މިދިޔަ ހޯމަ ދުވަހު ބޭއްވި މެޓް ގާލާ އިވެންޓުގައި ގިނަ އަދަދެއްގެ ސެލެބްރިޓީއިން އާދަޔާހިލާފު ހެދުންތަކެއް ދައްކާލި

ފެޝަން

މެޓް ގާލާގެ ތަފާތު ހެދުންތަކާއި އިވެންޓުގެ އަނެއް ފަރާތް

ފެޝަންގެ އެންމެ ބޮޑު ހަފްލާއިން ފެނިގެންދިޔައީ މަޝްހޫރު މީހުންނާއި އާދަޔާހިލާފު ހެދުންތަކެއް އެކަންޏެއް ނޫން

ދުނިޔޭގެ އެންމެ ބޮޑު ފެޝަން އިވެންޓް 'މެޓް ގާލާ' މިދިޔަ ހޯމަ ދުވަހުގެ ރޭ އެމެރިކާގައި ވަރަށް ކުލަގަދަކޮށް ވަނީ ބާއްވައިފަ އެވެ. މި އިވެންޓުގެ މައިގަނޑު އަމާޒަކީ ނިއު ޔޯކްގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ކޮސްޓިއުމް އިންސްޓިޓުޓްއަށް ފައިސާ ހޯދުމެވެ. އަހަރީ މި ހަފްލާގައި ފެޝަން ދާއިރާގެ ފަންނުވެރިންނާއި ހޮލީވުޑް ތަރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއުޒިޝަނުންނާއި ފަންނާނުން ބައިވެރިވެ އެވެ.

ވަކި މައުލޫއުއެއްގެ ދަށުން ކޮންމެ މޭ މަހެއްގެ ފުރަތަމަ ހޯމަ ދުވަހު ތަފާތު ތީމްއަކާ އެކު ބޮޑު މައުރަޒެއް މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގެ ކޮސްޓިއުމް އިންސްޓިޓުޓްއިން ބާއްވަ އެވެ. މި އަހަރުގެ ތީމް އަކީ 'ސްލީޕިން ބިއުޓީޒް: ރީއެވޭކްނިން ފެޝަން' އެވެ.

މިފަހަރުގެ މައުރަޒުން ދައްކައިދެނީ އިހުގެ ނާޒުކު އަދި މިހާރު ނުލެވޭ ހެދުންތަކަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ދިރުމެއް ގެނެސްދީފައި ހުރި ތަނެވެ. ކޮސްޓިއުމް އިންސްޓިޓިއުޓްގެ ދާއިމީ ކަލެކްޝަނުން ދައްކާލަން ނެގި 250 އެއްހާ އައިޓަމް އަކީ މީގެ ކުރިން އާންމުންގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެއްސެވެ. މި ތަކެތި މުޅިން އާ ގޮތަކަށް މައުރަޒުގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައްކަމުން ގެންދާނެ އެވެ.

ލަވަކިއުންތެރިއާ ޓައިލާ ލައިގެން ހުރީ ޑިޒައިނާ ބްރޭންޑު ބަލްމާންގެ ވެލިން ހަދާފައި ހުރި ހެދުމެއް
މޮޑެލް ޖީޖީ ހަދީދު ލައިގެން ހުރީ ޑިޒައިނާ ބްރޭންޑު ތޮމް ބްރައުންގެ ހުދު ހެދުމެއް

މެޓް ގާލާގައި ބައިވެރިވި ކޮންމެ މެހުމާނަކަށް ހާއްސަ 'ޑްރެސް ކޯޑް'އެއް ދީފައި އޮތެވެ. އެއީ 'ދަ ގާޑަން އޮފް ޓައިމް' އެވެ. މިއީ މެޓް ގާލާގެ އެންމެ މަގުބޫލު ސެގްމެންޓެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު ސެލެބްރިޓީއިން އެ މީހުންނަށް ލެވުނު އެންމެ ހިތްގައިމު ހެދުން ލައިގެން މެޓް ގާލާގެ ސިޑިބަރި މަތީގައި ފޮޓޯއަށް ހުއްޓެ އެވެ.

އެކްޓްރެސް ޓޭލާ ރަސަލް ލައިގެން ހުރީ ލުއޭވޭގެ ދިގު ހެދުމެއް
އެކްޓްރެސް ޑެމީ މޯ ލައިގެން ހުރީ ޑިޒައިނާ ހެރިސް ރީޑްގެ އުފެއްދުމެއް

މި އަހަރު ވެސް ވަރަށް ހިތްގައިމު ހެދުންތައް ފާހަގަ ވެގެން ދިޔަ އެވެ. އެންމެ ރީތި ހެދުންތަކުގެ ތެރޭގައި ދެކުނު އެފްރިކާއަށް ނިސްބަތްވާ ލަވަކިއުންތެރިއާ ޓައިލާގެ ވެލިން ހަދާފައިވާ ހެދުމާއި މޮޑެލް ޖީޖީ ހަދީދުގެ ހުދު ކުލައިގެ ގައުން، ޒެންޑާޔާގެ ނޫކުލައިގެ ހުވަފެނީ ހެދުން އަދި ސުޕަ މޮޑެލް އަނޮކް ޔައިގެ ސްވަރޮވްސްކީ ކްރިސްޓަލް ހެދުން ހިމެނެ އެވެ.

ގިނަ ތަރިންގެ ހެދުންތައް ފަރުމާކޮށްފައި ހުރީ 'ގާޑަން އޮފް ޓައިމް'ގެ ތީމްއާ ގުޅުވާލައިގެނެވެ. އެގޮތުން ފިނިފެންމަލާއި އެކި ވައްތަރުގެ މާ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހެދުންތައް ގިނަ އެވެ. އަދި އިހުގައި ހުޅަނގުގެ ގައުމުތަކުގެ ބަގީޗާތަކުން ފެންނާނެ ޒާތުގެ 'ސްޓެޗޫ' ނުވަތަ ބުދު ގޮތަށް ވެސް ބައެއް ތަރިން ހެދުން އަޅައިގެން ތިއްބެވެ.

މެޓް ގާލާއަށް ކޮންމެ މީހެއް ވެސް ހެދުން އަޅަން ޖެހެނީ ވަރަށް ތަފާތު ކޮށެވެ. ވީ އެންމެ އާދަޔާހިލާފު އަދި ހުވަފެނީ ވައްޓަފާޅިއަކަށެވެ.

އެކްޓަރު ޑެނިއަލް ލެވީ މެޓް ގާލާ ހަފްލާއަށް ލައިގެން ހުރި ފްލޯރަލް ސޫޓު
މޮޑެލް ޕަލޯމާ އެލިސަ އާއި އެހެން ތަރިން ވަނީ ބަގީޗާގައި ހުންނަ ބުދު ނުވަތަ ސްޓެޗޫ ގޮތަށް ހެދުން އަޅާފައި

މި އަހަރުގެ ގާލާ ނައިޓްގެ ތީމްއަށް ހިޔާލު ހޯދާފައިވަނީ މަޝްހޫރު ލިއުންތެރިއެއް ކަމަށްވާ ޖޭ ޖީ ބަލާޑް 1962ގައި ޝާއިއު ކުރި ކުރު ވާހަކައަކުންނެވެ. މި ވާހަކައިން މައިގަނޑުގޮތެއްގައި ކިޔައިދެނީ ވަގުތުގެ މުހިއްމުކަމާއި ވަގުތަކީ ފަސޭހައިން ފާއިތުވެދާ އެއްޗެއް ކަމާއި އިންސާނުންގެ ދިރިއުޅުމުގެ ނާޒުކުކަމާއި މުއްސަނދިން ނިކަމެތިންނަށް ވެސް ބަދަލުވެދާނެކަމެވެ.

އެ ވާހަކައިގައި އުޅޭ މުއްސަނދި 'ކައުންޓް' އާއި 'ކައުންޓެސް' އެ މީހުންގެ އަގުބޮޑު އަދި ބޮޑު ގޭގައި ފިލާ ތިބެގެން، އެ މީހުންގެ ރީތި ބަގީޗާގައި އަޅާފައި ހުރި ޖާދޫގެ މަލެއްގެ ފިޔަތައް ނައްޓަމުން ވަގުތު ބަދަލު ކުރަން މަސައްކަތް ކުރެ އެވެ. އެ މީހުން ފިލާ ތިބެނީ ވަރަށް ރުޅިގަދަވެފައިވާ ބަޔަކު އެ މީހުން ވައްޓާލަން އަންނާތީ އެވެ. ޖާދޫގެ ބަގީޗާގެ މާ ބޭނުންކޮށްގެން މިކަމުން ސަލާމަތްވާން އެ މީހުން މަސައްކަތް ކުރެ އެވެ.

މި ވާހަކައިގައި މައިގަނޑު ގޮތެއްގައި ދައްކަނީ ރީތި ބަގީޗާއެއްގެ ވާހަކަ އެކަންޏެއް ނޫނެވެ. އެއިން ކިޔައިދޭ މުހިއްމު އަނެއް ވާހަކަ އަކީ އާއްމު މީހުން ބާރުވެރިކުރުމާއި މުއްސަނދިންނާއި ރަސްމަތީ މީހުންގެ ބާރު ނައްތާލުމުގެ މުހިއްމުކަމުގެ ވާހަކަ އެވެ. މެޓް ގާލާގެ މަޝްހޫރު ސިޑިބަރިން ފެނުނު އެއްވެސް ތަރިއެއް ލައިގެން ހުރި ހެދުމެއްގައި މިކަމަށް އަލިއަޅުވާލައިފައެއް ނެތެވެ. އެކަމަކު ސެލެބްރިޓީއިން ވަނީ ޖޭޖީ ބަލާޑްގެ މޮޅު ވާހަކަ ވަރަށް ތިލަ ކޮށް ސިފަ ކޮށްދީފަ އެވެ.

މެޓް ގާލާ ފަދަ ބޮޑު ޕްލެޓްފޯމްއެއްގައި ފެޝަން އާއި ސްޓައިލްގެ ޒަރިއްޔާއިން އިޖުތިމާއީ ކަންކަމަށް އަލިއަޅުވާކަށް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް މެޓްރޮޕޮލިޓަން މިއުޒިއަމްގައި ބާއްވާ ކޮންމެ ކޮސްޓިއުމް މައުރަޒެއްގައި ވެސް ދައްކާލާ ހެދުންތަކުގެ ފަހަތުގައި ވަރަށް ދިގު އިޖުތިމާއީ ތާރީހެއް އޮވެ އެވެ. އެ މައުރަޒުތަކުގައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަ އެވެ. އެކަމަކު މިކަންކަން ތަރިންގެ މެޓް ގާލާ ހެދުންތަކަކުން ނުފެނެ އެވެ. އެ މީހުން ހަމައެކަނި ދައްކަން ބޭނުންވަނީ ލޮލުގައި އަޅައިގަންނަ ހެދުންތަކެކެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަން އާއްމުން ނުކުތް

ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ވެސް ހޯމަ ދުވަހު ނިއު ޔޯކްގެ މަގުތަކުގައި ކުރިއަށް ދިޔަ އެވެ. މެޓް ގާލާ އިވެންޓާ ދިމާކޮށް ބޭއްވި މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ އުދުވާނަށް އެމެރިކާގެ ސަރުކާރުން މާލީ އަދި އަސްކަރީ ގޮތުން ވަރަށް ބޮޑަށް އެހީތެރިވާތީ އާއި ގާޒާގެ ރަފަހުއަށް އަރައިގަންނަން އިޒްރޭލުން ނިންމާފައިވާތީ އެމެރިކާގެ އާއްމު ރައްޔިތުން އެކަމާ ދެކޮޅަށް ނުކުތެވެ. 

މެޓް ގާލާ ބޭއްވި ދުވަހު ނިއު ޔޯކްގެ މަގުތަކުގައި އާއްމުން އިހުތިޖާޖު ކުރި

ހޯމަ ދުވަހު މީޑިއާއިން ފެނުނު މައިގަނޑު މަންޒަރަކީ އެމެރިކާގެ އެހީތެރިކަމާ އެކު ގާޒާގައި އެތައް ބަޔަކު މަރަމުން، ބަނޑަށް ޖައްސަމުންދާއިރު އަނެއްކޮޅުން އެތައް ހާސް ޑޮލަރެއްގެ ހެދުން ލައިގެން މިލިއަނަރުންނާއި ބިލިއަނަރުން ޖަރީވެ ފަރިދައްކަމުންދިޔަ ތަނެވެ. މުއްސަނދިން 75،000 ޑޮލަރު ދީގެން ބައިވެރިވާ މެޓް ގާލާ އިން ފާހަގަވެގެންދިޔައީ މި ތަފާތެވެ. އަދި މިވަގުތު ހިނގަމުންދާ ބޭއިންސާފާއި ލާއިންސާނީ އަމަލުތައް ހިންގަން އެހީތެރިވާ ގައުމަކުން މީޑިއާގައި އެކި ގޮތްގޮތަށް ކުލަގަދަ އިވެންޓުތަކުގެ ޒަރިއްޔާއިން މީހުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރި ތަނެވެ.

މި މުނާސަބަތުގެ ހެއްވާ ކަމަކީ، މެޓް ގާލާގެ ތީމް 'ގާޑަން އޮފް ޓައިމް' ނޭނގި ނަމަވެސް ހަގީގަތަކަށް ވުމެވެ. މުޖުތަމައުގައި އޮންނަ ބޭއިންސާފު ވަރަށް ބޮޑަށް ހާމަވުމެވެ. އެއްކޮޅުން އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލަން މަގުމައްޗަށް ނުކުންނަ އާއްމުން ހައްޔަރު ކުރާ އިރު، އަނެއްކޮޅުން މުއްސަނދިންގެ އަގުބޮޑު ގަހަނާ އާއި ހެދުން ރައްކާތެރިކުރަން އެތަކެއް ފުލުހުން ތިބޭ ކަމެވެ. މެޓް ގާލާގެ ރޭވުންތެރިން ކިތަންމެ ބޭނުންނުވިޔަސް، ލިއުންތެރިއާ ޖޭޖީ ބަލާޑްގެ ވާހަކަ މި އޮތީ ހަގީގަތަކަށް ވެފަ އެވެ.

ކޮމެންޓް (1)

މޫސާ

10 މޭ 2024
ވަރަށް ފުރިހަމަ ލިޔުމެއް. ލިޔުންތެރިޔާގެ ހިތާއި ފެޝަން އިންޑަސްޓްރީއާއި ގުޅިފައިވާވަރު އެނގޭ ހިނދު، ލިޔުންތެރިޔާގެ އިންސާނިއްޔަތުކަމަށް މާބޮޑު ލޯތްބެއް އޮތްކަން މި ލިޔުން ކިޔާލުމުން އެނގޭ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް