ސަލާހުއްދީން ސްކޫލުގެ ކިޔެވުން ފެށުމާ އެކު ދަރިވަރުން ސްކޫލުގައި

ތައުލީމު

ގްރޭޑް 1 އަށް ތައްޔާރުވާން ޗުއްޓީގައި މަސައްކަތް ކުރަން ޖެހޭތަ؟

ޔޫކޭޖީ ނިންމާފައި ގްރޭޑް 1 އަށް ދާ ދަރިވަރުން ކޮންމެހެން ހާއްސަ ކްލާސްތަކެއް ބައިވެރި ކުރުން މުހިއްމެއް ނޫން

ދިރާސީ އާ އަހަރު ނިމުމާ އެކު އެއް ބަޔަކު އަވަސްވެގެންނަނީ ޔޫކޭޖީ އިން ގްރޭޑް 1 އަށް ބަދަލުވާ ދަރިފުޅު ޗުއްޓީގައި އެކިއެކި ކްލާސްތަކަށް ފޮނުވައިގެން ވިޔަސް އޭތިމީތި ދަސްކޮށްދޭށެވެ. މި ދުވަސްކޮޅު މިފަދަ ކްލާސްތަކުގެ އިޝްތިހާރު ފެންނަ ވަރު ވެސް ގިނަ އެވެ. ސުވާލަކީ މިއީ ކޮންމެހެން މުހިއްމު ކަމެއް ހެއްޔެވެ؟ ސްކޫލް ހުޅުވި، ދަރިވަރު ގްރޭޑް 1 ފަށާ ހިސާބުން ކިޔެވުން ފަށަން ލަސްވަނީ ހެއްޔެވެ؟

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލްް ފާތިމަތު މުހައްމަދު ވިދާޅުވާ ގޮތުގައި ގްރޭޑް 1 އަށް ދާ ދަރިވަރުން ޗުއްޓީގައި ކްލާސްތަކަށް ފޮނުވުމަކީ އެ ދަރިވަރުންގެ ކްރިއޭޓިވިޓީ ދަށްވުމަށް މެދުވެރިވާ ކަމެކެވެ.

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު މުހައްމަދު (ފޮޓޯ/ތާޖުއްދީން ސްކޫލް ފޭސްބުކް)

ޔޫކޭޖީ ދަރިވަރުންނަކީ ފައުންޑޭޝަން ސްޓޭޖް ނިންމައި ރަސްމީކޮށް އެ ކުދިންގެ ތައުލީމީ ހަޔާތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކުދިންނެވެ. މިފަދަ ބޮޑު ބަދަލެއްގައި އެ ދަރިވަރުން އުޅޭ އިރު، އުމުރާ އެކަށީގެންނުވާ، އަދި އެ ކުދިންގެ ތަރައްގީވަމުން އަންނަ ސިކުނޑިތައް ހުރި ލެވެލްއަށް ވުރެ މަތީ ފިލާވަޅުތައް ކިޔަވައިދޭން މަސައްކަތް ކުރާ ނަމަ، ކިޔެވުން މަތިން ފޫހިވެ، މާޔޫސްވެ، ސަމާލުކަމާއި ޝައުގުވެރިކަން ގެއްލުމަށް މެދުވެރިވެ އެވެ.

ތާޖުުއްދީން ސްކޫލްގެ ކީ ސްޓޭޖް 1ގެ ދަރިވަރުންތަކެއް (ފޮޓޯ/ތާޖުއްދީން ސްކޫލް ފޭސްބުކް)

ގްރޭޑް 1 އަށް ތައްޔާރު ކުރުމަށް ސީދާ މަސައްކަތް ކުރާ ނަމަ ކުދިންގެ ތައުލީމީ ހަޔާތުގެ ކުރީކޮޅު އެ ކުދިންގެ ކިބައިން ފެންނަންވާ އުފެއްދުންތެރިކަމާއި ހިޔާލުތަކުގެ މުއްސަނދިކަން ހީނަރުވުމަށް  މެދުވެރިވެ އެވެ.

މީގެ އިތުރުން، ޗުއްޓީގައި ކުދިން "ބާންއައުޓް" ނުވަތަ އަބަދު ކިޔެވުމުގައި އުޅެން ޖެހުމުގެ ސަބަބުން ވަރުބަލިކަން އިހްސާސްވެ، އާ އެއްޗެހި އުނގެނުމަށް އެމީހުންގެ ކިބައިގައި ހުންނަ ރޫހާއި ފޯރި ކުޑަވެ އެވެ. 

"ބާންއައުޓް" އަކީ ދިގު މުއްދަތަކަށް އޭގެ އަސަރު ކުދިންގެ ކިބައިގައި ދެމިގެންދާ ކަމެކެވެ.

އަހަރެމެންނެކޭ އެއްގޮތަށް ޗުއްޓީއަކީ ކުދިންނަށް އަރާމުކޮށް، ބްރޭކް ނެގުމަށް ލިބޭ ދުވަސްކޮޅެކެވެ. އަހަރެއްހާ ދުވަހު ކިޔެވުމަށް ފަހު، އަނެއްކާ ޗުއްޓީގައި ކްލާސްތަކެއްގައި ބައިވެރިވާ ނަމަ އެ ކުދިންނަށް ޗުއްޓީއެއް ނުލިބެ އެވެ. ސިކުނޑިއަށް ލުޔެއް ނުލިބެ އެވެ.

ގްރޭޑް 1 އަށް ދާންވާ އިރަށް ވަކި އެއްޗެހިތަކެއް ދަސްކޮށްދިނުމުގެ ބޭނުމުގައި ފޮނުވާ ހާއްސަ ކްލާސް/ކޭމްޕް އަދި ޓިއުޝަންތަކުގެ ސަބަބުން ބެލެނިވެރިންގެ ޕްރެޝަރު ބޮޑުވެ، ބެލެނިވެރިންގެ ކިބައިގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާބެލުމާއި ވާދަކުރުމަށް މަގުފަހިވާ ކަމަށް، ގިނަ ދުވަސް ވަންދެން ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި އަދި މިހާރު ޕްރިންސިޕަލް ފާތިމަތު ވިދާޅުވި އެވެ.

ޗުއްޓީގައި ކުދިންނަށް ކިޔަވައިދިނުމަށް މަސައްކަތް ކުރާ ނަމަ އެ ކުދިންގެ ކިބައިގައި ކިޔެވުމުގެ ޝައުގުވެރިކަން ކުޑަވެގެންދޭ

މީގެ އިތުރުން، ދަރިންނާ އެކު ހޭދަކުރަން ލިބޭ ވަގުތުގައި އަނެއްކާވެސް ކްލާސްތަކަށް  ފޮނުުވުމުން ދިރިއުޅުމުގައި ފޮތުގެ ދެލިގަނޑުން ބޭރުން ކުދިން ދަސްކުރަންވާ ކަންކަން ދަސްކުރުމަށް ހޭދަކުރަންވާ ވަގުތު ނުލިބި ދެ އެވެ.

ދަރިފުޅު ގްރޭޑް 1 އަށް ދާންވާ އިރަށް ފޮތުން ދަސްނުކުރިޔަސް އެތައް ކަމެއް ދަސްކުރަން އޮވެ އެވެ. އަދި މިފަދަ ކަންކަން ދަސްކޮށްދިނުމަށް ވަގުުތު ހޭދަނުކުރަންވީ ސަބަބެއް ވެސް ނެތެވެ.

މައިންބަފައިން ޗުއްޓީ ބޭނުން ކުރަންވީ ކުދިންނަށް ދިރިއުޅުމުގެ އިތުރު އެހެން ހުނަރުތައް ދަސްކޮށްދިނުމަށް

ގްރޭޑް 1 އަށް ދާ ދަރިވަރުންނަށް އަމިއްލައަށް ފާހަނާއަށް ގޮސް ފާހަނާ ބޭނުން ކުރަން ދަސްކޮށްދިނުން، ބޫޓުގެ ނާޑުވާ ލައްވަން ދަސްކޮށްދިނުން އަދި ފޮތްތައް ތަރުތީބުކުރަން ދަސްކޮށްދިނުމަކީ ދިރިއުޅުމުގެ ހުނަރުތައް އަށަގެންނެވުމެވެ.

ތާޖުުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ދުނިޔޭގެ ޑައުންސް ސިންޑްރޯމް ދުވަސް ކްލާހުގައި ފާހަގަ ކުރަނީ (ފޮޓޯ/ތާޖުއްދީން ސްކޫލް ފޭސްބުކް)

އަދި ސްކޫލް މާހައުލަކީ ތަފާތު ގިނަ ކުދިންތަކެއް އެއް ތަނަކުން ބައްދަލުވާ ތަނެއް ކަމުން، އެކި ކުދިންގެ ކިބައިގައި ހުންނާނީ އެކި މިޒާޖާއި އެކި ހުނަރުކަން ދަރިފުޅަށް ބުނެދޭށެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް ކަމުގައިވިޔަސް ހުރިހާ ކުދިންގެ އިހްސާސްތައް އެއްގޮތްވާނެކަން ވެސް ކުދިންނަށް ބުނެދޭށެވެ. އެހެންކަމުން އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭ ފަދަ ކުއްޖަކަށް ދަރިފުޅު ހެދުމަށް ޗުއްޓީ ތެރޭ މަސައްކަތް ކުރެވިދާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް