ނިއުމާ މުހައްމަދު: މުދައްރިސެއް އަދި މުދައްރިސުން ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާ ތަޖުރިބާކާރެއް.

ޕޭރެންޓިން

ނިއުމާގެ ނަޒަރުގައި ކުދިން ކިޔެވުން މަތިން ފޫހިވެދާނެ ސަބަބުތައް

ދަރިވަރުން ކިޔެވުން ދެކެ ފޫހިވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަންކަން ބަދަލުކޮށްފި ނަމަ ކަަންކަން ބަލާ ހޯދައި އޮޅުންފިލުވަން ޝައުގުވެރި ޖީލެއް ބިނާކުރެވިދާނެ
27 ޖުލައި 2024
1

ނިއުމާ މުހައްމަދު ނުވަތަ 'ނިއުމާ މިސް' ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ މިއީ 28 ވަނަ އަހަރެވެ. އޭނާ ދަރިވަރުންގެ އުނގެނުމާ ގުޅޭ ގޮތުން ބެލެނިވެރިން ހޭލުންތެރި ކުރަން ގަވާއިދުން ބްލޮގް ލިޔުއްވައި ސޯޝަލް މީޑިއާގައި ވެސް މައުލޫމާތު ދެއްވަ އެވެ. 

ނިއުމާ މުހައްމަދު: މަތީ ތައުލީމް ހާސިލްކުރެއްވީ ނިއު ޒީލޭންޑުން

ނިއު ޒީލޭންޑްގެ ކްރައިސްޓްޗާޗްގައި ހުންނަ ޔުނިވާސިޓީ އޮފް ކެންޓަބަރީ އިން މާސްޓާސް އޮފް އެޑިއުޝަން 2013 ވަނަ އަހަރު ފުރިހަމަ ކުރައްވާފައިވާ ނިއުމާ ވަނީ ދިގު މުއްދަތެއްގައި ކިޔަވައިދެއްވައި އުނގަންނައިދިނުމުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ. މާލޭގެ އެންމެ ބޮޑު އެއް ޕްރައިމަރީ ސްކޫލް ކަމުގައިވާ ޖަމާލުއްދީން ސްކޫލްގައި 10 އަހަރު ވަންދެން ކިޔަވައިދެއްވުމަށް ފަހު އެ ސްކޫލްގެ ސީނިއާ މެނޭޖްމަންޓްގައި ފަސް އަހަރު ހޭދަ ކުރެއްވި އެވެ.

ނިއުމާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ވެސް ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި އެވެ. އެއަށް ފަހު އޭނާ އުޅުއްވީ ކުދިން ކިޔަވާހިތުން ކިޔަވާނެ ގޮތާއި ކިޔަވައިދިނުމުގައި ޒަމާނީ މޮޅެތި އުކުޅުތައް ބޭނުން ކުރާނެ ގޮތް މުދައްެރިސުންނަށް ދަސްކޮށްދެއްވުމަށެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގައި މުދައްރިސުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ކުރެއްވި އެވެ.

ނިއުމާ ފާހަގަކުރެވެނީ ހާއްސަކޮށް މަންހަަޖަށް މުދައްރިސުން އަހުލުވެރިކުރުވައި ޒަމާނާ އެއްގޮތަށް ކުދިންގެ ފެންވަރު ބަލަން މުދައްރިސުން ތަމްރީންކުރަން ކުރައްވާ މަސައްކަތުގަ އެވެ. އޭނާ މިހާރު ހިދުމަތް ކުރައްވަނީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓެއްގެ ގޮތުގަ އެވެ.

ފޭސްބުކްގައި ހިންގާ 'ނިއުމާ މިސް' އެކައުންޓު މެދުވެރިކޮށް މިފަހުން ބެލެނިވެރިންނަށް ވަރަށް މުހިއްމު މައުލޫމާތުކޮޅެއް ދެއްވި އެވެ. ކުއްޖަކު ކިޔެވުން މަތިން ފޫހިވެދާނެ ބައެއް ސަބަބުތަކުގެ ގޮތުގައި އަންނަނިވި ކަންކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

ކުއްޖަކު ކިޔެވުމަށް ފޫހިވެދާނެ ސަބަބުތައް

ކުއްޖަކު އޭނާގެ ރިޕޯޓް ފޯމް ބަލަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

1. މާ ގިނަ އިތުރު ހަރަކާތްތަކުގައި އުޅެން ޖެހުން

ދުވާލެއްގެ މައްޗަށް ކޮންމެ މީހަކަށް ވެސް ލިބިފައި އޮންނަނީ 24 ގަޑިއިރެވެ. ދަރިވަރުން މި 24 ގަޑިއިރު ތެރޭ ސްކޫލަށް ދިއުމާއި ނިދުމާއި ކެއުން އަދި ކުޅުމާއި އަރާމުކުރުން އޮންނަން ޖެހެ އެވެ.

އާއްމުކޮށް ސްކޫލަށް ދާ އުމުރުފުރައިގެ ކުއްޖަކު ސްކޫލްގެ އިތުރުން ދުވަހީ ގޮތެއްގައި ގުރުއާން ކިޔަވަން ވަކި ކްލާހަކަށް އަދި ޓިއުޝަނަށް ވެސް ދެ އެވެ. މީގެ އިތުރުން ސްކޫލްގައި ނުވަތަ އެހެން އިތުރު ހަރަކާތްތަކުގައި އުޅޭ ނަމަ އެ ކުއްޖަކަށް ކިޔެވުމަށް ލިބޭ ވަގުތުކޮޅު ކުޑަ އެވެ.

 މާލޭގެ ސްކޫލެއްގައި ދަރިވަރުން ބެލެނިވެރިންނާ އެކު (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ދަރިވަރަކު ކިޔެވުން ދެކެ ފޫހިވާން މެދުވެރިވާ އެއް ސަބަބަކީ ސްކޫލްގެ ކިޔެވުމަށް ހާއްސަކޮށްފައިވާ ވަގުތުގެ އިތުރުން ގިނަ ހަރަކާތްތަކެއްގައި އުޅެން ޖެހުންކަން ނިއުމާ ފާހަގަކުރައްވަ އެވެ. ކިޔަވަން ބޭނުންވިޔަސް، ވަރުބަލިވުމުގެ ސަބަބުން ރަނގަޅަކަށް ސަމާލުކަމެއް ނުދެވެ އެވެ.

2. މާ ގިނަ ފިލާވަޅުތައް ހަދައި ދަސްކުރަން ސްކޫލުން ހަވާލުކުރުން

ބެލެނިވެރިޔަކު ރިޕޯޓް ފޯމް ހިފައިގެން ހުރި ކުއްޖަކާ އެކު ސްކޫލް ދޮށުގައި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އެއްފަހަރާ މާ ގިނަ ކަންކަން ކުރަން ޖެހި، ކުރަންވާ ކަންކަން ނުނިމި، އަބަދުވެސް ފަހަށް ބަހައްޓަން ޖެހުމަކީ ބޮޑެތި މީހުންނަށް ވެސް ސްޓްރެސް ބޮޑުވާ ކަމެކެވެ.

ސްކޫލާއި ގުރުއާން ކްލާސް އަދި ޓިއުޝަނުން މާ ގިނަ މަސައްކަތް ހަވާލުކުރާ ނަމަ މިއީ ސިކުނޑިއަށް އުފުލަން ޖެހޭ ބޮޑު ބުރައެއް ކަމުގައި ކުދިން ދެކެ އެވެ. ހަވާލުކޮށްފައިވާ ފިލާވަޅުތަކާއި މަސައްކަތްތައް ނުނިންމިދާނެކަމުގެ ބިރު ހީވެ އެވެ. އަދި ލިބޭ ހުރިހާ ހުސް ވަގުތެއްގައި މި މަސައްކަތްތައް ނިންމަން އުޅެން ޖެހުމަކީ ބުރައަކަށްވެ ކިޔެވުމާ މެދު ފޫހިވެ އެވެ.

3. ދަސްކުރާ އެއްޗެއް އަމިއްލަ ދިރިއުޅުމާ ގުޅުން ހުރިކަން ނޭނގުން

ކަލާފާނު ސްކޫލްގައި ބޭއްވި ހަރަކާތެއްގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.  (ފޮޓޯ/ކަލާފާނު ސްކޫލް/އެކްސް)

ކުދިން ވަރަށް ބޮޑަށް ދުނިޔެއަށް ލޯ ހުޅުވިފައިވާ މި ޒަމާނުގައި އުނގެނޭ ގޮތް ވަނީ ބަދަލުވެފަ އެވެ. ދަސްކުރާ އެއްޗެއް އަމިއްލަ ދިރިއުޅުމާ ގުޅުމެއް ނެތްކަން އިހްސާސް ކުރެވޭ ނަމަ ކުދިން ކިޔެވުން ދެކެ ފޫހިވެ އެވެ. 

ޓީޗަރުންގެ ޒިންމާ މިކަމުގައި ބޮޑެވެ. ފިލާވަޅުތައް ކުދިންނަށް ޝައުގުވެރިކޮށް ގެނެސްދިނުމަށް އަމަލީ ގޮތުން ކުދިން ބައިވެރިކުރުން އިތުރު ކުރަން ޖެހެ އެވެ.

ނަމަވެސް، 'ބޯޑަށް ކިޔަވައިދިނުން' މި ސަގާފަތް އަދިވެސް ކުރިއަށް ދެ އެވެ. މީގެ ބަދަލުގައި ދަރިވަރުންނަށް ބައިވެރިވުމާ އެކު މިސާލު ދައްކަމުން ކިޔަވައިދޭ ނަމަ ކުދިން ފިލާވަޅުތަކަށް ޝައުގުވެރިވެ އެވެ. ސިލަބަހުގެ ބޭރުން ވެސް ފިލާވަޅުތަކާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވެ އެކަން އަމިއްލަ އަށް އިސްނަގައިގެން ކުރެ އެވެ.

4. އެ މާއްދާއަށް އެ ކުއްޖެއްގެ ޝައުގުވެރިކަން ނެތުން

މެދު ޒިޔާރަތުގައި ދިދަ ނަގާފައި ހުރި އިރު ދަރިވަރުންތަކެއް ކުރިމަތީގައި އެތުރިލައިގެން. (ފޮޓޯ/އެކްސް/ޔުމްނާ މައުމޫން)

ހުރިހާ ކުދިން ހުރިހާ މާއްދާއަކަށް ޝައުގުވެރިކަން އެއްވަރަކަށް ނުހުރެދާނެ އެވެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް، ކުއްޖަކު މާއްދާއަކަށް ޝައުގުވެރިކަން ނެތްކަން އެނގިއްޖެ ނަމަ، އެ މާއްދާއަށް މަސައްކަތްނުކޮށް ދޫކޮށްލުމުގެ ބަދަލުގައި އެއަށް ކުއްޖާގެ ޝައުގުވެރިކަން އުފައްދަން މަސައްކަތް ކުރާށެވެ. 

ޓީޗަރާ ވާހަކަ ދައްކާށެވެ. ދަރިފުޅަށް ބުނެދޭންވީ އެއް މާއްދާއިން ދަށްވެފައި އަނެއް މާއްދާއިން މޮޅުވުމުގެ ބަދަލުގައި ހުރިހާ މާއްދާއަކަށް މަސައްކަތް ކުރަން ޖެހޭނެކަމުގެ މުހިއްމުކަމެވެ. އެއް މާއްދާ އަނެއް މާއްދާއާ ގުޅިފައި އޮންނަ ވަރު ކުއްޖެއްގެ ޅަ ސިކުނޑިއަށް މިހާރު ނުވިސްނުނަސް ފަހުން އެއީ މުހިއްމު މާއްދާއެއްކަން ވިސްނިދާނެ އެވެ.

5. ކިޔަވަން އިށީނދެ އިންނަ މާހަައުލަކީ ހިތްފަސޭހަ ތަނަކަށް ނުވުން

ގޭގައި ކިޔަވާނެ ވަކި ހާއްސަ ތަނެއް ނެތުމަކީ ކިޔެވުމާ ދުރުވާ ކަމެއް (ފޮޓޯ/ވިލާ)

ޖާގައިގެ ދަތިކަން އަހަރެމެން އެންމެންނަށް ވެސް ކުރިމަތިވެ އެވެ. އެހެންކަމުން، ގޭތެރޭގެ މާހައުލު ގިނަ ފަހަރަށް ހިތްފަސޭހައެއް ނޫނެވެ. ތޮއްޖެހިގެން އުޅެން ޖެހުމުގެ ސަބަބުން ގޭތެރޭގައި އަބަދުވެސް އަޑުގަދަ އެވެ. މީހުން ގިނަ އެވެ. 

ކިޔަވަން އިށީންނާނެ ވަކި ތަނެއް ހަމަޖެހިފައި ނުހުރުމާއި ކިޔަވަން އިންނަ ތަނުގައި އޭތިމީތި ހުރެ، ތަރުތީބު ގެއްލިފައި އޮތުމަކީ ފޮތް ނަގަން ފޫހިވާ ސަބަބަކަށް ވެދާނެ އެވެ. ސާފުތާހިރުކަން ނެތުމަކީ ވެސް ފިލާވަޅަށް ސަމާލުކަން ދޭން އުނދަގޫވާ ކަމަކެވެ.

ބައެއް ފަހަރު ކިޔަވަން ވަކި ހާއްސަ ތަނެއް ނެތުމުން ނިދާ އެނދުގައި ކިޔަވަން ޖެހޭ ކުދިން ވެސް ގިނަ އެވެ.

6. ހުސް ވަގުތެއް ނުލިބި ދުވާލުގެ ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރަން ޖެހުން

 ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކްލާސްރޫމް ކުނިކަހަނީ. (ފޮޓޯ/ފޭސްބުކް/ދ. އަތޮޅު ތައުލީމީ މަރުކަޒު)

ދަރިފުޅު މޮޅު ކުއްޖަކަށް ހެދުމަކީ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެންމެ ބޭނުންވާނެ އެއް ކަމެވެ. ނަމަވެސް، މޮޅު ކުއްޖަކަށް ހެދުމަށް އަބަދު އޮބިއަޅައިގެން ކުއްޖާ ކިޔަވަން ބޭންދުމަކީ ހެދޭ ގޯހެކެވެ.

މޮޅު ކުއްޖަކަށް ވަނީ ހަމައެކަނި ފޮތުގެ ދެލިގަނޑުގައި އޮންނަ އެއްޗެއް ކިޔައިގެނެއް ނޫނެވެ. ކުއްޖާއަށް ހުސް ވަގުތު ދޭން ޖެހެ އެވެ. ވަކިން ހާއްސަކޮށް ކުޅޭނެ ވަގުތާއި ކުޅެވޭނެ ގޮތް ފަހިކޮށްދޭންވާނެ އެވެ. ކުޅުމުގެ ތެރެއިން ކުދިން ވަރަށް ގިނަ ކަންކަން ދަސްކުރެ އެވެ. އެހެން ކުދިންނާއި މީހުންނާ އެއްކޮށް އުޅެ ގުޅުން ބަދަހިކުރުން ފަދަ ތަފާތު ގިނަ ކަންކަން ދަސްކުރެ އެވެ.

7. އުނގެނުމަށް ބޭނުން ކުރާ އެއްޗެހި ނުވަތަ އެ ފިލާވަޅު އުނދަގޫވެ ދޭހަނުވުން

ގްރޭޑް 1ގެ ޓެކްސްޓް ފޮތްތަކެއް: ދަރިވަރުންނަށް ދޭހަނުވާ ނަމަ ކިޔެވުމާ ދުރުވޭ

ދޭހަނުވުމުގެ މައްސަލައަކީ މި ޖީލުގެ ކުދިން ކިޔެވުމުގައި ކުރިމަތިލާ ބޮޑު ގޮންޖެހުމެކެވެ. އެއް ބަހަށް ވުރެ އަނެއް ބަހަށް ފެންވަރު ހުންނަން ޖެހޭ ވަރަށް ނެތުމުން ދޭހަވާ ގޮތް ކުޑަ އެވެ. މިކަން ހާއްސަކޮށް ދިވެހި ބަހުގައި ފާހަގަކުރެވެ އެވެ. ދިވެހި ބަހުން ލިޔަންކިޔަން ކުދިން ނުފަރިތަވުމަކީ ވެސް ފިޅާވަޅުތައް އުނދަގޫވެ ހަދަން ބޭނުންނުވާ ސަބަބެކެވެ.

8. މުދައްރިސުގެ ފަރާތުން ލިބެން ޖެހޭ އެހީތެރިކަން ނުލިބުން

މި އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ޓީޗަރުންތަކެއް ދަރިވަރުންނާ އެކު މަޑުކޮށްލައިގެން: މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ނުލިބޭ ނަމަ ކިޔެވުން ދެކެ ފޫހިވޭ

މުދައްރިސުގެ ފަރާތުން ދަރިވަރުުންނަށް ލިބެންވާ އެހީތެރިކަން ނުލިބޭ ނަމަ ކުދިން ކިޔެވުން މަތިން ފޫހިކޮށްލަ އެވެ. 

އާއްމުކޮށް ކްލާހެއްގައި ދަށް މާކްސް ހޯދާ ކުއްޖާއަށް އިހްސާސްވަނީ މުދައްރިސުން އެ ކުއްޖެއް ދެކެ ހިތްހަމަނުޖެހޭކަމެވެ. އެހެންވެ އެއްޗެއް ނޭނގުނަސް އޮޅުންފިލުވަން ފަސްޖެހެ އެވެ. ސުވާލުކުރާކަށް ނުކެރެ އެވެ. އަދި ބައެއް ދަރިވަރުން މުދައްރިސަކީ ހަރުކަށި މީހެއްގެ ގޮތުގައި ނިންމައި ބިރުގަނެ އެވެ.

9. މުދައްރިސުން ކިޔަވައިދޭ ގޮތްތައް ޒަމާނާ އެއްގޮތް ނުވުން 

ކުޑަހުވަދޫ ސްކޫލުގެ ދަރިވަރުންތަކެއް މުބާރާތެއް ލައިވްކޮށް ގެނެސްދެނީ: ކުދިންނަށް އަމަލީ ތަޖުރިބާ މުހިއްމު

ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަދިވެސް އެކަށީގެންވާ ބޮޑު ބަދަލެއް ނާދެ އެވެ. ގިނަ ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ސްމާޓް ޓީވީ ވަނީ ބަހައްޓައިފަ އެވެ. ކިޔަވައިދިނުމުގައި ވީޑިއޯ ބޭނުން ކުރެ އެވެ. ނަމަވެސް މައުލޫއަކާ ގުޅޭ ގޮތުން ވީޑިއޯއެއް ދައްކާލުމުން އަދި ކިޔަވައިދިނުން ޒަމާނީ ވީއެއް ނޫނެވެ. 

10. ކިޔެވުމުގެ ބޭނުންތައް ނޭނގި ދިރިއުޅުމުގެ އެއްވެސް އަމާޒެއް ކަނޑައެޅިފައި ނެތުން

ތޮއްޑޫ ސްކޫލުން ހެއްދި ކަރާ ދަނޑުތަކުގައި ދަރިވަރުން ހަރަކާތްތެރިވަނީ: ކިޔެވުމުގެ ބޭނުމަކީ ދިރިއުޅުމަށް ތައްޔާރުވުންކަން ދަރިވަރުންނަށް ބުނެދީފައި އޮތުން މުހިއްމު

ދަރިވަރަށް ކިޔެވުމުގެ މުހިއްމުކަމާއި ކިޔެވުމުގެ ބޭނުން ނޭނގޭ ނަމަ ކިޔެވުމަކީ މާ މުހިއްމު ކަމެއް ކަމަށް ނުދެކިފާނެ އެވެ. ކުލާހަށް ކުއްޖާ ކިޔަވަން އަންނަ އިރު، އެ ކުއްޖެއްގެ ކިބައިގައި ރަނގަޅު އެޓިޓިއުޑެއް ހުންނަން ޖެހެ އެވެ. ޓީޗަރު ދައްކާ ވާހަކަ އަޑުއަހަން ބުނެ، އިހްތިރާމް ކުރަން ދަސްކޮށްދޭން ޖެހެ އެވެ. ކުއްޖާއަށް އެ ކުއްޖަކު ހާސިލްކުރަންވީ ލަނޑުދަނޑި ބުނެދީފައި އޮތުން މުހިއްމެވެ. މިކަންކަން ނޭނގޭ ނަމަ ކުއްޖާ ކިޔެވުމާ މެދު ފޫހިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް (1)

މޫނީސް

30 ޖުލައި 2024
އެކި ހުނަރު ހުއްނަކުދިން އެކި އުމުރުގާބައްދަލުވާއެދުރުން ނާއެކު ދަސްކުރފިލާވަޅު ދުރުހަދާނ ްތަކުގާ އެދުރުއްނާހިއްސާކުރާނެ .ހިއް ސާކޮއްލުމުން އެދުރުން ދުރުހަދާން ޒަމާނ ާުގައި އެކު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް