ލިވިން

ރޭހުގައި ކުދިން އެކަނި ދުވަން ދޫކޮށްލާ!

މޯލްޑިވްސް ހާފް މެރެތަންގެ އިސް މީހުން ބުނަނީ ކުޑަކުދިންނަށް ހާއްސަ 3.2 ކޭ އަދި 5ކޭ ގައި ދުވާއިރު އެކުދިން އެކަނި ދޫކޮށްލަން. ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނާނީ އަޅާފައި

މޫވް މޯލްޑިވްސް އާއި އައިރަނާސް ގުޅިގެން އަންނަ ހުކުރުދުވަހު ހުޅުމާލޭގައި ބާއްވާ މޯލްޑިވިއަން ހާފް މެރެތަންގައި ކުޑަކުދިންނަށް ވެސް ހާއްސަ ބައިތަކެއް ހިމެނެ އެވެ. އެކަމަކު ކުޑަކުދިން އެކަނި ދުވަން ދޫކޮށްލަން ބެލެނިވެރިން އަދިވެސް ޖެހިލުންވެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން 'ކިޑްސް މައިލް'ގެ ނަމުގައި 800 މީޓަރާއި 1.2ކޭ އާއި 3.2ކޭގެ އިތުރުން 5ކޭގައި ވެސް ކުޑަކުދިން ބައިވެރިވެ އެވެ.

މޯލްޑިވްސް ހާފް މެރެތަންގެ ރޭސް ޑިރެކްޓަރު ހުސެން ސުޖާއު ބުނާ ގޮތުގައި ގިނަ ކުދިން މިހާރު ދުވަން ބޭނުންވަނީ ވެސް 5 ކިލޯމީޓަރުގަ އެވެ. ސަބަބަކީ ރާއްޖޭގައި އެ ރާސްތާގެ ރޭސްތައް ގިނަވެފައި އެ ރޭސްތަކުގެ ތަޖުރިބާ ގިނަ ކުދިން ހޯދަމުން އަންނާތީ އެވެ.

"ރާއްޖޭގައި ބާއްވާ 5ކޭގެ ރޭސްތަކުގެ %20-30 އަކީ ކުޑަކުދިން،" ސުޖާއު ބުންޏެވެ.

5 ކިލޯމީޓަރުގެ ރޭސްތަކުގައި ބައިވެރިވާ ކުޑަކުދިންގެ އަދަދު މިހާރު ގިނަ

ކުދިންނަށް ރޭހުގައި ކަނޑައެޅިފައި އޮންނަ ވަގުތުގައި، ރަނގަޅު ސްޕީޑެއްގައި ރޭސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮވެ އެވެ.

އެކަމަކު ކުދިން އެކަނި ދުވަން ދޫކޮށްލަން ބައެއް ބެލެނިވެރިން އަދިވެސް ޖެހިލުންވެ އެވެ. ރޭހުގެ ރޫޓު އޮޅިދާނެތީ އެވެ. ނުވަތަ ރައްކާތެރިކަމާ މެދު ޔަގީންކަން ނެތުމެވެ. 

ބެލެނިވެރިންނަށް ވުރެ ބާރަށް ގިނަ ކުޑަކުދިން 5 ކިލޯމީޓަރުގެ ރޭސް ދުވެ އެވެ. އެހެންކަމުން އެ ކުދިން އެކަނި ދުވަން ދޫކޮށްނުލައި، ބެލެނިވެރިންނާ އެކު ދުވަން ޖެހުމުން ކުއްޖާގެ އަސްލު ސްޕީޑް ނުފެނެ އެވެ. އެއީ ދުވަން ބޭނުންވާ ކުއްޖާއަށް ލިބޭނެ ފޫހިކަމެކެވެ.

ސުޖާއުގެ ނަސޭހަތަކީ މިއީ އެވެ: ކުދިން އެކަނި ދުވަން ދޫކޮށްލާށެވެ. އެ ކުދިންގެ ބުންވަރާއި ހިތްވަރާ އެކު ރަނގަޅު ވަަގުތެއްގައި ރޭހުގައި ދުވެލަން ފުރުސަތު ދޭށެވެ.

މިދިއަ އަހަރުގެ މޯލްޑިވްސް ހާފް މެރެތަންގެ ރޭހެއް ތިން ކުއްޖަކު އެކުގައި ނިންމަނީ

މޯލްޑިވްސް ހާފް މެރެތަންގައި ދުވާ ރޫޓްތައް ޓްރެފިކަށް ބަންދުކުރެ އެވެ. އެ ރޫޓް ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވާނެ އެވެ. ކުޑަކުދިން ދުވާ ވަގުތު މޯލްޑިވްސް ހާފް މެރެތަންގެ ދިގު ރޭސްތަކުގެ %80 އޮންނާނީ ނިމިފަ އެވެ. ސުޖާއު ބުނި ގޮތުގައި ރޭހުގެ ވޮލަންޓިއަރުންނާއި އެހެން އިސް މީހުންނާއި ރޭސްތަކުގެ ތަޖުރިބާ ހުރި މީހުން ކުދިންގެ ރައްކާތެރިން ކަށަވަރުކުރަން އުޅޭނެ އެވެ.

ފެން ބޭނުން ނަމަ އެކި ހިސާބުތަކުގައި ފެން ލިބޭނެ އިންތިޒާމް ވެސް ހުންނަނީ ހަމަޖައްސައިފަ އެވެ. 

ސުޖާއު ބުނީ ކުދިން އެކަނި ދުވަން ދޫކޮށްލުމަކީ ރޭހުގައި ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމެއް ކަމަށެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ އެވެ. 

ކުޑަކުދިން ދުވުމުގެ ތެރެއަށް ނެރުމަކީ މޯލްޑިވްސް ހާފް މެރެތަންގެ އެއް މަގުސަދު

މޯލްޑިވްސް ހާފް މެރެތަންގެ 800 މީޓަރު ރޭސް ހާއްސަކޮށްފައިވަނީ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ކުދިންނަށެވެ. ދެން އޮންނަ 1.2 ކިލޯމީޓަރުގައި ކުދިންނާ އެކު ބެލެނިވެރިން ދުވަން ޖެހެ އެވެ. މި އުމުރު ފުރާގައި ބައިވެރިވަނީ ވަރަށް ކުޑަކުދިން ކަމުން އެކުދިންނަށް ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާނެ އެވެ.

ސުޖާއު ބުނިގޮތުގައި މިއީ ދުވުމުގެ ތެރެއަށް އާ ޖީލެއްގެ ކުދިން ނެރެން ކަނޑައަޅާފައިވާ ކެޓަގަރީއެކެވެ.

"މަގުސަދަކީ ދުވަހަކު ވެސް ނުދުވާ ކުދިންތަކެއް ދުވުމުގެ ތެރެއަށް ވެއްދުން،" އޭނާ ބުންޏެވެ.

މޯލްޑިވްސް ހާފް މެރެތަންގައި އޮންނަ 800 މީޓަރާއި 1.2 ކޭގައި ކުޑަކުދިންނާ އެކު ބެލެނިވެރިން ދުވަން ޖެހޭ

މޯލްޑިވްސް ހާފް މެރެތަންގެ ހުރިހާ ރޭހެއް ފަށައި އަދި ނިންމާނީ ހުޅުމާލެ ސެންޓްރަލް ޕާކަށެވެ.

ރޭހުގައި ބައިވެރިވާ ދަރިންނަށް ފުރުސަތު ދޭށެވެ. ފިނިޝް ލައިނަށް އެކުދިން ރޭސް ނިންމާލަން އަންނަ ތަން ބަލަން ބެލެނިވެރިން އިންތިޒާރުކުރާށެވެ. އެއީ އެންމެ އުފާވެރި ގޮތެވެ.

ކޮމެންޓް (1)

މީމަ

9 ޖުލައި 2024
ތިގޮތަށް ކިހިނެއް ތިކަންކުރާނީ؟ މިހާރު ބުނާނީ ތިހެން. ފަހުން ޒިންމާއެއް ނުވާނެ. ތީވަރަށް ބިރުވެރިކަމެއް. އީމާންކޮައްކޮ ބުނެގެންވިޔަސް ތިކަންވާކަށްނެތް.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް