މޯލްޑިވްސް ހާފް މެރެތަން: މިިއީ އިއްޔެ ހުޅުމާލޭގައި އޮތް ދުވުމުގެ ބޮޑު އީދެއް

މޯލްޑިވްސް ހާފް މެރެތަން ފޯރިއާ އެކު ނިންމާލައިފި

އައިރަނާސް އިން ބުނިގޮތުގައި މިއީ އެތަނުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ދުވުން. ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި 10 ކެޓަގަރީއެއްގައި 1،600 މީހުން ބައިވެރިވި.
13 ޖުލައި 2024
3

ދިހަ ކެޓަގަރީއެއްގައި 1،600 މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ހާފް މެރެތަން ފޯރިއާ އެކު އިއްޔެ ނިންމާލައިފި އެވެ.

މޫވް މޯލްޑިވްސް އާއި އައިރަނާސް ގުޅިގެން އިންލައިން ސްކޭޓިންއާ އެކު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ހަރަކާތުގައި ސީރިއަސް ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ދުވާ އެކެޑެމީތަކުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިން ބައިވެރިވި އެވެ. 

މޯލްޑިވްސް ހާފް މެރެތަންގައި ކޭވައި އެކަޑެމީ އިން ބައިވެރިވި ކުއްޖަކު 5 ކިލޯމީޓަރު ދުވަނީ

ދުވުން ނިންމާ ކޮންމެ މީހެއްގެ ކަރުގައި އަޅުވާލީ ރީތި ފެހުރިހި މެޑަލްއެކެވެ. އެ އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ފަހުރުވެރިކަމެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ވެގެންދިޔައީ ވަރަށް އުފާވެރި މާހައުލަކަށެވެ.

ތަފާތު އުމުރުފުރާތަކުގެ އެކި ގުރޫޕްތަކުން ބައިވެރިވެ، ބައެއް ކެޓަގަރީތަކުގައި އާއިލާތައް އެކީ ދުވެފައިވާ އިރު އަނެއް ބަޔަކު ކުޑަކުދިން ދުވާތީ އެ ކުދިންނަށް ހިތްވަރު ދޭން ތިއްބެވެ.

މޯލްޑިވްސް ހާފް މެރެތަންގެ ރޭސް ޑިރެކްޓަރު ހުސެން ސުޖާއު ބުނިގޮތުގައި މިއީ އައިރަނާސް އިން މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ދުވުމެވެ.

"ދިހަ ކެޓަގަރީގެ ބައިވެރިންނާއި އެ މީހުންގެ ސަޕޯޓަރުން އައިސް ހުޅުމާލެ ސެންޓްރަލް ޕާކު އިއްޔެ ފުރާލި. ހުރިހާ ބައިވެރިން އަދި ސަޕޯޓަރުންނަށް ވެސް ޝުކުރު ދަންނަވަން،" ސުޖާއު ބުންޏެވެ.

މޯލްޑިވްސް ހާފް މެެރެތަންގައި އިއްޔެ އަންހެނަކު ހާފް މެރެތަން ދުވުމަށް ފަހު ނިންމާ ރޮނގު ހުރަސް ކުރަނީ

ދުވުން ނިންމާލާ ކޮންމެ މީހަކު ގެއަށް ދިޔައީ ހިތްހަމަޖެހިގެންނެވެ. އެކުވެރިންނާއި އާއިލާ މީހުންނާ އެކު ހަނދާނަށް ފޮޓޯތައް ނަގާ ހެދި އެވެ.

މި އެންމެންނަށް ސުޖާއުގެ ނަސޭހަތެއް ވެސް އެބަ އޮތެވެ. ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރޭސްތަކުގައި ބައިވެރިވާން ތަމްރީން ހެދުމަށެވެ.

މޯލްޑިވްސް ހާފް މެރެތަންގައި ކުދިންތަކެއް ދުވަނީ

ސުޖާއު ބުނިގޮތުގައި އައިރަނާސް އިން އެކަނި ވެސް 100 އެއްހާ މީހުން މި ރޭހުގައި ބައިވެރިވުމަށް ތަމްރީންތައް ހަދާފައިވެ އެވެ. ހާއްސަކޮށް ހާފް މެރެތަން ދުވާ މީހުން ތަމްރީންތައް ނަހަދާ ހަމައެކަނި ރޭހުގައި ދުވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަން އޭނާ ފާހަގަކުރި އެވެ. ސަބަބަކީ 21 ކިލޯމީޓަރު ދުވާ މީހަކު ސިއްހީގޮތުން ފިޓް ވާން ޖެހެ އެވެ. އެ ދުރުމިނަށް އަވީގައި ދުވާއިރު ހަށިގަނޑަށް ބޮޑު ލޯޑެއް ނަގާނެ އެވެ. 

މޯލްޑިވްސް ހާފް މެރެތަންގެ ރޭސް ޑިރެކްޓަރު ހުސެން ސުޖާއު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނެއިދު)

"ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި އޮވޭ ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓު ކަސްރަތު ކުރުމަށް. އެހެންވީމާ ރޭހުގައި ބައިވެރިވެފައި އެ ހިސާބުން ނިންމާ ނުލާށޭ،" ސުޖާއު ބުންޏެވެ.

ހަފްތާއަކު ތިން ދުވަހު ދުވަން ނުވަތަ ހިނގަން ގޮސް އަދި ބަރު އުފުލައިގެން ކުރާ ކަސްރަތު ހަފްތާއަކު ދެ ދުވަހު ކުރުމަކީ އޭނާގެ ނަސޭހަތެވެ. މަގްސަދަކީ ފިޓްނަސް އަކީ މީހާގެ ލައިފްސްޓައިލް ކަމުގައި ހެދުމެވެ.

މިފަދަ ރޭސްތައް ގިނަވެ ބައިވެރިވާ މީހުން އިތުރުވުމަކީ ސުޖާއުގެ އުއްމީދެކެވެ.

މި އަހަރުގެ މޯލްޑިވްސް ހާފް މެރެތަންގައި ބައިވެރިނުވާ މީހުން އަންނަ އަހަރު މި ޗެލެންޖަށް ތައްޔާރުވާށެވެ. 

ކޮމެންޓް (3)

މުކި

13 ޖުލައި 2024
ކަޑަ މީހުންގަނޑު މޮޔަވެގެން އުޅެނީ.. ރޫޓް ވެރިފައިނުކުރާ ކީއްކުރަން ބާއްވާ ދުވުމެއް.. އެމީހުނަށް ވަރަށް ފައިދާ ބޮޑު ލާރިގަނޑެއްނޫން... ދިވެހިން ހަމަ މޮޔައީ...
0 1

ހީވާގޮތް..

13 ޖުލައި 2024
@މުކި ކަލެއަށް އެބަ އިނގޭތަ މީހުން ކުރާ މަސައްކަތް ލާރި ހޯދަން.
1 1

މީމަ

13 ޖުލައި 2024
ވަރަށް ފޯރިގަދަކޮށް ދިޔައީދޯ. އީމާންކޮއްކޮވެސް ފެނުން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް