ފިޓްކޮށް: ޒިނާންގެ މި ނަސޭހަތް ގަބޫލުކޮށް ދެން މިކަން ފަށަމާ!

'ދައުރު'ން ފަށާ 'ފިޓްކޮށް' މި ސިލްސިލާގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މުހިއްމު މައުލޫމާތު، ކަމާ ގުޅޭ އެކި ތަޖުރިބާކާރުން މެދުވެރިކޮށް ގެނެސްދޭނެ

'ދައުރު'ން މި ފަށާ 'ފިޓްކޮށް' ބިނާވަނީ މީހާގެ ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމުގެ މައްޗަށެވެ. އެގޮތުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މުހިންމު މައުލޫމާތު އެކަމާ ބެހޭ ތަޖުރިބާކާރުން މެދުވެރިކޮށް ގެނެސްދޭނެ އެވެ.

'ފިޓްކޮށް' ސިލްސިލާ މި ފަށަނީ ޓީއެފްޖީގެ އެއް ބާނީ އަދި މިދިއަ 30 އަހަރު ކަސްރަތު އިންސްޓްރަކްޓަރެއްގެ ގޮތުން ވެސް މަސައްކަތްކުރަމުން އަންނަ ތަޖުރިބާކާރު ހުސެއިން ޒިނާންއާ އެކުގަ އެވެ.

ޒިނާންއަކީ ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު މުއްސަނދި، އަދި ކަސްރަތުކުރުމުގައި ގެންގުޅެން ޖެހޭ ހަމަތައް އެންމެ ރަނގަޅަށް އެނގޭނެ އެކެކެވެ. މިފަހަރުގެ އެޕިސޯޑުގައި އޭނާ ކިޔައިދޭނީ ކާޑިއޯ ކަސްރަތު ނުވަތަ ހިތުގެ ހިނގުމާއި ލޭ ދައުރު ކުރުމުގެ ނިޒާމަށް އަމާޒުކޮށް ކުރާ ކަސްރަތާ ގުޅޭ މުހިއްމު ބައިތަކެކެވެ.

ކަސްރަތުކުރަން ފަށައިގަންނަ މީހަކު ކިހާ މިންވަރަކަށް ކާޑިއޯ ހަދަން ޖެހޭނެތޯ އާއި ކާޑިއޯ ބައި އެކަނި ކޮށްގެން ފުދޭތޯ، މި ސުވާލުތަކަށް އޭނާ ޖަވާބުދިނެވެ. މީގެ އިތުރުން، މީހާގެ ބުންވަރު ގަދަކުރާނެ ގޮތުގެ ވާހަކަތައް ވެސް ކިޔައިދިނެވެ.

ޒިނާންގެ އިރުޝާދުތަކާ އެކު ދެން މިކަން ނުކޮށް މަޑުކުރުމުގެ ބޭނުމެއް ނެތެވެ. ދިރިއުޅުމުގައި ތިމާގެ ހަށިގަނޑާއި ސިކުނޑީގެ ތާޒާކަމަށް ވުރެ މުހިންމު ބައެއް ނޯންނާނެ އެވެ. އުފާވެރިކަމާއި ހަމަޖެހުން ވެސް އަންނާނީ އެ ދެ ބައި ރަނގަޅުވެގެންތާ އެވެ.

ކޮމެންޓް (1)

މީީމަ

2 ޖުލައި 2024
'ދައުރު'ން' މިފަދަ ސިލްސިލާއެއް، ފެށުމުން ވަރަށް އުފާވެއްޖެ. ވަކިން ހާއްސަކޮށް އީމާންގެ އަޑު އިވުމުން އިތުރަށް އުފާވެއްޖެ. މީ އަހަރެންފަދަ ބޮޑެތި ބަނޑުލާފަ ތިބޭ މީހުންނަށް ވަރަށް މުހިއްމު، އަދި އެހާމެ ބޭނުންތެރި ސިލްސިލާއެއް. ޝުކުރިއްޔާ އީމާން.
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް