އާޓް

ލީޒާގެ 'ނަކަތް': ކުރެހުމުން ރާއްޖޭގެ ތާރީހު ކިޔައިދެވޭނެ ގޮތެއް

ލީޒާ ތަމްސީލު ކޮށްދިނީ ތާރީހަށް ލޯބި ކުރާ ގިނަ ދިވެހިންގެ ހިތުގައި އަބަދުވެސް އުފެދިފައިވާ އިހުސާސުތަކާއި ސުވާލުތަކެއްގެ ޖަވާބު
24 ޖުލައި 2024

ގައުމީ އާޓް ގެލެރީގައި މި މަހު 9އިން 20ގެ ނިޔަލަށް ކުރިއަށްދިޔަ 'އަންވެއިލިން ވިޝަންސް' މައުރަޒުގައި ބައިވެރިވި ފާތިމަތު ލީޒާގެ ތަފާތު ކުރެހުމަށް މައުރަޒު ބަލަންދިޔަ ކޮންމެ މީހެއްގެ ލޯ ހުއްޓުނެވެ. އެއީ އެ ކުރެހުން އާދަޔާހިލާފަށް ބޮޑުވެފައި މިނަށްވުރެން ގިނަ ކުލަތަކެއް އެކުލެވިގެންވާތީއެއް ނޫނެވެ. އެކަމަކު މުޅިން އެއާ ހިލާފު ސްޓައިލްއަކަށް ތައްޔާރުކޮށްފައިވާ ކުރެހުމަކަށް ވީމަ އެވެ. އަދި ކޮންމެ ބެލުންތެރިއެއް ވެސް، ހާއްސަކޮށް ތާރީހަށް ޝައުގު ހުންނަ މީހުންނަށް ގޮވާލާ ކުރެހުމަކަށް ވީމަ އެވެ.

ފެން ކުލައިން ލީޒާ ކުރަހައިފައިވާ 'ނަކަތް' ހީވަނީ ގެއްލިފައިވާ އިހުގެ ތާރީހީ ފޮތަކުން ކަނޑާލާފައިވާ ގަނޑެއް ހެނެވެ. އަދި އޭގައި ކިޔައިދޭ ވާހަކަ ވެސް އެހާމެ ޝައުގުވެރި އެވެ. މި ކުރެހުމުން ބެލުންތެރިން ރާއްޖޭގެ ތާރީހާ މެދު ވިސްނާލަން ގޮވާލަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ލީޒާ ވަނީ ރާއްޖޭގެ މީޑިއާގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތް ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެ، 3-5 އަހަރުގެ ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތެއް ވެސް އޭނާ ޝާއިއުކޮށްފައިވެ އެވެ. 

ލީޒާ ބުނިގޮތުގައި ދިވެހި ތާރީހުން އެނގެން ހުރި އެއްޗެއް އޮތީ ލިޔުންތަކުގަ އެވެ. ކުރެހުންތައް ވަރަށް މަދެވެ. އެހެންވެ އޭނާ ބޭނުންވީ ދިވެހި ތާރީހުގެ ކުޑަ ބައެއް ކުރެހުމެއްގެ ސިފައިގައި އަލުން ތަމްސީލުކޮށް ދައްކާލާށެވެ. 

'ނަކަތް' އިން ދައްކައިދެނީ އިހު ޒަމާނެއްގައި މާލިމީއެއް ނުވަތަ އާކިއޮލޮޖިސްޓެއް ރާއްޖެއަށް ކުރި ދަތުރެއްގައި އޭނާ ޑޮކިއުމެންޓު ކުރި ލިޔުމެކެވެ. 

ދެ ސޮފުހާއަށް ބަހާލާފައިވާ މި ކުރެހުމުން ދިވެހިންގެ ދިރިއުޅުން އޭރު ހުރިގޮތް ކިޔައިދެ އެވެ. މެދުގައި ވަށްކޮށް ކުރަހައިފައިވާ ނަކަތް ކަލަންޑަރުން މޫސުންތަކާއި އެއިން ކޮންމެ ބަޔަކާ ގުޅިފައިވާ މައިގަނޑު ހަރަކާތްތައް ދައްކުވައިދެ އެވެ. 

ލީޒާ ބުނިގޮތުގައި މި ކުރެހުމަށް އޮރިޖިނަލް ތާރީހީ ސިފައެއް ގެންނަން އޭނާ ވަނީ ކުރަހަން ފެށުމުގެ ކުރިން ގަދަޔައަށް ދިރާސާކޮށްފަ އެވެ. އޭނާ މަސައްކަތް ފެށީ ކުރެހުމުގައި ލިޔެފައިވާ ދިވެސް އަކުރު ވެސް ދަސްކޮށްގެންނެވެ. މި ކުރެހުމުން ލީޒާ ދައްކައިދޭން ބޭނުންވީ އޭރު އެ އާކިއޮލޮޖިސްޓް އެއްކުރި މައުލޫމާތުތަކުގެ ސޮފުހާތައް ގެއްލިފައި އަނެއްކާ މިހާރު ބަޔަކަށް ފެނި، އެއިން ސަލާމަތްވި ހަމައެކަނި ސޮފުހާތަކެވެ. 

ލީޒާ މި ތަމްސީލު ކޮށްދިނީ ތާރީހަށް ލޯބި ކުރާ ގިނަ ދިވެހިންގެ ހިތުގައި އަބަދުވެސް އުފެދިފައިވާ އިހުސާސުތަކާއި ސުވާލުތަކެއްގެ ޖަވާބެވެ.

މީޑިއާ ދާއިރާ އަދި ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ލީޒާގެ ތަޖުރިބާ އާއި ރާއްޖޭގެ ވިޝުއަލް ތާރީހާ މެދު އޭނާ ފުންކޮށް ވިސްނާފައި ހުރިކަން މި ކުރެހުމުން ވަރަށް ބޮޑަށް ފާހަގަވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް