ފާތިމަތު ނަހުދާ ފާއިޒް އޭނާގެ ޕީސީއޯއެސް ތަޖުރިބާ އާއްމުކޮށް ކިޔައިދިނުން ވެގެން ދިޔައީ ވަރަށް ގިނަ މީހުންނަށް ލިބުނު ހިތްވަރަކަށް.

ނަހުދާ ޕީސީއޯއެސްގެ ދަތުުރު މި ކިޔައިދެނީ ފިލްޓަރެއް ނުލާ

ނަހުދާ ޕީސީއޯއެސްއާ އެކު ކުރަމުންދާ ތަޖުރިބާ ސޯޝަލް މީޑިއާގައި ވަރަށް ހާމަކަން ބޮޑުކޮށް ކިޔައިދިނުމުން ގިނަ އަންހެނުންނަށް ފެނުނީ އާދަޔާހިލާފު ހިތްވަރެއްގެ ގޮތުގައި

އާއްމުން ދަންނަ މީހެއްގެ ގޮތުގައި ހުރެ ފާތިމަތު ނަހުދާ ފާއިޒް މިފަހުން ވަނީ މީހުން އާއްމުކޮށް ނުކުރާ ކަމެއް ކޮށްފަ އެވެ. އެކަމުގެ ސަބަބުން އެތަކެއް އަންހެނުންނަށް ފެނުނީ އޭނާގެ ހިތްވަރެވެ. އާއްމުކޮށް ނުދައްކާ ވާހަކައެއް އޭނާ ދެއްކުމުންނެވެ. އޭގައި ހުރި ހިއްޗާއި ތަކުލީފު އެއްވެސް ފިލްޓަރަކާ ނުލައި ޓިކްޓޮކްގައި ހިއްސާ ކުރުމުންނެވެ.

ޓީވީން ހަބަރާއި ސިޔާސީ ޕްރޮގްރާމްތައް ގެނެސްދޭ ނޫސްވެރިޔާ ނަހުދާ، 23، ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އަށް މީގެ އަށް އަހަރު ކުރިން ޑައިގްނޯސްވުމަށް ފަހު ކުރީ ފަސޭހަ ދަތުރެއް ނޫނެވެ. 

@nahudhafaiz PCOS is not just a fertility issue. It’s a daily battle of not feeling normal and feeling like you’re not in control of your own body. This is a reminder that having PCOS has zero contingency on your worth and value as a woman. To all my beautiful ladies. ❤️ #fypシ #maldivestiktok #pcosawareness #womenoftiktok #pcos #selflove #pcosjourney #foryou ♬ Stories 2 - Danilo Stankovic

ޕީސީއޯއެސްއަކީ ހަށިގަނޑުގައި ހުންނަ ހޯމޯންތަކަށް ކުރިމަތިވާ ޑިސްއޯޑާއެކެވެ. ދަރިމައިވުމުގެ އުމުރުފުރައިގެ އަންހެނުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. މައްސަރުކަންތައް ޖެހުމުގައި މައްސަަލަތައް ދިމާވެ، ހަށިގަނޑުގައި އެންޑްރޯޖެން ނުވަތަ ފިރިހެން ހޯމޯން ހުންނަންވާ މިންވަރަށް ވުރެ އިތުރުވެ އެވެ.

އެންޑްރޯޖަން އިތުރުވުމުން ހަށިގަނޑުން ތަފާތު ނިޝާންތަކެއް ފެނެ އެވެ. އެގޮތުން ފާހަގަ ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މޫނުމައްޗާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި މާ ގިނައިން އިސްތަށިފެޅުން، މޫނުމަތީގައި އޮށާޅަނެގުން އަދި ފިރިހެނުންނެކޭ އެއްބީދައިން ބޮލުން އިސްތަށި ފޭބުން ހިމެނެ އެވެ.

ނަހުދާ ވަނީ ޕީސީއޯއެސްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ސީދާކޮށް ޓިކްޓޮކްގައި ކިޔައިދީފައި

ޕީސީއޯއެސް އަށް ފަރުވާއެއް ނެތެެވެ. އެކަމަކު ލައިފްސްޓައިލަށް ގެންނަ ބައެއް ބަދަލުތަކުގެ ސަބަބުން އޭގެ އަލާމާތްތައް ކުޑަ ކުރެވެ އެވެ.  ޕީސީއޯއެސްގެ ސަބަބުން ކޮންމެ މީހަކަށް އަލާމާތްތައް ނޫނީ އުނދަގޫތައް ކުރިމަތިނުވެދާނެ އެވެ. އަދި އަލާމާތްތައް ފެނުނު ކަމުގައި ވިޔަސް، އެކި މީހުންނަށް އެކި މިންވަރަށް އަލާމާތްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ބައެއް މީހުން މިކަމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވާ އަލާމާތްތައް ފޮރުވައި އެކަމާ ލަދުގަނެ އަދި އެއީ ތިމާ އަށް އެކަނި ކުރިމަތިވާ ކަމެއްހެން އިހުސާސްވެ މާޔޫސްވެ އެވެ.

ނަހުދާ: ޕީސީއޯއެސް ހުންނަ އެހެން އަންހެނުންނެކޭ އެެއްގޮތަށް އޭނާ ފުރަތަމަ އުޅުނީ އެ ހާލަތާ މެދު ލަދުން

ނަހުދާ އަށް އަށްވެސް އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވި އެއް ކަމަކީ، ޕީސީއޯއެސް ހުންނަ އެހެން ބައެއް އަންހެނުންނެކޭ އެއްގޮތަށް، މޫނުގައި އިސްތަށި ގިނަވުމުންނެވެ. އޭނާ މިކަމާ ލަދުގަނެ، ފޮރުވައިގެން އުޅުނެވެ. އެކަމަކު އޭނާ ދެން ބޭނުންވީ މިކަމުގެ އަސްލު ހޯދުމަށެވެ. އަދި މި މައްސަލައަށް އޮތް ހައްލަކީ ކޮބާތޯ ބެލުމަށެވެ.

ސްޕިއާމިންޓް ފަތުގެ ސަޔަކީ ޕީސީއޯއެސް ހުންނަ އަންހެނުން އެ ބުއިމުން އިސްތަށި ފެޅުން މަދުކޮށްދޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކާތީ އެ ވާހަކަ އޭނާ ޓިކްޓޮކްގައި ހިއްސާކުރި އެވެ. އަދި އޭނާގެ މޫނުގައި އެންމެ ގަދައަށް އިސްތަށި ފަޅާއިރު ހުންނަ ގޮތާއި މިކަމުން އަރައިގަތުމަށް އޭނާ ވެކްސް ކުރާ ވާހަކަ ކިޔައިދިނެވެ.

މިއީ ޕީސީއޯއެސް ހުންނަ އެހެން މީހުންނަށް ލިބުނު ހިތްވަރެކެވެ. އަދި އޭނާ މި ވާހަކަ ހިއްސާ ކުރުން ގިނަ ބަޔަކަށް ފެނިގެންދިޔައީ އާދަޔާހިލާފު ހިތްވަރެއްގެ ގޮތުގަ އެވެ. 

ނަހުދާ އޭނާގެ މި އުނދަގޫ ދަތުރުގައި މިހާ ހިސާބަށް އައުމުގެ ފަހަތުގައި އެތައް ތަޖުރިބާއެއްވެ އެވެ. އޭނާ އެއިން ބައެއް ކަންކަން 'ދައުރު' އަށް ކިޔައިދިނެވެ. ތިރީގައި މިވަނީ އެ ވާހަކަތަކެވެ.

ދައުރު: އެންމެ ފުރަތަމަ ޕީސީއޯއެސްއަށް ޑައެގްނޯސްވީ ކޮން އިރަކު؟

އަހަރެން އެންމެ ފުރަތަމަ ޕީސީއޯއެސް އަށް ޑައެގްނޯސްވީ އުމުރުން 17 އަހަރުގައި. ބޮޑުވެގެން އައި އިރު އަހަންނަށް އަބަދުވެސް އިހްސާސް ކުރެވެނީ އަހަރެންގެ ހަށިގަނޑުގެ ކޮންމެވެސް ކަމެއް ގޯހޭ. އަހަރެންގެ އުމުރުން 15 އަަހަރުގައި އަހަރެން ބޮޑުވީ، ނޫނީ ޕިއުބަޓީ އަށް ރީޗްވީ. އެކުވެރި ހުރިހާ ކުދިން ޕީރިއަޑް ވަމުން އައި އިރު އަހަރެން [ޕީރިއަޑް ނުވާތީ] ގައިނޮކޮލޮޖިސްޓެއްގެ ގާތަށް މަންމަ ގެންދިޔަ.

އެ ޑޮކްޓަރު ބުނީ އަހަރެންގެ އޯވަރީސް އޭރު އަންޑާޑިވެލޮޕްޑްއޭ، އަހަރެން ބޮޑުވަމުން އައި ގޮތް ލަހޭ. ބޭސްތަކެއް ދިނުމުގެ ބަދަލުގައި މަންމަ އިހްތިޔާރު ކުރީ ނެޗުރަލީ އެކަން ވާންދެން މަޑުކުރަން.

އޭގެ ދެ އަހަރު ފަހުން އަހަރެން އަލަށް ޕީރިއަޑްވީ. އެކަމަކު ވަރަށް ގަދައަށް ޕީރިއަޑްވީ. އަދި ގަވާއިދުން ޕީރިއަޑްވުމުގެ ބަދަލުގައި ވަރަށް އިރެގިއުލާ. އޭރު ދެން އަހަރެންނަށް މިއީ ކިހާވަރެއްގެ ކަމެއް ކަމެއް ދެނެއެއްނުގަނެވޭ.

 ދައުރު: އޭރު ކިހާ ވަރަކަށް ޕީސީއޯއެސްއާ ގުޅޭ މައުލޫމާތު އެނގޭތަ؟ 

އޭރު އެއްވެސް ވަރަކަށް އަހަންނަށް ޕީސީއޯއެސްއަކީ ކޯއްޗެއް ކަމެއް ނޭނގެ. އެއާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނުލިބޭ. އަހަރެން ހީކުރީ އެއީ އިރެގިއުލާ ޕީރިއަޑްސް ކަމަށް.

ނަހުދާ: ޕީސީއޯއެސްއަށް ޑައެގްނޯސް ކުރި އިރު އުމުރުން 17 އަހަރު

ދައުރު: ޕީސީއޯއެސްގެ ސަބަބުން މޫނުމަތީގައި އިސްތަށި ގިނަވުމުގެ ތަޖުރިބާ އިތުރަށް ކިޔައިދީފާނަންތަ؟

އަހަރެން 2017 އިން ފެށިގެން އައީ މޫނުގައި އާދަޔާހިލާފަށް އިސްތަށި ގިނަވުމާ ކުރިމަތިލަމުން. އަހަރެން އެކަމާ ވަރަށް ލަދުގަތް. އަދި އެކަން ފޮރުވަން މަސައްކަތް ކުރިން. އަބަދުވެސް ހިތަށް އަރާ، ތުނބުޅި އާއި މަތިމަހުގެ ބަދަލުގައި އަހަރެންގެ ކިބައިގައި ބޮޑަށް 'އަންހެންވަންތަ' ސިފަ ހުންނަ ނަމައޭ.

އަމިއްލައަށް ދެން އަހަރެންގެ މި ކޮންޑިޝަންއާ ގުޅޭ ގޮތުން ކިޔަން ފެށީ. ދެން އެނގުނީ މިއީ އަހަރެންގެ އިތުރުން ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެއްކަން.

އެއަށް ފަހު މިއީ 'ނޯމަލް' ކަމެއްގެ ގޮތުގައި އަހަރެން ބަލައިގަންނަން ފެށިން، ނިޔަފަތި ކެނޑުމާއި ކަންފަތް ސާފުކުރުން ގޮތަށް. އަދި ވަރަށް ގިނަ އަހަރުތަކަަކަށް ފަހު މިކަން ފޮރުވަން އަހަރެން މަސައްކަތް ކުރުން ހުއްޓާލިން.

ދެން މީހުން އަހަންނާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރީމަ އަހަރެން އެ މީހުންނަށް އަހަރެންގެ ކޮންޑިޝަން ކިޔައިދީ، މީހުން ހޭލުންތެރިކުރަން މަސައްކަތް ކުރިން.

ނަހުދާ ވަރަށް ފާޅުގައި އޭނާގެ ތަޖުރިބާ ކިޔައިދިނުމުން ވަރަށް ގިނަ އަންހެނުންނަށް ވީ ހިތްވަރަކަށް

ދައުރު: މިކަން މެނޭޖް ކުރަނީ ކިހިނެއް؟

މިކަމަށް ޑޮކްޓަރެއް ކައިރިއަށް ދިޔައިން. އެކި ޕްރޮޑަކްޓްތައް ބޭނުން ކުރިން.

އަހަރެން ކުރިން ކޮންމެ ދުވަހަކު މޫނު ޝޭވް ކުރަން. އެކަމަކު އެއީ އަހަރެންގެ ހަންގަނޑަށް އެންމެ ރަނގަޅު ގޮތް ކަމަކަށް ނުވި. މިހާރު އެެހެންވެ ވެކްްސް ކުރަނީ. ކޮންމެ ވެކްސް އެޕޮއިންޓްމަންޓެއް ދޭތެރޭ މޫނުގައި އިސްތަށި ހުރޭ. މާ ބޮޑަށް އިންސެކިޔޯ ވަންޏާ އަހަރެން މާސްކެއް އަޅަން.

ހޯމޯން ބެލެންސް ކުރަން ސަޕްލިމަންޓް ނަގަން. ބައެއް މީހުން ބުނޭ ލޭޒާ ހެއާ ރިމޫވަލް ހަދަން. އެކަމަކު އަހަރެންނަށް މުހިއްމީ އޭގެ ރޫޓް ކޯޒް އަށް ފަރުވާ ކުރުން.

ދައުރު: ޕީސީއޯއެސްގެ ސަބަބުން އިތުރު އެއްވެސް އެހެން އުނދަގޫތަކެއް ކުރިމަތިވޭތަ؟

އަަހަރެންގެ ހުންނަނީ އިންސިއުލިން ރެސިސްޓަންސް ޕީސީއޯއެސް. އެހެންވީމާ ބަރުދަން ލުއިކުރަން އުނދަގޫވޭ. ބަރުދަން، އެޕެޓައިޓް އަދި ސްލީޕް ސައިކަލް މެނޭޖް ކުރަން އުނދަގޫވޭ. އަބަދު ވަރުބަލިވުމާއި ބްލޯޓްވުން، އިންސޮމްނިއާ، ބޮލުން އިސްތަށި އާދަޔާހިލާފަށް ފޭބުން، މާ ބޮޑަށް ދާހިއްލުން، އެންޒައިޓީ އަދި މޫޑް ސްވިންގްސް، މިހެން ގޮސް ތަފާތު ކަންކަމާ ކުރިމަތިލާންޖެހޭ.

ނަހުދާ ބުނިގޮތުގައި މޫނުމަތީގައި މާގިނައިން އިސްތަށި ހުރުމުގެ އިތުުރުން ވެސް ޕީސީއޯއެސްގެ އެކި އަލާމާތްތައް އޭނާ އަށް ކުރިމަތިވޭ

ދައުރު: މި ކަމާ ހުރެ ނަހުދާ އަށް އެއްވެސް ކަހަލަ ފާޑުކިޔުމެއް އެއްވެސް މީހެއްގެ ކިބައިން އަމާޒުވިތަ؟

އަހަރެން އަބަދުވެސް ހުންނަނީ އޯވާވެއިޓްކޮށް. އެކަމުގެ ސަބަބުން އަަހަރެން ބުލީންއާ ކުރިމަތިލިން. އޭގެ އިތުރުން، އަހަރެން ޕިއުބަޓީ އަށް ދިޔައީ އަހަރެންނާ އެއްވަރު އެހެން ކުދިންނަށް ވުރެ ލަހުން. އެކަމާ ހެދި މަލާމާތް ރައްދުވި. ސްކޫލަށް ފަހު މާ ގިނައިން މޫނުގައި ފޭޝަލް ހެއާ ހުންނާތީ އެކި ކަހަލަ މަލާމާތް އެކި މީހުންގެ ފަރާތުން ރައްދުވި.

ދެރަވާ ކަހަލަ އެއްޗެހި މީހުން ބުނޭ، މަޖަލަކަށް ނޫނީ ޖޯކަކަށް ހަދާފައި. އަހަންނަކީ "އަސްލު އަންހެނެއް ނޫން،" އެހެން ވެސް ބުނެފައި އެބަހުރި ދިމާލަށް. އަދި މީހަކާ އިނީމާ ފިރިމީހާ އަށް އަބަދު އަހަރެންގެ "ފިރިހެންކަން ފޮރުވަން ޖެހޭނެ، ނޫނީ އޭނާ އަށް ހީވެދާނެ ކޮމްޕެޓިޝަން ހެން،" އެހެން ވެސް މީހުން ބުނެފައި އެބަހުރި. ބައެއް ފަހަރަަށް ފަކުރުން އަހަންނާ ދިމާލަށް ބަލާ އަދި މޫނުގައި އިސްތަށި ހާދަ ގިނައޭ ވަރަށް ރެންޑަމްކޮށް ވެސް ބުނެފައި އެބަހުރި.

ދެރަވާ ކަހަލަ އެއްޗެހި މީހުން ބުނޭ، މަޖަލަކަށް ނޫނީ ޖޯކަކަށް ހަދާފައި. އަހަންނަކީ އަސްލު އަންހެނެއް ނޫނޭ، އެހެން ވެސް ބުނެފައި އެބަހުރި ދިމާލަށް.

ފާތިމަތު ނަހުދާ ފާއިޒް

ދައުރު: ޓިކްޓޮކްގައި މިހާ ފާޅުކޮށް މިކަމަށް ވީޑިއޯ ހެދުން މިއީ ކިހިނެއް އައި ހިޔާލެއް؟

އަހަންނަށް ވަރަށް ގިނައިން ފެނޭ ބޭރު މީހުން ޕީސީއޯއެސްގެ ސަބަބުން ކުރިމަތިވާ ފޭޝަލް ހެއާއާ ގުޅޭ ގޮތުން ވަރަށް އޯޕަންކޮށް ވާހަކަދައްކާ ވީޑިއޯ ހަދާތަން.

އަހަންނަކީ އެއްވެސް އިރަކު އަހަރެންގެ ހިޔާލުތައް ފޮރުވައިގެން އުޅޭ މީހެއް ނޫން. ބުނަން ބޭނުންވާ އެއްޗެއް ބުނާ މީހެއް. އެހެންވެ މިއީ އެހާ ބޮޑު ކަމެއްގެ ގޮތުގައެއް ނޫން ފެނުނީ. 

އެކަމަކު އަހަންނަށް އެނގޭ މިއީ އަހަރުމެންގެ މުޖުތަމައުގައި މާ އާއްމުކޮށް ދައްކާ ވާހަކައެއް ނޫންކަން. އެކަމަކު މިއީ އާއްމު ކަމެއް. އަހަރެން ދަންނަ ގިނަ މީހުންނަކީ ވެސް ޕީސީއޯއެސްގެ ކޮންމެވެސް އެއް ސިމްޓަމަކާ ޑީލް ކުރާ މިހީއް. އެހެންވެ އެނގޭ މި ވީޑިއޯ ވަރަށް ގިނަ މީހުންނަށް ރިލޭޓަބަލް ވާނެކަން.

ދައުރު: ޓިކްޓޮކް ވީޑިއޯ ހެދުމަށް ފަހު ދެން ކަންތައް ވީ ކިހިނެއް؟

އަހަރެން ހިއެއް ނުކުރަން އަހަރެންގެ ވިޑީއޯ ވައިރަލްވާނެ ކަމަކަށް. ލިބުނު ކޮމެންޓްތަކުގެ %99 ވަރަށް ޕޮޒިޓިވް އަދި ސަޕޯޓިވް. ވަރަށް ގިނަ އަންހެނުން އަހަރެންނަށް މެސެޖުކޮށް އެމީހުންނަށް ކުރިމަތިވާ ކަންކަން ކިޔައިދިން. އެކަން ވެގެން ދިޔައީ އަހަންނަށް އަދި އެމީހުންނަށް ހީލިން ޕްރޮސެސްއެއް ކަމަށް.

ކޮމެންޓް ކުރި ވަރަށް ގިނަ މީހުން ބުނި އަހަރެން ވަރަށް ބްރޭވްއޭ. އަހަރެން އެހެނެއް ނުދެކެން. އަދިވެސް އަހަރެންގެ އަމިއްލަ ނަފްސާ މެދު ބައެއް ފަހަރަށް އިންސެކިޔޯވޭ.

ނަހުދާ ބުނި ގޮތުގައި އޭނާގެ ޕީސީއޯއެސް ދަތުރު ކިޔައިދިނުމުން ލިބުނީ ގިނައިން ޕޮޒިޓިވް ކޮމެންޓް

އެކަމަކު ކޮންމެ މީހަކީ އެ މީހެއްގެ އެންމެ ވަލްނަރަބަލް ކަންކަން އެންމެންގެ ތެރޭގައި ކިޔައިދޭން ހިތްވަރު ހުންނާނެ މީހެއް ނޫން. އެހެންވެ އަހަންނަށް ލިބުނު ޓެކްސްޓް މެސެޖްތަކުގެ ސަބަބުން ވަރަށް އިމޯޝަނަލްވި. އަދި އަހަރެންނާ އެއްކަހަލަ ޗެލެންޖަސް ކުރިމަތިވާ ބަޔަކަށް އިންސްޕިރޭޝަން އަކަށް ވުމަކީ އެއީ ގްރޭޓްފުލްވާ ކަމެއް.

ދައުރު: މިކަމާ ގުޅޭ ގޮތުން ކުރިއާ އަޅާބަލާއިރު މުޖުތަމައު މިހާރު ހޭލުންތެރިވެއްޖެ ކަމަށް ދެކެންތަ؟

ވަރަށް ޝޮކިން ކަމެއް އެއީ ޕީސީއޯއެސް ހުންނަ އަންހެނުންނަށް ވެސް އެ މީހުންގެ ކޮންޑިޝަންއާ މެދު އެނގެންވާ ވަރަށް މައުލޫމާތު ނޭނގުމަކީ. އަދި މިކަމަށް އެމީހުން ޑައެގްނޯސް ނުކުރެވި ރަނގަޅު ފަރުވާ ނުލިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް.

ނަހުދާ އޭނާގެ މަސައްކަތުގައި

މީގެ އިތުުރުން، މިއީ އަންހެނުންނަށް ދިމާވާ ކަމަކަށް ވީމަ އެހެން އަންހެނުންނާ މި ވާހަކަ ދައްކަން ފަސޭހަވެދާނެ. އެކަމަކު ފިރިހެނުން ވެސް މިކަމަށް ހޭލުންތެރިވުން މުހިއްމު.

ގިނަ ފިރިހެނުންނަށް އެނގިފައި އޮވެދާނެ ޕީސީއޯއެސްއަކީ އިރެގިއުލާ ޕީރިއަޑްސް ގޮތަށް. އެކަމަކު މިއީ އެއަށް ވުރެ ފުޅާ، ބޮޑު މައްސަލައެއް. ޕީސީއޯއެސް އަކީ އަންހެނެއްގެ މުޅި ލައިފްސްޓައިލުން ފެށިގެން ހަށިގަނޑު އަދި ޕާސަނަލިޓީން އެކަމުގެ އަސަރު ފެނިދާނެ ކަމެއް.

ޕީސީއޯއެސްގެ ސަބަބުން އަންހެނުންނަށް އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވޭ. އެެހެންވެ ފިރިން، ބޭބެއިން އަދި އެހެން ފިރިހެނުންގެ ފަރާތުން ބޭނުންވާ ސަޕޯޓް ހޯދުމަށް އެ ހޭލުންތެރިކަން މުހިއްމު.

ނަހުދާ ބުނި ގޮތުގައި ޕީސީއޯއެސްގެ މައުލޫމާތު ފިރިހެނުންނަށް ވެސް ލިބިފައި ހުރުން މުހިއްމު

ދައުރު: ނަހުދާގެ ކޮންޓެންޓް ބަލާ މީހުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

އަހަރެންގެ ވީޑިއޯތަކުން އަހަރެން ދޭން ބޭނުންވާ މެެސެޖަކީ ބޮޑީ ޕޮޒިޓިވިޓީ، ސެލްފް ލަވް، އެންޑް ސެލްފް އެކްސެޕްޓަންސް. އެކަމަކު އަހަރެން ބޭނުމެއް ނުވޭ އެއްވެސް މީހަކަށް އަންރިއަލިސްޓިކް އެެކްސްޕެކްޓޭޝަންތަކެއް ވެސް ދޭން.

ޕޮޒިޓިވްކޮށް ހުރުމަކީ ވެސް ބޮޑު މަސައްކަތެއް. އަދި އަބަދަކު ޕޮޒިޓިވްކޮށް ނުވެސް ހުރެވޭނެ. އަހަރެން ކުރާ މަސައްކަތަކީ ވަކި ޕްރޮޑަކްޓެއް ޕްރޮމޯޓްކޮށް ވަކި އިންސްޓްރަކްޝަނެއް ދެނީއެއް ނޫން. ސިމްޕްލީ ޖާނީ ހިއްސާ ކުރަނީ.

އަހަރެން ދޭން ބޭނުންވާ މެސެޖަކީ، ޕީސީއޯއެސް އަކީ މީހާގެ ހެލްތު ކޮންޑިޝަންއެކޭ. އެއީ އެއްވެސް މީހެއްގެ ކުށަކުން ވާ ކަމެއް ނޫން.

ޕީސީއޯއެސްގެ އެކި ވައްތަރުތައް ހުރޭ. ހަމައެކަނި އޯވަރީސްގައި ސިސްޓް އުފެދެނީއެއް ނޫން. ސިމްޕްޓަމްސް ދެނެގަނެ، މުޅި އުމުރު އެކަން ފޮރުވަން އުޅުމުގެ ބަދަލުގައި، އަމިއްލަ ހަށިގަނޑު ދެނެގަންނަންވީ.

އަމިއްލަ ނަފްސާ މެދު ލަދުގަންނާކަށް ނުޖެހޭ. އެހެން މީހުން ތިމާއާ މެދު ދެކޭ ގޮތާ މެދު ވިސްނާނެ ކަމެއް ނެތް. އަމިއްލަ ނަފްސު ދެކެ ލޯބިވާންވީ.

ﷲ އެއްވެސް އަޅަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެ.

ކޮމެންޓް (1)

އާދަމް އިބުރާހިމް ( މުދައްރިސް)

5 ޖޫން 2024
ނަހުދާގެ ޙަޔާތުން އަދި ހަށިގަނޑުން ދިމާވި ސިއްޙީ އަދި ހައްސާސީ މައްލައިގެ ޙައްލު ދިރާސާތަކުން ހޯދާ މަޖުދާ ފަދަ އެހެން އަންހެނުންނަށްޓަކައި ދިރާސާގެ ޙައްލު ސޯސަލް މީޑިޔާގައި ޢާއްމު ކުރުމަކީ ނަހުދާޔަށް ތަޢުރީފު ޙައްގުކަމެކެވެ.
13 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް