އައިޝާ: ސިއްހަތަށް ފައިދާހުރި ގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރިޕީޓް ކަސްޓަމަރުން ތިބިކަން.

ފުޑް

އައިޝާ: އަމިއްލަ ސިއްހަތަށް އައި ބަދަލާ އެކު އުފަންކުރީ ލޯކެލޮރީއެމްވީ

މީގެ ފަސް އަހަރު ކުރިން އައިޝާ ފެށި މި ވިޔަފާރީގައި މަސައްކަތް ކިތަންމެ ބުރަޔަސް، އޭނާ އަންނަނީ އަމިއްލަ ކެއުމަށް ހެދި ރެސިޕީތަކަށް ފައިދާހުރި ކާނާ ތައްޔާރުކޮށް ގިނަ ބަޔަކަށް ފޯރުކޮށްދެމުން

އައިޝަތު އާދަމް (އައިޝާ) އަށް 2018 ވަނަ އަހަރު ލިބުނީ ހީވެސް ނުކުރާ ކަހަލަ ހަބަރެކެވެ. ހަކުރުބައްޔަށް އޭނާ ޕޮޒިޓިވްވި އެވެ. ޓައިޕް 2 ހަކުރުބަލީގެ އިތުރުން  އޭނާގެ ކޮލެސްޓްރޯލް މަތިވެފައި ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް ހުންނަކަން ވެސް އެނގުނެވެ. އައިޝާގެ ހަށިގަނޑު ބަރުހެލިކަމުން މަސްތަކުގެ ބާރުދެރަ އެވެ. މި ހުރިހާ ކަމަކާ އެކު ދެން އޭނާ އަށް ކުރިމަތިވީ ނަފްސާނީ ބައްޔެވެ. ޑިޕްރެޝަނާއި އެންޒައިޓީއާ އޭނާ ކުރިމަތިލި އެވެ.

"ޑޮކްޓަރުން އަހަންނަށް ދިނީ މަދު މަސްކޮޅެއް، އަހަރެންގެ ލައިފްސްޓައިލް ބަދަލުކޮށް އަހަރެންގެ ހަށިގަނޑުގެ ކޮންޓްރޯލް ނަގަން،" އުމުރުން 32 އަހަރުގެ އައިޝާ ބުންޏެވެ.

އޭރު އޭނާގެ ދެ ދަރިން އުމުރުން ތިން އަހަރަށް ވުރެ ހަގެވެ. އެކަމަކު މި ލައިފްސްޓައިލް ބަދަލުކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް އައިޝާ މިސްރާބު ހިފި އެވެ. ކާހިތްވާ ރަހަތަކާއި ކާން ބޭނުންވާ އެއްޗެހީގެ ކެލޮރީ ދަށް ބާވަތްތަކެއް ހޯދަން އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް، މިކަން ކާމިޔާބު ކަމަކަށް ނުވި އެވެ. އެހެންވެ، އަމިއްލަ ދިރިއުޅުމާއި ސިއްހަތު ބަލީގެ ތެރެއަށް ދޫނުކޮށް އަމިއްލަ ބާރުގެ ދަށަށް ގެނައުމަށް ބޭނުންވެފައި ހުރި މިންވަރު ބޮޑުކަމުން، ރެސިޕީތައް ހޯދައިގެން ރާއްޖެއިން ލިބެން ހުރި ބާވަތްތަކާއި އޭނާ އަށް އެންމެ ކަމުދާ ދިވެހި ރަހަތައް ބޭނުންކޮށްގެން ކައްކަން އައިޝާ ވަނީ ބަދިގެ އަށެވެ.

މި ބަދަލާ އެެކު އޭނާގެ ހަށިގަނޑުން 21 ކިލޯ 11 މަސް ދުވަސް ތެރޭ އައިޝާ ލުއި ކުރި އެވެ. އުމުރަށް ބޭސް ކެއުމުގެ ބަދަލުގައި އޭނާގެ ލައިފްސްޓައިލް ބަދަލުކޮށްގެން ބައްޔަށް ވުރެ ކުރި ހޯދި އެވެ. އަދި، އޭނާއާ އެކީގައި ކަސްރަތު ކުރަން ދާ އެކުވެރިންގެ އެދުމުގެ މަތިން، އަމިއްލައަށް ތައްޔާރުކުރާ ކެލޮރީ ދަށް ކާނާ ވިއްކަން އައިޝާ ފެށި އެވެ.

މިއީ، މިހާރު މަގުބޫލުކަން ހޯދާފައިވާ ލޯކެލޮރީއެމްވީ އުފަންވި ގޮތެވެ.

ލޯކެލޮރީއެމްވީ އަކީ އައިޝަތު އާދަމް މީގެ ފަސް އަހަރު ކުރިން ދުޅަހެޔޮ ދިރިއުޅުމަކަށް މިސްރާބު ޖަހައި އުފެއްދި ރެސިޕީއަކުން ފެށި ވިޔަފާރިއެއް
އެންމެ ކާހިތްވާ ދިވެހި ރަހަތައް އައިޝާ ތައްޔާރު ކުރަނީ ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ބޭނުންކޮށްގެން.

އިންސްޓަގްރާމް ޕޭޖް ލޯކެލޮރީއެމްވީ އިން މިހާރު ގިނަ ބާވަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޝުގާ ފްރީ ޕީނަޓް ބަޓާ

  • އާމަންޑް ބަޓާ

  • ކެޝޫނަޓް ބަޓާ

  • އާމަންޑް ޗޮކްލެޓް ސްޕްރެޑް/އާމަންޑް ޗޮކްލެޓް ޓްރަފްލް

  • ހެލްތީ ފިހުނު ކުޅި ރޮށި 

  • ހޯލްސަމް ފްރޯޒަން ރޮޝި ޕެކް

  • ކީންވާ އަދި އޯޓްސް ކުޅިބޯކިބާ

  • އޯޓްސް ފިހުނު ގުޅަ

  • ހޯލް ވީޓްގައި ހަދާފައިވާ ހަވާދުލީ ބިސް

  • ހެލްތީ ބްރައުނީ ކޭކްސް

  • ހެލްތީ ބަނާނާ/ކެރެޓް ކޭކް

  • ހަފްތާއަކު ހަ ދުވަހު ލަންޗް ޕެކް

  • ހޯމްމޭޑް އޯޓްސް ފުށް

މިއީ މުޅިން ވެސް އައިޝާ އަމިއްލައަށް ތައްޔާރު ކުރާ އެއްޗެއްސެވެ. 

ނަމަވެސް، އޭނާ މި ދަތުރުގައި މިހާ ހިސާބަށް އަންނަން ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ.

އައިޝާ އަންނަނީ އަމިއްލަ އަށް ޕީނަޓް ބަޓަރު ހަދައި ވިއްކަމުން

އައިޝާގެ ދިގު މެނޫއިން އެންމެ ފުރަތަމަ އުފެއްދި އެއްޗަކީ މިހާރު ބޮޑު ޑިމާންޑެއް އޮތް ޕީނަޓް ބަޓަރެވެ. ނަމަވެސް 20 ރުފިޔާ އަށް 80 ގްރާމްގެ ކުޑަ ޕްލާސްޓިކް ތައްޓެއްގެ ޕީނަޓް ބަޓަރު ވިއްކުމަށް އައިޝާ ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ.

"ވަރަށް ގިނަ މީހުންނަށް ކިޔައިދޭން ޖެހުނު އޭގެ ނިއުޓިރިއެންޓް މާއްދާތަކާއި އެއީ ގޭގައި ހަދާފައި ހުރި އެއްޗެއް ކަން އަދި ހޯމްމޭޑް ހެލްތީ ފުޑް ވަކި ނުބައި އެއްޗަކަށް ވާކަށް ނުޖެހޭކަން،" އައިޝާ އޭނާގެ އޭރުގެ ތަޖުރިބާ ކިޔައިދިނެވެ.

ނަޓް ބަޓަރުގެ އިތުރު ވައްތަރުތަކެއް އޭނާ ހަދަން ފެށި އެވެ. އާމަންޑް ބަޓަރަކީ ގާތް އެކުވެރިއެއްގެ އެދުމަކަށް އޭނާ ތައްޔާރު ކުރި އެއްޗެކެވެ. އަދި ޗޮކްލެޓް ރަހައަށް ލޯބިކުރާ އޭނާގެ ދަރިފުޅަށް އާމަންޑް ޗޮކްލެޓް ސްޕްރެޑް ކަމުދާނެ ކަމަށް ގަބޫލު ކުރެވިގެން އެ ބާވަތް ވެސް ތައާރަފު ކުރި އެވެ.

"ދަރިފުޅު ގައިގައި އެކްޒީމާ ހުންނާތީ، ޕްރޮސެސްކޮށްފައި ހުންނަ ކާނާ ކެއީމަ އެކަން ގޯސްވާކަން ފާހަގަ ކުރެވުނީ. ދަރިފުޅަކީ އަސްލު ޗޮކްއަހޯލިކެއް. އެހެންވެ މި ބަޓާ ހަދަން ނިންމީ،" އައިޝާ ބުންޏެވެ.

އައިޝާގެ ދަރިފުޅަކީ ޗޮކްލެޓް ރަހަ ކަމުދާ ކުއްޖެއް ކަމުން އޭނާ އަށް ހާއްސަކޮށް އުފެއްދި ޗޮކްލެޓް ސްޕްރެޑް

އައިޝާގެ ދަރިފުޅުގެ ކެއުމަށް ގެނައި ބަދަލާ އެކު، ގައިގެ ހަންގަނޑު ސަކަރާތްވާތީ ބޭސް އުނގުޅާކަށް ނުޖެހެ އެވެ. ހަމަ މި ތަޖުރިބާ އޭނާއަށް ހަގު ދަރިފުޅާ އެކު ވެސް ކުރެވުނެވެ.

ކާ އެއްޗެއްސަކީ ހަމައެކަނި ބަނޑު ފުރާލާ އެއްޗަކަށް ނުވަތަ އަނގަޔަށް މީރު ރަހައަކަށް ހެދުމުގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ހޯދިދާނެ އެއްޗެއްސެވެ.

ދިވެހިންގެ މައިގަނޑު ކެއުމުގައި ހިމެނޭ ރޮށި ސިއްހީ ފައިދާތައް އިތުރުކުރުމަށް ތަރުކާރީގެ ބާވަތް ހިމަނައިގެން ތައްޔާރު ކުރުމަށް އައިޝާ ނިންމީ އޭނާގެ ހަގު ދަރިފުޅުގެ ހަށިގަނޑުގައި ވިޓަމިން ޑީ އާއި ދަގަނޑުގެ ބައި ދަށްވުމުން، ފައިބަރު ގިނަ ތަރުކާރީ ކެއުމުގައި ހިމެނުމުގެ ބޭނުމުގަ އެވެ.

ދިވެހިންގެ މައިގަނޑު ކެއުމުގައި ހިމެނޭ ރޮށި ތަރުކާރީ ހިމަނައި ފައިބަރު އިތުރުކޮށްގެން ތައްޔާރު ކޮށްފައި: އައިޝާ މިފަދަ ރޮށި ޕެކެޓް ކޮށްފައި ވިއްކާ

އައިޝާގެ ބީޓްރޫޓް ރޮއްޓަކީ އާޓާފުށާއި އޮލިވް އޮއިލް އަދި ބީޓްރޫޓް އަޅައިގެން ދަރިފުޅަށް އެންމެ ރީިތި ކުލަ ކަމުގައިވާ ފިޔާތޮށި ކުލައިން އޭނާ އުފެއްދި ހާއްސަ ބާވަތެކެވެ. މި ރަހަ ދަރިފުޅަށް ކަމުދިއުމުން އިތުރު ތަރުކާރީ ބޭނުންކޮށްގެން އިތުރު ރަހަތައް އައިޝާ ހަދަން ފެށި އެވެ.

މިއީ ބުރަ މަސައްކަތެކެވެ. އައިޝާ ބޭނުންވަނީ އޭނާގެ ކަސްޓަމަރުން އޯޑަރު ޖެހުމުން ވަގުތުން އެ އެއްޗެއް ފޯރުކޮށްދިނުމަށެވެ. އޯޑަަރާއި ޑެލިވަރީއާ ދެމެދު ވަގުތު ކުޑަ ކުރުމަށެވެ. މި ބޭނުމުގައި އޭނާ ބައެއް ދުވަސްދުވަހު މެންދަމު 3 ޖަހާ އިރު މަސައްކަތް ފަށަ އެވެ. އަދި ނިމެނީ އަނެއް ދުވަހު މެންދަމު 12 ޖަހާ އިރެެވެ.

ސަޕްލައި ކުރުމާއި ޑެލިވަރީ ފިޔަވައި އެހެން ހުރިހާ މަސައްކަތަކީ އޭނާ އަމިއްލަ އަށް ކުރާ ކަންކަމެވެ. ނަޓް ބަޓާތައް ވެސް ތާޒާކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ތައްޔާރު ކުރެ އެވެ. އަދި ޑިމާންޑާ އެއްވަރަށް ޑެއިލީ މީލްސް ވެސް އޭނާ ތައްޔާރު ކުރެ އެވެ.

ލޯކެލޮރީއެމްވީގެ ޑެއިލީ މީލެއް ތައްޔާރުކޮށްފައި

އައިޝާގެ ލޯކެލޮރީއެމްވީއަށް މިހާރު ފަސް އަހަރުވެއްޖެ އެވެ. އެތައް ހާސް ބަޔަކަށް ސިއްހަތަށް ފައިދާ ހުރި ދުޅަހެޔޮ ކާނާ އޭނާ ފޯރުކޮށްދީފި އެވެ. ދުޅަހެޔޮ ކާނާ އަށް ހޭލުންތެރި ކުރެވިއްޖެ އެވެ. ކެއުމުގެ އާދަތައް ސިއްހަތާ އެއްކީލިވާ ގޮތަށް ބެެހެއްޓުމުގެ އާދަ ފަށައިދީފި އެވެ. މި މަސައްކަތުގައި އާއްމުންގެ ފަރާތުން އޭނާ އަށް ލިބެނީ ބޮޑު ތައުރީފެކެވެ. 

އައިޝާ ބުނި ގޮތުގައި އޭނާގެ ރިޕީޓް ކަސްޓަމަރުން ތިބުމަކީ ބޮޑު އުފަލެކެވެ. 

ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ އާއިލީ ބޭފުޅުންނަކީ އަައިޝާގެ ކަސްޓަމަރުން ކަމުގައި ވުމުން، އޭނާގެ މި މަސައްކަތަށް ހިތްވަރު ދެއްވުމަށް މެސެޖް ކުރައްވައިފަ އެވެ. އަދި މިފަހުން ފަޒްނާއާ ބައްދަލުވުމުން ބޮޑު އުފަލެއް ލިބިފައިވާ އައިޝާ ބުންޏެވެ.

އައިޝާގެ މި ބުރަ މަސައްކަތަށް 'ހިޔަލަ މާކެޓް'ގައި މިދިޔަ ޑިސެމްބަރު މަހު އެވޯޑްތަކެއް ލިބިފައިވޭ

ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މީހަކަށް ވުމުން ފެސްޓިވަލްތަކާއި އިވެންޓްތަކުގައި އައިޝާ ބައިވެރިވެ އެވެ. އޭގެ ތެރޭގައި މިފަހުން ހުޅުމާލޭ ކޮންޓެއިނާ ޕާކުގައި އޮތް 'ހިޔަލަ' މާކެޓާއި ހދ. ކުޅުދުއްފުށީގައި އޮތް ޕޮޕް އަޕްއެއް ހިމެނެ އެވެ. އަދި މިދިޔަ ޑިސެމްބަރުގައި 'ހިޔަލަ މާކެޓްގައި ބައިވެރިވެ އޭނާ ވަނީ ޕެކްޑް ފުޑް ކެޓަގަރީ އިން ފަހުރުވެރި ވަނަތަކެއް ހޯދައިފަ އެވެ.

އައިޝާ ބުނި ގޮތުގައި އޭނާ އަބަދުވެސް އަންނަނީ ތައްޔާރުކުރާ ކާބޯތަކެތީގައި ނިއުޓްރިޝަން ހުންނަ މިންވަރު ދެނެގަތުމަށް މައުލޫމާތުތައް ހޯދައި ބަލަމުންނެވެ.

"ކިރިޔާ ވެސް ވަގުތުކޮޅެއް ލިބިއްޖެއްޔާ މިކަމާ ގުޅޭ މައުލޫމާތު ހޯދާބަލަން ކިޔަނީ،" އޭނާ ބުންޏެވެ. 

އައިޝާ އަކީ ސާޓިފައިޑް ފިޓްނަސް ޓްރެއިނާއެއް ވެސް މެ އެވެ. އަދި އޭނާ މިހާރު އަންނަނީ ނިއުޓްރިޝަން ކޯޗަކަށް ވުމަށް ކިޔަވަމުންނެވެ.

އައިޝާ މިހާރު އަންނަނީ ނިއުޓްރިޝަން ކޯޗިން ކޯހެއް ހަދަމުން

ލޯކެލޮރީއެމްވީ ފުޅާކޮށް ކުރިއަށް ގެންދިއުމަށް އައިޝާ ދެކެމުން އަންނަނީ ބޮޑެތި ހުވަފެންތަކަކެވެ. އޭނާގެ ވިޔަފާރީގެ ކެޕޭސިޓީ އިތުރު ކުރުމަކީ އެންމެ ބޮޑު އުއްމީދެވެ. މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް ލޯކެލޮރީއެމްވީގެ ބާވަތްތައް ފޯރުކޮށްދިނެވެ. އޭގެ އިތުރުން، ދާ އޮހޮރުވައިގެން ރޭގަނޑުގެ ނިދި ނަގާލާފައި އޭނާ އުފެއްދި މި ބްރޭންޑްގެ ފިހރާއެއް ހުޅުވުމަކީ ވެސް އައިޝާގެ ހުވަފެނެކެވެ. އަދި ބްރޭންޑިން އާއި މާކެޓިން ވަރުގަދަ ކުރުމާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލޯގޯ އޭނާގެ އުފެެއްދުންތަކުގައި ހުރުމަކީ ވެސް އައިޝާގެ އުއްމީދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް