އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއުއެއް ދެއްވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުއާދު ތައުފީގު

ކުރިން ނޭނގޭ ގިނަ ވާހަކަތަކަކާ އެކު ފުއާދުގެ ބަޔޮގްރަފީ ނެރެނީ

މި ފޮތުން ލިބޭނެ އެންމެ ބޮޑު މެސެޖަކީ އެންމެން ލޯބިވާ އަދި އިހުތިރާމުކުރާ މީހަކަށްވާން ފުއާދު ގެންގުޅުއްވި އުސޫލްތައް ކަމަށް ލިޔުންތެރިޔާ ބުނޭ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ހިމެނޭ ބަޔޯގްރަފީ ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ ލިޔާ މި ބަޔޮގްރަފީގައި، އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ ގިނަ ކަންކަމާއި ކުރިން ނޭނގޭ އެތައް ވާހަކަތަކެއް ހިމެނޭނެ ކަމަށް އޭނާ ބުނެ އެވެ. އެގޮތުން ފުއާދުގެ އެންމެ ޅަދުވަހުން ފެށިގެން، ސްކޫލު ދުވަސްތަކާއި މަތީ ތައުލީމު ހާސިލް ކުރެއްވި ދުވަސްތަކުގެ އިތުރުން ގައުމީ ހިދުމަތްތަކުގެ ވާހަކަ ހިމެނޭނެ ކަމަށް ސާއިލް ބުންޏެވެ.

"ފުއާދުގެ ޒަވާޖީ ހަޔާތާއި ކެރިއަރާއި ސިޔާސީ ކަންކަމާ ގުޅޭ، އަދި ކުރިން އޭނާއާ ބެހޭގޮތުން ނޭނގޭ އެތައް ވާހަކައެއް މިބަޔޮގްރަފީގައި ހިމެނޭނެ،" ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު، ނިއުސް ޑިރެކްޓަރު ބުންޏެވެ.

ފުއާދުގެ ބަޔޮގުރަފީ ލިޔުއްވާ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ފުއާދުއާ އެކު

އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތްތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ފުއާދަކީ ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެންނަވައި، އޭގެ ބޭނުން ހިއްޕަވައިގެން ބޯހިމެނުގެ މަސައްކަތް ފެއްޓެވި ބޭފުޅާ އެވެ. ސާއިލް ބުނިގޮތުގައި، ތަފާސްހިސާބަށް ކުޅަދާނަ ފުއާދަށް ކުރިމަތިވެ ވަޑައިގެން ސިޔާސީ ގޮންޖެހުންތަކާއި ވާދަވެރިކަން އަދި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެއްވޭނެ ހާލަތްތަކުގައި ވެސް ދެއްކެވި ހިތްވަރު އޭނާގެ ބަޔޮގްރަފީގައި ހިމަނާފައިވާނެ އެވެ.

"ފުއާދުގެ ތަޖުރިބާތަކާއި ގޮންޖެހުންތައް އަދި ކާމިޔާބާއި ފިލާވަޅުތަކާއި ލޯތްބާއި ބޭވަފާ ވެސް ފޮތުގައި ކިޔައިދީފައިވާނެ،" ސާއިލް ބުންޏެވެ.

އޭނާ ބުނިގޮތުގައި ގޮތުގައި މި ފޮތުން ލިބޭނެ އެންމެ ބޮޑު މެސެޖަކީ އެންމެން ލޯބިވާ އަދި އިހުތިރާމުކުރާ މީހަކަށްވާން ފުއާދު ގެންގުޅުއްވި އުސޫލްތަކެވެ. އަދި ގޮންޖެހުންތަކާއި ހިތާމަތައް ކުރިމަތިވެވަޑައިގަތުމުން ފުއާދު އަމަލު ކުރައްވާ ގޮތް ވެސް އިބްރަތަކަށް ފުދޭނެ ކަމަށް އޭނާ ބުންޏެވެ.

"އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ފޮތް ނެރޭނަން،" ސާއިލް ބުންޏެވެ.

މިއީ އޭނާ ލިޔާ ތިން ވަނަ ފޮތެވެ. މީގެ ކުރިން ސާއިލް ވަނީ، ކުޑައިރުއްސުރެ އޭނާ ތަހައްމަލު ކުރަމުން ދިޔަ ނަފްސާނީ ކަންކަމާ ގުޅޭގޮތުން ފޮތެއް ލިޔެފަ އެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ ވެސް އޭނާ ވަނީ ނެރެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް