އަންހެނުންތަކެއް ރޯނު ވެށުމުގެ މަސައްކަތުގައި (ފޮޓޯ/މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަން)
ރޯނުން ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް ކުޅުދުއްފުށީގައި ފަށަނީ
ރޯނުވަށައި އެއިން ގަހަނާ ހަދަން ދަސްކޮށްދޭ ކޯހެއް އަންނަ ސެޕްޓެމްބަރު މަހު ހދ. ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ ކެެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއެޓިވްގެ އެހީތެރިކަމާ އެކު މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގާ 'ވެޓްލޭންޑް ލައިވްލިހުޑް ޕްރޮޖެކްޓް'ގެ ދަށުން ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން ހިންގާ ކޯހެކެވެ.
ކޯހުގެ މަގްސަދަކީ ދިވެހިންގެ ސަގާފަތުގައި ހިމެނޭ ރޯނުވެށުމުގެ ހުނަރާ ގުޅުވާލައިގެން ޒަމާނީ އުފެއްދުންތަކެއް ތައްޔާރުކުރުމަށް ދަސްކޮށްދިނުމެވެ. އޭގެ ތެރޭގައި، ރޯނުން ހަދާ ކަންފަތުމުދި، އަނގޮޓި، ކެވެލި އަދި ފަށް ހިމެނެ އެވެ.
ހަ ދުވަހުގެ މި ކޯހުން 10 ބައިވެރިއަކަށް ފުރުސަތު ދޭނެ ކަމަށް މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަން އިން ބުންޏެވެ.
އެ ޖަމްއިއްޔާ އިން ބުނިގޮތުގައި މިފަދަ ކޯހެއް ހިންގުމުގެ އެއް މަގްސަދަކީ، ރޯނުވެށުމުގެ ފަންނުވެރިކަން ހުރި މީހުންނަށް އެމީހުންގެ ހުނަރު ފުޅާކޮށް، މާކެޓް ކުރެވޭނެ އިތުރު ބާވަތްތަކެއް އުފައްދަން މަގުފަހިކޮށްދިނުމެވެ. އަދި ރަށުން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމެވެ.
ކޯހުގައި ބައިވެރިވުމަށް ޝައުުގުވެރިވާ ފަރާތްތަކަށް މިހާރު ނަން ނޯޓް ކުރުމަށް މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ވަނީ ހުޅުވާލާފަ އެވެ.
އެ ޖަމްއިއްޔާ އިން މީގެ ކުރިން ވަނީ ހއ. ކެލާގައި ކަށިކެޔޮ ފަތް ވިޔުމުގެ ކޯހެއް މި މަޝްރޫއުގެ ދަށުން ކާމިޔާބުކަމާ އެކު ހިންގާފަ އެވެ.
ކޮމެންޓް (1)
މީމަ