ބީއެމްއެލްގެ މާސްޓަ ކާޑު ޕްރޮމޯޝަންގައި ގުރުއަތުން ހޮވިގެން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބެލުމުގެ ފުރުސަތު ލިބުނު މުހުދިން އާއި ޕްލޭޔާ މެސްކޮޓްގެ ގޮތުގައި ދަނޑަށް އެރުމުގެ ފުރުސަތު ލިބުނު އޭނާގެ ކޮއްކޮ ޒާއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިފަހަރު ސްކޭމް ކޯލެއް ނޫން: ޗެމްޕިއަންސް ލީގު ފައިނަލް މެޗު ބަލަން ދިއުމުގެ ނަސީބު

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން ދާން ހޮވުނު ވާހަކަ ބީއެމްއެލްއިން ގުޅާފައި ބުނުމުން މުހުދިންގެ ގާތަށް ފުރަތަމަ އައީ ރުޅި. އޭނާ ހީކުރީ އެއީސްކޭމް ކޯލެއް ކަމަށް

"ބޭންކް އޮފް މޯލްޑިވްސް އައި ލަވު ޔޫ!" މީގެ ތިން ހަފުތާ ކުރިން މުހައްމަދު މުހުދިން ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔެފައި އޮތެވެ. ސްޓޭޓަސްގައި އޮތީ 'ފީލިން ކްރޭޒީ' ކަމަށެވެ.

ކްރޭޒީ ނުވާންވީ ސަބަބެއް ވެސް ނެތެވެ. މުހުދިންއަށް އެ ލިބުނީ ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކު ވެސް އެދޭނެ ވަރުގެ ބޮޑު ނަސީބެކެވެ. އޭނާއަކީ ބީއެމްއެލްއިން ކުރިއަށްގެންދިޔަ މާސްޓްކާޑު ޕްރޮމޯޝަންގެ ނަސީބުވެރިޔާ އެވެ.

ދެބެއިންގެދެދަރި ކޮއްކޮ، އުމުރުން ނުވަ އަހަރުގެ އިބްރާހިމް ޒާއިން ޒިޔާދު ގޮވައިގެން މިއަދު ހެނދުނު އެ ނައްޓާލީ ލަންޑަނަށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ސްޓޭޑިއަމް، ވެމްބްލީގައި އަންނަ ހޮނިހިރުދުވަހުގެ ރޭ 12 ޖަހާއިރު ރެއާލް މެޑްރިޑާއި ބޮރޫސިއާ ޑޯޓްމުންޑް ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލައިލުމަށެވެ.

މުހުދިންއަށް ވުރެ ޒާއިންގެ ނަސީބު އަދި މާ ރަނގަޅެވެ. ޒާއިން އަރާނީ ފައިނަލް މެޗުގައި ޕްލެޔާ މެސްކޮޓެއްގެ ގޮތުގައި ދަނޑުމައްޗަށެވެ. މާނައަކީ ދެ ޓީމުގެ ކޮންމެވެސް ކުޅުންތެރިއެއްގެ އަތުގައި ހިފައިގެން ދަނޑަށް ނުކުތުމެވެ. ކުޑަ ނަސީބެއް ނޫނެވެ.

ބީއެމްއެލްގެ މާސްޓަ ކާޑު ޕްރޮމޯޝަންގައި ގުރުއަތުން ހޮވިގެން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބެލުމުގެ ފުރުސަތު ލިބުނު މުހުދިން އާއި ޕްލޭޔާ މެސްކޮޓްގެ ގޮތުގައި ދަނޑަށް އެރުމުގެ ފުރުސަތު ލިބުނު އޭނާގެ ކޮއްކޮ ޒާއިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ހީކުރި ސްކޭމްއެއް ކަމަށް: މިފަދަ ޒަމާނެއްގައި ފޮނުވީ ލިންކެއް'

މި ފުރުސަތު ލިބުމުން ކުރެވުނު އިހުސާސްތައް 'ދައުރު'އާ ހިއްސާކުރަމުން ދިޔައިރު ވެފައި ހުރި އުފަލެއްގެ ބޮޑުކަމާއި ފޯރީގައި މިހާރު ވެސް ވެމްބްލީގައި ހުރި ފަދަ އެވެ.

"އަހަންނަކަށް ނުވެސް އިނގޭ މި ޕްރޮމޯޝަން އޮތް ކަމެއް ވެސް،" މުހުދިން ބުންޏެވެ.

"އެއް ދުވަހަކު ހެނދުނު ގުޅީ. ގުޅާފައި ޕްރޮމޯޝަނުން މޮޅުވި ވާހަކަ ބުނީމާ ހީކުރީ ސްކޭމްއެއް ކަމަށް. ގުޅި މީހާއާ ދިމާލަށް ބަވާ ވެސް ލިން."

"ފޭކްއެއް ކަމަށް ދޯ ހީކުރާނީ؟ ލިންކެއް ވެސް ފޮނުވައިފި [މިފަދަ ޒަމާނެއްގައި]. ދެން ބުނަނީ އެ ލިންކަށް ފިތާލާފައި ވަންނާށޭ. ބުނީމާ އަހަރެން ބުނިން ލިންކުތަކަށް ނުވަދެވޭނޭ، އިތުބާރެއް ނުކުރެވޭނޭ."

އެ ކޯލު އައުމުން މުހުދިންގެ އަންހެނުން ވެސް 'ދެން އަވަހަށް ލަންޑަނަށް ދާން ރެޑީވާށޭ' ބުނެ ވަރަށް ދިމާކުރި ކަމަށްވެ އެވެ.

އެއީ ހަގީގަތެއްކަން މުހުދިންއަށް ގަބޫލުކުރެވުނީ އޭނާ ދިރިއުޅެމުން އަންނަ އައްޑޫ ސިޓީގެ ބީއެމްއެލްގެ އިސް މުވައްޒަފަކު ގުޅާފައި ވެގެން އުޅޭ ގޮތް ކިޔައިދިނުމުންނެވެ.

"މާލެ އައިމާ ދިމާވި [ބޭންކުން] ފުރަތަމަ ދުވަހު ގުޅި މުވައްޒަފާ ވެސް. ދިމާވެގެން ބުނެފި، ހަނދާން ވޭދޯއޭ ބަވާލިކަން،" މުހުދިންގެ ބުންޏެވެ.

ބީއެމްއެލްއިން ގުޅާފައި ޕްރޮމޯޝަނަކުން މޮޅުވެ ލަންޑަން ދަތުރެއް ލިބުނު ވާހަކަ ބުނުމުން ސްކޭމް ކޯލެއް ކަމަށް ހީކޮށް މުހުދިން ގާތަށް އައީ ރުޅި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަބަދުވެސް ރެއާލްގެ ސަޕޯޓަރެއް؛ ވާ އުފަލެއް ބުނެދޭން ދަތި

މުހުދިންއަކީ ސ. މަރަދޫގައި ދިރިއުޅޭ މީހެކެވެ. ހީވާގި މަސްވެރިއެކެވެ.

"[މަސްވެރިކަމުގެ] ސީޒަން ވެސް ކަޓުވާލާފައި މި އައީ. ޒާއިންގެ ވެސް ސްކޫލް ފެށުނު ތަނާ. އެކަމަކު ސްކޫލުން ވެސް ވަރަށް ބޮޑަށް އެއްބާރުލުންދިން،" މުހުދިން ބުންޏެވެ.

"ވަރަށް، ވަރަށް އުފާވެފައި މި ހުރީ. ނޭނގެ ބުނެދޭކަށް ވެސް، ވަރަށް އެކްސައިޓެޑް. އައްޑޫން މިކޮޅަށް [މާލެއަށް] އައި ރޭ ވެސް ނުނިދޭ [އުފަލުން]."

އެހާ ބޮޑު އުފަލެއް ވަނީ ކޮންމެހެން މިއީ މުހުދިން ޔޫރަޕަށް ކުރާ ފުރަތަމަ ދަތުރަށް ވާތީއެއް ނޫނެވެ. މާސްޓަކާޑުން މި ދަތުރުގެ ހުރުމާއި ކެއުމާއި ޓުއާ އަދި ސަޕްރައިޒް ގިފްޓެއް ދޭތީއެއް ވެސް ނޫނެވެ. އޭނާ ބުނާ ގޮތުގައި އެއީ ފެށުނީއްސުރެ ވެސް ރެއާލް މެޑްރިޑުގެ ސަޕޯޓަރެކެވެ. އެހެންވެ ބޮޑު އުފަލަކަށް ވީ ހަމަ ލޮލަށް ރެއާލް މެޑްރި އާއި އެ ޓީމުގެ ސަޕޯޓަރުން ލޯބިކުރާ ޓޯނީ ކްރޫޒްގެ ކެރިއަރުގެ ފަހު މެޗު ބަލައިލުމެވެ.

މުހުދިން (ކ) އާއި އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޮ ޒާއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހަގީގީ ރެއާލް ސަޕޯޓަރެއްކަން ސާބިތުކޮށްދޭން އުޅުމުގެ ތެރޭގައި، އެއީ ރޮނާލްޑޯގެ ސަޕޯޓަރެއްކަން ވެސް ފަޅާއެރި އެވެ.

"ކޮންމެހެން ރޮނާލްޑޯ ސަޕޯޓަރަކަށް ވެގެނެއް ނޫން، އޭގެ މާ ކުރިން ވެސް ރެއާލްއަށް ސަޕޯޓުކުރަނީ،" މުހުދިން ބުންޏެވެ.

އެ ބުނި ވާހަކައިގެ ތެދުދޮގު ނިންމަން ދޫކޮށްލަން މި ޖެހެނީ މުހުދިންގެ ރަހުމަތްތެރިންނާއި ދަންނަ މީހުންނަށެވެ.

މުހުދިންގެ މި ދަތުރުގައި ބައިވެރިވާ ޒާއިންއަކީ ޔަގީނުން ވެސް ރެއާލް މެޑްރިޑް ސަޕޯޓަރެކެވެ. އެންމެ ސަޕޯޓުކުރާ ކުޅުންތެރިއަކީ ކޮބައިތޯ ސުވާލުކުރުމުން ވަރަށް ފަސޭހައިން 'ރޮނާލްޑޯ'އޭ ބުނެފި އެވެ. އަދި މިހާރު ރެއާލްގެ ފޭވަރިޓް ކުޅުންތެރިއަކީ ކާކުތޯ އަހާލުމުން ބުނީ ޖޫޑް ބެލިންހަމް ކަމަށެވެ.

އުމުރުން ނުވަ އަހަރުގެ ޒާއިންއަކީ ރެއާލް މެޑްރިޑްގެ ސަޕޯޓަރެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'އަސްލު ހައްގުވެރިއަކީ ވައިފް'

މި ދަތުރުގައި މުހުދިންގެ އަނބިމީހާ ބައިވެރިއެއް ނުވެ އެވެ. އެކަމަކު ވެސް ކިޔައިދިން ވާހަކަތަކުން އަސްލު ހައްގުވެރިއަކީ އެއީކަން އެނގެ އެވެ.

"އަސްލެއް ކަން އެނގުނީމާ ހުރި ވަރަށް މައްސަލަ ޖައްސާފައި. ތިމަންނަ ވެސް ބޭރުން ގަންނަ އެއްޗެހި ގަންނަނީ ތި ކާޑުންނޭ އެހެންވީމާ ތިމަންނައަށް ނޫންހޭ ލިބެން ޖެހޭނީ. އެކަމަކު ފަހުން އޯކޭ،" ހިނިއައިސްފައި ހުރެ މުހުދިން ބުންޏެވެ.

މުހުދިން: މިއީ އޭނާގެ ހަޔާތުގައި ވެސް ޔޫރަޕަށް ކުރާ ފުރަތަމަ ދަތުރު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިއީ އޮތް ޕްރޮމޯޝަނެއްކަން ނުވެސް އެނގޭތީ، އެ މުއްދަތުގައި ކާޑުން ހެދީ ގާތްގަނޑަކަށް ކިހާ ޓްރާންސެކްޝަންތަކެއް ކަން މުހުދިންއަށް ބުނެދޭކަށް ނޭނގެ އެވެ. އެ ނަންބަރު މިހާރު މުހިންމެއް ވެސް ނޫނެވެ. މިއީ ހަގީގީ ރެއާލް މެޑްރިޑް ސަޕޯޓަރަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

މުހުދިން އާއި ޒާއިން މިހާރު ތިބީ ދަތުރަށް ފުރަން ކެތް މަދުވެފަ އެވެ. މިހާރު ވެސް އެ ތިބީ ފުރަން ލަސްވެފަ އެވެ. ދަތުރުގެ ދިގުމިނާއި ލަންޑަންގެ ފިނިހޫނުމިން ވެސް ބަލައިފި އެެވެ.

މުހުދިން އާއި ޒާއިންގެ ވާހަކައިގައި ތިބިއިރު ސަމާލުކަން ނުދެވުނީ ކައިރީގައި ހުރި ނޫސް ޓީމުގެ މެމްބަރަށެވެ. އެއީ ވެސް ރެއާލް މެޑްރިޑްގެ ސަޕޯޓަރެކެވެ.

"ވިސްނާލާ، ޓޯނީ ކްރޫޒްއާ ވެސް ދިމާވާނެ،" އިންޓަވިއު ނިންމާލުމަށް ފަހު އަޑުނީވޭ ހިސާބަށް ގޮސް އޭނާ ބުނެލި އެވެ.

"އަހަރެންގެ ހިތަށްއަރާ އަހަންނަށް އެ ނަސީބު ލިބުނު ނަމައޭ."

ކޮމެންޓް (1)

ރެއާލް

1 ޖޫން 2024
ހިސާބު ބެއްލެވުމެއްނެތި ސުވަރުގެއަށް ވަދެވިފައި ތިއޮތީ. ވަރަށް ނަސީބުގަދަ.
1 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް