ޖަމާލުއްދީން ސްކޫލްގެ ސްވިމް ޓީމް
ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން ގައުމީ ސަލާމް ކީ އިޝާރާތުން
ބީއެމްއެލް ހަތްވަނަ އިންޓަސްކޫލް ކިޑްސް ސްވިމިން ފެސްޓިވަލް ހުޅުމާލެ ސްވިމިން ޕޫލުގައި ފެށުން ފާހަގަ ކުރުމަށް އަންގާރަ ދުވަހު ހާއްސަ ރަސްމިއްޔާތެއް އޮތެވެ.
މާލެ ސަރަަހައްދުގެ 23 ސްކޫލަކުން 485 ދަރިވަރަކު ބައިވެރިވި މި ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި އެންމެންގެ ލޯތައް ހުއްޓުނީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށެވެ. އެ ކުދިން ގައުމީ ސަލާމް ކީ އިޝާރާތް ބަހުންނެވެ. ހުރިހާ ކުދިން އެއްވަރަކަށް އިޝާރާތުން ގައުމީ ސަލާމް ފަސޭހައިން ދައްކާލުން ގިނަ ބަޔަކަށް ފާހަގަވީ މުޅިން އާ ކަމެއްގެ ގޮތުގަ އެވެ.
ސްކޫލްގެ މެންދުރުފަހު ސެޝަންގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ލީޑިން ޓީޗަރު ޝިފްނާ އިބްރާހިމް 'ދައުރު'އަށް ވިދާޅުވިގޮތުގައި ދަރިވަރުން އިޝާރާތުން ގައުމީ ސަލާމް ދަސްކުރަން ފެށީ ސްކޫލްތަކުގެ އެސެމްބްލީގައި ގައުމީ ސަލާމް ކިޔަން ފެށުމާ އެކު، އޭނާގެ އިސްނެގުމަކަށް ޕްރިންސިޕަލް އާއި ލީޑިން ޓީޗަރު އިޝާރާތުން އެސެމްބްލީގައި ގައުމީ ސަލާމް ކިޔުމުންނެވެ.
"ޕްރިންސިޕަލް އާއި ލީޑިން ޓީޗަރު ވެސް ދަސްކުރެއްވީ އިޝާރާތުން ގައުމީ ސަލާމް ކިޔަން،" ޝިފްނާ ވިދާޅުވި އެވެ.
"ތީމްތަކަކަށް ބަހާލައިގެން އެސެމްބްލީތައް އޮންނަނީ. އެގޮތަށް ހުރިހާ ކުދިންނަށް ކުރިއަށް ގެންދިޔަ އެސެމްބްލީއެއްގައި ދަރިވަރުންނަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައި މިކަން ކުރީ."
އެކަންވީ ކުދިން ވަރަށް ޝައުގުވެރިވި އަދި ދަސްކުރަން ބޭނުންވި ކަމަކަށެވެ.
ސްކޫލުގައި މަހަކު ހަތަރު އެސެމްބްލީ ބާއްވަނީ ހުރިހާ ކުދިންނަށް އެއްކޮށް ތިރީގަ އެވެ. އަދި ކޮރިޑޯގައި ބާއްވާ އެސެމްބްލީތަކުގައި ވެސް ކުދިންނަށް އިޝާރާތުން ގައުމީ ސަލާމް ކިޔުމަށް ދަސްކޮށްދިނެވެ. އޭގެ ފަހުން ކޮރިޑޯ އާއި ކްލާސްރޫމުގައި އޮންނަ އެސެމްބްލީތަކުގައި ދަރިވަރުން ބޭނުން ނަމަ އިޝާރާތުން ގައުމީ ސަލާމް ކިޔޭ ގޮތަށް އޮންނަނީ ހަމަޖައްސާފަ އެވެ.
"ގައުމީ ސަލާމް އަޑުއިވޭ އިރަށް މިހާރު ކުދިން އިޝާރާތުން އެކަން ކުރޭ،" ޝިފްނާ ވިދާޅުވި އެވެ.
އެހެންކަމުން، މިއީ ޖަމާލުއްދީންގެ ދަރިވަރުން ކޮންމެހެން ސްވިމިން ފެސްޓިވަލްއަށް ތައްޔާރުވުމަށް ކުރި ކަމެއް ނޫނެވެ. އެހެން ހުރިހާ ސްކޫލެއްގެ ދަރިވަރުން އަޑުން އަޑު ނަގައި ގައުމީ ސަލާމް ކިޔަމުންދިޔައިރު އިޝާރާތުން އެކަން ކުރި ދަރިވަރުން ވެސް ތިބީ ޖޯޝުން ފުރިފަ އެވެ.
ސޯޝަލް މީޑިއާގައި ވެސް މިކަމަށް ތަރުހީބު ލިބުނެވެ.
"ހަމަ ރަނގަޅަށް ވެސް ފެންކަޅިވި. އުމުރުން ހަގު ކުދިންތަކެއް ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ގައުމީ ސަލާމް ކިޔުމުން. މަރުހަބާ ޖަމާލުއްދީން ސްކޫލް،" މީހަކު ލިޔެފައިވާ ކޮމެންޓެއްގައިވެ އެވެ.
ކޮމެންޓް (1)
ހަމްކޮ