ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ 'އަސޯކާ' މޭކަޕް ދައްކާލަނީ

ބިއުޓީ

'އަސޯކާ' މޭކަޕް ޓްރެންޑްއަށް ދުނިޔޭގެ ސަމާލުކަން

ބޮލީވުޑް ލަވަޔަކުން ހިޔާލު ހޯދައިގެން ފެށި މި މޭކަޕް ޓްރެންޑް ފުރަތަމަ ފެނުނީ ޓިކްޓޮކް އިން

މޭކަޕްގެ މުޅިން އާ ޓްރެންޑެއް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރެމުންނެވެ. 'އަސޯކާ' މޭކަޕް ޓްރެންޑް އަށް ޓިކްޓޮކްގައި އެތައް މިލިއަން ވިއުސްއެއް ލިބިފައި ވެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިއުޓީ އިންފްލުއެންސަރުން އަންނަނީ މި މޭކަޕް ޓްރެންޑުގައި ބައިވެރިވަމުންނެވެ.

ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ހާން 2001ގެ ފިލްމް 'އަސޯކާ' އިން އޭނާ ފެނުނު ކެރެކްޓާގައި: ކަރީނާގެ މި ސިފަ ބިއުޓީ ޓްރެންޑެއްގެ ގޮތުގައި އަންނަނީ ވައިރަލްވަމުން.

ޝާހު ރުކް ހާން އާއި ކަރީނާ ކަޕޫރު ފެނިގެންދިޔަ 2001 ވަނަ އަހަރުގެ ބޮލީވުޑް ފުލްމު 'އަސޯކާ' އަށް ނިސްބަތްވާ މޭކަޕް ޓްރެންޑުގައި ކްރިއޭޓަރުން އަމިއްލައަށް އިންޑިއަން ބްރައިޑަލް ލުކްއެއް ގެނައުމަށް ސާރި އާއި ގަހަނާ އަޅަ އެވެ. އަދި އެ މީހުން މި ލުކް ފުރިހަމަ ކުރަނީ 'އަސޯކާ'ގެ ލަވަ 'ސަން ސަނަނަނަ'ގެ ހަމައަށެވެ. ކަރީނާ އާއި ޝާހް ރުކް މި ފިލްމުގައި ކޮށްފައިވާ މޭކަޕް އަށާއި އިންޑިއާގެ ސަގާފަތަށް ލޯބި ކުރާ މީހުންނަށް އެ ލަވައަކީ އަމިއްލަ މޭކަޕް ދައްކާލަން ރަނގަޅު އުޒުރެކެވެ.

ޝާހް ރުކް ހާން އާއި ކަރީނާ ކަޕޫރް ހާން 'އަސޯކާ' އިން ފެނުނު ގޮތް

'އަސޯކާ' ބޮޑު ސްކްރީންއަށް ނުކުތް އިރު ތައުރީފާއި ފާޑުކިޔުންތައް ވެސް ލިބުނެވެ. އެކަމަކު 'ސަން ސަނަނަނަ' ލަވައިގައި ކަރީނާ އާއި ޝާހް ރުކްގެ މޭކަޕް އަކީ އަދިއަދަށްދާންދެން ވެސް ވަރަށް ކްލެސިކް ބޮލީވުޑް މޭކަޕް އެކެވެ.

މިލިއަނުން ވިއުޒް ލިބެމުން އަންނަ 'އަސޯކާ' މޭކަޕް ޓްރެންޑުގައި ކްރިއޭޓަރުން އަމިއްލައަށް އިންޑިއަން ބްރައިޑަލް ލުކްއެއް ގެނައުމަށް ސާރި އާއި ގަހަނާ އަޅާ

ޓިކްޓޮކްގައި 'އަސޯކާ' މޭކަޕް ޓްރެންޑް ކުރަން ފެށީ ސުވަރްނަދަވިޕަ ކިޔާ މީހެކެވެ. އެއަށް ފަހު، ޖަންގައްޔެއްގައި އަލިފާން ހިފިހެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 'ސަން ސަނަނަނަ' ރާގަށް މީހުން އަންނަނީ އިންޑިއަން ސްޓައިލްގެ މޭކަޕް ކުރަމުންނެވެ.

މި ޓްރެންޑުގެ ދަށުން ފެންނަ ކޮންމެ ވިޑިއޯއެއް ވެސް އެހާމެ 'ކޮމްޕްލެކްސް' ވެފައި ވަރަށް ގިނަ މަސައްކަތް ކޮށްފައި ވެ އެވެ. ލަވައަށް 'ލިޕް ސިންކް' ކުރުމުގެ އިތުރުން ވަކި ގޮތަކަށް ޝޮޓުތައް ކަނޑާފައި ދެއްކުމާއި އަތުގެ ވަކި ހަރަކާތްތަކަކާއި ކޮރިއޮގްރަފީއެއް ގެންގުޅެމުން މޭކަޕް ކުރެ އެވެ. ތައިލެންޑްގެ ބިއުޓީ އިންފްލުއެންސަރެއް ކަމަށްވާ ނޮބްލުކް ބުނިގޮތުގައި އޭނާ 'އަސޯކާ' މޭކަޕް ޓްރެންޑްއަށް ހެދި ވިޑިއޯ ނިންމަން އަށް ގަޑިއިރު ނެގި އެވެ. އަދި އެއީ މިހާތަނަށް އޭނާ ވިޑިއޯއެއް ނިންމަން ދުވަހަކުވެސް ހޭދަ ކުރި ވަގުތެއް ނޫނެވެ.

 'އަސޯކާ' ޓްރެންޑް އޭޝިއާގެ އެކި ގައުމުތަކުގައި ވަކިން ހާއްސަކޮށް ވަނީ މަޝްހޫރު ވެފަ އެވެ. އެކަމަކު ހުޅަނގާއި އެފްރިކާގެ ބިއުޓީ އިންފްލުއެންސަރުން ވެސް ވަނީ ފޯރިގަދަ ކޮށް މި ޓްރެންޑުގައި ބައިވެރިވެފަ އެވެ. 'އަސޯކާ' ހޭޝްޓެގްގެ ދަށުން އެންމެ ގިނަ ވިއުޒްް ލިބުނު ވިޑިއޯތަކުގެ ތެރޭގައި 137 މިލިއަން އާއި 23 މިލިއަން އަދި 15 މިލިއަން ވިއުޒް ލިބުނު ވިޑިއޯތައް ހިމެނެ އެވެ.

މޮޑެލް އައިޝާ އަލީ، މޭކަޕް އާޓިސްޓް ރުތުބާ އަހްމަދުގެ 'އަސޯކާ' މޭކަޕާ އެކު (ފޮޓޯ/ރުތުބާ އަހުމަދު)

ރާއްޖެއިން މޭކަޕް އާޓިސްޓު ރުތުބާ އަހުމަދު ވެސް ވަނީ މި ޓްރެންޑުގައި ބައިވެރިވެފަ އެވެ. އޭނާ މޮޑެލް އައިޝާ އަލީގެ މޭކަޕްކޮށް، ދެ ލުކްއެއް ދައްކާލި އެވެ. އެއީ 'ސަން ސަނަނަނަ' ލަވައިގައި ކަރީނާ ކޮށްފައި ހުރި 'ޖިއޮމެޓްރިކް ބޯލްޑް' މޭކަޕް އާއި 'އިންޑިއަން ބްރައިޑަލް' ލުކް އެކެވެ.

ރުތުބާ ބުނިގޮތުގައި އޭނާ ބޭނުންވީ ވަރަށް 'ޑްރެމެޓިކް ޓްރާންސްފޮމޭޝަންއެއް' ދައްކާލާށެވެ. އެއީ ހިތްގައިމު 'ޑިއުވީ' އަދި ވަރަށް 'ނެޗުރަލް' މޭކަޕް ލުކް އަކަށް ފަހު ވަރަށް ތަފާތު 'ޑްރެމެޓިކް އިންޑިއަން' އަދި 'ބްރެޓްޒް ޑޯލް' ވައްތަރުގެ މޭކަޕެކެވެ.

ރުތުބާގެ މޭކަޕް ކުރުމުގެ ހުނަރު މި ވިޑިއޯއިން ދައްކާލިކަން ކަށަވަރެވެ. މީގެ ހައެއްކަ ދުވަސް ކުރިން ޕޯސްޓު ކުރި ޓިކްޓޮކް ވިޑިއޯއަށް މިހާރު ވެސް 137.2 ހާސް ވިއުޒް ލިބިއްޖެ އެވެ. އައިޝާގެ ވިޑިއޯ އާއި ފޮޓޯ ނެގީ ޝާރިފް އެވެ.

މޮޑެލް އައިޝާ އަލީ، މޭކަޕް އާޓިސްޓް ރުތުބާ އަހްމަދުގެ 'އަސޯކާ' މޭކަޕާ އެކު (ފޮޓޯ/ރުތުބާ އަހުމަދު)

ބިއުޓީ ކްރިއޭޓަރު ސުވަރްނަދަވިޕަ ޓިކްޓޮކްގައި ފުރަތަމަ ޕޯސްޓު ކުރި ވީޑިއޯގެ އޯޑިއޯ (ސަން ސަނަނަނަ ލަވައިގެ އޯޑިއޯ) ބޭނުންކޮށްގެން މިހާތަނަށް 233,000 އަށް ވުރެ ގިނަ ވީޑިއޯ ހަދައިފައިވެ އެވެ.

ކޮމެންޓް (1)

ބޯހަލާކު

2 މޭ 2024
މީހަކު ކަމެއް ކޮށްފިތަ، ދިވެހިންގަނޑު ދުވާނެ އެއެއް ކޮޕީ ކުރަމުން. އަދި އެވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން. ރީތި އަހުލާގީ ގޮތުން ރަނގަޅު އެއްކަމެއްވެސް ދިވެހިން ކޮޕީއެއް ނުކުރާނެ، ހުސް ބޭކާރު ގޯސް ކަންކަން ކޮޕީ ކުރުމުގައި މުޅި އުމުރު އުޅޭނީ
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް