ކޮރެއަން ގްލާސް ސްކިން އަންނަނީ މިފަހުން މުޅި ދުނިޔެއަށް މަޝްހޫރު ވަމުން

ބިއުޓީ

ކޮރެއަން ގްލާސް ސްކިން ބޭނުންތަ؟ ހޯދާނީ މިހެން

މޫނުގެ ހަންގަނޑު ރީތިކޮށް އޮމާންކޮށް ހުންނަން އެދޭ ނަމަ ދިރިއުޅުމުގެ ރަނގަޅު އާދަތައް ގެންގުޅެން ވެސް ޖެހޭ

ދިވެހިންގެ ތެރޭގައި ވަކިހިއްޕާލައިފައިވަނީ ކޮރެއާގެ ކެއުންގަނޑާއި ފެޝަން އެކަންޏެއް ނޫނެވެ. ކޮރެއާ މީހުން ރީތި ވުމަށް، ވަކިން ހާއްސަކޮށް މޫނުގެ ހަންގަނޑު އޮމާންކުރުމަށް، ބޭނުންކުރާ ގްލާސް ސްކިން ރޫޓީން ވެސް މިއުޅެނީ ވައިގައި ހިފައިގެންނެވެ.

ކޮރެއަން ގްލާސް ސްކިން މިހާރު ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފަ އެވެ. ސަބަބަކީ ކޮރެއާ މީހުންނަކީ ގައިގެ ހަންގަނޑަށް ބޭނުންވާ އަޅާލުންދީ، ރަނގަޅަށް ބަލަހައްޓާ އަދި ރީތިކަމަށް މަޝްހޫރު ބަޔަކަށް ވާތީ އެވެ.

ޖެނެޓިކް ކަމަކަށް ވުރެ ބޮޑަށް މިއީ ހަންގަނޑަށް އަޅާލުންދީ އަދި ދިރިއުޅުމުގެ ރަނގަޅު އާދަތަކުގެ ސަބަބުން ލިބިފައިވާ ރީތިކަމެއް

ކޮރެއާ މިީހުންގެ ހަންގަނޑު އޮމާންވެފައި ރީތީވުން އެއީ އެމީހުންނަށް ވާރުތަވެފައިވާ ރީތިކަމެއް ނުވަތަ ޖެނެޓިކް ސަބަބަކާ ހެދި ވާ ކަމެއް ނޫނެވެ. މިއީ ރަނގަޅު ފެންވަރެއްގެ ސްކިން ކެއާ ރޫޓީނެއް އެމީހުން ގެންގުޅޭތީ ލިބިފައިވާ ކަމެކެވެ. މޫނު ރީތިކޮށް ބަހައްޓަން ބޭނުންކުރާ ބާވަތްތަކަކީ ހަންގަނޑަށް ބޭނުންވާ ތެތްކަން ފޯރުކޮށްދީ ރަނގަޅަށް ހައިޑްރޭޓްކޮށްދޭ އެއްޗަކަށް ވާތީ އެވެ.

ގްލާސް ސްކިން އަކީ ކޯއްޗެއްކަން ނޭގޭ މީހުންނަށް އެންމެ ފަސޭހައިން ބުނެދެވޭނެ ގޮތަކީ މިއީ އެވެ. ގްލާސް ސްކިން ހުންނަ ނަމަ، މޫނުމަތީގައި ކުދި ވަޅުތަކާއި ލައްތަކެއް އެއްވެސް ގޮތަކަށް ނުހުންނާނެ އެވެ. ހަންގަނޑު ހުންނަނީ ބިއްލޫރިހާ ސާފުވެފައި އޮމާންކޮށެވެ. ހަންގަނޑު ވާންވެފައި ތުއްތުކުއްޖެއްގެ މޫނުހާ މަޑުވެފައި ނަލަ އެވެ. ހަންގަނޑު ހުންނަނީ އޭގެ އެންމެ ފުރިހަމަ ސިއްހަތުގައިކަމުންނެވެ.

ގްލާސް ސްކިން ބޭނުން ނަމަ ރަނގަޅަށް ހަންގަނޑު ހައިޑްރޭޓް ކުރަންވޭ

ދެން އޮތް ސުވާލަކީ މިގޮތަށް ހަންގަނޑު ބަހައްޓާނީ ކިހިނެއް ހެއްޔެވެ؟ ގްލާސް ސްކިން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ވަކި ވައްތައްރެއްގެ އެއްޗެއް ބޭނުންކޮށްގެން ވަގުތުން ގްލާސް ސްކިން ހޯދިދާނެ ހެއްޔެވެ؟

މި ކިޔައިދެނީ ކޮރެއާގެ ގްލާސް ސްކިން ހޯދުމަށް ބޭނުން ކުރެވިދާނެ ބައެއް އުކުޅުތަކެވެ.

ގްލާސް ސްކިން ލިބެނީ މޫނުގައި އުނގުޅާ ބާވަތަކުން އެކަންޏެއް ނޫނެވެ. ދުޅަހެޔޮ ލައިފްސްޓައިލްއަކާއި ރަނގަޅު ސްކިންކެއާ ރޫޓީންއެއް މިކަމުގައި މުހިއްމު ބައެއް އަދާ ކުރެ އެވެ.

ދުޅަހެޔޮ ލައިފްސްޓައިލްއެއް ގްލާސް ސްކިން އަށް މުހިއްމު

ކޮރެއާގެ ބިއުޓީ ކުންފުންޏެއްގެ ފައުންޑަރު ބުނެފައިވަނީ، މިއީ ހަމަ ބޭނުންކުރާ ޕްރޮޑަކްްޓްތަކަކުން އެކަނި ހޯދޭނެ ކަމެއް ނޫން ކަމަށެވެ. ދުޅަހެޔޮ ދިރިއުޅުމެއް ގްލާސް ސްކިން ލިބުމަށް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. ރަނގަޅު ކާނާ ކެއުމާ އެކު ދުޅަހެޔޮ އާދަތަކެއް ގެންގުޅުންވެ އެވެ. މިގޮތަށް ކަންކަން ކުރުމުން ގައިގެ ހަންގަނޑަށް ވެސް އެކަން އެނގި ބަބުޅަ އެވެ. އަދި ރަނގަޅު ސްކިންކެއާ ޕްރޮޑަކްްޓްތަކެއް ބޭނުންކުރާ ނަމަ މިކަން އިތުރަށް ފާޅުވެ އެވެ. އެހެންކަމުން މިއީ އެއް ރެއިން ނުވަތަ އެއް ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ.

ކޮރެއަން ގްލާސް ސްކިން ހޯދުމަށް ކުރަންވީ ކަންކަން

  • މޫނު  ކްލެންސިން ވޯޓާ/އޮއިލް/ފޯމް ކްލީނާއަކުން ސާފުކޮށް ދޮވުން

  • އެކްސްފޯލިއޭޓް ކުރުން

  • ޓޯނާ ބޭނުން ކުރުން

  • އެސެންސް ބޭނުން ކުރުން

  • ސީރަމް އަދި ފޭސް އޮއިލް ބޭނުން ކުރުން

  • މޮއިސްޗަރައިޒާ ބޭނުން ކުރުން

  • ސަންސްކްރީން ބޭނުން ކުރުން

  • ފޭސް މާސްކް އެޅުން

ދެ ފަހަރަށް މޫނު ދޮވުން

ރޭގަނޑު ނިދުމުގެ ކުރިން މޫނު ސާފުކޮށް ދޮވުން ވަރަށް މުހިއްމު

ކޮރެއާގައި ސްކިން ކެއާގެ މައިގަނޑު އެއް ކަމަކީ ދެ ފަހަރަށް މޫނު ދޮވެ ސާފުކުރުމެވެ. ޑަބަލް ކްލެންސިން މިއަށް ކިޔަ އެވެ. ވަކިން ހާއްސަކޮށް މިއީ ރޭގަނޑު ނިދުމުގެ ކުރިން، މޭކަޕްގެ ސަބަބުން ނުވަތަ މޫނު ހަޑިވެފައިވާ ނަމަ ކުރަން ޖެހޭ ކަމެކެވެ.

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މޫނު ސާފުކުރުމަށް ހާއްސަކޮށްފައިވާ ކްލީނިން ޕެޑް ބޭނުންކޮށްގެން ކްލެންސިން ވޯޓާގެ އެހީގައި މޫނު ސާފުކޮށްލުމެވެ.

މިގޮތަށް ސާފުކުރާ އިރު އެންމެ ރަނގަޅީ އޮއިލް ކްލެންސާ އަކުން ސާފުކުރުމެވެ. ސަބަބަކީ މޭކަޕާއި ލޮލުގެ ކައިރީ ހުންނަ އަނދުންތައް ރަނގަޅަށް ސާފުކޮށްލެވޭތީ އެވެ.

އެއަަށް ފަހު، ފޮނު އަރާ ކަހަލަ ފޯމިން ކްލެންސާއެއް ބޭނުންކޮށްގެން ބާކީ ހުރި ތެލާއި ހަޑިތައް ދޮވެލާށެވެ. ދޮންނަން ބޭނުން ކުރާ ޕްރޮޑަކްޓްތަކަކީ ހަންގަނޑާ ގުޅޭ ރަނގަޅު ބާވަތްތަކެއް ކަމުގައި ހަދާށެވެ. މޫނު ދޮންނަން ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ސަބަބުން މޫނުގެ ހަންގަނޑު ހިކި ވިޔަ ނުދޭށެވެެ.

އެކްސްފޯލިއޭޓް ކުރުން މުހިއްމު

މަރުވެފައިވާ ހަމުގެ ސެލްތައް އަދި އެހެން ވެސް އެއްޗެއް މޫނުގައި ހަރުލާފައިވާ ނަމަ އެކްސްފޯލިއޭޓް ކުރުމުން އެބައި ރަނގަޅަށް ސާފުވެގެން ދެ އެވެ. އެކްސްފޯލިއޭޓް ކުރުން މުހިއްމުވާ އެހެން ސަބަބެއް ވެސް އޮވެ އެވެ. ބޭނުން ކުރާ އެހެން ސްކިންކެއާގެ ބާވަތްތައް ފަސޭހައިން ހަންގަނޑު އެތެރެެއަށް ވަންނާނެ އެވެ.

ޓޯނަރު ބޭނުން ކުރުން

ޓޯނަރު ބޭނުންކުރުމުން ހަނގަނޑުގެ ޕީއެޗް ލެވެލް ރަނގަޅުކޮށްދޭ

އާއްމުކޮށް ވިއްކާ ޓޯނަރުގައި އެލްކޮހޯލް ހުރެ އެވެ. އެހެންކަމުން މޫނުގައި ލުމުން ވަރަށް ބޮޑަށް މޫނު ހިކޭގޮތް މެދުވެރިވެ އެވެ. މިއާ ހިލާފަށް ކޮރެއަން ސްކިންކެއާގައި ބޭނުން ކުރާ ޓޯނަރުތަަކަކީ ހަންގަނޑަށް ބޭނުންވާ ހައިޑްރޭޝަންގެ މާއްދާތައް އޭގައި އެކުލެވިގެންވާ ޓޯނަރުތަކެކެވެ.

 ޓޯނަރު ހޭކުމުގެ ފައިދާ އަކީ އެހެން ސްކިންކެއާގެ ބާވަތްތައް ހަމުގެ އެތެރެއަށް ވަންނަން ފަސޭހަވުމެވެ. ދެ ފަހަރަށް މޫނު ސާފު ކުރުމުން މޫނުގައި ހުންނަ ކުދިކުދި ޕޯސް ނުވަތަ ވަޅުތައް ހުޅުވިފައި ހުރެ އެވެ. 

ޓޯނާ ބޭނުން ކުރުމުން މި ވަޅުތައް ލެއްޕި ހަންގަނޑުގެ ޕީއެޗް ލެވެލް އެއް ހަމައެއްގައި ހިފަހައްޓައިދެ އެވެ. ޓޯނަރުގެ ސަަބަބުން ހަންގަނޑު ހިކުމާއި ހަންފޮޅުމާއި މޫނުގައި ހުންނަ ކުދި ރޫތައް ފިލުވާލާ މުސްކުޅިވުމުގެ އަލާމާތްތައް ކުޑަކޮށްދެ އެވެ.

އެސެންސެއް ބޭނުންކުރަން ފެށުން

ކޮރެއަން ސްކިން ކެއާ އަށް އައު ނަމަ އެސެންސް އަކީ ކޮބައިކަމާ މެދު ސުވާލު އުފެދިދާނެ އެވެ. ސީރަމް އާއި އެސެންސް ވެސް އަދި ތަފާތެވެ. 

އެސެންސް އަކީ ފެނުން އުފައްދާފައިވާ އެއްޗެއް ކަމުން، ހަންގަނޑުގައި ފެން ދަމަހައްޓައިދެ އެވެ. އަދި އެސެންސްގެ ސަބަބުން ހަންގަނޑުގެ ރާޅުކަން ފިލުވައިދެ އެވެ.

ސީރަމް ނުވަތަ ފޭސް އޮއިލެއް ބޭނުން ކުރުން

ސީރަމް ނުވަތަ ފޭސް އޮއިލް ބޭނުންކުރުމުން، ހަންގަނޑު އަވަހަށް މުސްކުޅިވުމުން ދުރުކޮށްދޭ  

ސީރަމް ނުވަތަ ފޭސް އޮއިލްއަކާ ނުލައި ކޮރެއަން ގްލާސް ސްކިން ފުރިހަމައެއް ނުވާނެ އެވެ. ސީރަމްއިން ހަމައެކަނި ހަންގަނޑަށް ބޭނުންވާ ހައިޑްރޭޝަން ހޯދާދެނީއެއް ނޫނެވެ. އޭގެ ސަބަބުން ހަނގަނޑުގެ ޓެކްސްޗަރު ރަނގަޅުކޮށްދީ ހަންގަނޑު އަވަހަށް މުސްކުޅިވުމުން ދުރުކޮށްދެ އެވެ. ހަންގަނޑުގެ މޮއިސްޗާ އިތުރުކޮށްދޭ ހައިލުރިކް އަދި ވިޓަމިން އީ ސީރަމެއް އެހެންކަމުން ކޮންމެހެން މުހިއްމެވެ.

މޮއިސްޗަރައިޒް ކުރުން

މޮއިސްޗަރައިޒާއެއް އިހްތިޔާރު ކުރުމުގައި މާ އޮލަ ނޫން ފަސޭހައިން މޫނަށް ވަންނަ އެއްޗެއް ހޯދުން މުހިއްމު

މޫނުގައި މޮއިސްޗަރައިޒާއެއް ލާށެވެ. މިކަމުން ވަރަށް ފަސޭހައިން މޫނު ހައިޑްރޭޓްކޮށްދޭނެ އެވެ. މޮއިސްޗަރައިޒާއެއް ބޭނުން ކުރާ އިރު މުހިއްމީ، މާ އޮލަކޮށް ނުހުންނަ ބާވަތެއް ހޯދުމެވެ. ސަބަބަކީ ހަންގަނޑު އެތެރެއަށް ފަސޭހައިން ވަންނަ އެއްޗެއް ނަމަ އެއިން ލިބޭ ފައިދާ ބޮޑުވާނެތީ އެވެ.

ސަންސްކްރީން ބޭނުން ކުރުން

އިރުގެ ދޯދިތަކުން އަދި ވައިގެ ނުސާފުކަމުގެ ސަބަބުން އަހަރެމެންގެ ގައިގެ ހަންގަނޑަށް އަސަރު ކުރެ އެވެ. ދުވާލުގެ ވަގުތުތަކުގައި ބޭރަށް ދާ ނަމަ ރަނގަޅު ސަންސްކްރީނެއް އުނގުޅަންވެ އެވެ. ކޮރެއަން ސްކިންކެއާ ރޫޓީންގައި މިކަން ހިމެނެ އެވެ.

ފޭސްމާސްކް ބޭނުން ކުރުން

ޝީޓް މާސްކް ބޭނުން ކުރުމުގައި ބަލަންވީ ހަންގަނޑާ ގުޅޭ އެއްޗެއް ހޯދުމަށް

ކޮރެއަން ޝީޓް މާސްކް އަކީ ގިނަ ބައެއްގެ ފެވަރިޓެވެ. ޝީޓް މާސްކް އިން ހައިޑްރޭޓްކޮށްދީ މޫނުމައްޗަށް އުޖާލާކަމެއް ގެނެސްދެ އެވެ. ކޮރެއަން ޝީޓް މާސްކްގެ އެކި ވައްތަރު ހުރެ އެވެ. ހަނޑޫ ފެން، އަލުވި، ގްރީން ޓީ އަދި ޝޭ ބަޓާ ހިމެނެ އެވެ.

މިފަދަ ބައެއް މާސްކްތަކަކީ ނާޒުކު ހަންގަނޑު ހުންނަ މީހުންނަށް ރަނގަޅު އެއްޗެކެވެ. އެހެންކަމުން ފޭސް މާސްކެއް އިހްތިޔާރު ކުރުމުގައި ހަންގަނޑަށް ސަމާލުވާންޖެހެ އެވެ. މިސާލަކަށް ކޮރެއަން ކްލޭ މާސްކަކީ ތެޔޮކޮށް މޫނު ހުންނަ ނަމަ މޫނާ ގުޅޭނެ އެއްޗެކެވެ.

މިއީ ކޮރެއަން ގްލާސް ސްކިން ބޭނުން ނަމަ ގެންގުޅެންވީ ރޫޓީން އެވެ. މިހެން ބުންޏަސް ކޮރެއަން ސްކިންކެއާ ރޫޓީން ވަރަށް ބޮޑަށް މީހާގެ ލައިފްސްޓައިލް އާދަތަކާ ވެސް ގުޅިފައިވެ އެވެ.

މިކަން ގުޅިފައި އޮތީ ބޭނުން ކުރާ ރީތިވާ ސާމާނާ އެކަންޏެއް ނޫނެވެ. މީހާ ކާ އެއްޗަކާއި މީހާގެ މުޅި ދުވަހުގެ އުޅުން ވެސް މީހާގެ މޫނުމަތި ހުންނަ ގޮތާ އޮތީ ގުޅިފަ އެވެ.

ރަނގަޅު ސްކިންކެއާ ރޫޓީންއެއްގެ އިތުރުން ދިރިއުޅުމުގެ އާދަތަކުން ވެސް މޫނުގެ ހަންގަނޑު އޮމާންވޭ

ކޮރެއަން ގްލާސް ސްކިން ހޯދަން ބޭނުން ނަމަ އަންނަނިވި އާދަތައް ގެންގުޅުމަށް މަސައްކަތް ކުރާށެވެ.

  • 1-

    ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ފެޓްގެ ބާވަތްތައް ހިމަނާށެވެ. މަހުގެ ބާވަތްތައް ކަމުގައިވާ ކަނޑުމަހާއި ސޭމަން އަކީ އޮމެގާ-3، ފެޓީ އެސިޑްސް އަދި ވިޓަމިން އީ ހިމެނޭ އެއްޗެވެ. މިކަމުގެ ސަބަބުން ހަންގަނޑު އެކި ކަހަލަ ގެއްލުންތަކުން ރައްކާތެރިކޮށްދެ އެވެ.

  • 2-

    ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ހިމަނާށެވެ. އެއިން މުހިއްމު ވިޓަމިންއާއި މިނަރަލް ހަށިގަނޑަށް ލިބެ އެވެ.

  • 3-

    ގިނައިން ފެން ބުއިމަކީ ގައިގެ ހަންގަނޑަށް އޭގެ ސިއްހީ ފައިދާތައް ލިބޭނެ ކަމެކެވެ.

  • 4-

    ހަމަ ނިދި ހޯދާށެވެ. ކޮންމެ ރެއަކު 7-8 ގަޑި އިރުގެ ނިދި ލިބޭ ނަމަ ހަންގަނޑަށް ފައިދާ ކުރެ އެވެ.

  • 5-

    ގެއިން ބޭރަށް ނުކުންނަ އިރު ސަންސްކްރީން ހަނދާން ނައްތާނުލާށެވެ.

ކޮމެންޓް (3)

ބަހާދޫރު ގޯލޭ

29 ޖޫން 2024
އީމާން ކޮއްކޮއެވެ. ތިލިޔުން ފެނުނީމާ ހަމަ ކޮރެއަން ސްކިން ހޯދާލާ ހިއްވެއްޖެއެވެ. މިއުމުރުގައިވެސް ހަމަ ތިއެއްޗެހި ތިގޮތަށް ބޭނުން ކުރާނަމަ ހަމަ ބަދަލު އައިސްފާނެބާއެވެ. މިހާރު އުމުރުން 55 އަހަރު ވެއްޖެއެވެ. މޫނުގެ ހަންގަޑު ހީވަނީ މަޑީގެ ހަންގަނޑު ހެންނެވެ.
3 0

ނޫމަޑި

29 ޖޫން 2024
@ބަހާދޫރު ގޯލޭ އީމާން ކޮއްކޮގެ އުމުރުން މިހާރު 38އ ވެއްޖެއެވެ. ނަމަވެސް އޮމާން ކަމުން ހަމަ ތިބުނާ ސްކިން އަކާއި ތަފާތެއްނެތެވެ. ސިއްރަކީ ކޮބައިބާވައެވެ.
1 0

މީމަ

29 ޖޫން 2024
ތިބުނި ގޮތަށް ހަދައިގެން ތި ސްކިން ނުލިބިއްޖެއްޔާ އީމާންކޮއްކޮ ޒިންމާވާންވާނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް