'ފުރާވަރު ފެސްޓް'ގެ ނަމުގައި ހޮނިހިރުދުވަހު ފެސްޓިވަލެއް ބާއްވަނީ
ޒީރޯވޭސްޓްއެމްވީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން 'ފުރާވަރު ފެސްޓް' ނަމުގައި ފެސްޓިވަލެއް 1 ޖޫންގައި ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފި އެވެ.
އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން މި ފެސްޓިވަލްގެ ބޭއްވުމުގެ ބޭނުމަކީ މެންސްޓުރަލް ހައިޖީން ޑޭ ނުވަތަ މައްސަރުކަންތަކުގެ ސާފުތާހިރުކަމުގެ ދުވަސް ފާހަގަކުރުމެވެ. މިއީ މި ދުވަސް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި މިކަހަލަ ދުވަހެއް ކުރިއަށް ގެންދަނީ މައްސަރުކަންތަކުގައި ދެމެހެއްޓެނިވި ގޮތްތައް އިހްތިޔާރުކުރަން ހޭލުންތެރިކުރުމަށާއި މައްސަރުކަންތަކާ ގުޅިގެން ބައެއް މީހުންގެ އޮންނަ ބޯދާ ވިސްނުންތަކުން އެކަހެރިކޮށް، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ.
މި ފެސްޓިވަލު އަމާޒުކޮށްފައިވަނީ ފުރާވަރު އުމުރަށް އަޅަމުން އަންނަ ކުދިންނާއި ފުރާވަރުގެ ކުދިންނަށެވެ. އެކުދިންނަށް ކަމާ ގުޅޭ ސައްހަ މައުލޫމާތު ދިނުމާއި، މައްސަރުކަންތައް ދެނެގަންނާނެ ގޮތާއި އެކަން މެނޭޖްކުރާނެ ގޮތް ދަސްކޮށްދޭނެ އެވެ.
މި ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރުދުވަހު ހަވީރު 4-6އަށް ސަލްޓަން ޕާކްގަ އެވެ. ފެސްޓިވަލްގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން:
-
ދަ ރީޑިން ރޫމްގެ ފަރާތުން ދަ ކޮމިކް އޮން ޕީރިއަޑް ކިޔުން
-
ޝީގެ ފަރާތުން ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުން. ޕަޒަލް ހެދުން. ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން. އާއްމުކޮށް ގަބޫލުކުރާ ކުށްހީތަކުގެ އަސްލު ހޯދުން ކަހަލަ ހަރަކާތްތައް .
-
ސުރުމުތީ ސްޓޫޑިއޯގެ ފަރާތުން ހިންގާ ކްރާފްޓް ކޯނަރުގައި ޕީރިއަޑް ޕޮޒިޓިވް ޕޯސްޓަރު ހެދުން. ބްރޭސްލެޓް ހެދުން. ޑީއައިވައި ޕެޑްސް ހެދުން.
-
ޒީރޯވޭސްޓް މޯލްޑިވްސްގެ ފަރާތުން މައްސަރުކަންތަކުގައި ބޭނުންކުރާނެ ދެމެހެއްޓެނިވި ޕްރޮޑަކްޓްތައް ދައްކާލައި އެ އެއްޗެހި ވިއްކާ ސްޓޯލެއް ކުރިއަށް ގެންދިއުން
-
ލައިވް މިއުޒިކް އާއި ފުޑް ސްޓޯލްތައް