައެއް ހިފައިގެން ހުންނަ މަންޒަރެވެ. މަޑު ނުލާއި ވިލުނޫ ކުލަ ހިތްގައިމު ގޮތަކަށް ބޭނުންކޮށްފައިވާ ކުރެހުމަށް ބަލައިލުމުން ހީވަނީ ކަނޑުއަޑީގެ ހުވަފެނެއް ހެނެވެ. އެކަމަކު މި ހިތްގައިމު ކުރެހުމުގެ ކަވި 'ޑީޓެއިލް'ތަކާ މެދު ފުންކޮށް ވިސްނާލުމުން، ކުރެހުމުގެ ޒަރިއްޔާއިން އާޓިސްޓު ކިޔައިދޭން ބޭނުންވަނީ ވަރަށް ހިތާމަވެރި އަދި މުހިއްމު މެސެޖެއްކަން ހާމަވެ އެވެ.

"އަޅުގަނޑުގެ ކުރެހުމުން ފެންނަ ވެލާ އަކީ މީގެ ދެ މަހެއް ވަރު ކުރިން ތުލުސްދޫ ކައިރިން 'ގޯސްޓް ނެޓް'އެއްގަ ތާށިވެފަ އޮތް ވެލާއެއް. އެ ވެލާ ސަލާމަތް ކޮށް، އެ ހާދިސާއިން ހިޔާލު ލިބިގެން ކުރެހުމެއް އުފައްދަން ހިތްވަރު ލިބުނީ،" މާހީ ކިޔައިދިނެވެ. "އިންސާނުންގެ ސަބަބުން މިކަހަލަ ޖަނަވާރުތައް ތަހައްމަލު ކުރަންޖެހޭ ނޭދެވޭ ކަންތައްތަކަށް އަލިއަޅުވާލައި މިފަދަ ކަންކަމަށް އަވަހަށް ހައްލެއް ހޯދަން ޖެހޭ." 

މާހީގެ ކުރެހުމުން ފެންނަ ކުޑަ ފިރިހެންކުއްޖާ ރަމްޒުކޮށްދެނީ މައުސޫމްކަމެވެ. ދެން އޭނާގެ ވަށައިގެން އެ ފެންނަ އަތްތަކުން ދައްކައިދެނީ ގަވައިދާ ހިލާފަށް ނޭދެވޭ އަމަލުތައް ކުރާ ބޮޑެތި މީހުންނެވެ. އެތަނުން އެއް އަތް ދަލަށް ވާންކޮށް ދަމާތަން ފެންނާނެ އެވެ. އެއިން ދައްކުވައިދެނީ މީހުންގެ ނޭދެވޭ އަމަލުތަކުންނާއި އިހުމާލުގެ ސަބަބުން ކުޑަކުދިންނަށް ވެސް އަސަރު ކުރާކަމެވެ. ކުދިން އެ އަމަލުތަކުގެ ޝިކާރަކަށް ވެ އެވެ. އަދި ވެލާކަހަނބުގެ ހާއްޔަކުން ބިހެއް ނަގާތަން ފެނެ އެވެ. މީގެ އިތުރުން ކުރެހުމުން ފެންނަ ފިރުއައުނުމުދާ ރަމްޒުކޮށްދެނީ ޕްލާސްޓިކްގެ ތަގައްޔަރުކަމެވެ. މޫދަށް އުކާލާ ނުވަތަ އޮޔާ ގެންދާ ޕްލާސްޓިކް ކޮތަޅަކީ ގިނަ ފަހަރަށް ވެލަޔަށް އޮޅިގެން ކާލެވޭ އަދި ވެލަޔަށް ގެއްލުން ހުރި އެއްޗެކެވެ.

ކުރެހުމުގެ ތިރީގައިވާ ވެލާ ރަމްޒުކޮށްދެނީ ކަނޑުމައްޗަށް ދޫކޮށްލާފައި ހުންނަ ދަލާއި އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން ތާށިވެ ހަލާކުވަމުންދާ ވެލާކަހަނބެވެ. އެކަމަކު ކުޑަކުއްޖާ ގޮތް ހުސްވެގެން މަލުގެ ފިޔަތަކެއް ބޭނުންކޮށްގެން އޭނާއަށް އެނގުނު ގޮތަކަށް އެ ޖަނަވާރުގެ ހަނދާން ރައްކާކުރަން މަސައްކަތް ކުރެ އެވެ.

މާހީ ބުނިގޮތުގައި އޭނާގެ ކުރެހުމުން ދައްކައިދޭން ބޭނުންވަނީ 'އެކްސްޕްލޮއިޓޭޝަން' އާއި 'ސަސްޓެއިނަބިލިޓީ'އާ ދޭތެރޭގައިވާ ނާޒުކު ތަފާތެވެ. އަންނަން އޮތް ޖީލަށް ދޭން ބޭނުންވާ އުއްމީދުތަކާއި އިންސާނުންގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކެވެ. މިއަދު އަޅުގަނޑުމެން އެންމެން ކުރާ އަމަލުތަކުގެ ސަބަބުން، ހީނުކުރާ ވަރަށް، އަންނަން އޮތް ޖީލަށް ނުފޫޒު ފޯރާކަމެވެ.

އަދި އަންނަން އޮތް ޖީލުތަކަށް އެ ޖަނަވާރުތަކާއި ވަށައިގެންވާ މާހަލުގެ ރީތިކަމުގެ ވާހަކަތައް ކިޔައިދިނުމުގެ އިތުރުން، ވެއްޓާއި އޭގައި އެކުލެވޭ ޖަނަވާރުތައް ހިމާޔަތްކުރަން ނުކުޅެދުމުގެ ސަބަބުން އަންނަން އޮތް ޖީލަށް ދަރަނިވެރިވެއްޖެކަމެވެ.

ކޮމެންޓް (1)

މާހީހާ

28 ޖުލައި 2024
ވެލާ ކާންވީހަމަ ކެއީމަ މާ ގިނަހެން ހީވަނީ، ކެއުން މަނާ ކުރީމާ ފެންނަލެއްމާ މަދު.....މިވާގޮތެއް ނޭންގޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް