ދަރިން ނުލިބިގެން ފަރުވާ ހޯދާ އިރު ގިނަ މައްސަލަތަކެއް ކުރިމަތިވިޔަސް މިއީ އަރައިގަނެވޭނެ ކަމެއް

ކައިވެނި

ދަރިމައިވުމުގެ މައްސަލަތަކުން ކައިވެންޏަށް ބޮޑު އަސަރެއް ކުރޭ

ދަރިން ނުލިބިގެން އުޅެން ޖެހިއްޖެ ނަމަ ނަފްސާނީ ގޮތުން މީހާ ނިކަމެތިވުމުގެ އިތުރުން ދެމަފިރިންގެ ގުޅުމަށް ވަރަށް ބޮޑު ސްޓްރެސްއެއް ކުރިމަތިވޭ

ދަރިން ހޯދުމަށް ނިންމުމަކީ މީހެއްގެ ހަޔާތުގެ ބޮޑު ނިންމުމެކެވެ. މި ނިންމުން ނިންމުމަށް ފަހު، ދަރިން ނުލިބޭ ނަމަ މިކަމުގެ ސަބަބުން ހިތަށް ކުރަނީ ފުން އަސަރެކެވެ. 

ދަރިން ލިބުމުގައި ދަތިކަން ހުރި ކަމަށް މެޑިކަލީ ނިންމަނީ، ދަރިއެއް ހޯދުމަށް އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައި ވީ ނަމަވެސް ދަރިއެއް ނުލިބޭ ނަމަ އެވެ. މިއީ ހީކުރާ ވަރަށް ވުރެ އާއްމު ކަމެކެވެ.

މިކަން ތަޖުރިބާކޮށްފައިވާ ކޮންމެ މީހަކު ވެސް ބުނާނީ މިއީ ސިއްހީ ކަމަކަށް ވުރެ ބޮޑު މައްސަލައެއް ކަމުގަ އެވެ. މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށާއި މީހާގެ އައިޑެންޓިޓީއަށް މިކަމުގެ ސަބަބުން ކުރާ އަސަރު ބޮޑުވުމުންނެވެ.

ނަފްސާނީ ގޮތުން މީހާގެ ހަށިގަނޑު އެންމެ ފުރިހަމަ އަށް މަސައްކަތް ނުކުރާ ކަމުގެ އިހްސާސްތައް ކުރެވެ އެވެ. އަދި ނާއުއްމީދުވެ އެވެ.

ދަރިން ނުލިބުން މިއީ ދެމަފިރިންނަށް މިކަމުގެ ސަބަބުން ބޮޑު އަސަރެއް ކުރާ ކަމެއް

ދަރިން ނުލިބޭ ނަމަ ހިތާމަ، ހިތްދަތިކަން، ލަދުގަތުން އަދި ޑިޕްރެޝަންއާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑެވެ. މިއީ ދެމަފިރިންގެ ތެރެއިން ހަމައެކަނި އެކަކަށް ދިމާވާ ކަމެއް ނޫނެވެ. ދެ މީހުންނަށް ވެސް މީގެ އަސަރު ކުރެ އެވެ. އެހެން ރަހުމަތްތެރިން ދަރިން ހޯދައިގެން އަބަދު ދަރިންގެ ވާހަކަ ދައްކައި ދަރިންގެ ކަންކަމުގައި އުޅޭ އިރު، ދަރިން ނުލިބޭ މީހުންނަށް ކުރެވެނީ ތަފާތު އިހްސާސެކެވެ.

މިކަމުގެ ސަބަބުން ދެ މީހުންގެ ގުޅުމަށް އަސަރު ކުރެ އެވެ. މިގޮތުން، މުއާމަލާތް ކުރުން، އިތުބާރުކުރުން އަދި ވިލުންވެރިކަމަށް އަސަރު ކުރެ އެވެ. ދަރިން ނުލިބުމުގެ ފުން ހިތާމައިގެ އިތުރުން މިކަމުގެ އަސަރު ކައިވެންޏަށް ކުރުމުން، ލިބޭ ހިތްދަތިކަން އިންތިހާއަށް ބޮޑެވެ.

ޖަޒުބާތީ އަދި ނަފްސާނީ އަސަރުތައް

ދަރިން ނުލިބުމުގެ ސަބަބުން ދެމަފިރިންނަށް ކުރާ އަސަރު ދެނެގަތުމުގެ ކުރިން، މިިކަމުގެ ސަބަބުން ދެމީހުންނަށް ވަކިވަކިން ކުރާ އަސަރު އެނގުން މުހިއްމެވެ.

ސަބަބަކީ ދަރިމައިވުމުގެ މައްސަލަތައް ހުންނަ ނަމަ އެކަކަށް ކުރާ އިހްސާސްތަކެއްގެ ސަބަބުން ދެ މީހުންގެ މެދުގައި އޮންނަ ގުޅުމަށް އެކަމުގެ އަސަރު ފަސޭހައިން ކުރަން ފެށުމެވެ. 

ތަޖުރިބާކާރުން ބުނާ ގޮތުގައި ދަރިން ނުލިބޭ މީހުން ކުރާ އިހްސާސްތައް މިކަން ކުރިމަތި ނުވާ މީހުންނަށް ދެނެގަނެ، ވަޒަންކޮށްލަން އުނދަގުލެވެ. އަދި މިކަން ތަޖުރިބާ ކުރާ ނަމަ ހިތާމަ، ދެރަ، ރުޅި، އަމިއްލަ ނަފްސް ކުށްވެރިކުރުން، ލަދު އަދި އެންޒައިޓީއާ ގިނަ ފަހަރު ކުރިމަތިލާންޖެހެ އެވެ.

ދަރިން ހޯދުމުގައި ދަތިތައް ކުރިމަތިވާ ނަމަ ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވޭ

ދަރިން ނުލިބޭ ނަަމަ އާއްމުކޮށް ކުރެވޭ ބައެއް އިހްސާސްތައް

  • މާބަނޑުވުމާ މެދު އަބަދު ވިސްނުން

  • އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން ކުޑަވުން

  • ތިމާއަކީ ކާކުކަން ނުވަތަ މީހާގެ އައިޑެންޓިޓީގެ މައްސަލަތައް ކުރިމަތިވުން

  • އަމިއްލަ ދިރިއުޅުމުގައި ކޮންޓްރޯލެއް ނެތްކަން އިހްސާސް ކުރެވުން

  • ތިމާ އަކީ ނުކުޅެދޭ މީހެއް ކަމުގައި އިހްސާސް ވުން

  • ފެއިލްވެފައިވާ ކަމުގެ އިހްސާސްވުން

މި ގޮންޖެހުންތަކުގެ އިތުރުން، މީހާ ވަރަށް ބޮޑަށް ޖަޒުބާތީވެ އެވެ. އަދި މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ އަސަރުކުރެ އެވެ. 

ދިރާސާތަކުން ބުނާގޮތުގައި ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިލާ އަންހެނުންގެ %40 މީހުން ކްލިނިކަލް ޑިޕްރެޝަނާއި އެންޒައިޓީއާ ކުރިމަތިލަ އެވެ.

ދަރިން ނުލިބުމުން ފިރިހެނުންގެ ނަފްސާނީ ހާލަތަށް ކުރާ އަސަރު ދެނެގަތުމަށް ހަދާފައިވާ ދިރާސާތައް މަދެވެ. ނަމަވެސް މިދިޔަ އަހަރުގެ ދިރާސާއަކުން ބުނާ ގޮތުގައި ދަރިން ލިބުމުގެ މައްސަލަތައް ކުރިމަތިވާ ފިރިހެނުންގެ %14-%23 މީހުން ޑިޕްރެޝަނާ ކުރިމަތިލަ އެވެ.

ދަރިން ނުލިބޭ ނަަމަ ދެ މީހުންގެ ގުޅުމަށް ކުރާ ބައެއް އަސަރުތައް

ދަރިން ނުލިބޭ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި މައްސަލަ ޖެހުން ލާޒިމެއް ނޫން

ދަރިން ނުލިބޭ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި މައްސަލަ ޖެހި ދެ މީހުންގެ ގުޅުން ގޯސްވުން ލާޒިމެއް ނޫނެވެ. ދަރިން ނުލިބުމާ ކުރިމަތިލާންޖެހުމުގެ ސަބަބުން ބައެއް ދެމަފިރިންގެ ގުޅުން ވަރުގަދަވެފައި ވެސް އެބަހުއްޓެެވެ.

ތެރަޕިސްޓެއް ފާހަގަ ކުރިގޮތުގައި ދަރިން ނުލިބޭ ނަމަ މީހާ ހުންނަނީ ފުން އަސަރެއް ކޮށްފަ އެވެ. އެ މީހަކު ބޮޑު ގެއްލުމެއް ލިބިއްޖެކަން، ނުވަތަ ތިމަންނާ އަކީ ނުކުޅެދޭ މީހެއްކަން އަދި އެކަހެރިވެ ބާކީވެއްޖެކަން އިހްސާސް ކުރެ އެވެ. މިއީ އެންމެ ވަރުގަދަ ގުޅުންތަކަށް ވެސް އަސަރު ކުރާނެ ކަންކަމެވެ. މުއާމަލާތް ކުރުމާއި ގާތްކަމަށް އަސަރު ކުރެ އެވެ.

މިހެން ވާން މެދުވެރިވަނީ ދެމަފިރިން ދަރިން ނުލިބުމާ މެދު ވިސްނާ ވިސްނުމާއި އެ ތަޖުރިބާއާ ކުރިމަތިލާ ގޮތް ތަފާތުވުމުންނެވެ. މިސާލަކަށް އެކަކު އައިވީއެފް ކަހަލަ ޕްރޮސީޖާ އަކަށް ދާން ހުއްޓަސް އަނެކަކުގެ މި ވިސްނުން ތަފާތުވެދާނެ އެވެ.

މިކަހަލަ ތަފާތުތަކުގެ ސަބަބުން ޕްރެޝަރު އިތުރުވެ އެވެ. އަދި ދަރިން ނުލިބޭ މީހާ އަށް އިހްސާސް ކުރެވެނީ އޭނަ ދޫކޮށްލާފާނެ ކަމެވެ. އަދި އޭނާ ދެން ބޭނުން ނުވެދާނެއޭ ހީވާ ފަދަ އިހްސާސްތަކެކެވެ.

ޖުމްލަކޮށް، ދަރިން ނުލިބުން ދެމަފިރިންގެ ގުޅުމުގައި މައްސަލަތައް މެދުވެރިވާން ދިމާވެ އެެވެ. އަދި ގާތްކަން ގެއްލި، ގުޅުމުގެ ތެރޭގައި ވެސް އެކަނިވެރިކަން އިހްސާސް ކުރެވެން މެދުވެރިވެ އެވެ.

ދަރިން ނުލިބިގެން އުޅޭ އިރު އެކަމުގެ ސްްޓްރެސް ކައިވެންޏަށް ކުރިމަތިވޭ

ދަރިން ނުލިބުމުގެ ސްޓްރެސް ގުޅުމުން ފެންނަ ބައެއް ގޮތްތައް

މުއާމަލާތްކުރުމަށް ހީނަރުކަން އައުން

ދަރިން ނުލިބޭ ނަމަ، ދެ މީހުންގެ ދެމެދުގައި އޮންނަ މުއާމަލާތް ކުރުމަށް ހީނަރުކަން އާދެ އެވެ. ބައެއް ފަހަރު ދެ މީހުން އެކަކު އަނެކަކާ ވާހަކަ ދައްކައި އިހްސާސްތައް ހިއްސާ ކުރުން އެއްކޮށް ހުއްޓާވެސްލަ އެވެ.

މިކަން މެދުވެރިވަނީ ގިނަ ފަހަރަށް، ދަރިން ނުލިބިގެން ގިނަ ޓެސްޓްތައް ހަދަނީ އަންހެންމީހާ އަށް ކަމުން، ކޮންމެ ފަހަރަކު މެޑިކަލް ބައިވަރު ޓެސްޓްތަކެއް ހަދާ އިރު، އޭނާ އަށް ކުރެވޭ އިހްސާސްތައް ބައިވެރިޔާ އަށް ދެނެގަންނަން އުނދަގޫ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

މައްސަލަޖެހުން އިތުރުވުން

މައްސަލަޖެހުން އިތުރުވުމަކީ ފާޓިލިޓީ ޓްރީޓްމަންޓް ހޯދާއިރު ކުރިމަތިވާ ކަމެކެވެ. މިކަަން މެދުވެރިވަނީ ކުށްހީތައް ގިނަވުމުގެ ސަބަބުންނެވެ.

މިސާލަކަށް އެކަކު އަނެކަކުގެ ކުށް ހޯދުމާއި އަނެކާއެކޭ އެއްވަރަށް މިކަމުގައި ނޫޅޭކަން އިހްސާސް ކުރެވޭ ނަމަ މައްސަލަޖެހުން އިތުރުވެ އެވެ.

ދަރިން ނުލިބުމުގެ މައްސަލައަށް ފަރުވާ ހޯދާ މީހާއަށް، އޭނާގެ ބައިވެރިޔާ އޭނާއާ އެއްވަރަށް އެކަމުގައި ނޫޅޭކަމާއި ނަތީޖާއާ މެދު ނުވިސްނާހެން ހީވެދާނެ އެވެ. އަދި ބައިވެރިޔާ ދަރިން ނުލިބޭ މީހާ ނުވަތަ މައްސަލަ ހުރި މީހާގެ ކުށެއް ކަމުގައި ދެކިފާނެ ކަމުގެ ބިރު އޮވެ އެވެ. އާއިލާއެއް ބިނާ ކުރުމަކީ ދެ މީހުން ކުރާ ކަމެކެވެ. އެހެންކަމުން އިންފާޓިލިޓީ އަކީ ދެ މީހުން އެކީގައި ކުރާ ދަތުރެކެވެ.

ގޮތް ނިންމަން ނޭނގި ވަރުބަލިވުން

އިންފާޓިލިޓީއާ ކުރިމަތިލާ އިރު، ދެމަފިރިންނަށް ދިމާވާ އިތުރު އަނެއް ގޮންޖެހުމަކީ ގޮތް ނިންމަން ނޭނގި ވަރުބަލިކަން އިހްސާސް ކުރެވުމެވެ. ފާޓިލިޓީ ޓްރީޓްމަންޓްތަކާ ގުޅޭ ގިނަ ކަންތައްތަކެއް ނިންމަންޖެހެ އެވެ. އަދި މިކަމުގެ ސަބަބުން ދެ މީހުންގެ ދެމެދުގައި ޒުވާބު ހިނގުމަށް ބައެއް ފަހަރު މެދުވެރިވެ އެވެ.

ދެ މީހުން ވެސް ބޮޑެތި ކަންކަމުގައި ގޮތް ނިންމުމަށް ވަރުބަލިކަން އިހްސާސް ކުރެވި "ޑިސިޝަން ފެޓީގް" ކުރިމަތިވެ އެވެ. ހާއްސަކޮށް ދަރިމައިވުމުގެ ސިއްހަތަށް ކުރަންޖެހޭ ހޭދަ އަކީ ބޮޑު އެއްޗެއް ކަމުން، މިއީ ދެ މީހުންގެ ދިރިއުޅުމަށް އިތުރުވާ ސްޓްރެސް އެކެވެ.

ހުރިހާ ވަގުތެއް ދަރިމައިވުމުގެ ފަރުވާއަށް ހުސްކުރުން

ދަރިމައިވުމުގެ ސިއްހަތު ރަނގަޅު ކުރުމަށް ދެމަފިރިންގެ ހުރިހާ ވަގުތަކާއި ހަރަދެއް ހޭދަ ކުރުމުން އެހެން ކަންކަން ކުރުމަށް ވަގުތު ނުދެވި ދެ މީހުންގެ ގުޅުން ހީނަރު ވުމަށް މެދުވެރިވެ އެވެ.

ދެ މީހުން އެކީގައި ވަގުތު ހޭދަކޮށް، އެކީގައި ބޭރަށް ދިއުން އަދި ކުރިން އުފާ ހޯދަން ކުރާ ކަންކަމަކީ އެއްވެސް މާނައެއް ނެތް ކަންކަން ކަމުގައި އިހްސާސް ކުރެވެ އެވެ. މިއާ އެކު ދެ މީހުންގެ ގުޅުން އިތުރަށް ހީނަރުވެގެން ދެ އެވެ.

ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތް

ދަރިން ނުލިބުމުގެ ހިތާމަ އެއީ އަރައިގަނެވޭނެ ކަމެއް

މި ގޮންޖެހުންތަކުން އަރައިގަތުމަކީ ކުރެވޭނެ ކަމެކެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މިއީ އުނދަގޫ ދަތުރެއް ކަމުގައި ބަލައިގަންނަންވީ އެވެ. އަދި މައްސަލަ ޖެހޭނެކަން ވެސް ދަންނަންވީ އެވެ. ނަމަވެސް، މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެކަން ދަންނާށެވެ.

އެކަކު އަނެކަކުގެ ވާހަކަތައް އަޑުއަހައި އިހްސާސްތައް ދަންނަންޖެހެ އެވެ. ދަރިމައިވުމާ ގުޅުންހުރި ކަންބޮޑުވުންތަކާއި އަމާޒުތައް އެކަކު އަނެކަކަށް ކިޔައިދިނުން މުހިއްމެވެ.

ދަރިމައިވުމުގެ ކުރިން ދެ މީހުންގެ ގުޅުން އޮތް ގޮތަށް އެ ގުޅުން ބަދަހި ކުރުމަށް، ދެ މީހުން އެކީގައި ކުރާހިތްވާ ކަންކަން ކުރުމަށް ވަގުތު ހޯދާށެވެ. ދެ މީހުން ގާތްކޮށް ކުރިން ކޮށް އުޅުނު ކަންކަން ކުރުން މުހިއްމެވެ. އަދި އުނދަގޫ ދުވަސްތައް، މިސާލަކަށް ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސްތަކާއި ބޮޑެތި ޓެސްޓްތައް ހަދަން ޖެހޭ ދުވަސްތައް ދުރާލާ ފާހަގަކޮށް އެ ދުވަސްތަކާ ދިމާކޮށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެންނަ އިތުރު އެހެން ކަންކަން ރާވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް